އަމިއްލަ ގައުމުން ބޭރަށް ދަތުރުކުރާ އިރު، އެއީ ބިޒްނަސް ދަތުރެއް ކަމުގައި ވީނަމަވެސް ނުވަތަ ޗުއްޓީ ދަތުރެއް ކަމުގައި ވީނަމަވެސް ހޮޓަލެއްގައި މަޑުކުރާނަމަ ވަރަށް ގިނަ ފަހަރަށް ހޮޓަލުތަކުގައި ބޭނުންވާ ހުރިހާ ވަސީލަތްތައް ނުހުރުމަކީ އެކަށީގެންވާ ކަމެކެވެ. ދަތުރުގައި ހުންނާނެ ތަނެއް ބުކް ކުރުމަށް ބޭނުންކުރާ ބުކިންގ ވެބްސައިޓްތަކުން ވެސް، ހޮޓަލުގައި ހުންނަ ކަރަންޓާއި، ޗާޖުކުުރުމަށް ބޭނުންކުރާ ޕޯޓްތަކާއި އިންޓަރނެޓް ފަދަ ވަސީލަތްތަކުގެ ތަފްސީލު ނުހުރެދާނެއެވެ. މިފަދަ ވަސީލަތްތައް ލިބެން ހުންނާނެ ކަމަށް ބުކިންގ ސައިޓްތަކުގައި ނުވަތަ ހޮޓެލުގެ ވެބްސައިޓްގައި ޖަހާފައި ހުރި ނަމަވެސް ހުންނަ ކޮޓަރީގައި އެކަންތައް ސެޓަޕް ކުރެވިފައިވާ ގޮތުގެ މައުލޫމާތު ހަގީގަތުގައި ނޭގިދާނެއެވެ.
ފަހަރެއްގައި ބޭނުންކުރާ ފޯނާއި އެހެނިހެން ޑިވައިސްތައް ކަނެކްޓުކުރަން ބޭނުންވާ ހާއްސަ ޕޯޓުތައް ކޮޓަރީގައި ނެތުމަކީ އެކަށީގެންވާކަމެކެވެ. ނުވަތަ ޗާޖުކުރާނެ ޕޮއިންޓްތައް މަދުވެދާނެއެވެ. ނުވަތަ ޓީވީގައި ބަލާނެ ރަނގަޅު ޗެނަލެއް ނުވަތަ ޝޯއެއް ނެތުމަކީ ވެސް ދިމާވެދާނެ ކަމެކެވެ. އަދި މީގެ ސަބަބުން ދަތުރުގައި އެންމެ ފުރިހަމަ ގޮތުަގައި ބައެއް ކަންތައްތައް ނުކުރެވި އަހަރުމެންގެ ރޫޓިން މަސައްކަތަށް ވެސް ބުރޫ އަރާފާނެއެވެ.
އެހެން ކަމުން، އަހަރުމެން ދަތުރުތަކުގައި ބޭނުންކުރުމަށް ވީހާވެސް ކުޑަ އަދި ގިނަ ބޭނުންތަކެއް ހިފޭނޭ ގެޖެޓުތަކެއް ދަތުރުގެ ފޮށިތަންމަތީގައި ޕެކްކޮށްލުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. މިފަދަ ފައިދާހުރި ގެޖެޓުތަކަކުން އަހަރުމެންގެ ގޭގައި ހުންނަ ފަދަ ފަސޭހަތަށް، ހޮޓަލެއްގައި ހުންނަ ވަގުތުވެސް ލިބިގެންދާނެއެވެ.
ދަތުރު ކުރާއިރު މަޑުކުރާ ހޮޓަލުގެ ކޮޓަރި، އެއީ ކޮންމެ ފެންވަރެއްގެ ކޮޓަރިއެއް ކަމުގައި ވިނަމަވެސް، ވަގުތުން އަޕްގްރޭޑް ކޮށްލުމަށް ކޮންމެހެން ބޭނުންތެރި 5 ގެޖެޓަކަށް މި އާޓިކަލްގައި ބަލާލާނަމެވެ.
މިޒަމާނުގައި ގެންގުޅޭ ގިނަ އިލެކްޓްރޯނިކް ޑިވައިސްތަކާއެކު އެޑިވައިސްތަކުގެ ބެޓެރީ ލައިފް މެނޭޖުކުރުމަކީ ވެސް ދަތުރުކުރާއިރު ވިސްނަންޖެހޭ ކަމެކެވެ. ލެޕްޓޮޕާއި، ފޯނާއި، ޓެބްލެޓާއި، ސްމާޓް ގަޑިއާއި އަދި އެހެނިހެން ޔޫއެސްބީ ޕޯޓް ބޭނުން ކުރަންޖެހޭ އެތަށް ޑިވައިސްތަކެއް ވަކިވަކިން ޗާޖުކުރުމަށް އެތައް ގިނަ ޗާޖަރުތަކެއް ގެންގުޅުމުގެ ބަދަލުގައި، ގިނަ ބާވަތުގެ ގިނަ ޕޯޓު އެކުލެވޭ އެއް ޗާޖަރު ގެންގުޅުމަކީ ދަތުރުކުރާއި ބުއްދިވެރި ގޮތެކެވެ.
