ފޮޓޯ: ރައީސް އޮފީސް
ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި ޒަމާނާއި އެކަށީގެންވާ ގޮތަށް ތަރައްގީކޮށް، ހަލުވި ކުރުމަށްޓަކައި 'ޕީޖީއޯ 2.0' ގެ ނަމުގައި ޕްރޮޖެކްޓެއް ތަރާއަފްކޮށްފިއެވެ. މިޕްރޮޖެކްޓްގެ ޕްލޭން އިފްތިތާހުކުރީ 11 އޮގަސްޓް 2026 ވީ އަންގާރަ ދުވަހު ބޭއްވުނު ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މިޕްލޭނަކީ 2 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެ ޑިޖިޓަލް ޓްރާންފޮމޭޝަން ޕްރޮޖެކްޓެކެވެ.
މިޕްރޮޖެކްޓްގެ ދަށުން 2028 ވަނަ އަހަރާއި ހަމައަށް ޕީޖީ އޮފީސްވެގެންދާނީ ގާނޫނު ހުއްދަކުރާ އެންމެ މަތީ މިންވަރަށް ޕްރޮސެކިޔުޝަންގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރެވިފައިވާ އިދާރާއަކަށެވެ. އަދި ޑިޖިޓަލައިޒޭޝަންގެ އެހީގައި 2028 ވަނަ އަހަރު ޕްރޮޖެކްޓް ފުރިހަމަވާ ހިސާބުން އޮފީހުގެ މަސައްކަތްތައް ކުރުމަށް މިހާރު ހޭދަވާ ވަގުތު %60 އަށް ކުޑަކުރެވިގެން ދާނެކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް އަލްއުސްތާޛު އައްބާސް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން މިޕްރޮޖެކްޓްގެ ދަށުން ޕްރޮޖެކްޓްގެ 100 ދުވަހުގެ ތެރޭގައި އޮފީހުގެ މުވައްޒަފުންނަށް މަސައްކަތަށް ބޭނުންވާ މޮބައިލް ޑިވައިސްތައް ހޯދުންވެސް ހިމެނިފައިވެއެވެ.
ޕްރޮޖެކްޓް ޕްލޭންގައި ވާގޮތުން ޕްރޮޖެކްޓްގެ 100 ދުވަހުގެ މުއްތަދުގެ ތެރޭގައި އޮފީހުގައި މިހާރުވެސް ހުރި 60 ކްރިޓިކަލް ސިސްޓަމެއްގެ ބެކަޕް އޮފީހުން ބޭރުގައި ރައްކާތެރިކަމާއެކު ސޮވެރިން ލޮކޭޝަނެއްގައި ގާއިމްކުރުމަށް ވެސް ރޭވިފައިވެއެވެ.
މިޕްރޮޖެކްޓްގެ ދަށުން މައިގަނޑު ގޮތެއްގައި ޕީޖީ އޮފީހުން މިހާރު ބޭނުން ކުރަމުން އަންނަ ކޭސް މެނޭޖްމެންޓް ސިސްޓަމް 'މަފިނި' އިތުރަށް ތަރައްގީކޮށް އޭއައިގެ ގާބިލްކަން އިތުރު ކުރެވިގެންދާނެއެވެ.
މަފިނި ސިސްޓަމަކީ އެއިދާރާއަށް ހުށަހެޅޭ ހުރިހާ މައްސަލައެއް މެނޭޖްކުރާ އަދި މައްސަލަތަކަށް އަޅާ ކޮންމެ ފިޔަވަޅެއް ރެކޯޑްކުރެވޭ، ހުރިހާ ރިކޯޑެއް އޮޑިޓް ކުރެވޭގޮތަށް ތައްޔާރު ކުރެވިފައިވާ ކޭސް މެނޭޖްމަންޓް ސިސްޓަމެކެވެ. މަފިނި ސިސްޓަމަކީ ޕީޖީ އޮފީހުގެ ދުނިޔޭގެ ފެންވަރުގެ އައިޓީ ޑިޕާޓްމަންޓުން އަމިއްލައަށް ޑިވެލޮޕްކޮށް ބަލަހައްޓާ ނިޒާމެއްކަމަށް މިރަސްމިއްޔާތުގައި ޕީޖީ ވިދާޅުވިއެވެ.
މަފިނި ސިސްޓަމަކީ އެއިދާރާގެ ޕްރޮސެކިޔުޝަން މަސައްކަތްތަކުގެ އިތުރުން، ކޭސް މެނޭޖްމަންޓް، އެޗްއާރު އަދި ސްޓާފް މެނޭޖްމަންޓް، އެޑްމިން އަދި ޕްރޮކިއޮމަންޓާއި ބަޖެޓް މަސައްކަތްތައް ވެސް މެނޭޖްކުރެވޭގޮތަށް ފަރުމާ ކުރެވޭ ސިސްޓްމެކެވެ. މިސިސްޓަމްގެ މޮޑިއުލްތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑަށް ފުރިހަމަ ކުރެވިފައިވަނީ ޕްރޮސެކިޔުޝަންގެ މަސައްކަތްތަކާއި ކޭސް މެނޭޖް ކުރުމަށް ބޭނުންކުރާ މޮޑިއުލްތަކެވެ.
