ގޫގަލް އެކައުންޓަށް ވަދެވޭނެ އައު ގޮތެއް ތައަރަފުކޮށްފިއެވެ. މިހާރު، ފޯނުން ނުވަތަ އެހެނިހެން ޑިވައިސްއަކުންވެސް ގޫގަލް އެކައުންޓަށް ވަންނަން ބޭނުންވިއްޔާ ސެލްފީ ވީޑީއޯއަކުން ވަދެވޭނެއެވެ. މިގޮތުން، މި ފީޗަރ މެދުވެރިކޮށް ގޫގަލް އެކައުންޓް މެދުވެރިކޮށް ވަންނަ ޖީމެއިލާއި ޑްރައިވް އަދި ގޫގަލް ފޮޓޯސް ފަދަ އެހެނިހެން އެޕްތަކަށް ވަދެވޭނެއެވެ.
މި ފީޗަރއަކީ ޕާސްވޯޑް އާއި ޑިވައިސް ބޭނުންކޮށްގެން ނުވަދެވޭ ހާލަތްތަކުގަައި ބޭނުންކުރެވިދާނެ ފީޗަރއެކެވެ. މީގެކުރިން އާންމުކޮށް ބޭނުންކުރާ ފޯނާއި އެހެނިން ޑިވައިސްތަކުގައި ހުންނަ ބަޔޯމެޓްރިކް އޮތެންޓިކޭޝަން މެދުވެރިކޮށް ވަދެވޭއިރު، މި ފީޗަރ މެދުވެރިކޮށް ކޮންމެ ފޯނެއް، ކޮމްޕިއުޓަރެއް އަދި އެހެނިހެން ޑީވައިސަކުންވެސް މޫނު ބޭނުންކޮށްގެން އޮތެންޓިކޭޓް ކުރެވޭނެއެވެ.
މި ފީޗަަރު ބޭނުންކުރުމަށްޓަކައި މެއިން އެކައުންޓްސްއިން ކޮންފިގަރ ކުރެވޭނެއެވެ. ސެކިއުރިޓީ އެންޑ ސައިންއިންގައި ހަައު ޔޫ ސައިން އިން ޓު ގޭގަލްގެ ދަށުގައި ސެލްފީ ވީޑިއޯ ފެނިލައްވާނެއެވެ. ދެން އަންނަ އިންސްޓަކްޝަންތައް ފޮލޯ ކޮށްލުމުން ސެލްފީ ވީޑިއޯ ސެޓްއަޕްކޮށްލެވޭނެއެވެ. ބޭނުންކުރާ ޑިވައިސްގައި ކެމެރާއެއް ނެތްނަމަ، ކިއުއާރް ކޯޑެއް ބޭނުންކޮށްގެން ފޯނުން ސެލްފީ ވީޑިއޯ ނެންގެވިދާނެއެވެ.
މި ވީޑިއޯ ނަންގަވާއިރު ބައެއް ގައިޑްލައިންތަކެއް ދީފައިވެއެވެ. މި ގައިޑްލައިންތަކާއި އެއްގޮތައް ޔޫޒަރުން މޫނު އަނބުރާލައި މޫނު އެކި އޭންގަލްތަކުން ވީޑިއޯ ނެންގެވޭނެއެވެ. މި ވީޑިއޯ މެދުވެރިކޮށް އެކައުންޓަށް ވަންނަން އުޅުމުން ގޫގަލުން ކުރިން ރައްކާކޮށްފައި އޮންނަ ވީޑިއޯއާއި އެކި މޮޑަލްތަކުގެ އެހީގައި އަޅާކިޔައެވެ.
މި ފީޗަރއަކީ އިތުރު ލުއިފަސޭހަ ފީޗަރެއްކަމަށް އެއްވެސް ޝައްކެއްނެތެވެ. ނަމަވެސް އެއާއި އެކު އިތުރު އެހެން ކަންބޮޑުވުންތަކާއި ސުވާލުތައް އުފެދިގެން އާދެ އެވެ. ގޫގަލްއިން ބުނާގޮތުގައި މިކަމުން ޔޫޒަރުންގެ ރައްކާތެރިކަމާއި ޕްރައިވަސީއެށް އެއްވެސް ބުރޫއެއް ނާރާނެއެވެ. ނަމަވެސް، ހަމަ އެއާއި އެކު، ގޫގަލުން ސެލްފީ ވީޑިއޯ އެކްޓިވޭޓްކުރާ ކޮންމެ ފަރާތަކުން އެހެން ސާވިސްތަކާއި ފީޗަރތަކާއި، ގޫގަލުން ޑެވަލޮޕްކުރަމުންދާ ފޭޝަލް ރެކޮގްނިޝަން އާއި އޭޖް އެސްޓިމޭޝަން ފަދަ އެހެނިހެން ކަންކަމަށް ބޭނުންކުރުމުގެ ހުއްދައަށް އައްސަވައެވެ.
ގޫގަލްއިން އަޅުގަނޑުމެންގެ އައިޑެންޓިޓީއާއި ގުޅުންހުރި ސެންސިޓިވް މިފަދަ މައުލޫމާތު ރައްކާކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭނެކަމެކެވެ. އެހެންކަމަކަށް މި މައުލޫމާތު ގޫގަލް އެހެންކަމަކަށް ބޭނުން ނުކުރިކަމުގައި ވިޔަސް، ގޫގަލް މި މައުލޫމާތު ރައްކާކުރާ ޑޭޓާބޭސްއަށް އެހެން ބަޔަކު ހުއްދައާއި ނުލައި ހެކްކޮށް އެކްސެސް ހޯދުމުން ޕާސްވާޑް ލީކްވުމަށް ވުރެ މާ ނުރައްކާތެރިވެގެން ދާނެއެވެ. މި ކަނބޮޑުވުންތަކަކީ ފަސޭހައިން ހައްލުކުރެވޭ ކަމެއްކަމުގައި ނުވިޔަސް، މިކަމާއި މެދު ވިސްނުން ވަރަށް މުހިންމު ވެގެން ދާނެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.