ސެޓެލައިޓް ޑިވެލޮޕްމަންޓަށް އަންހެން ކުދިން އަހުލުވެރި ކުރުމަށް އަމާޒުކޮށްގެން ހިންގާ ބައިނަލްއަގްވާމީ ހަރަކާތެއް ކަމަށްވާ މިޝަން ޝަކްތީސެޓްގެ 2 ވަނަ ފޭސްގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި އޭ ލެވެލްއަށް ކިޔަވަމުން އަންނަ ދަރިވަރު، އާމިނަތު ނޯޔާ ސަމީހް ހޮވިއްޖެ އެވެ. މިޕްރޮގްރާމް ކުރިއަށްދާނީ މިއޮގަސްޓް މަހުގެ 23 އިން 31 އަށް އިންޑިޔާގެ ނިއު ދިއްލީގައެވެ.
މިޝަން ޝަކްތީސެޓް އަކީ ސްޕޭސް ކިޑްސް އިންޑިޔާ އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިއީ އަންހެން ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އުއްމީދީ ސްޕޭސް އިވެންޓްތަކުގެ ތެރޭގައި ހިމެނޭ އިވެންޓެކެވެ. މިޕްރޮގްރާމްގައި 108 ގައުމަކުން 12،000 އަށް ވުރެ ގިނަ އަންހެން ކުދިން ބައިވެރިވެއެވެ.
މިޕްރޮގްރާމްގެ ފުރަތަމަ ފޭސްގައި ޕްރޮގްރާމްގެ ބައިވެރިވި ކުދިން ވަނީ ސްޕޭސް އިންޖިނިއަރިންގ އޭރިޔާގެ އެކި ބައިތަކާއި ގުޅޭ ފިލާވަޅުތައް އޮންލައިންކޮށް ފުރިހަމަކޮށްފައެވެ. އޭގެތެރޭގައި އޯބިޓަލް މެކޭނިކްސް އަދި ސެޓެލައިޓް ޕްރޮޕަލްޝަން ފަދަ މާއްދާތައް ހިމެނެއެވެ.
މިމަހުގެ 23 އިން 31 އަށް ކުރިއަށްދާނީ ޕްރޮގްރާމްގެ 2 ވަނަ ފޭސްއެވެ. މިބައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގޮތުން ހަނދުގެ ވަށައިގެން ދައުރުކުރުމަށް އަމާޒުކޮށް ޕްރޮގްރާމްގެ ބައިވެރިން ސެޓެލައިޓް އުފައްދާ އަދި ލޯންޗުކުރާނެއެވެ. މިޕްރޮގްރާމް އިންތިޒާމްކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި މިޕްރޮގްރާމުގެ އެންމެ މުހިއްމު އަމާޒަކީ ޒުވާން އަންހެން ކުދިން ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި ހިސާބު ފަދަ ދާއިރާތަކަށް ޝައުގުވެރިކުރުވާ، މިދާއިރާތަކުގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމެވެ.
ދިވެހިރާއްޖޭގެ ފަރާތުން މިޕްރޮގްރާމްގައި ނޯޔާ ބައިވެރިވާކަން އިއުލާނު ކޮށްފައިވަނީ ވިމެން އިން މެނޭޖްމަންޓް (ވިމް) އިން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. ނޯޔާ އަކީ ސައިންސާއި ކޮމްޕިއުޓަރ ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކުއްޖެކެވެ. ނޯޔާ ވަނީ މީގެ ކުރިންވެސް ސައިންސް އެންޓް ޓެކްނޮލޮޖީގެ އެކި ބާވަތުގެ ހުނަރު އިތުރުކުރުމަށް ގިނަ ޕްރޮގްރާމްތަކެއްގައި ބައިވެރިވެފައެވެ. މީގެ ތެރޭގައި 2021 ގައި ވިމެން އިން ޓެކް މޯލްޑިވްސްއާއި އެޗްޑީސީ ގުޅިގެން، އަންހެން ކުދިންނަށް ކޯޑިންގ ހުނަރު ދަސްކޮށްދިނުމަށް ހިންގި ގަރލް ޕަވަރޑް ޕްރޮގްރާމާއި، 2022 ގައި ދިރާގާ ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެން ކުދިންނަށް ހާއްސަކޮށްގެން ހިންގި ޑޭޓާ ލިޓަރަސީ ޕްރޮގްރާމް ހިމެނެއެވެ. މީގެ އިތުރުން ނޯޔާ ވަނީ އެންމެ ފަހުން ބޭއްވި އޯ ލެވެލް އިމްތިހާނުގައި އެއްވަނަ ހޯދާފައެވެ.
