ޑީޕްފޭކް އަކީ އާރޓިފިޝަލް އިންޓެލިޖަންސް ބޭނުންކޮށްގެން ފޮޓޯ އަދި ވީޑިއޯތަކުގައި ހުންނަ މީހުންގެ މޫނު އެހެންމީހުންގެ މޫނަށް ބަދަލުކުރާ ސޮފްޓްވެއަރ އަކަށް ކިޔާނަމެކެވެ. ޑީޕްފޭކް ގިނަ ވީޑިއޯގެ ފުރިހަމަ ކަމުން އެބަލާމީހަކަށް އެއީ އެޑިޓްކޮށްފައިވާ ވީޑިއޯއެއްކަން ނޭނގިދާނެއެވެ. މަޝްހޫރުމީހުންގެ އެތަކެއް ޑީޕްފޭކް ވީޑިއޯއެއްވަނީ އިންޓަރނެޓްގައި ދައުރުވެފައެވެ. މިފަހަރު މިއޮތީ ޑީޕްފޭކް ސެޓަލައިޓް ފޮޓޯގެ ވާހަކައެވެ.
އެމެރިކާގެ ވޯޝިންޓަން ޔުނިވަރސިޓީގެ ރިސާރޗަރުން ވަނީ ޑީޕްފޭކް ސެޓަލައިޓް ފޮޓޯގްރަފީ ތައްޔާރުކުރާނެ ގޮތެއް ހޯދާފައެވެ. މިކަމުގެ ބޭނުމަކީ ބަދަލުގެނެސްފައި ހުންނަ ސެޓެލައިޓް ޕޮޓޯތައް ދެނަގަންނާނެގޮތެއް ހޯދުމެވެ. ރިސާރޗް ޓީމުންވަނީ ޑީޕްފޭކް ފޮޓޯ ހެދުމަށްޓަކައި އާރޓިފިޝަލް އިންޓެލިޖެންސް އަލްގޯރިދަމް އެއް ބޭނުންކޮށްފައެވެ. ފުރަތަމަ އާންމުކޮށްހުންނަ ސެޓަލައިޓް ފޮޓޯތަކުގައި ހުންނަ ބައިތައް (އިމާރާތްތަކާއި މަގުތަކާއި ގަސްތަކާއި އަދިވެސް...)ދަސްކުރުމަށްފަހު މިކަންކަން އަލްގޯރިދަމްގެ އެހީގައި ތަފާތު ބޭސް މެޕްތަކަށް (ތިރީގައިވާ ފޮޓޯގެ އޭ) ފީޑްކުރުމުން ފޭކް ސެޓެލައިޓް ފޮޓޯ ތައްޔާރުކުރެވެއެވެ.
އަދި މިއަލްގޯރިދަމް އެންމެ ފުރިހަމަ ނުވިކަމުގައިވީނަމަވެސް ރިސާޗަރުން ގަބޫލުކުރާގޮތުގައި ޑީޕްފޭކް ސެޓެލައިޓްފޮޓޯ އިންސާނުންނަށް ވަކިކުރަން އުދަގޫވާނެއެވެ. ސަބަބަކީ މިފޮޓޯތަކުގެ ހުންނަ ޑިފެކްޓްސްތައް އަސްލު ސެޓެލައިޓް ފޮޓޯތަކުގެ ހުންނަ ނުސާފުކަމާއި ވައްތަރުވުމެވެ.
ރިސާޗް ލީޑްކުރައްވާ ބޯ ޝާއޯ ފާހަގަކުރެއްވި ގޮތުގައި ޑީޕްފޭކް ސެޓެލައިޓްފޮޓޯގެ ބޭނުން ދެތިންގޮތަކަށް ހިފިދާނެއެވެ. ތާރީޚީތަންތަނަށް އައިސްފައިވާ މޫސުމީބަދަލުތައް ދެނެގަތުމަށް ބޭނުންކުރެވިދާނެއެވެ. ބިމެއް މުސްތަޤްބަލުގައި އޮންނާނެ ގޮތް އަންދާޒާ ކުރަންވެސް މިޓެކްނޮލޮޖީ ބޭނުންކުރެވިދާނެއެވެ.
މިޓެކްނޮލޮޖީގެ ބޭނުން ނުރަނގަޅުގޮތުގައި ހިފާނެކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ. ހަނގުރާމައިގައި ޑީޕްފޭކް ސެޓެލައިޓް ފޮޓޯތައް ފޮނުވައިގެން މުހިއްމު ބައެއް އިމާރާތްތަކާއި ތަންތަން ދުޝްމަނުންނަށް ފޮރުވައި އޮޅުވާލެވިދާނެއެވެ. ސީޔާސީ މަޤްސަދުތަކަށްވެސް މީގެ ފޮޓޯތައް ބޭނުންކޮށްލެވިދާނެއެވެ. މިސާލަކަށް ސަރުކާރުން ކުރާ ތިމާވެއްޓަށް ގެއްލުންވާ ކަންތައްތަކުން ގެއްލުން ނުވާކަމަށް ދެއްކުމަށް ނުވަތަ ރައްޔިތުންނަށް ދައްކަން ބޭނުންނުވާ ކަންތައްތައް ފޮރުވުމަށްވެސް މިޓެކްނޮލޮޖީ ބޭނުންކުރެވިދާނެއެވެ.
ރިސާޗަރުން އުންމީދުކުރަނީ މިމަސައްކަތުން ފޭކް ސެޓެލައިޓް ފޮޓޯ ދަނެގަންނާނެ ސިސްޓަމެއް ތައްޔާރުކުރުމަށް އެހީތެރިވެދޭނެއެވެ. ގޮންޖެހުމަކަށްވާނީ އާންމުންނާއި ހަމަހައަށް މިޓެކްނޮލޮޖީ ނުފޯރަނީސް މީގެ ސިސްޓަމެއް ޤާއިމުކުރުމެވެ. ޑީޕްފޭކް ތައާރަފްވެގެންވެސް އާންމުންނާއި ހަމައަށްފޯރަން މާގިނަދުވަހެއް ނުނަގައެވެ.
އިތުރަށް ކިޔާލުމަށް : އިނގިރޭސި ރާނީގެ ޑީޕް ފޭކް ކްރިސްމަސް މެސެޖް ދެކުނިން ތަ؟
ޓެކްނޮލޮޖީގެ ފޭންއެއް