މަފިނި ސިސްޓަމްގައި މިހާރު ކުރެވޭ މަސައްކަތްތަކުގެ އިތުރުން މިޕްރޮޖެކްޓްގެ ދަށުން އޭއައި ހިމެނޭ 8 ހިދުމަތެއް މަފިނި ސިސްޓަމަށް އިތުރުކުރެވިގެން ދާނެކަމަށްވެއެވެ. އޭގެ ތެރޭގައި ހިމެނެނީ،
1- ގާނޫނީ ލިޔުންތައް ތަހުލީލުކުރާ ޓޫލް
2- ޕްރޮސެކިޔުޓަރ އެސިސްޓަންޓް ޓޫލް
3- ހުލާސާކުރުމާއި ޗާޖު ޑްރާފްޓްކުރުމަށް ބޭނުންކުރާ ޓޫލް
4- އައިޑެންޓިޓީ އާއި ރެކޯޑް މެޗިންގ ޓޫލް
5- ޓެމްޕަރ-އެވިޑެންޓް އެވިޑެންސް ޓޫލް (ޗޭން އޮފް ކަސްޓަޑީ ކަށަވަރުކުރުމަށް)
6- ބަލަދުކުރެވޭ ލިޔެކިޔުން ރެކޯޑްކުރެވޭ ލެޖަރ ޓޫލް
7- ކޭސް އިންޓެލިޖެންސް އަދި ރިސްކް އިންސައިޓްސް ޓޫލް
8- އާއްމުންނަށް މައުލޫމާތާއި އެހީ ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ 'ސިޓިޒެން އޭޖެންޓް' ޓޫލް
މިޕްރޮޖެކްޓް ފެށުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީޖީ އައްބާސް ޝަރީފް ހާއްސަކޮށް ފާހަގަކުރެއްވި ގޮތުގައި ޑިޖިޓަލައިޒޭޝަނާއި އޭއައިގެ އެހީގައި ހިދުމަތްތައް ތަރައްގީކުރެވުނު ނަމަވެސް މިސިސްޓަމްތަކުގެ ތެރޭގައި ނިންމަންޖެހޭ އެއްވެސް ނިންމުމެއް އޭއައިއަކުން ނުނިންމާނެކަމަށާއި ހުރިހާ މަރުހަލާއެއްގައި ވެސް އެންމެ ފަހުގެ ނިންމުންތައް ނިންމާނީ އިންސާނުންކަމަށެވެ.
އަދި ހަމަ ރަސްމިއްޔާތުގައި ޕީޖީ އޮފީހުގެ އެކި ހިދުމަތްތަކަށް އޮންލައިންކޮށް އެދުމަށް ބޭނުންކުރާ 'އީދޮރޯށި' ސިސްޓަމްވެސް ވަނީ އިފްތިތާހުކޮށްފައެވެ. މީގެ އިތުރުން، ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި ގާނޫނާއި ގަވައިދުތަކާއި އުސޫލުތައް އަދި ކޯޓުތަކުގެ ނިންމުންތައް އެއް ތަނަކުން ފެންނާނެ ގޮތަށް ތައްޔާރުކޮށްފައިވާ މޮބައިލް އެޕް 'ލެތުން' ވެސް އިފްތިތާހު ކުރެވުނެވެ.
ސޮވެރިން ކޮންޓްރޯލާއި އިންސާނުންގެ ކޮންޓްރޯލް ނުގެއްލޭގޮތަށް އޭއައި ޓޫލްތައް ބޭނުންކޮށްގެން ޕީޖީ އޮފީހުގެ މަސައްކަތްތައް ތަރައްގީކުރުމަށް އެކުލަވާލެވުނު ޕީޖީއޯ 2.0 ޕްލޭނަކީ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމުގައި ޑިޖިޓަލް ޓްރާންސްފޯމޭޝަން މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިއްމު މައިލްސްޓޯނެކެވެ. ކަނޑައެޅިފައިވާ 2 އަހަރުގެ މުއްދަތުގައި ކާމިޔާބުކަމާއެކު މިޕްލޭން ތަންފީޒު ކުރެވިއްޖެނަމަ، ޖިނާއީ މައްސަލަތައް ޕްރޮސެސް ކުރުމަށް މިހާރު ހޭދަވާ މުއްދަތު ވަރަށް ބޮޑުތަނުން ކުޑަކުރެވޭނެއެވެ. އަދި މީގެ އިތުރުން މިއީ މުޅި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ރައްޔިތުންނަށް ޕީޖީ އޮފީހުގެ ހިދުމަތްތަކަށް ފަސޭހައިން އެކްސެސްކުރުމަށް ފުރުސަތު ފަހިވެގެންދާނެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް