އެމެރިކާއާއި ޖަޕާނު ގުޅިގެން 6ޖީ ނުވަތަ ބިޔޯންޑް 5ޖީ ޓެކްނޮލޮޖީ ޑިވެލޮޕްކުރުމަށް 4.5 ބިލިއަން ޑޮލަރު އިންވެސްޓު ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޖަޕާނުގެ ބޮޑުވަޒީރު ސުގާ އެއްބަސްވެއްޖެއެވެ. އެގޮތުން އެ ދެގައުމު ގުޅިގެން މި ޓެކްނޮލޮޖީ ވުޖޫދަށް ގެނައުމަށް ބޭނުންވާ ދިރާސާތަކަށާއި، މި ޓެކްނޮލޮޖީގެ އެކިއެކި ތަހުލިތަކަށާއި ނެޓްވޯކްތަށް ބިނާ ކުރުމަށް އިންވެސްޓް ކުރާނެއެވެ.
ރައްކާތެރި އަދި އެންމެނަށް ހުޅުވާލެވިފައިވާ 5ޖީ ނެޓްވޯކްތަކާއި އޯޕަން ރޭޑިއޯ އެކްސެސް ނެޓްވޯކްސް އުފެއްދުމަށް މިދެގައުމުގެ ލީޑަރުން ގޮވާލެއްވުމުން ދޭހަވެގެންދަނީ މި ދެގައުމުގެ ލީޑަރުންވެސް ޗައިނާ އިން ޑޮމިނޭޓުކުރަމުންދާ މި މާކެޓަށް ބަދަލުތަކެއް ގެންނަން ބޭނުންވާކަމެވެ.
އޯޕަން ރޭޑިއޯ އެކްސެސް ނެޓްވޯކްތަކަކީ ނެޓްވޯކް އޮޕަރޭޓަރުންނަށް އެމީހުންގެ ހިދުމަތްތަށް ދިނުމަށްޓަކައި އެކިއެކި ކުންފުނީގެ ހާޑްވެއާ ބޭނުންކުރުމަށް ހުޅުވާލެވިފައިވާ މަންސައެކެވެ. މީގެ ސަބަބުން މިކަމަށް ބޭނުންވާ ސިސްޓަމްތަކާއި އެންޓަނާ އަދި ބޭސް ސްޓޭޝަންތަށް ގާއިމުނުކޮށް ނެޓްވޯކް އޮޕަރޭޓަރުންނަށް ހިދުމަތް ފޯރުކޮށްދެވެއެވެ.
މިވަގުތު ދުނިޔޭގެ ބޭސް ސްޓޭޝަންތަކުގެ 40 އިންސައްތަ ހިއްސާ އޮތީ ޗައިނާގެ ކުންފުނިތައް ކަމަށްވާ ވާވޭ އާއީ ޒީޓީއީ ފަދަ ކުންފުނިތަކުގެ އަތްދަށުގައިއެވެ. މީގެ އިތުރުން ޔޫރަޕުގެ އެރިކްސަން އާއި ނޮކިއާ އަދި ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުންޏަކީ މި މާކެޓު ދެން ކޮންޓްރޯލު ކުރާ ކުންފުނިތަކެވެ. ހަމަ އެއާއިއެކު ފާހަގަކޮށްލަން ޖެހެނީ މި މަސައްކަތުގައި އެމެރިކާ އަދި ޖަޕާނުގެ ކުންފުނިތައް އުޅެނީ ވަރަށް ފަހަތުގައި ކަމެވެ.
ޗައިނާގެ ރައީސް ޝީޖިންޕިންގެ ވެރިކަމުގައި ޗައިނާއިން ވަނީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތައް ފަހަތަށް ޖައްސާލައި 5ޖީ ޓެކްނޮލޮޖީ އުފެއްދުމުގެ ރޭހުން ކުރި ހޯދާފައިއެވެ. މީގެ އިތުރުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުންވަނީ އެގައުމުގެ ކުރިޔަށްއޮތް 5 އަހަރުގެ ތަސައްވަރުގައި 6ޖީ ޓެކްނޮލޮޖީ އުފެއްދުން ހިމަނާފައިއެވެ. އެމެރިކާ އަދި ޖަޕާނުގެ އެއްބަސްވުމަކީ މިކަމަށް ހުރަސްތަކެއް ކުރިމަތި ކުރުވުމަށް ވެވުނު އެއްބަސްވުމެއް ކަމަށް ބެލެވެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި