Download Logo
Copy Logo

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އަރުޝަދުއަށް އިނާމް ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

އަރުޝަދު: ކުޑައިރުގެ ޝައުޤުވެރިކަމުން ޓެކްނޮލޮޖީގެ އިސް މޭސްތިރިއަކަށް!

އަޙްމަދު ދާއޫދު 17 އޯގަސްޓު 2026

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކޮމްޕިއުޓަރ ސޮފްޓްވެއަރ އަދި އެޕްލިކޭޝަން އުފެއްދުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ކޯ-ފައުންޑަރ އަދި ޗީފް ޓެކްނޮލޮޖީ އޮފިސަރ (ސީ.ޓީ.އޯ) އަރުޝަދު އަޙްމަދަށް އަރުވާފައެވެ. މިއީ ސޮފްޓްވެއަރ އިންޖިނިއަރެއް، ސިސްޓަމް އާކިޓެކްޓެއް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރިސާޗަރެއްގެ ގޮތުގައި އޭނާ ރާއްޖޭގެ ޑިޖިޓަލް އިންޑަސްޓްރީއަށް ކޮށްދެއްވާފައިވާ 10 އަހަރަށްވުރެ ދިގު ޚިދުމަތުގެ އަގުވަޒަންކުރުމެވެ.

ޓެކްނޮލޮޖީގެ ދުނިޔެއަށް ފުރަތަމަ ފިޔަވަޅު

އަރުޝަދުގެ ހިތުގައި ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުޤުވެރިކަން އުފެދިގެން އައީ ވަރަށް ކުޑައިރުއްސުރެއެވެ. ތަޢުލީމު ހާސިލުކުރުމަށް ފުރަތަމަ މާލެ އައިސް، ކަޒިންމެންގެ ގޭގައި ހުރި ކޮމްޕިއުޓަރެއް ބޭނުންކުރަން ފެށި ހިސާބުން އުފެދުނު ޝައުޤުވެރިކަން އިތުރަށް ފުޅާވެ، ކޯޑުކުރަން ދަސްވީ އޯ ލެވެލްގައި ކޮމްޕިއުޓަރ ސްޓަޑީޒް ކިޔަވަން ފެށުމުންނެވެ.

މި ދާއިރާއިން ކުރިއަށް ދިއުމަށް އޭނާ ނިންމީ، އޭ ލެވެލްގައި ޑިގްރީ ސްކޮލަރޝިޕަކަށް ކުރިމަތިލުމަށްޓަކައި ދާއިރާއެއް ޚިޔާރުކުރަން ޖެހުނު ހިސާބުންނެވެ. އެންމެ ބޮޑަށް ޝައުޤުވެރިވީ ކޮމްޕިއުޓަރ ސައިންސްއަށެވެ. ސަބަބަކީ އެއީ ކޮންމެ އިންޑަސްޓްރީއެއްގައިވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށް ވުމާއި، އޭނާއަކީ އަބަދުވެސް ކަންކަމަށް ހައްލު ހޯދައި، 'ޕްރޮބްލަމް ސޮލްވް' ކުރާ ހިތްވާ މީހަކަށް ވުމެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އަރުޝަދުއަށް އިނާމް ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް


ތަޢުލީމީ ރަން ވަނަތަކާއި ޝަރަފުވެރި އިނާމުތައް

އަރުޝަދުގެ ތަޢުލީމީ އަދި މަސައްކަތުގެ ހަޔާތަކީ ގިނަގުނަ ކާމިޔާބީތަކަކުން ފުރިފައިވާ ހަޔާތެކެވެ. މީގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ކާމިޔާބީތައް ތިރީގައި އެވަނީއެވެ:

2009: އޯ ލެވެލް އިމްތިޙާނުގައި ކޮމްޕިއުޓަރ ސްޓަޑީޒް އިން މުޅި ދުނިޔެއިން 3 ވަނަ ހާސިލުކުރުން.

2016: މެލޭޝިއާގެ ނޮޓިންގހަމް ޔުނިވަރސިޓީން ކޮމްޕިއުޓަރ ސައިންސް ޑިގްރީން 1 ވަނަ (އަދި ބެސްޓް ފައިނަލް އިޔަރ ޕްރޮޖެކްޓް އެވޯޑް) ހާސިލުކުރުން.

2019: ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު (އަންޑަރގްރެޖުއޭޓް ކާމިޔާބީއަށް) ލިބުން.

2021: ވިޔަފާރިއާއި އިޤުތިޞާދުގެ ރޮނގުން ޒުވާނުންގެ ޤައުމީ އިނާމު ލިބުން.

2023: ޔުނިވަރސިޓީ އޮފް ސެއިންޓް އެންޑްރޫސް (ޔޫކޭ) އިން އޭއައި މާސްޓަރސް ކޯހުން 1 ވަނަ (އަދި ސްކޫލް އޮފް ކޮމްޕިއުޓަރ ސައިންސް އެވޯޑް) ހާސިލުކުރުން.

2025: ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެވަނަ ފަހަރަށް (ޕޯސްޓްގްރެޖުއޭޓް ކާމިޔާބީއަށް) ލިބުން.

2026: މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުން.

އަރުޝަދު، ޖަވާބު ޓީމާއެކު --- ފޮޓޯ: ޖަވާބު


ޖަވާބު އުފެދުމާއި ޤައުމީ ބޮޑެތި ޕްރޮޖެކްޓްތައް

2013 ވަނަ އަހަރު ފްރީލާންސް ޑިވެލޮޕަރެއްގެ ގޮތުގައި މަސައްކަތް ފެށުމަށްފަހު، 2016 ވަނަ އަހަރު އޭނާ އިސްވެ ހުންނަވައި "ޖަވާބު" ގެ ނަމުގައި އަމިއްލަ ކުންފުންޏެއް ވަނީ އުފައްދާފައެވެ. ސީ.ޓީ.އޯ ގެ ހައިސިއްޔަތުން ކުންފުނީގެ ޓެކްނިކަލް ވިޝަން ލީޑުކުރައްވައި، އޭނާ ވަނީ ޒުވާން ދިވެހި ޓީމެއް ބިނާކޮށްފައެވެ. މިއަދާ ހަމައަށް 100 އަށްވުރެ ގިނަ ވެބްސައިޓާއި، އިންފޮމޭޝަން ސިސްޓަމް އަދި މޮބައިލް އެޕްލިކޭޝަން ޑިވެލޮޕްކޮށްފައިވާއިރު، އޭގެ ތެރޭގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބޮޑެތި ޕްރޮޖެކްޓްތައް ހިމެނެއެވެ.

އަރުޝަދު ސިސްޓަމް އާކިޓެކްޓް އަދި ލީޑް ޑިވެލޮޕަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޮޑެތި ޕްރޮޖެކްޓްތަކުގެ ތެރޭގައި ވިޒިޓް މޯލްޑިވްސްގެ އޮފިޝަލް ވެބްސައިޓް، ޖޮބް ސެންޓަރ ވެބްސައިޓް، އީ-ޓުކުރި އީކޮމާސް ޕްލެޓްފޯމް އަދި ކިޔެވެނި އީ-ލަރނިންގ ޕޯޓަލް ފާހަގަކޮށްލެވެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ކުރިމަގުގެ ތަސައްވުރު

އާންމު ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ އިތުރުން އަރުޝަދު ދަނީ އޭއައި އަދި މެޝިން ލަރނިންގ ދާއިރާގައިވެސް މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ދިވެހި ބަހަށް ޚާއްޞަކޮށްގެން އުފެއްދި އޭއައި ޕްލެޓްފޯމް "ދިވެހިޖީޕީޓީ" ގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ލީޑުކުރެއްވީ އޭނާއެވެ.

