ފޮޓޯ: އޭއައި
ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ދުނިޔޭގެ ކާބޯތަކެތީގެ ސިނާއަތާއި ދަނޑުވެރިކަމުގެ ނިޒާމުތައް ޑިޖިޓަލައިޒްވަމުން އަންނައިރު، މިއަދު ސައިބާ ނުރައްކާތައް މިވަނީ އާންމު ދިރިއުޅުމުގެ އެންމެ އަސާސީ އެއް ވަސީލަތް ކަމަށްވާ ކާބޯތަކެތި ފޯރުކޮށްދޭ ނިޒާމުތަކާ ހަމައަށް ފޯރާފައެވެ.
ފްރާންސްގެ އެކި ކަންކޮޅުތަކުގައި ހުރި 500 އަށްވުރެ ގިނަ ސުޕަމާކެޓާއި ފިހާރަތަކުގެ ފްރިޖް ސިސްޓަމްތަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ސައިބާ ހަމަލާއަކީ، ޑިޖިޓަލް ވަސީލަތްތަކަށް ބަރޯސާވުން ބޮޑުވުމުގެ ސަބަބުން ކުރިމަތިވެދާނެ ބޮޑެތި ނުރައްކާތައް ހާމަކޮށްދިން ހާދިސާއެކެވެ.
މި ހަމަލާގައި ހެކަރުން ވަނީ ރޭގަނޑު ފިހާރަތައް ބަންދުކޮށްފައި ހުރި ވަގުތު، އިންޓަނެޓް މެދުވެރިކޮށް ފްރިޖް ސިސްޓަމްތަކަށް ވަދެ، ފްރިޖްތަކާއި ފްރީޒަރުތަކުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސް (122 ޑިގްރީ ފެރަންހައިޓް) އަށް މަތިކޮށްފައެވެ.
ފްރާންސްގެ ބީއެފްއެމް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެކަރުން ރިމޯޓްކޮށް ސިސްޓަމްތަކުގެ ފިނިކަން ކަނޑުވާލައި "ފޯސްޑް ޑީފްރޯސްޓިންގ" އޮޕްޝަން އެކްޓިވޭޓްކުރުމުގެ ސަބަބުން އެތައް މިލިއަން ޔޫރޯގެ ކާބޯތަކެތި ވަނީ ހަލާކުވެފައެވެ. އަދި މަތީ ފިނިހޫނުމިނުގެ ސަބަބުން ބައެއް ފިހާރަތަކުގައި އަލިފާން ރޯވެ، އިކުއިޕްމަންޓްތައް ބުރައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މި ހަމަލާގެ އަސަރު ފްރާންސްގެ ބޮޑެތި ސުޕަމާކެޓް ގްރޫޕްތައް ކަމަށްވާ އީ-ލެކްލާކް (E-Leclerc)، އިންޓަރމާޝޭ (Intermarche)، ކަރެފޯ (Carrefour)، މޮނޯޕްރިކްސް (Monoprix) އަދި ކޯޕަރޭޓިވް ޔޫ (Cooperative U) އަށް ވަނީ ކޮށްފައެވެ. އެގޮތުން އިންޓަރމާޝޭގެ ނެޓޯ ބްރޭންޑާއެކު މަދުވެގެން 300 ފިހާރައަކަށް އަސަރުކުރިއިރު، ކޯޕަރޭޓިވް ޔޫގެ 100 އަށްވުރެ ގިނަ ސުޕަމާކެޓަށާއި، ކަރެފޯގެ 80 ސުޕަމާކެޓަށް އަދި މޮނޯޕްރިކްސްގެ 490 ފިހާރައިގެ ތެރެއިން 5 އިންސައްތަ ފިހާރައަށް ވަނީ ހަމަލާގެ އަސަރުކޮށްފައެވެ.
ފްރާންސްގެ ސައިބާ ސެކިއުރިޓީ އޭޖެންސީން ހާމަކުރި ގޮތުގައި މި ހަމަލާ އަމާޒުވެފައިވަނީ ޑެންމާކުގެ ޑެންފޮސް (Danfoss) ކުންފުނިން އުފައްދާފައިވާ AK-SM800 އަދި AK-SC355 މޮޑެލްގެ ފްރިޖް ކޮންޓްރޯލް ސިސްޓަމްތަކަށެވެ. މިއާއެކު އެ ސިސްޓަމްތައް އިންޓަނެޓުން ވަކިކުރުމަށް ނުވަތަ އެކްސެސް އަނބުރާލައި ސޮފްޓްވެއާ އަޕްޑޭޓް ކުރުމަށް އިރުޝާދުދީފައިވާއިރު، ޑެންފޮސް ކުންފުނިން ބުނީ އަސަރުކުރި ސިސްޓަމްތަކަކީ ބާވެފައިވާ އަދި ސޮފްޓްވެއާ އަޕްޑޭޓް ނުކޮށް ހުރި ސިސްޓަމްތަކެއް ކަމަށާއި، އެ ސިސްޓަމްތައް އަޕްޑޭޓްކުރުމަށް ކުރިންވެސް އަންގާފައިވާނެ ކަމަށެވެ.
