Download Logo
Copy Logo

‏ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑްގައި ރަޖިސްޓްރީވުމުގެ ދަތުރު‏

އަޙްމަދު ދާއޫދު 17 ސެޕްޓެމްބަރު 2026

ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑްގައި ރަޖިސްޓްރީވުމުގެ ދަތުރުދިވެހިރާއްޖޭގެ ފައިސާ، ދިވެހި ރުފިޔާ‌‎ (MVR) ‌‏އަކީ ‌‏1981 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ރަސްމީގޮތުން ބޭނުންކުރަމުން އަންނަ ފައިސާއެވެ. ޒަމާނަށް އަންނަމުން އަންނަ ‌‏ބަދަލުތަކާއެކު، ޑިޖިޓަލް ދުނިޔޭގައި ދިވެހި ރުފިޔާއަށް ޚާއްޞަ ރަސްމީ ނިޝާނެއް ލިބި، އަދި އެންމެ ފަހުން ‌‏ބައިނަލްއަޤްވާމީ ޔުނިކޯޑް މިންގަނޑުގައި އެ ނިޝާން ރަސްމީކޮށް ހިމެނިގެން ގޮސްފައިވަނީ ދިވެހި ދައުލަތާއި، މަރުކަޒީ ‌‏ބޭންކް (އެމްއެމްއޭ) އަދި ދިވެހި އެކި ފަންނުވެރިންނާއި ޓެކްނޮލޮޖީގެ މާހިރުންގެ ބުރަ މަސައްކަތުންނެވެ‌‎.‎

‏ދިވެހި ރުފިޔާގެ ރަސްމީ ނިޝާން އުފެއްދުމާއި ތައާރަފުކުރުމުގެ މަރުޙަލާ‌‎ (2021 - 2022)‎

‏ދިވެހި ރުފިޔާއަށް ޚާއްޞަ ރަސްމީ ނިޝާނެއް ހޯދުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ‌‏ރަސްމީކޮށް ފެށީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. މިގޮތުން ރުފިޔާއަށް ޚާއްޞަ ނިޝާނެއް ފަރުމާކޮށް ހުށަހެޅުމަށް ‌‏20،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު އާންމުކޮށް ހުޅުވާލެވުނު މި މުބާރާތަށް 70 އަށް ވުރެ ގިނަ ޕްރޮޕޯސަލް ‌‏ލިބިގެންދިޔައެވެ‌‎. ‎

‏ހުށަހެޅުނު ޑިޒައިންތައް އިވެލުއޭޓް ކުރުމަށްޓަކައި އެމްއެމްއޭ، ދިވެހިބަހުގެ އެކެޑަމީ އަދި އެހެނިހެން ފަންނީ ދާއިރާތައް ‌‏ހިމެނޭ ގޮތަށް ޚާއްޞަ ޖަޖުންގެ ޕެނަލެއް އެކުލަވައިލެވުނެވެ. މި މުބާރާތުން އެންމެ މޮޅު ނިޝާނެއްގެ ގޮތުގައި ހޮވުނީ ‌‏ފަރުމާކުރި ފަރާތް ކަމަށްވާ ހަސަން ޝުޖާޢު ހުށަހެޅުއްވި ޑިޒައިނެވެ‌‎. ‎

‏މި ނިޝާން ފަރުމާކޮށްފައިވަނީ ތާނައިގެ "ރާ" އަކުރުގެ މެދުން އިތުރު ދެ ރޮނގު ހުރަސްކޮށްގެންނެވެ. މިއީ ‌‏ދިވެހިވަންތަކަން ދައްކުވައިދިނުމާއެކު، ބައިނަލްއަޤްވާމީ އެހެނިހެން ފައިސާގެ ނިޝާންތަކާ އެއްގޮތްކޮށް ހަމަހަމަކަމުގެ ‌‏ނިޝާނުގެ މާނަ އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ނިޝާނެކެވެ‌‎. ‎