ކޮމްޕިއުޓަރ ސައިންސް އަދި ޓެކްނޮލޮޖީ ދާއިރާއަށް ހުރި ޝައުގުވެރިކަމުގެ އިތުރުން ނޯޔާ އަކީ މުޖުތަމައުގައި ޑިޖިޓަލް ލިޓްރަސީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވާ ކުއްޖެކެވެ. އަދި ޒުވާނުންގެ މެދުގައި ސައިބަރ ސޭފްޓީއާއި ސައިބަރ ބުލީންގ އާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ އަމަލީ ގިނަ މަސައްކަތްތަކެއް ވެސް އޭނާ ވަނީ ކޮށްފައެވެ.
ނޯޔާ ބުނާގޮތުން އޭނާގެ އަމާޒަކީ ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއިން ކުރިއަށް ދިޔުމެވެ. އޭނާ ބޭނުންވަނީ ދުނިޔޭގެ މުޖުތަމައުތަކުގައި ދިމާވާ އެކި ގޮންޖެހުންތަކަށް ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ހައްލު ހޯދުމަށް މަސައްކަތްކުރުމަށެވެ.
ނޯޔާ ބުނާ ގޮތުގައި މިފަދަ ތަޖުރިބާތަކުން ދަސްވާ ކަމަކީ، ވާނެކަމަށް ހީކުރާ ވަރަށް ވުރެ މައްޗަށް އަބަދުވެސް އަމާޒުކުރުން މުހިއްމުކަމަށާއި، އެކަން ހާސިލްކުރުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭކަމަށެވެ.
މީގެ އިތުރުން ނޯޔާ ހާއްސަކޮށް ފާހަގަ ކުރިގޮތުގައި މިޝަން ޝަކްތީސެޓްގައި ބައިވެރިވާން ލިބުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ހެދުމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގައި ތިބި އޭނާ ފަދަ އެހެން ޒުވާން އަންހެން ކުދިންނާއި ގުޅިގެން އައު އިލްމާއި ހުނަރުތަކެއް ދަސްކުުރުމަށް ލިބިގެންދާ އަގުހުރި ފުރުސަތެކެވެ.
ނޯޔާގެ މި ފަހުރުވެރި ކާމިޔާބީއަކީ އޭނާއަށް ލިބުނު ކާމިޔާބީއެއްގެ އިތުރުން މިދާއިރާއަށް ޝައުގުވެރިވާ އެހެން އަންހެން ކުދިންނަށް ވެސް ލިބުނު ހިތްވަރަކަށް ވާނެއެވެ. އަދި ދުނިޔޭގެ ލެވެލްގައި ދިވެހިރާއްޖެ ތަމްސީލުކުރަން ނޯޔާއަށް ލިބުނު ފަހުރުވެރިކަމާއި އެއް މިންވަރަކަށް ދުނިޔޭގެ ލެވެލްގައި ނޯޔާ ފަދަ ދައިވަރެއް ރާއްޖެ ތަމްސީލުކުރުމަކީ ރާއްޖެއަށް ވެސް ލިބުނު ތާރީހީ ކާމިޔާބީއެކެވެ. އަހަރުމެން އެންމެންވެސް ނޯޔާއަށް މިދަތުރުގައި ކާމިޔާބީއަށް އެދެމެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް