ނެކްސްޓްޖެންގަރލްސް ވަރޗުވަލް އިނޮވޭޝަން ޓުއަރ ކާމިޔާބު

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

2021 ވަނަ އަހަރުގެ އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ވިމެން އިން ޓެކް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމް.އެމް.އޭ) އާއި ގުޅިގެން "ނެކްސްޓްޖެންގަރލްސް" ގެ ނަމުގައި ކުރިޔަށް ގެންދިޔަ ވަރޗުވަލް ޓުއަރ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިހަރަކާތް ކުރިޔަށް ގެންދިޔައީ އެޕްރީލް 20، 21، 22 ވަނަ ދުވަހު ރާއްޖޭގެ ސާނަވީ އަދި މަތީ ސާނަވީ ކުދިންނަށް އަމާޒުކޮށްގެން ވަރޗުއަލްކޮށްނެވެ. މި ހަރަކާތް ކުރިޔަށް ގެންދިޔައީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެހީއާއި އެކުގައެވެ.

މިއިވެންޓްގައި ކުދިންނަށް މަޢުލޫމާތު ދިނުމަށް ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ގޮތަށް 11 އިދާރާއެއް ބައިވެރިވިއެވެ. މިގޮތުން ބައިވެރިވި އިދާރާތަކަކީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އުރީދޫ، އެމް.އެމް.އޭ، ލޮޓީފައިލްސް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ބޭންކް އޮފް މޯލްޑިވްސް، ޓްރޭޑްނެޓް، އެލައިޑް އިންޝުއަރެންސް، ލޫޕްކްރާފްޓް އަދި ދިރާގު އެވެ. މިޕްރޮގްރާމްގައި މީގެން ކޮންމެ އިދާރާއަކުން، ގްރޭޑް 7 އާއި 12 އާއި ދެމެދުގެ އަންހެން ކުދިންނަށް އަމާޒުކޮށް ވަރޗުއަލް ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިސެޝަންތަކުގައި ރާއްޖޭގެ 20 އަތޮޅަށް ނިސްބަތްވާ 40 ސްކޫލުން 1400 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ.

ފެސިލިޓޭޓަރސްގެ ގޮތުގައި ބައިވެރިވި އިދާރާތަކުން އެއިދާރާތައް ހިންގުމުގައި ޓެކްނޮލޮޖީގެ ދައުރާއި ޓެކްނޮލޮޖީ ދާއިރާގެ އެކިއެކި ރޯލުތަކުގައި މީހުންގެ ކުރާ މަސައްކަތާއި ވަޒީފާގެ މައުލޫމާތު ދިނެވެ. އަދި މިދާއިރާއަށް ވަނުމަށް ބޭނުންވާ ކުދިން އެކަމަށް ތައްޔާރުވާނޭ ގޮތާއި ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ދެވުނެވެ. އަދި އިދާރާތަކުގައި މަސައްކަތް ކުރާ އަންހެނުންގެ ތަޖުރިބާ ޙިއްސާކޮށް ކުދިންގެ ހުރި އެކި ސުވާލުތަކަށް ޖަވާބު ދިނެވެ. އިދާރާތަކުގައި ހުރި އެކިއެކި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ މިދާއިރާއަށް ގިނަ އަންހެން ކުދިން ވަނުމަށް ބާރު އެޅިއެވެ. އަދި ހަމަ މިއާއި އެކު އައިސީޓީ ދާއިރާގައި ދިވެހިން އުފައްދާފައި ހުރި ތަފާތު އެކި އުފެއްދުންތައްވެސް ދައްކާލިއެވެ.

ވިމެން އިން ޓެކް މޯލްޑިވްސްއާއި ގުޅިގެން ރާއްޖޭގައި އީޖާދީ އަދި އުފެންދުންތެރި ޖީލެއް ބިނާ ކުރުމަށް ކުރެވޭ މިފަދަ މުހިއްމު މަސައްކަތެއްގައި ބައިވެރިވުމަކީ އެމްއެމްއޭ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ފަޚުރެއް ކަމަށް އެ އިދާރާއިން ގަބޫލުކުރެއެވެ. އެމްއެމްއޭއަކީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް އަބަދުވެސް މަސައްކަތް ކުރާ އިދާރާއެއް ކަމަށާއި އަދި ރާއްޖޭގެ ނިސްބަތުންވެސް އެކި ފަންތިތަކުގައި އަންހެނުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީފައި އޮތްތަނެއް ކަމަށްވުމާއެކު, މިފަދަ ހަރަކާތްތައް މުސްތަގުބަލުގައިވެސް ވިމެން އިން ޓެކް މޯލްޑިވްސް އާއި ގުޅިގެން ހިންގުމަށް އުއްމީދުކުރކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މި އިވެންޓްގައި ބައިވެރިވި ކުދިން ފާހަގަ ކުރިގޮތުގައި މިޕްރޮގްރާމުން އެކުދިންނަށް އައިސީޓީ ދާއިރާގައި އަންހެންކުދިންގެ ދައުރު އަދި ކުރިން ނޭނގޭ އެތައް މައުލޫމާތު ލިބި މިދާއިރާގެ ކުރިޔަށް ދިޔުމުގެ މަގު ހޯދަން ސިކުނޑި ތަނަވަސްވިއެވެ.

ވިމެން އިން ޓެކް މޯލްޑިވްސް އިން ދެކޭ ގޮތުގައި ނެކްސްޓްޖެން ގާލްސް ވާރޗުއަލް ޓުއަރ މިއިވެންޓަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި މަޢުލޫމާތުތަކެއް ޙިއްސާ ކުރެވިގެން ދިޔަ އިވެންޓެކެވެ. މިޕްރޮގްރާމްގައި ހިއްސާކުރެވުނީ މުސްތަޤްބަލުގައި މަސައްކަތުގެ މާޙައުލަށް ނިކުންނަން ތައްޔާރުވަމުން އަންނަ ދަރިވަރުންނަށް ކެރިއަރ އިޚްތިޔާރުކުރުމަށް ބޭނުންވާނޭ އަގުހުރި މަޢުލޫމާތެވެ. މިފަދަ ޕްރޮގްރާމްތަކުގެ ޒަރީއާއިން މިދާއިރާގައި ކުރިއަށްދެވެން ހުރި ފުރުސަތުތަކަށް ކުދިން އަހުލުވެރިކުރުވައި ކެރިއަރއެއް ގޮތުގައި އައި.ސީ.ޓީ ޚިޔާރުކުރާ އަންހެން ކުދިން މުސްތަގުބަލުގައި އިތުރުވެގެން ދިޔުމަކީ ވިމެން އިން ޓެކް މޯލްޑިވްސްގެ އުންމީދެވެ.

މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ އަންހެންކުދިންނަށް އަމާޒުކޮށް، އައި.ސީ.ޓީ ދާއިރާގައި ހުރި ފުރުސަތުތައް އަންގައިދިނުމާއި، މިދާއިރާގެ އެކި އެކި ވަޒީފާތަކުގައި ކުރާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ އިތުރުން ވަޒީފާ ނުވަތަ މަތީ ތަޢުލީމުގެ ދާއިރާ ޚިޔާރުކުރުމުގައި އައިސީޓީ ދާއިރާ ޚިޔާރުކުރުމަށް ބާރުއެޅުމެވެ.

އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަހަކީ އިންޓަރނޭޝަނަލް ޓެލެކޮމް ޔޫނިއަން (އައި.ޓީ.ޔޫ) އިން ކޮންމެ އަހަރަކު، ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. މިއީ މިދުވަސް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ 10 ވަނަ އަހަރެވެ. މިދުވަސް ފާހަގަ ކުރުމުގެ މަގްސަދަކީ އަންހެންކުދިންނާއި އަންހެނުންގެ މެދުގައި އައިސީޓީ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ, އެރޮނގުން މަތީ ތަޢުލީމާއި ވަޒީފާ ޚިޔާރުކުރުމަށް އެންހެން ކުދިންނަށް ހިއްވަރުދިނުމެވެ. މިދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 4 ވަނަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން މިއަހަރު މިދުވަސް ފާހަގަކުރީ 22 އެޕްރީލް ގައެވެ.

ރާއްޖޭގައި މިދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ވިމެން އިން ޓެކް މޯލްޑިވްސްއިން މިދުވަސް ފާހަގަކުރުމުގެ ގޮތުން އެކި ހަރާކަތްތައް ހިންގައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދު ހިމެނޭގޮތަށް 25 ސްކޫލެއްގައި އެސެމްބްލީގައި ކަމާގުޅޭ މަޢުލޫމާތު ދިނުމާއި، އެކި އެކި ކުންފުނިތަކާއި ގުޅިގެން، އެކުންފުނިތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި އަދި މިދާއިރާގެ އެކި އެކި ޓްރެއިނިންގ ސެޝަންތައް ހިންގާފައިވެއެވެ.

މި އިވެންޓް ކުރިޔަށް ގެންދިޔައީ މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންޓަރނޭޝަނަލް ޓެލެކޮމް ޔޫނިއަން ހިންގާ އިވެންޓްތަކުގެ ބައެއްގެ ގޮތުގައެެވެ.

ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.