ހުރިހާ ޑިވައިސްތަކެއް އެއްފަހަރާ ޗާޖުކޮށްލަން ބޭނުންނަމަ، އެންމެ ގޭލިއަމް ނައިޓްރައިޑް (ނުވަތަ GaN) ޗާޖަރެއް ބޭނުންކުރެވިދާނެއެވެ. ކުޑަ އެހެން ނަމަވެސް 150 ވޮޓްގެ، ގިނަ ޔޫއެސްބީސީ ޕޯޓްތައް ހިމެނޭ ޗާޖަރަކުން ބައިވަރު ޑިވައިސްތައް އެއްފަހަރާ ޗާޖުކޮށްލެވޭނެއެވެ. މީގެ ޗާޖަރަކުން އެއްވެސް ޑިވައިސްއަކަށް ލޯޑު ބޮޑު ނުވާގޮތަށް އެކި ޑިވައިސްއަށް ބޭނުންވާ ވަކި ވަކި ސްޕީޑްތަކަށް ކަރަންޓް ޑިސްޓްރިބިއުޓް ވެސް ކޮށްދޭނެއެވެ.
ހޮޓެލްތަކުގެ އެނދު ކައިރީގައި ހުންނަ މޭޒުމަތީގައި ވަރަށް ގިނަ ޑިވައިސްތަކާއި އޭގެ ޗާޖަރުތައް އެއްފަހަރާ ބެހެއްޓުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. މިފަދަ ހާލަތުގައި ބޭނުންކޮށްލަން ގިނަ ޑިވައިސް އެއްފަހަރާ ޗާޖުކޮށްލެވޭ ފަދަ ވަޔަރލެސް ޗާޖިންގ ސްޓޭޝަނެއް ފައިދާ ހުރި އެއްޗަކަށް ވެދާނެއެވެ.
މިފަދަ ގެޖެޓަކުން ފޯނާއި، ސްމާޓް ގަޑިއާއި، އިއަރބަޑް އެއްފަހަރާ ވަޔަރލެސް ޗާޖުކޮށްލެވޭނެއެވެ. މީގެ ޑޮކިންގ ސްޓޭޝަނަކަށް ބޭނުންވާނީ އެންމެ ކަރަންޓް ޕޮއިންޓެކެވެ. މިއީ ކުޑަ، އަދި ގެންގުޅެން ފަސޭހަ ގެޖެޓެކެވެ. އަދި މީގެ ސަބަބުން ގިނަ ކޭބަލްތަކެއް ގެންގުޅުމުން ވެސް ސަލާމަތް ވެވޭނެއެވެ.
ދަތުރުކުރުމުގެ މަގުމަތީގައި އަދި ހޮޓެލުގައި މަސައްކަތް ކުރުމަށް ބޭނުންކުރާ ޓްރެވެލް ކިޓަކީ އާންމުކޮށް ހޮޓެލްތަކުގައި މަޑުކުރާ މީހުންނަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މިފަދަ ކިޓަކުން އަހަރުމެންގެ ޑިޖިޓަލް ވޯކްސްޕޭސް ތަރުތީބު ކޮށްލާ ފަސޭހައިން މެނޭޖްކުރެވިދާނެއެވެ.
މިފަދަ ސެޓަޕްތަކުގައި އާންމުކޮށް ފޯލްޑަބަލް އަރގޮނޮމިކް ކީބޯޑަކާއި ޕޯޓަބަލް ސްޓޭންޑަކާއި ޔޫއެސްބީ-ސީ އެޑަޕްޓަރާއި، ކޭބަލްތަކާއި، އިންޓަނޭޝަނަލް ޕަވަރ އެޑަޕްޓަރެއް ހިމެނޭނެއެވެ. މިފަދަ ސެޓަޕަކުން ހޮޓަލުގެ ކޮޓަރީގައި ހުންނަ ކިތަންމެ ކުޑަ މޭޒެއްގައި މަސައްކަތް ކުރަން ޖެހުނު ނަމަވެސް ފަސޭހައިން އޮފީހުގެ އަރާމު ވޯކްސްޓޭޝަންގައި އިނދެ މަސައްކަތްކުރާ ފަދަ އިހުސާސެއް ގެނެސް ދެވިދާނެއެވެ.