‎2022 ‌‏ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު އެމްއެމްއޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ނިޝާން ‌‏ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އޭރުގެ ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. އަދި އޭރުގެ އެމްއެމްއޭގެ ގަވަރުނަރު ‌‏އަލީ ހާޝިމް ވަނީ މި ނިޝާނަށް ޚާއްޞަ ޔުނިކޯޑެއް ހޯދައި ބައިނަލްއަޤްވާމީ މިންގަނޑުތަކުގައި ބަލައިގަންނަ ފެންވަރަށް ‌‏ގެންދާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައެވެ. އޭގެ ފަހުން ނެރެމުންދިޔަ 50 އަދި 100 ރުފިޔާގެ އައު ނޫޓުތަކުގައި ވެސް ‌‏މި ނިޝާން ވަނީ ހިމަނާފައެވެ‌‎.‎

‏ޑިޖިޓަލް ދުނިޔޭގައި ކުރިމަތިވި ގޮންޖެހުންތަކާއި ޔުނިކޯޑްގެ މުހިންމުކަން‏

އާޓިސްޓް އަބޯއާއި،ޑިވެލޮޕަރ ނާއިލް:ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނަން ހުށަހަޅަނީ ---

ކޮމްޕިއުޓަރާއި ޑިޖިޓަލް ނިޒާމުތަކުގައި އަކުރާއި ނިޝާންތައް ދެނެގަންނަނީ ޔުނިކޯޑް ކޯޑް ޕޮއިންޓް މެދުވެރިކޮށެވެ. ޔުނިކޯޑް ‌‏ކޮންސޯޓިއަމްއިން މި މިންގަނޑުތައް ބަހައްޓާއިރު، ކުރިން ދިވެހި ރުފިޔާއަށް ވަކި ޚާއްޞަ ކޯޑް ޕޮއިންޓެއް ލިބިފައެއް ‌‏ނުވެއެވެ. މިކަމާހުރެ ޑިޖިޓަލް މާހައުލުގައި ރުފިޔާ ނިޝާން ދެއްކުމަށްޓަކައި ޑޮލަރު ނިޝާން ($) އަކުރަށް ބަދަލު ‌‏ގެނައުމުގެ ފޮންޓް ހެކް ކުރުމާއި، ނުވަތަ ލިގޭޗަރ ބޭނުންކޮށްގެން ދެއްކުމުގެ އުކުޅުތައް ބޭނުންކުރަންޖެހުނެވެ‌‎. ‎

‏މިފަދަ ހެކްތަކުގެ ސަބަބުން އިންސާނުންނަށް ރުފިޔާ ނިޝާން ފެނުނު ނަމަވެސް، ކޮމްޕިއުޓަރަށާއި މާލީ ނިޒާމުތަކަށް އަދި ‌‏އޭއައި [ޕްލެޓްފޯމްތަކަށް އެއީ ޑޮލަރު ނިޝާން ކަމަށް ނުވަތަ އާދައިގެ އަކުރެއް ކަމަށް ދޭހަވެ، ލިޔުމުގެ އަސްލު މާނަ ‌‏ގެއްލިގެންދިޔުމުގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ‌‎.‎

‏ޔުނިކޯޑްގައި ރުފިޔާ ނިޝާން ހިމެނުމަށް ކުރެވުނު މަސައްކަތާއި ހުށަހެޅުން‏

‏ދިވެހި ރުފިޔާގެ ނިޝާނަށް ބައިނަލްއަޤްވާމީ ޔުނިކޯޑް ކޯޑެއް ހޯދުމަށް ފަންނީ މާހިރުންގެ ޓީމަކުން ރަސްމީ ޕްރޮޕޯސަލެއް ‌‏ތައްޔާރުކޮށް ހުށަހެޅިއެވެ. މި ޕްރޮޕޯސަލް ހުށަހަޅުއްވީ ނާއިލް ޢަބްދުއްރަޙްމާން އާއި ޢަބްދުﷲ ޝަފީއު (އަބޯ) ‏އެވެ. މި މަސައްކަތުގައި އެކިއެކި ފަންނީ އެހީތެރިކަމާއި، ލަފަޔާއި، ޓައިޕޮގްރަފިކް އެހީތެރިކަން އަދި ބައިނަލްއަޤްވާމީ ‌‏މިންގަނޑުތަކުގެ ލަފާ ދެއްވި ބޭފުޅުންގެ ތެރޭގައި އަބްދުﷲ ޝަފީޢު، ހަސަން އިރުފާން (އެމް.އައި.ސީ.ޓީ.އޭ)، ޢަބްދުލް ‌‏ޣާދިރު (ޔުނިކޯޑް އެކްޕާޓް)، އަދި ޑރ. ސަރުމަދު ޙުސައިން ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މޯލްޑިވްސް މަނިޓަރީ ‌‏އޮތޯރިޓީ (އެމްއެމްއޭ) ގެ ފަރާތުންނާއި ލޯކަލް އައި.ސީ.ޓީ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން ލިބިފައިވެއެވެ‌‎. ‎

