އެހީ ޖަމިއްޔާ އާއި އެކު ޖަވާބު ޕްރައިވެޓް ލިމިޓެޑް އިން ކްރައުޑް ފަންޑިންގް ޕްލެޓްފޯމް އެއް އުފެއްދުމަށް އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެމް.އޯ.ޔޫ އަކީ އެހީ ޖަމިއްޔާގެ އިސްނެގުމުގެ ދަށުން އެ ޖަމިއްޔާއަށް ބޭނުންވާ ކުރައުޑް ފަންޑިން ޕްލެޓްފޯމެއް އުފައްދައި އަދި އެ އެން.ޖީ.އޯގެ ވެބްސައިޓް ސީ.އެސް.އާރުގެ ދަށުން ޖަވާބު ޕްރައިވެޓް ލިމިޓެޑް އިން ޑެވެލޮޕް ކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ.
މި ޕްލެޓްފޯމް ނުވަތަ ޕޯޓަލް ޑެވެލޮޕް ކުރުމަށް ނިންމައިފައިވަނީ އީފާސް ބޭނުންކޮށްގެން ޕޯޓަލްއަށް ރެޖިސްޓަރީވެ، އަދި ލޮގިންވާގޮތަށެވެ.
ލޮގިންވުމަށްފަހު، އެހީ ޖަމްއިއްޔާއިން ސިއްޙީ ފަރުވާއަކަށް އެހީ ބޭނުންވާނަމަ، އެއާއި ބެހޭ މަޢުލޫމާތާއި އަދި ލިޔުންތައް ޕޯޓަލް މެދުވެރިކޮށް އަޕްލޯޑް ކޮށްލެވޭނެއެވެ.
އަޕްލޯޑްކުރެވޭ ސިއްޙީ އެހީ ބޭނުންވާ މީހުންގެ މަޢުލޫމާތާއި އަދި ލިޔެކިއުންތައް އެހީ ޖަމްޢިއްޔާއިން ބެލުމަށްފަހު ފަންޑުދެވޭނެ ފަރާތެއްނަމަ ކަނޑައަޅައި އާންމުންނަށް ފަންޑު ފޮނުވޭ ގޮތް ހަދާލެވެއެވެ.
މި ޕްލެޓްފޯމާއި ބެހޭ ގޮތުން މަޢުލޫމާތު ޙިއްސާކުރަމުން ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖައިލަމް ބުނިގޮތުގައި ފަންޑު ފޮނުވުމަށްޓަކައި ކާކުކަން ނޭގޭ ގޮތަށް ނުވަތަ އިނގޭ ގޮތަށްވެސް ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކަނޑައެޅިފައިވާ ފަންޑު އެކައުންޓަކަށް ފައިސާގެ އެހީ ފޮނުވޭގޮތަށް ޕޯޓަލް ތައްޔާރުކުރުމަށް ވިސްނައި އެކަމަށް މަސައްކަތް ކުރެވެމުން އެބަދެއެވެ.
މީގެ އިތުރުން ޖައިލަމް ވިދާޅުވީ މި ޕްލެޓްފޯމަކީ "ފައިސާގެ އެހީ ސިއްޙީ ކަންތަކުގައި ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި ވެލިޑޭޓްކުރެވިގެން އެހީ ފޯރުކޮށްދޭން ފަސޭހަވެގެންދާނެ ޕްލެޓްފޯމެއް" ކަމަށެވެ.
އެއީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެހީއަށް އެދުން ފަސޭހަކަމަކަށް ނުވެފައި، ގިނަފަހަރަށް އެހީ ދޭން ހުންނަ ފަރާތްތައްވެސް ޖެހިލުންވެދާނޭ ކަހަލަ ގޮތަކަށް މިހާރު ކަންތައްތައް ހުންނާތީވެ ކަމަށްވެސް ވެއެވެ.
އެހީ ޖަމްޢިއްޔާއަކީ މިހާރުވެސް އެތަކެއް ފަރާތްތަކަށް އެހީ ފޯރުކޮށްދޭ އާންމުން ބަލައިގަންނަ ޖަމްޢިއްޔާއެކެވެ. މި ރަމަޟާންމަހާ ދިމާކޮށް އެހީ ޖަމްޢިއްޔާއިން "އެހީ އިފްޠާރު" ކިޔާ ޕްރޮޖެކްޓެއްވެސް ވަނީ ފަށައިފައެވެ.
ޓެކްނޮލޮޖީގެ އެހީގައި މިފަދަ ކަންތައްތައް ކުރެވި ފަސޭހަވެގެން ދިއުމަކީ ވަރަށްވެސް އުފާވެރި ބަލައިގަނެވޭނެ ކަމެއްކަމަށް އުއްމީދު ކުރެވެއެވެ. ކުރައުޑް ފަންޑިންއަކީ މިހާރުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ޓެކްނޮލޮޖީގެ އެހީގައި ކުރަމުން ގެންދާ ކަމެކެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.