ސޯޝަލް މީޑިއާގެ ތަފާތު ގިނަ އެޕްލިކޭޝަން ތަކާއި ވެބްސައިޓް ތަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑް ނުވަތަ ދާއިމީކޮށް ބްލޮކް ކޮށްފިއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯރމް ތަކުން މިގޮތަށް އަމަލުކޮށްފައި ވަނީ އެމެރިކާގެ ރިޔާސީ ދައުރު ނިމި އައު ދައުރަށް ޓްރާންޒިޝަން ދަނޑިވަޅުގެ ތެރޭގައި އެގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެކަން ކުރުމަށް ހިއްވަރުދޭފަދަ ގޮތަކަށް އިންތިހާބުން ނާކާމިޔާބުވި ޓްރަމްޕް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުއްރައްވާފައިވާތީ އެވެ. މިހާތަނަށް 14 އަށް ވުރެއްގިނަ ވެބްސައިޓް ތަކާއި ސޯޝަލް މީޑީއާ އެޕްލިކޭޝަން ތަކުން ޓްރަމްޕް އަށް ނިސްބަތްވާ އެކައުންޓްތައް ވަނީ ރިމޫވް ކޮށްފައި ނުވަތަ ކޮންމެވެސް މިންވަރެއްގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.
އެންމެ ފުރަތަމަ ޓްރަމްޕް ގެ ސޯޝަލް މީޑީއާ އެކައުންޓް އާއި ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ މިދިޔަ ބުދަ ދުވަހު ޓްވިޓަރ އިން ނެވެ. އޭރު ޓްރަމްޕް ގެ ޓްވިޓަރ އެކައުންޓް 12 ގަޑިއިރަށް ސަސްޕެންޑް ކޮށް ޓުވިޓަރ ގެ ސިޔާސަތު ތަކާއި އިތުރަށް ހިލާފުވާނަމަ ދާއިމީކޮށް އެކައުންޓް ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ފަހުން ވަނީ ހަމަނުޖެހުން އުފެއްދުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާފާނެ ކަމަުގެ ނުރައްކާ އޮތުމުގެ ސަބަބުން ޓްރަމްޕް ގެ ޓުވިޓައި އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކޮށްފައެވެ. ޓްރަމްޕް ގެ އެކައުންޓް ސަސްޕެންޑް ކުރެވުނު އިރު އެ އެކައުންޓް އިން 57،000 ވަރަކަށް ޓްވީޓް ކޮށްފައިވެއެވެ.
ޓްވިޓަރ އަށްފަހު ފޭސްބުކް އިންވެސް ވަނީ ޓްރަމްޕް ގެ އެކައުންޓް 2 ހަފްތާ ވަންދެން ސަސްޕެންޑް ކުރުމަށް ނިންމާފަވެއެވެ. އެއީ ޓްރަމްޕް ގެ ރިޔާސީ ދައުރުގައި ބާކީ އޮތް ހުރިހާ ދުވަހަކުހެން އެ ޕްލެޓްފޯމް ބޭނުން ނުކުރެވޭ ގޮތް ހެދުމަށެވެ. ފޭސްބުކް އެކޭ އެއްގޮތަށް އިންސްޓަގްރާމް އިން ވެސް ވަނީ ފިޔަވަޅު އާޅާފައެވެ.
ލައިވް ސްޓްރީމިންގް ޕްލެޓްފޯރމް ޓްވިޗް އަދި އީކޮމާސް ޕްލެޓްފޯރމް ޝޮޕިފައި އަދި ޕޭޕަލް އިން ވެސް ޓްރަމްޕް ނުވަތަ ޓްރަމްޕް ގެ ނަމުގައި ހިންގާ އެކައުންޓް ތައް ބްލޮކް ކޮށްފައިވެއެވެ. އަދި ސްނެޕް ޗެޓް، ޓިކްޓޮކް، ރެޑިޓް އަދި ޕިންޓްރެސްޓް ފަދަ އެޕްލިކޭޝަން ތަކުންވެސް ޓްރަމްޕް އަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
ޔޫޓިއުބް އިން ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ސަރަހައްދާއި އެތެރޭގައި ހިންގި ހަމަނުޖެހުން ތަކާއި އިންތިހާބާއި ގގުޅިގެން ދޮގު ހަބަރު ފަތުރާ އެތަކެއް ހާސް ވީޑިއޯ އެއް ފޮހެލާފައެވެ. އަދި ފޭކް ހަބަރު ފަތުރާ ޔޫޓިއުބް ޗެނަލް ތަކަށް އިންޒާރެއް ދިނުމެއް ނެތި ބްލޮކް ކުރާނެ ކަމަށް ވެސް ޔޫޓިއުބް އިން ބުނެފައި ވެއެވެ.
ޓްރަމްޕް ގެ އެކައުންޓްތައް ބްލޮކް ކުރުމުގެ އިތުރުން މިނިވަން ހިޔާލުގެ ޕްލެޓްފޯރމް އެއް ކަމުގައިވާ ޕާލާ ވަނީ އެޕަލް، ގޫގަލް އެޕްސްޓޯރ ތަކުން ބޭރުކޮށްފައެވެ. މީގެ އިތުރުން އެމޭޒަންގެ ސާރވާ ތަކުންވެސް ޕާލާ ބޭރުކުރުމަށް އެކުންފުނިންވެސް ވަނީ ނިންމާފައެވެ. ޕާލާ އަކީ ޓްރަމްޕްގެ ސަޕޯޓަރުންގެ މެދުގައި އިންތިހާއަށް މަޤްބޫލު އެޕްލިކޭޝަން އެކެވެ. އަދި ޓްވިޓަރ އިން ޓްރަމްޕް ބްލޮކް ކުރުމާއި އެކު ހަމަނުޖެހުން އިންތިޒާމު ކުރުމަށާއި އިތުރަށް ގޯސް ކުރުމަށް ހިއްވަރު ދިނުމަށް ޕާލާ ބޭނުން ކޮށްފައިވެއެވެ.
ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ތަފާތު ހިޔާލުފާޅުކުރާ ރައީސެއްގެ ގޮތުގައި ހިމެނިފައެވެ. ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ޓްރަމްޕް ގެ އެކައުންޓްތައް ސޯޝަލްމީޑިއާ ޕްލެޓްފޯރމް ތަކުން ބްލޮކް ކުރުން ވެގެން ގޮސްފައި ވަނީ މިނިވަން ހިޔާލު ތަކަށް ހުރަސް އެޅުމުގެ ހަރަކާތެއްގެ ގޮތުގައެވެ. އެހެން ނަމަވެސް މިފަދަ ގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯރމް ތަކުން ވަނީ އަނިޔާ އަށް ހިއްވަރު ދިނުމާއި ޓެރަރިޒަމް އަދި ޗައިލްޑް ޕޯނޮގްރަފީ ފަދަ ކަންކަން ފަތުރުރާ ފަރާތްތައް އަބަދުވެސް އެޕްލެޓްފޯރމް ތަކުން ބޭރުކުރަމުން ގޮސްފައެވެ.
ޓްރަމްޕް އަށް މިވަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރުމަށް ދަތި ދުވަސްތަކެއް ކުރިމަތި ވެފައެވެ. 2024 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ނުކުންނަށް ވާއިރަށްވެސް ފަސޭހަ ވެދާނެބާއޭ ސުވާލު އުފެދެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.