ޑްރޯންތައް ބިމުން އުފުރި ބޯމައްޗަށް އުދުހި އަރާ ކުރަހާލާ ފޮތޯތަކަށް ބަލަން މިތިބީ ހެވިފަ އެވެ. މިއީ ދުވަހަކު ވެސް މަންޒަރުތައް ތަސައްވުރުކުރެވުނު ގޮތެއް ނޫނެވެ. ބޯމަތިން ފޮޓޯނެގުމަކީ މި ޖީލަށް މުޅިން އާކަމެކެވެ. ޑްރޯން ފޮޓޯތަކުން އަސްލާ ހުވަފެނާ އޮޅި ބަޔާންކޮށްދޭން ވެސް ދަތި އެވެ.
މިއީ ޗާބީހުސްވަންދެން އެނބުރި އެނބުރި އޮންނަ ކުޅޭ އެއްޗެއް ނޫނެވެ. އަމިއްލައަށް ވިސްނުމާއި ކުޅަދާނަކަން ދިރުން ނެތް އެއްޗަކަށް ނަގުލުކުރުމުން ވާނެ ގޮތް ޑްރޯންތަކުން މި ފެންނަނީ އެވެ.
އިންސާނުންގެ ހަޔާތަށް ޑްރޯންތައް ވަދެގަނެ ވަނީ ހިތްތައް ފަތަހަކޮށްފަ އެވެ. ޑްރޯންގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުވެ، އެއިން ނުކުރެވޭ އެއްވެސް ކަމެއް މިހާރަކު ނެތެވެ.
ހުދު ދޮޮންވެލި ގޮނޑުދޮށުގައި، ރާޅުޖަހާފަށުގައި ހަފުލާތަކަށް މަރުހަބާ އެވެ. ވީޑިއޯ ޖާނަލިސްޓުންނާއި ޑޮކިއުމެންޓްރީ އުފައްދާ މީހުންނަށް ވެސް އަތްނުފޯރާ ފަށުން މަންޒަރުތަކަށް ހުރަހެއް ނެތެވެ.
ޒަމާން ތަޖުރިބާކުރި ކާރިސާތަކުގައި މީހުންނަށް އެހީތެރިވުމުގައި ޑްރޯންތަކުން ބުރަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އިމަޖެންސީ ހާލަތްތަކުގައި ކާބޯތަކެއްޗާއި ބޭހަށްޖެހިފައި ތިބި ދުރު އާބާދީތަކަށް ޑްރޯންތައް ވެފައި ވަނީ ތަންމިނަށް ދަމާލެވޭ އެހީތެރިކަމުގެ އަތްތަކަކަށެވެ.
ގޭބިސީތަކާއި ސިނާއީ މަރުކަޒުތަކުގެ ސެކިއުރިޓީ ބެހެއްޓުމާއި ޑެލިވަރީކުރުން، ސާވޭކުރުން އަދި ޕޮލިހުންގެ ދައުރުވެސް ޑްރޯން އަދާކުރެ އެވެ. މިއިން ކޮންމެ ކަމަކުން ވެސް ފެންނަނީ ޑްރޯންގެ ރަހުމަތްތެރިކަމާއި އެކުވެރިކަމެވެ.
އެމެރިކާ ސިފައިން އަފުޣާނިސްތާނުގައި ޑްރޯންތައް ބޭނުންކުރީ ވަރަށް ސިއްރުންނެވެ. އާންމުނަށް ހީވެފައި އޮތީ އެއީ ހަނގުރާމަވެރިންގެ ފިޔަވަޅު ގުނަން އެމެރިކާ ސިފައިން ގެންގުޅޭ ކުޅޭ އެއްޗެހި ކަމަށެވެ. އެހެން ނަމަވެސް ޖާސޫސްކުރުމާއި ބޮންއަޅަން ހަތިޔާރު އުފުލާ އުޅަނދަކަށް ޑްރޯންތައް ބަަދަލުވުމުން – ޑްރޯންގެ ނުފުށަށް ވަނީ ސަމާލުވާންޖެހިފަ އެވެ.
އަޒަރުބައިޖާންގެ ނަގޯނޯ ކަރަބާޚް އަރުމޭނިއާ އަތުން ހޯދުމަށްޓަކައި މިދާކަށް ދުވަހު ކުރި ހަނގުރާމައިގައި، އަޒަރުބައިޖާނުން މިލިޓަރީ ޑްރޯން ބޭނުންކޮށްފައިވެ އެވެ. މިއީ މިހާ ފާލުކަން ބޮޑު ގޮތެއްގައި، ހަނގުރާމައެއްގައި ޑްރޯން ބޭނުންކުރާތީ އާންމުކުރި ފުރަތަމަ ފަހަރެވެ. ޓުރުކީއާ އިޒްރޭލުގައި އުފައްދާފައި ހުރި ޑްރޯންތަކުން 15 ކިލޯ ބޮން އުފުލައި، ހަވަޔަށް އަރައި ދުޝްމަނުންގެ މައިދާންތައް ދުމަށް ހަދައި އެނބުރި އަންނަތަން ވަނީ ދައްކާފަ އެވެ.