މި ހަމަލާގެ ފަހަތުގައިވަނީ ކޮން ބައެއްކަން އަދި ސާފުވެފައިނުވި ނަމަވެސް، ކަމާބެހޭ އިދާރާތަކުން ވަނީ ތަހުގީގު ފަށައި، އަސަރުކޮށްފައިވާ ކަމަށް ބެލެވޭ ޔޫރަޕްގެ އިތުރު ގައުމުތަކާއެކު މަޝްވަރާ ކުރަން ފަށާފައެވެ. ރަޝިޔާގެ ހައިބްރިޑް ހަމަލާތަކުން ގައުމުގެ މުހިންމު ވަސީލަތްތައް ރައްކާތެރިކުރުމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އަންގަވާފައިވާ ދަނޑިވަޅެއްގައި ދިން މި ހަމަލާގައި ހަލާކުވި ކާބޯތަކެތީގެ ސަރީހަ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.
މިއީ ސުޕަމާކެޓްތަކަށް އަމާޒުވި ފުރަތަމަ ހަމަލާއެއް ނޫނެވެ. 2025 ވަނަ އަހަރުގެ އެޕްރީލް މަހު އިނގިރޭސިވިލާތުގެ މާކްސް އެންޑް ސްޕެންސަރ (Marks and Spencer) އަށް "ސްކެޓަރޑް ސްޕައިޑަރ" ގްރޫޕުން "ޑްރެގަންފޯސް" ރެންސަމްވެއާ ބޭނުންކޮށްގެން ދިން ހަމަލާގައި 300 މިލިއަން ޕައުންޑް (397 މިލިއަން ޑޮލަރު) ގެ ގެއްލުންވެ، އޮންލައިން އޯޑަރުތައް ހުއްޓާލަންޖެހުނެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުގެ ކޯ-އޯޕް (Co-op) އާއި ހެރޮޑްސް (Harrods) އަށްވެސް އެ ގްރޫޕުން ހަމަލާދޭން މަސައްކަތްކުރިއިރު، 2025 ގެ ޖޫން މަހު އެމެރިކާގެ ޔުނައިޓެޑް ނެޗުރަލް ފުޑްސް އަދި ނޮވެމްބަރު މަހު އަހޯލްޑް ދެލްހައިޒް އެސްއޭ (Ahold Delhaize USA) އަށް ދިން ހަމަލާތަކުގައި 2,000 އަށްވުރެ ގިނަ ފިހާރައިގެ ހިދުމަތަށް ބުރޫއެރިއެވެ.
އަވަހަށް ހަލާކުވާ ކާބޯތަކެތި ވިއްކާ ސުޕަމާކެޓްތަކަކީ ހެކަރުންގެ ފަސޭހަ އަމާޒަކަށް ވަމުންދާއިރު، މިއީ މުޅި ސަޕްލައި ޗެއިނަށް އޮތް ބޮޑު ނުރައްކަލެކެވެ. ޓެކްނޮލޮޖީ އަދި ސައިބާ ސެކިއުރިޓީ އެނަލިސްޓް ސްޓީވަން ލަޗާންސް ބުނެފައިވާ ގޮތުގައި، އިންޓަނެޓާ ގުޅާފައިވާ ސްމާޓް ވަސީލަތްތަކުގައި ސެކިއުރިޓީ މައްސަލަތައް ހުރުމުން ރިމޯޓްކޮށް ވަދެ ނުރައްކާތެރި ބަދަލުތައް ގެނައުމުގެ ފުރުސަތު އަބަދުވެސް އޮންނާނެއެވެ.
މިއީ މުޅި ދުނިޔެއަށް ލިބުނު އިންޒާރެއްގެ ގޮތުގައި ސިފަކުރަމުން އޭނާ ފާހަގަކުރި ގޮތުގައި، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވަގުތުން ފިޔަވަޅުތައް ނުއަޅައިފިނަމަ، ކުރިއަށް އޮތް ތަނުގައި ސިއްހީ އަދި ހަކަތައިގެ މުހިންމު ނިޒާމުތަކަށްވެސް މިފަދަ ހަމަލާތައް އަމާޒުވުމުގެ ބޮޑު ނުރައްކަލެއް އެބައޮތެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.