ދަތުރުކުރާއިރު ގޭގައި ހުންނަ ފަސޭހަތައް ލިބުމަކީ ދަތުރު އިތުރަށް ފުރިހަމަކޮށްދޭ ކަމެކެވެ. މިގޮތުން ގޭގައި ވެސް އިލެކްޓްރިކް ދަތްއުނގުޅާ ބުރުސް ގެންގުޅޭ ފަރާތްތަކަށް އެފަދަ ބުރުހެއްގެ ޓްރެވެލް ވަރޝަނަކީ މުހިއްމު ޓޫލަކަށް ވެދާނެއެވެ. ޔޫއެސްބީއިން ޗާޖުކޮށްލެވޭ ފިލިޕްސް ބްރޭންޑްގެ ޕްރީމިއަމް ސޮނިކް ދަތްއުގުޅާ ބުރުހަކާއި، އަދި އެއާއި އެކު ޗާޖިންގ ޓްރެވެލް ކޭސްއަކީ ދަތުރުކުރާ މީހުންނަށް ވަރަށް އެކަށީގެންވާ ޒަމާނީ ގެޖެޓެކެވެ. ފިލިޕްސް ބްރޭންޑް ނޫނަސް މިފަދަ ބުރުހުގެ އަގުހެޔޮ އޮޕްޝަނެއް ވެސް އިހްތިޔާރު ކުރެވިދާނެއެވެ. މިފަދަ ބުރުސްތަކަކީ އާންމުކޮށް ފުލް ޗާޖުކުރުމުން ހަފްތާއެއްހާ ދުވަހު ޗާޖު ހިފަހައްޓާ ޑިވައިސްތަކެކެވެ. އެހެން ކަމުން އެއަރޕޯޓުގައާއި އަދި ހޮޓަލުގެ ކޮޓަރިން ބޭރުގައި ހޭދަކުރަންޖެހޭ ވަގުތެއްގައި ވެސް މިފަދަ ބުރުހެއް އޮތުމަކީ ސާފުތާހިރުކަމަށް ވެސް ލިބޭ ފަސޭހައެކަށް ވާނެއެވެ.
ހޮޓަލުތަކުގައި އާންމުކޮށް މުނިފޫހި ފިލުވުމަށް ލިބޭނީ ވަރަށް އާދައިގެ ހިލޭ ލިބޭ ޓީވީ ޗެނަލްތަކެވެ. ނޫން ނަމަ ދެން ހުންނާނީ ވަރަށް ގިނައިން ފައިސާތަކެއް ހޭދަވާނޭ އަގުބޮޑު ޕޭ-ޕަރ-ވިއު އޮޕްޝަންތަކެވެ.
އެމެޒޯން ފަޔަރ ޓީވީ ސްޓިކް، ރޯކޫ ސްޓްރީމިންގ ސްޓިކް ނުވަތަ ކްރޯމްކާސްޓް ފަދަ ޕޯޓަބަލް ސްޓްރީމިން ސްޓިކް ގެންގުޅުމަކީ މިމައްސަލައަށް ހައްލު ހޯދުމަށް ވަރަށް މޮޅު ގޮތެކެވެ. މިޑިވައިސްއަކީ ސީދާ ހޮޓަލުގެ ޓީވީގެ އެޗްޑީއެމްއައި ޕޯޓަށް ޕްލަގް ކޮށްލެވޭނެ އެއްޗެކެވެ. އަދި އެއަށް ފަހު ހޮޓެލްގެ ވައިފައި ނުވަތަ މޯބައިލް ހޮޓް ސްޕޮޓަކަށް ގުޅާލައިގެން ބޭނުންކުރެވޭނެއެވެ. މިހެން ހެދުމުން ސްޓްރީމިންގ އެޕްތަކަށް ކަނެކްޓްކުރެވި، ބޭނުން ޝޯއެއް ބަލާލެވޭނެއެވެ. އަދި ޝޯތައް ބަލަން ލެޕްޓޮޕްގެ ކުޑަ ކުޑަ ސްކްރީން ބޭނުންކުރަން ނުޖެހި ޓީވީގެ ސްކްރީން ބޭނުންކޮށްލެވޭނެއެވެ.
މިދެންނެވުނު ފަދަ ގެޖެޓްތަކެއް ބޭނުންކޮށްލައިގެން ހޮޓެލުގެ ކޮޓަރީގެ ފެންވަރު ފަސޭހައިން މަތިކޮށްލާ، އަމިއްލަ ގޭގެ ލިބޭ ފަދަ ފަސޭހަކަން ދަތުރުމަތީގައި ހޯދިދާނެއެވެ. މިއީ ކުޑަ ހަރަދަކުން ދަތުރުގެ ތަޖުރިބާ މުޅިން ބަދަލުކޮށްލާނެ ފަސޭހަ ހައްލުތަކެކެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް