Fernando Faciole / National Geographic
ބޮލީވިއާގެ އެންޑީސް ފަރުބަދަތަކުގައި ވަލު ބުޅަލުގެ އައު ސްޕީޝިސްއެއް ސައިންސްވެރިން ހޯދައިފިއެވެ. މި ކުޑަ ވަލު ބުޅަލަށް ޓިލްކާޔޯ ނުވަތަ ލިއޮޕާޑަސް ޓިލްކާޔޯގެ ނަންދީފައިވެއެވެ. މިއީ ފާއިތުވި 100 އަހަރު ތެރޭގައި ސައިންސްވެރިން ސިފަކޮށްފައިވާ ފުރަތަމަ ވަލު ބުޅަލުގެ އައު ބާވަތެވެ. މި ބުޅަލާއި ބެހޭގޮތުން ކަރަންޓް ބަޔޮލަޖީގައި ޕޭޕަރެއް ޝާއިރުކޮށްފައިވެއެވެ.
މި ބުޅާ އެންމެ ފުރަތަމަ ފެނިފައިވަނީ 2017 ވަނަ އަހަރު ބޮލީވިއާގެ ސެންޑާ ވަރޑޭ ވައިލްޑްލައިފް ސެންޗުއަރީގައެވެ. މި ބުޅާ މި ސެންޗުއަރީއަށް ހަވާލުކޮށްފައިވަނީ މި ސަރަހަށްދުގައި އުޅުނު މީހަކު ޖަންގަލިކައިރިން ވަގު ބުޅަލެއްކަމަށް ހީކޮށް ގެއަށް ގެންދިއަތާ އެއް އަހަރަށްފަހު، ވަގު ޖަނަވާރެއްކަން އެނގުމުންނެވެ. އޭރުގައި ސައިންސްވެރިން ޤަބޫލުކޮށްފައިވާ ގޮތުގައި މިއީ ޓިގްރިނަސް ކިޔާ އެ ސަރަހައްދުގައި އުޅުނު ބުޅަލުގެ ބާވަތެއްކަމަށެވެ. ނަމަވެސް އެ ސެންޗުއަރީއަށް ޒިޔާރަތްކުރި ޕައޮލާ ނޮގަލެސް-އަސްކާރަންޒް ޓިގްރީނަސްއާއި ތަފާތު ބައެއް ސިފަތަކެއް ފާހަގަކޮށްފައިވެއެވެ. މި ބުޅަލުގައި ޓިގްރީނަސްގައި ހުންނަ ވަރަށްވުރެ ބޮޑެތި ރޮޒެޓްތަކެއް ހުންނަކަމަށް ފާހަގަކުރެވިފައިވެއެވެ.
މިކަމާއި ވިދިގެން ބްރެޒިލްގެ ޕޮންޓިފިކަލް ކެތޮލިކް ޔުނިވާސިޓީ އޮފް ރިއޯ ގްރާންޑޭ ޑޯ ސުލްގެ ޖެނެޓިސިސްޓެއް ކަމަށްވާ އެޑޫއާޑޯ އެއިޒިރިކްއާއި ޔުނިވާސިޓީ އޮފް އެންޓްވަރޕްގެ ޖޯނަސް ލެސްކްރޯއާޓްއާއި އެކު މި ބުޅަލުގެ ޖެނެޓިކް އެނަލިސިސްއަކަށްފަހު މި ބުޅަލަކީ އެހެން ބުޅާތަކާއި ބަލާފައި ކުރިން ސައިންސްވެރިން ސިފަކޮށްފައި ނުވާ ބުޅަލެއްކަމަށް ފާހަގަކޮށްފައިވެއެވެ.
މި ބުޅަލަށް ލިއޮޕާޑަސް ޓިލްކާޔޯގެ ނަންދީފައިވަނީ އެ ސަރަހަށްދުގެ މީހުން އާންމުކޮށް ކިޔާ އުޅޭނަމާއި ވިދިގެންނެވެ. ޓިލްކާޔޯ ދިރިއުޅެނީ އެންޑީސްގެ އިރުމަތީ ފަރާތުގައި އޮންނަ ބޮލީވިއާގެ ޔުންގާސް ޖަނގަލީގައެވެ. މި ބުޅަލުގެ ބަރުދަން 1.5 އާއި 2 ކިލޯ ކަމަށް ލަފާކުރެވެއެވެ. މިއީ ގޭގެ ގެންގުޅޭ ބުޅަލަށް ވުރެ ކުޑަ އަދި ލުއިއެވެ. މި ބުޅަލުގެ އާބާދީއާއި، ކެއުމާއި، ދިރިއުޅުމާއި އުޅޭގޮތާއި ބެހޭ މައުލޫމާތު އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް މިހާރު އެނގިފައިވާ މައުލޫމާތުން ލަފާކުރާ ގޮތުގައި މި ބުޅަލަކީ ނޮކްޓާނަލް، ކުދި މީދާފަދަ ޖަނުވާރުތައް ކައި އުޅޭ ބުޅަލެކެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.