މޮބައިލް އިންޓަނެޓް ދެން ބަދަލުވާނީ 5ޖީ އަށެވެ. އެއީ ދުނިޔޭގައި މިހާރު ބޭނުންކުރެވޭ 4ޖީ/3ޖީ ގުޅުންތަކަށް ވުރެ ބާރުގަދަ، އަވަސް އަދި ފުޅާ ޓެންލޮޖީއެކެވެ. އާންމުން މިހާތަނަށް ތަޖުރިބާކޮށްފައި ނުވާހާ ހަލުއިކަން ޑާޓާ އަޕްލޯޑް/ ޑައުންލޯޑަށް 5ޖީ ގެނެސްދެ އެވެ.
މުވާސަލާތީ ގުޅުންތައް އަބަދުވެސް އަންނަނީ ފުޅާވެ އަވަސްވަމުންނެވެ. ދުނިޔެ 4ޖީ އަށް ބަދަލުވާންޖެހުނީ 3ޖީ އަށް ނުތަކާވަރަށް ހާލަތު ބަދަލުވާން ފެށުމުންނެވެ. މޮބައިލް އިންޓަނެޓް ބޭނުންކުރާ އާބާދި އިތުރުވެ – ހަނި މަގަކަށް ވުރެ މަގުހިނގާ މީހުންނަށް ފުޅާ މަގެއް ފަސޭހަވާ ފަދައިން – ގިނަ ބަޔަކަށް ޚިދުމަތްދިނުމަށެވެ. އިންޓަނެޓް މެދުވެރިކޮށް މަސައްކަތްކުރާ މީހުންނަށް ލުއިކޮށްދިނުމަށެވެ.
ނޮކިއާ ބައްތި ފޯނުތައް ދޫކޮށް ދުނިޔެ ސްމާޓްފޯނުތަކަށް އަމާޒުހިފީ މޮބައިލް އިންޓަނެޓަށް އައި ފަސޭހަ ތަޖުރިބާކުރުމަށެވެ. ކޮމްޕިއުޓަރާއި ލެޕްޓޮޕުން ކުރިން ކުރި ބައެއް މަސައްކަތްތައް ސްމާޓްފޯނަށް ބަދަލުވީ ވެސް 4ޖީ އާ ހެދި އެވެ. މި ތަރުތީބުން މުވާސަލާތުކުރެވެމުން އައިސް ދުނިޔެ މިހާރު މިއޮތީ 5ޖީ ކަންމަތީގަ އެވެ.
މޮބައިލް ބޭންކިން އަދި ރޮބޮޓިކް ހާޓް ސާޖަރީ އަށް މަގުފަހިކޮށްދިނީ 4ޖީ އެވެ. މިދައްކަނީ ފައިސާއާ އިންސާނުންގެ ފުރާނައިގެ ވާހަކަ އެވެ. މިއީ ކިރިޔާ ވެސް ކުށެއްޖެހިއްޖެ ނަމަ ބަނގުރޫޓުވުމާއި ފުރާނަ ގެއްލިގެން ހިނގައިދާނެ ކަމަށް ދައްކަން އޮތް ހުއްޖަތެވެ. އެކަމަކު މިދެކަމުން ކުރެ އެއްވެސް ކަމެއްގައި ދައްކާ ހުއްޖަތަކުން ސަލާމަތްވެވޭ ގޮތެއް ނޯވެ އެވެ.
ސްމާޓް ސިޓީ އަކީ ވެސް އޮތް ތަސައްވުރެކެވެ. ޑްރައިވަރުންނާ ނުލައި ކާރުދުއްވުމާއި ޑްރޯން ޑެލިވަރީގެ ވާހަކަ ވެސް އެބަ ދެކެވެ އެވެ. ޓްރެފިކް މޮނީޓާކުރުމާއި އާދަޔާ ޚިލާފަށް އުދައަރާތޯ ވެސް އެބަ ބަލަމެވެ. އަލިފާނުގެ ހާދިސާތަކުން މީހުންނާއި މުދާ ސަމާމަތްކުރުމަށް ޑްރޯން ބޭނުންކުރާ ވާހަކަ ވެސް އެބަ ދައްކަމެވެ. ދިރިއުޅުމުގެ ފެންވަރު މިހިސާބަށް ގެންދިއުމަށް "ގުޅުމަކަށް" ބޭނުންޖެހެ އެވެ. މުވާސަލާތީ ޖީލުތައް ބަދަލުކުރަނީ މި ބުނި ގުޅުން އުފައްދައި ގާއިމުކުރުމަށެވެ.
ދުނިޔޭގެ އާބާދީ އިތުރުވަނީ އެވެ. އުޅަނދުފަހަރު ގިނަވަނީ އެވެ. ހެލިފެލިވެ އުޅޭ މީހުން ވެސް ގިނަވަނީ އެވެ. މަގުތައް ފުޅާކޮށް ފަސޭހަކަމާ އެކު އާބާދީތަކަށް ދަތުރުފަތުރުކުރުން ތަނަވަސްކޮށްދޭން ޖެހެ އެވެ.
އާބާދީ އިތުރުވާ ނިސްބަތުން ދުނިޔެއިން ލިބެން ހުރި ވަސީލަތްތައް ވެސް އިތުރުކުރަން ޖެހެ އެވެ. ކެއިންބުއިމާއި ދަތުރުފަތުރު ފަސޭހަ ނިޒާމަކަށް ފައްތަން ޖެހެ އެވެ. އިންޓަނެޓަށް އޮންނަ ޑިމާންޑަށް ބަލައި ދުވެލި ބާރުކުރަން ޖެހެ އެވެ. ޑައުންލޯޑް/ އަޕްލޯޑްކުރުން، މޮބައިލް ގޭމިން އަދި އޮންލައިން މީޓިންތައް – ބީހިލާފައިދާ ވައިރޯޅިއެއްހެން ހިނގައިދާން އެދެވެ އެވެ. މުވާސަލާތީ ޖީލު ބަދަލުކޮށް 5ޖީ ޓެކްނޮލޮޖީ އާންމުކޮށްގެން ނޫން ގޮތަކަށް މިކަންކަން ކުރެވޭނެ އެހެން ގޮތެއް އަދި މި ވަގުތަކު ނެތެވެ.