‏އޭގެފަހުން 2025 މެއި 15 ވަނަ ދުވަހު އެމްއެމްއޭގެ ބޭންކިންގ އެންޑް މާކެޓް އޮޕަރޭޝަންސްގެ މެނޭޖިންގ ޑިރެކްޓަރު ‌‏ޢާއިޝަތު އާޝާ ޢަލީ ސޮއިކުރައްވައި، ޔުނިކޯޑް ޓެކްނިކަލް ކޮމިޓީއަށް ރަސްމީ އެންޑޯސްމަންޓް ލިޔުމެއް ‌‏ފޮނުއްވާފައިވެއެވެ‌‎.‎

ޔުނިކޯޑް ސްޓޭންޑާޑްގައި ރަޖިސްޓްރީވުން (ސެޕްޓެމްބަރު 2026)‏

‏ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ މާހިރުން ގުޅިގެން ކުރި ދުރުވިސްނޭ މަސައްކަތުގެ ނަތީޖާއަކަށްވެގެންދިޔައީ، ދަ ޔުނިކޯޑް ‌‏ކޮންސޯޓިއަމްއިން 2026 ސެޕްޓެމްބަރު 16 ވީ އަންގާރަ ދުވަހު ނެރުނު ޔުނިކޯޑް ސްޓޭންޑާޑް ވާޝަން 18.0 ގައި ދިވެހި ‌‏ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމެނުމެވެ. މި ވާޝަނުން ދިވެހި ރުފިޔާގެ ނިޝާނަށް ޚާއްޞަކޮށް ކަނޑައަޅައިދީފައިވާ ކޯޑް ‌‏ޕޮއިންޓަކީ‌‎ U+20C2 ‌‏އެވެ. މިއީ ކެރެކްޓަރ ނަމެއްގެ ގޮތުގައި‌‎ RUFIYAA SIGN ‌‏ހިމެނޭ، އަދި ޖެނެރަލް ‌‏ކެޓަގަރީ‌‎ Sc (Symbol, Currency) ‌‏ގެ ދަށުން ކަރަންސީ ސިމްބަލްސް ބްލޮކްގައި ހިމެނިގެންދިޔަ މުހިންމު ‌‏ލަނޑުދަނޑިއެކެވެ‌‎.‎

‏ދިވެހި ރުފިޔާގެ ނިޝާނަށް ޔުނިކޯޑް ކޯޑެއް ލިބިގެންދިއުމަކީ ދިވެހިޤައުމުގެ މާލީ ނިޒާމަށާއި ޑިޖިޓަލް ‌‏އިންފްރާސްޓްރަކްޗަރަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެކެވެ‌‎. ‎މި ބަދަލާއެކު ދިވެހިރާއްޖޭގެ ވެބްސައިޓްތަކާއި، މޯބައިލް އެޕްލިކޭޝަންތަކާއި، އީ-ކޮމާސް ޕްލެޓްފޯމްތަކުގެ އިތުރުން މާލީ ‌‏މުޢާމަލާތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކުން، އެއްވެސް އޮޅުންއެރުމެއް ނެތި ޑިޖިޓަލްކޮށް ‌‏ފަސޭހަކަމާއެކު ބޭނުންކުރެވިގެންދާނެއެވެ‌‎.‎

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.