Download Logo
Copy Logo

އާސަންދައިގެ ޚިދުމަތްތައް ފަސޭހަކުރުމަށް އޭއައި ޗެޓްބޮޓެއް ތަޢާރަފުކުރުން

އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް މަސައްކަތްކުރާ ޒަމާނީ ޗެޓްބޮޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިޢުލާނުކޮށްފިއެވެ.

މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ އާސަންދަ ވެބްސައިޓާއި "މައި އާސަންދަ" ޕޯޓަލް މެދުވެރިކޮށް، ޢާންމުން ކުރާ ސުވާލުތަކަށް އެއްވެސް މެދުކެނޑުމެއްނެތި، 24 ގަޑިއިރު އޮޓޮމެޓިކުން ޖަވާބު ލިބޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ.

އާސަންދަ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ޗެޓްބޮޓް ފަރުމާކުރެވެނީ ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތުކުރެވޭ ގޮތަށެވެ. އެގޮތުން، ތާނަ އަކުރުގެ އިތުރުން ލެޓިން އަކުރުން ލިޔާ ލިޔުންތައް ދެނެގަނެ، ސުވާލުކުރި ބަހަކުން އެކަށީގެންވާ ޞައްޙަ ޖަވާބު ފޯރުކޮށްދެވޭނެއެވެ.

މި ޗެޓްބޮޓްގައި އާސަންދައިގެ ޕޮލިސީތަކާއި، ގަވާއިދުތަކާއި، ޚިދުމަތްތަކުގެ މަޢުލޫމާތުގެ އިތުރުން ޢާންމުން އެންމެ ގިނައިން އޮޅުންފިލުވަން ބޭނުންވާ ކަންކަމާ ގުޅޭ މަޢުލޫމާތު ހިމެނޭނެއެވެ. އަދި އާސަންދައިގެ މުވައްޒަފުންނަށް ފަސޭހަކަމާއެކު އެންމެ ފަހުގެ މަޢުލޫމާތުތައް ސޮފްޓްވެއަރއަށް އަޕްޑޭޓްކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާނެއެވެ. މީގެ އިތުރުން، ޗެޓްބޮޓަށް ޖަވާބު ނުދެވޭ ފަދަ ޚާއްޞަ ސުވާލުތައް ދެނެގަނެ، އެފަދަ ކަންކަން އާސަންދައިގެ ކަސްޓަމަރ ސަރވިސް ނުވަތަ ހޮޓްލައިނަށް ވަގުތުން ފޮނުވާލެވޭނެ އިންތިޒާމުވެސް މި ނިޒާމުގެ ތެރެއިން ހަމަޖެހިގެންދާނެއެވެ.

މި ނިޒާމު ބިނާކުރެވިގެންދާނީ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތުގެ ރައްކާތެރިކަން (ޑޭޓާ އެންކްރިޕްޝަން އަދި ޕްރައިވެސީ) ކަށަވަރުކުރެވޭނޭ ގޮތަކަށެވެ. އަދި އެޑްމިނިސްޓްރޭޓިވް ޑޭޝްބޯޑެއް މެދުވެރިކޮށް ޚިދުމަތުގެ ތަފާސްހިސާބުތައް ބަލަހައްޓައި ދިރާސާކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މި ޗެޓްބޮޓް ތަޢާރަފުކުރުމުގެ ސަބަބުން "މައި އާސަންދަ" ޕޯޓަލްގެ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، އެންމެ ފަހުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ކަސްޓަމަރ ސަރވިސް މުވައްޒަފުންގެ މަސައްކަތްތައް ލުއިވެގެންދާނެއެވެ. ޖުމްލަކޮށް މި ނިޒާމާއެކު، އާސަންދައިގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ކުރިއަށްވުރެ އަވަހަށް އަދި ފަސޭހަކަމާއެކު ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.

އާސަންދަ ކުންފުނިން މިހާރު ވަނީ މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައެވެ. އެގޮތުން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ 26 އޯގަސްޓް 2026 އެވެ. އަދި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު 27 އޯގަސްޓް 2026 ގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، ބިޑް ހުށަހެޅުން އޮންނާނީ 2 ސެޕްޓެމްބަރު 2026 ގައެވެ.

މަރިޔަމް އިޝްރާޤް ވަޙީދު

މަރިޔަމް އިޝްރާޤް ވަޙީދު

ބަޔޯކެމިސްޓް، ސޯޝިއޯ އިކޮނޮމިކް ރިސާޗަރ، ފްރީލާންސް ރައިޓަރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.