އަރުޝަދު އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖެއިން ބޭރަށް އިންޓަނޭޝަނަލް ސޮފްޓްވެއަރ ޕްރޮޑަކްޓެއް ތަޢާރަފްކޮށް ކުރިއަށް ގެންދިއުމެވެ. މި ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި، މިހާރުވެސް ބޭރުގެ ބައެއް ފަރާތްތަކާ ގުޅިގެން އިންޓަނޭޝަނަލް ޕްރޮޑަކްޓްތަކެއް ޑިވެލޮޕް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ސިނާޢަތުގެ ޑިމާންޑާއި ހުރި ގޮންޖެހުންތައް

ރާއްޖޭގެ ޓެކްނޮލޮޖީ އިންޑަސްޓްރީގައި، ޚާއްޞަކޮށް އޭއައިގެ ދާއިރާއަށް މިހާރު ވަރަށް ބޮޑު ޑިމާންޑެއް އޮތްކަން އަރުޝަދު ފާހަގަކުރައްވައެވެ. އަދި ރާއްޖޭގެ މާކެޓަށް ޑިވެލޮޕް ކުރެވިދާނެ އެތައް ސޮފްޓްވެއަރ ޕްރޮޑަކްޓްތަކެއް އަދިވެސް އެބަހުރި ކަމަށް އޭނާ ގަބޫލުކުރައްވައެވެ. ނަމަވެސް، އޭނާ ދެކިލައްވާ ގޮތުގައި މި ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.

މައިގަނޑު ގޮންޖެހުންތައް:

ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގުމުގައި ދިވެހި ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަމަށް އަރުޝަދު ވިދާޅުވިއެވެ. އެގޮތުން މަސައްކަތް ނިމުމުން ވަގުތަށް ޕޭމަންޓް ނުލިބި ލަސްވުމަކީ ވިޔަފާރިތަކުގެ ދުވަހީ ހިންގުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމުގައި އޭނާ ބަޔާންކުރެއްވިއެވެ. މީގެއިތުރުން، ބޮޑެތި ޕްރޮޖެކްޓްތަކަށް ހުޅުވާލާއިރު ދިވެހި ކުންފުނިތަކަށް އެކަށީގެންވާ ފުރުޞަތު ނުދޭ މައްސަލައާއި، ބައެއް ބިޑްތަކުގެ އިންސާފުވެރިކަމާއި ވާދަވެރިކަން ގެއްލޭގޮތަށް އުސޫލުތައް ހުންނަކަންވެސް އޭނާ ހާމަކުރެއްވިއެވެ.

ހަމައެއާއެކު، ބައިނަލްއަޤްވާމީ މާކެޓްތަކަށް ވިޔަފާރި ފުޅާކުރުމަށް ބަލާއިރު، ޑޮލަރުން ފަސޭހައިން ފައިސާ ބަލައިގަނެވޭނެ ހަރުދަނާ ފައިނޭންޝަލް ގޭޓްވޭތަކެއް ނެތްކަމުގެ ކަންބޮޑުވުން އަރުޝަދު ފާޅުކުރެއްވިއެވެ. އަދި މި ދާއިރާއިން ބޭނުންވާ ފެންވަރުގެ ހުނަރުވެރިން ރާއްޖެއިން ފަސޭހައިން ލިބެން ނެތުމަކީވެސް ދާއިރާގެ ކުރިއެރުމަށް އެޅިފައިވާ ބޮޑު ހުރަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މިފަދަ ގޮންޖެހުންތަކާއެކުވެސް، އަރުޝަދު އަޙްމަދާއި ޖަވާބު ޓީމުން ސާބިތުކޮށްދެމުން ދަނީ ދިވެހި ޒުވާނުންނަށް ޓެކްނޮލޮޖީގެ މައިދާނުގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ އިންޤިލާބީ ބަދަލުތަކެއް ގެނެވިދާނެ ކަމެވެ.

ރާއްޖޭގެ ޑިޖިޓަލް އީކޯސިސްޓަމް ކުރިއެރުވުމަށް އޭނާ ކުރައްވާ މަސައްކަތްތަކަކީ އަންނަން އޮތް ޖީލުތަކަށް އޮތް ނަމޫނާއެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.