ގަރލްސް ޓު ކޯޑް ތިނަދޫ ޕްރޮގްރާމް ނިންމާލައިފި

ހިންދު ޢަލީ 31 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން މި އަހަރުގެ 12 ޖެނުއަރީ އިން ފެށިގެން 15 މާރިޗާއި ހަމައަށް ކުރިއަށް ގެންދިޔަ ގަރލްސް ޓު ކޯޑް ތިނަދޫ ސީރީސްގެ ދެވަނަ ޕްރޮގްރާމް ނިންމުމުގެ ހަފްލާ ވާރޗުއަލްކޮށް ބާއްވައިފިއެވެ. މި ހަފްލާގައި ޕްރޮގްރާމްގެ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން އަދި ދިރާގުގެ އިސްވެރިންނާއި ވިމެން އިން ޓެކްގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ހަފްލާގައި، ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ވަނީ ހަވާލު ކުރެވިފައެވެ. އަދި ކޯހުގެ ބައެއްގެ ގޮތުގައި ދަރިވަރުން ތައްޔާރުކުރި ވެބްސައިޓްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ 3 ވެބްސައިޓްވެސް ދައްކާލެވުނެވެ. މިއަހަރު ހިންގުނު މިޕްރޮގްރާމްގައި 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިންގއަށް މުޅިން އައު، ޖުމްލަ 17 ދަރިވަރުން ވަނީ ގދ. ތިނަދޫ އިން ބައިވެރިވެފައެވެ.

ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ގާލްސް ޓު ކޯޑް ތިނަދޫ ޕްރޮގްރާމްގައި ބައިވެރިވެ ފުރިހަމަ ކުރި ކުދިންނަށް ދިރާގުގެ ފަރާތުން ޑައިރެކްޓަރ ކޯޕަރޭޓް ސަރވިސަސް އަލްފާޟިލާ އާތިފާ ޢަލީ މަރުހަބާ ދެންނެވިއެވެ. އަދި ޕްރޮގްރާމުގައި ދަސްވި ހުނަރުތަކާއެކު އެކުދިން މުސްތަގުބަލުގައި ކުރިއަށްދާނެކަމަށް އުންމީދުކުރާ ވާހަކަ ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ދިރާގާއި ގުޅިގެން ވިމެން އިން ޓެކް މޯލްޑިވްސް އިން ޓެކް ދާއިރާގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށް މަރުހަބާ ދެންނެވިއެވެ.

އަންހެން ކުދިންގެ އައިސީޓީ ހުނަރު އިތުރުކުރުމަށް ހިންގި މިޕްރޮގްރާމްގެ ނަތީޖާ ވަރަށް ރަނގަޅަށް ހާސިލްވީ ކަމަށް ކޯހުގައި ކިޔަވާދެއްވި އާމިނަތު ފަރުޝާނާ ވިދާޅުވިއެވެ. އެކަން ދޭހަވަނީ ޕްރޮގްރާމްގެ ބައިވެރިން މިކަން ދަސްކުރުމަށް ހުރި ޝައުގުވެރިކަމާއި ދަސްކުރެވުނު މަޢުލޫމާތުގެ ބޭނުން ހިފައިގެން ތައްޔާރުކުރެވުނު ވެބްސައިޓްތަކުގެ ފެންވަރުގެ ސަބަބުންނެވެ. އަދި ޕްރޮގްރާމްގެ ބައިވެރިން މިކަން ދަސްކުރުމަށް ކުރި ހިއްވަރަށް ސާބަސް ދެއްވާ، މުސްތަގްބަލުގައިވެސް މިކަމުން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެކަމާއި އުފާކުރާކަމަށްވެސް ވިދާޅުވިއެވެ.

ޕްރޮގްރާމްގެ ޝަރަފުވެރި މެހެމާނު، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުޙައްމަދު ޝިފާޒު، ޕްރޮގްރާމްގެ ބައިވެރިންނަށް ދެއްވި މެސެޖުގައި ވިދާޅުވީ މި ޕްރޮގްރާމުން ދަސްކުރެވުނު ކޯޑިންގ ސްކިލްއަކީ ކުދިންގެ މުސްތަގްބަލުގައި ވަޒީފާއަކާ ހަމައަށް ދާއިރުގައި ވެސް ނުވަތަ އަމިއްލަ މަސައްކަތެއް ކުރިނަމަވެސް ފައިދާހުރި އަދި ބޭނުން ހިފޭނެ ހުނަރެއްކަމަށެވެ. އަދި ކޯޑިންނާއި ޓެކްނޮލޮޖީގެ ހުނަރަކީ ކުދިންގެ ވިސްނުން އިތުރަށް ތަރައްގީ ކުރުމަށް ލިބިދޭ ބާރެއްކަމަށެވެ.

ބައިވެރިވި ދަރިވަރުންގެ ފަރާތުން މަރިޔަމް ދީމާ ޙަސަން މި ހަފްލާގައި ވާހަކަ ދެއްކިއެވެ. ދީމާ ބުނި ގޮތުގައި ކޯޑިންގ އަކީ ވަރަށް އުނދަގޫ ހުނަރެއްކަމަށް ކުރިން ހީކުރިނަމަވެސް މިޕްރޮގްރާމުގެ ޒަރީއާއިން މިހުނަރު ދަސްވިކަމަށްޓަކައި އުފާކުރެއެވެ. އަދި މިޕްރޮގާމުން ވަރަށް ގިނަ އައު ކަންތައްތަކެއް ދަސްވެއްޖެކަމަށާއި، ކޯޑިންގ އާއި ޕްރޮގްރާމިންގ އަކީ އަންހެން ކުދިންނަށް ކުރަން ވަރަށް ރަނގަޅު ކަމެއްކަމަށް ދީމާ ބުންޏެވެ. މިފަދަ ޕްރޮގްރާމެއް އަންހެން ކުދިންނަށް ހާއްސަކޮށްގެން ތިނަދޫގައި ހިންގީތީ ޝުކުރު އަދާކުރިއެވެ.

މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ހިންގާ ޕްރޮގްރާމެކެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.