އޮންލައިންކޮށް ހުރިހާކަމެއް ކުރާއިރު ކޮންމެ މީހެއްގެވެސް ވަރަށް ބައިވަރު އެކައުންޓުތަކެއް ހުރެއެވެ. އެއީ ސޯޝަލް މީޑިއާ އެކައުންޓުތައް ނުވަތަ މަސައްކަތްކުރުމަށް ބޭނުންކުރާ އެކައުންޓުތައް ކަމުގައިވިޔަސް، ހުރިހާ އެކައުންޓުތަކުގެ ޕާސްވޯޑް ހަދާން ބެހެއްްޓުމަކީ ވަރަށް އުނދަގޫ ކަމަކަށް ގިނަ ފަހަރު މިވަނީ ވެފައެވެ.
މި ހުރިހާ އެކައުންޓުތަކުގައި އެއް ޕާސްވޯޑެއް ޖަހައިގެން ގެންގުޅުމަކީވެސް ރައްކާތެރިކަމެއް ނޫނެވެ.
މިހާރު ވިންޑޯޒް އަދި މެކް.އޯއެސް ގެންގުޅޭ ފަރާތްތަކަށް ދިގު ޕާސްވޯޑް ޖެހުމުގެ ބަދަލުގައި އެހެން ގޮތެއް ޙިޔާރުކުރުމަށް މިވަނީ މަގުފަހި ވެފައެވެ. ބައޯމެޓްރިކް (މޫނުގެ ސޫރަ، ނުވަތަ އިނގިލީގެ ނިޝާންގެ އެހީގައި ފޯނުފަދަތަކެތި ހުޅުވާލެވޭ ގޮތެއް) ބޭނުންކޮށްގެން ފޯނު އަދި ލެޕްޓޮޕް ފަދަ ތަކެތި މިހާރު ފަސޭހަ ކަމާއެކީ ހުޅުވާލެވެއެވެ.
ވިންޑޯޒް ހެލޯއަކީ ވިންޑޯޒް-ޓެން އަޅާފައިވާ ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރުގައި ޕާސްވޯޑްގެ ބަދަލުގައި ބޭނުންކޮށްލެވޭނެ އާ ގޮތެކެވެ.
ވިންޑޯޒް ހެލޯގެ އެހީގައި ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރު ގެންގުޅޭ މީހެއްގެ މޫނުގެ ސޫރައިގެ ފޮޓޯ ނަގައި ކެމެރާގެ އެހީގައި ރައްކާކުރެވެއެވެ. އަދި ސިސްޓަމަށް ވަންނަ ގަޑިތަކުގައި ޕާސްވޯޑުގެ ބަދަލުގައި އެމީހަކު ސިސްޓަމްގެ ކެމެރާ ކުރިމަތީ ހުއްޓުމުން ހުޅުވައިދޭނެއެވެ.
ހަމަ މިގޮތަށް އިނގިލީގެ ނިޝާން ނަގައި ރައްކާކުރުމަށްފަހު ފިންގާޕްރިންޓް ސްކޭނާއެއްގެ އެހީގައި ސްކޭން ކުރުމުން ސިސްޓަމަށް ލޮގިންކޮށްދެއެވެ.
މި ދެގޮތުގެ އިތުރަށް ދެން ވިންޑޯޒްއިން ތަޢާރަފްކޮށްފައިވަނީ ވިންޑޯޒް ހެލޯ ޕިންއެވެ. މިއީ ދިގު ޕާސްވޯޑެއް ޖެހުމުގެ ބަދަލުގައި ހަތަރު ނަންބަރުގެ ކުރު ޕިންއެއް ޖަހައި އޭގެ އެހީގައި ސިސްޓަމަށް ވަދެލެވޭ ގޮތެކެވެ. އިތުރު އެހެން ގޮތެއްކަމުގައި ފާހަނގަ ކުރެވެނީ ޔޫ.އެސް.ބީ އެއް ޖެހުމަށްފަހު ސެކިއުރިޓީ ކީ އެއްގެ އެހީގައި ސިސްޓަމް ހުޅުވާލެވޭ ގޮތެވެ.
މެކް.އޯ.އެސްއިން އަދި އައި.އޯ.އެސްއިން؛ އެޕަލް އައި.ފޯނު، ލެޕްޓޮޕް، އަދި އައިޕެޑްތަކުގައި ޓަޗް އައި.ޑީ ބޭނުންކުރުންވަނީ ގާއިމްކުރެވިފައެވެ. ނަމަވެސް މިވަގުތު ކީބޯޑުގައި އިނގިލީގެ ނިޝާން ސްކޭންކުރެވެނީ އެޕަލް ލެޕްޓޮޕްތަކުގެ ތެރޭގައި މެކްބުކް އެއާ އަދި މެކްބުކް ޕްރޯގައި އެކަންޔެވެ.
އެޕަލް ޑިވައިސްތަކުގައި ކޮންމެ މީހަކަށް ތިން އިނގިލީގެ ނިޝާން ރައްކާކޮށް ބޭނުންކޮށްލެވެއެވެ.
ފަހުގެ އެޕަލް ފޯނުތަކުގައި ހިމަނާލައިފައިވަނީ ފޭސް އައި.ޑީ (މޫނުގެ ސޫރަ) ބޭނުންކޮށްގެން ލޮގިން ކޮށްލެވޭ ގޮތެވެ. ފޭސް އައި.ޑީވެސް މިހާރު އެޕަލްއިން ދަނީ އިތުރަށް ތަރަށްޤީކޮށް މާސްކު ފަދަތަކެތި އަޅައިގެން ހުއްޓަސް އެޕަލް ގަޑި މެދުވެރިކޮށް ފޯނު ހުޅުވާލެވޭގޮތް ހެދުމަށް މަސައްކަތް ކުރަމުންނެވެ.
އެންޑްރޮއިޑް ފޯނުތަކުގައިވެސް މިހާރު ޕާސްކޯޑުގެ އިތުރަށް ފޭސް އައި.ޑީ އަދި އިނގިލީގެ ނިޝާން ބޭނުންކޮށްގެން ވަދެލެވެއެވެ. ގޫގަލް ޕިކްސަލް ފޯނުތަކުގައި ފޭސް އަންލޮކް ސެޓިންއެއްވެސް މިހާރު އެކުލެވިފައިވެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.