Download Logo
Copy Logo

ގޫގުލް އޭއައި ސްޓޫޑިއޯ އެންޑްރޮއިޑް ފޯނުތަކަށް: ކޯޑިންއާ ނުލައި އެޕްހެދޭނެ!

ގޫގުލް އޭއައި ސްޓޫޑިއޯ އެންޑްރޮއިޑް ފޯނުތަކަށް ތައާރަފްކޮށް، ކޯޑިންއާ ނުލައި ފޯނުން އެޕް ހެދޭނެ މަގު ފަހިކޮށްދިނުމަށް ގޫގުލް އިން ބޮޑު ބަދަލެއް ގެންނަން ތައްޔާރުވެއްޖެއެވެ.

އެ ކުންފުނީގެ އަހަރީ އައި/އޯ ކޮންފަރެންސަށް ފަހު އެކްސް މެދުވެރިކޮށް ހާމަކޮށްފައިވާ ގޮތުގައި، ޑިވެލޮޕަރުންނާއި އޭއައިއަށް ޝައުގުވެރިވާ ފަރާތްތަކުން ވެބްސައިޓް މެދުވެރިކޮށް ބޭނުންކުރަމުންދިޔަ "ގޫގުލް އޭއައި ސްޓޫޑިއޯ" ޕްލެޓްފޯމް މިހާރު ވަނީ އެޕްލިކޭޝަނެއްގެ ގޮތުގައި އެންޑްރޮއިޑް ފޯނުތަކަށް ނެރުމަށްޓަކައި ޕްލޭ ސްޓޯރުގައި ޕްރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލާފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެޕަލްގެ އެޕް ސްޓޯރަށްވެސް މި އެޕްލިކޭޝަން ތައާރަފްކުރާނެ ކަމަށް ގޫގުލް އިން ބުނެއެވެ.

މި އާ އެޕްލިކޭޝަނުގެ އެންމެ ހާއްސަ ސިފައަކީ އެއްވެސް ވަރަކަށް ކޯޑިން (ޕްރޮގްރާމިންގް ބަސްތައް) ނޭނގުނު ކަމުގައި ވިޔަސް، ހަމައެކަނި އާދައިގެ ބަހުރުވައިން ލިޔާ ލިޔުންތަކުން (ޕްރޮމްޕްޓްސް ބޭނުންކޮށްގެން) އަމިއްލަ އެޕްލިކޭޝަންތަކާއި، ގޭމްތަކާއި، ޓްރެކަރުތައް ފަދަ ބޭނުންތެރި ޓޫލްސްތައް ފަސޭހަކަމާއެކު އުފެއްދުމުގެ ފުރުސަތު އާންމު ބޭނުންތެރިންނަށް ލިބިގެންދިއުމެވެ.

މިއީ ކޮންމެ ތަނެއްގައި ހުރެގެންވެސް ފޯނު މެދުވެރިކޮށް އަމިއްލަ ޚިޔާލުތައް ސީދާ އެޕްލިކޭޝަނަކަށް ބަދަލުކޮށްލުމަށް (ވައިބް ކޯޑިންގް ހެދުމަށް) ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

މި އެޕްލިކޭޝަންގައި އަމިއްލައަށް އެޕް ހެދުމުގެ އިތުރުން، އެހެން މީހުން އުފައްދާފައިވާ އެޕްލިކޭޝަންތަކުގެ ތީމް ނުވަތަ ފަރުމާ ބަދަލުކޮށްލައިގެން އަމިއްލަ ގޮތްގޮތަށް ބޭނުންކުރުމުގެ (ރީމިކްސް ކުރުމުގެ) ގާބިލުކަންވެސް ހިމެނެއެވެ. އަދި އޭއައި އިން އެޕްލިކޭޝަނެއް ހަދައި ނިމުމުން ފޯނަށް ނޮޓިފިކޭޝަން ލިބުމާއި، ލިންކް މެދުވެރިކޮށް އެހެން މީހުންނާ އެ އެޕްތައް ހިއްސާކުރުން ފަދަ ގިނަ ފީޗާތަކެއް މީގެ ތެރޭގައި ހިމެނެއެވެ.

މި ޕްލެޓްފޯމަކީ ފުރަތަމަ 2023 ވަނަ އަހަރުގެ މާރިޗު މަހު "މޭކަރސުއިޓް" ގެ ނަމުގައި ޑިވެލޮޕަރުންނަށް ޓެސްޓުކުރުމަށް ހެދި ވެބްސައިޓެކެވެ. ނަމަވެސް ގޫގުލްގެ ޖެމިނައި މޮޑެލްތަކާއެކު މިއަހަރުގެ ކުރީކޮޅު ވަނީ "އެންޓިގްރެވިޓީ" ކިޔާ ކޯޑިން އެޖެންޓެއް މީގެ ތެރެއަށް އިތުރުކޮށްފައެވެ. މި އެޖެންޓުގެ ސަބަބުން އޭއައި ބޭނުންކޮށްގެން މަލްޓިޕްލޭޔަރ ގޭމްތަކާއި، ލައިވް ޑޭޓާބޭސްތައް ގުޅުވައިލުން ފަދަ ބޮޑެތި މަސައްކަތްތައް ސީދާ ފޯނުން ކޮށްލުމުގެ ގާބިލުކަން މިހާރު ވަނީ ލިބިގެންގޮސްފައެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި ފަހަކަށް އައިސް "ވައިބް ކޯޑިންގް" (އަމިއްލައަށް ކޮޑިންގް ނުލިޔެ، ހަމައެކަނި ޓެކްސްޓް ޕްރޮމްޕްޓް ބޭނުންކޮށްގެން އޭއައި މެދުވެރިކޮށް ސޮފްޓްވެއާ ހެދުން) ވަރަށް ބޮޑަށް މަގުބޫލުވަމުންދާއިރު، ގޫގުލް އިން ދަނީ އެ ކުންފުނީގެ އޭއައި އިކޯސިސްޓަމް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ގޫގުލް ވޯކްސްޕޭސް ސްޓޫޑިއޯ ތައާރަފްކޮށް، އޮޓޮމޭޝަން މަސައްކަތްތަކަށް ހާއްސަ އޭއައި އެޖެންޓުން އުފެއްދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ގޫގުލް އޭއައި ސްޓޫޑިއޯ ފޯނުތަކަށް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ، މީގެ ކުރިން ހަމައެކަނި ކޮމްޕިއުޓަރުތަކުން ކުރަމުންދިޔަ މިފަދަ ބޮޑެތި އޭއައި މަސައްކަތްތައް، އާންމު ކޮންމެ މީހަކަށްވެސް ފަސޭހަކަމާއެކު ފޯނުން ކޮށްލެވޭނެ މާހައުލެއް ބިނާކުރުމެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.