އިންސްޓަގްރާމް... ކުޑަކުދިންނަށް؟ ކަންބޮޑުވާންޖެހޭ ކަމެއް!

ހިންދު ޢަލީ 02 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންސްޓަގްރާމަކީ މުޅި ދުނިޔޭގައިވެސް ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެއް އެޕެވެ. ފޮޓޯއާއި ވީޑިއޯ ޝެއަރ ކުރާ މި ސޯޝަލް މީޑިއާ އެޕަކީ 2010 ވަނަ އަހަރު ކެވިން ސިސްޓްރޮމް އާއި މައިކް ކްރީގަރ ގުޅިގެން އުފައްދާފައިވާ އެޕެކެވެ. 2012 ވަނަ އަހަރު ފޭސްބުކް އިން ވަނީ އިންސްޓަގްރާމް ގަނެފައެވެ. ފޭސްބުކް އިން އިންސްޓަގްރާމް ގަތުމަށް ފަހު ވަރަށް ގިނަ ބަދަލުތައް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި ފާހަގަ ކުރެވޭ ރަނގަޅު އަދި ނުރަނގަޅު ބަދަލުތަކެއް ހިމެނެއެވެ. އިންސްޓަގްރާމް އިން 'ސްޓޯރީސް' ތަޢާރަފް ކުރީ 2016 ގައެވެ. މިއީ އެޕް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ފީޗަރއެކެވެ. އެހެން ނަމަވެސް ފޭސްބުކް އިން އެޕް ގަތް ފަހުން ގެނައި، މީހުންނަށް އެންމެ ކަމުނުދާ ބަދަލަކީ މާގިނަ އިސްތިހާރު ފެންނަ ފީޗަރއެވެ. އަދި އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކުން ޕޯސްޓްކުރާ ފޮޓޯ އާއި ވީޑިއޯ އެއްވެސް ހުއްދައަކާއި ނުލާ އަދި ބަދަލެއްވެސް ނުދީ އެކުންފުނިން އެހެން ފަރާތްތަކަށް ވިއްކޭނެކަމަށް ޓަރމްސް ބަދަލުކުރުން ވެސް މީ ނުރަނގަޅު ބަދަލެކެވެ.

އިންސްޓަރގްރާމް ބޭނުންކުރާ ފަރާތްތަކަށް އޮންލައިންކޮށް ގޯނާކުރުމާއި ގަނާކުރުމާއި، ނުވިތާކަށް ބައެއް ފަހަރު ނުބައި ނިޔަތުގައި އުޅޭ ބައެއްގެ ޝިކާރައަށްވެ ޖިނާއީ މަައްސަލަ ދިމާވެފައިވާ މީހުންގެ ޚަބަރު ވަރަށް ގިނައިން ފެނެއެވެ. ހާއްސަކޮށް މިކަންތައް ދިމާވަނީ ފުރާވަރުގެ ކުދިންނަށެވެ. މިފަދަ ކަންތަކާއި ހެދި އިންސްޓަގްރާމަކީ އާންމުންގެ ފާޑުކިޔުން ވަރަށް ގިނައިން ލިބޭ އެޕެކެވެ.

މިއަދާއި ހަމައަށް މި އެޕް ބޭނުން ކުރުމުގެ ޓަރމްސްގައި ގެނެވިފައިވާ އެންމެ ފުރަތަމަ ކަމަކީ އެޕް ބޭނުންކުރެވޭނީ 13 އަހަރުން މަތީގެ ފަރާތްތަކަށް އެކަނި ކަމަށެވެ. ބަޒްފީޑް ނިއުސް އިން ބުނެފައިވާ ގޮތުގައި އިންސްޓަރގްރާމް ކިޑްސް ވާރޝަން އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ވަރޝަން އަމާޒުކުރަނީ 13 އަހަރުން ދަށުގެ ކުދިންނަށެވެ.

އުމުރު އޮޅުވާލައިގެން 13 އަހަރަށް ވުރެ ހަގު ކުދިން މިހާރު ވެސް އިންސްޓަގްރާމް ބޭނުންކުރެއެވެ. ޕްރައިމަރީ އަދި މިޑްލް ސްކޫލް އުމުރުފުރާއަކީ ކުދިން ހެދިބޮޑުމުގެ މުހިއްމު ދުވަސްކޮޅެކެވެ. އަދި އެދުވަސްކޮޅު އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ އެޕަކަށް އެކްސްޕޯސް ވުމުން ކުދިންގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ކޮށްފައިވާ ގިނަ ރިސަރޗްތަކުން ދައްކައެވެ. ކުޑަކުދިންގެ ވަރޝަނެއް އައުމުން 10 އަހަރާއި 12 އަހަރުގެ އުމުރުފުރައިގެ ކުދިން މިއެޕް ބޭނުންކުރާލެއް ގިނަވާނެކަމަށް ފެނެއެވެ. މިއުމުރު ފުރާގެ ކުދިންނަކީ ބޮޑެތި މީހުން ކުރާ ކަންތައް ބަލަން ބޭނުންވާ ކުދިންނެވެ. އޭގެ ސަބަބުން ކުޑަކުދިންގެ އެޕެއް މިކުދިންނަށް މާ 'ޗައިލްޑިޝް' ވެގެން އުމުރު އޮޅުވާލައިގެން ބޮޑެތި މީހުން ބޭނުންކުރާ އިންސްޓަގްރާމް ބޭނުންކުރުމުގެ ޗާންސް ވަރަށް ބޮޑެވެ.

މާރޗް 2020 ގައި އިންސްޓަގްރާމް ކިޑްސް ވާރޝަން ތައްޔާރުކުރަން ޕްލޭން ކުރާކަމުގެ ޚަބަރު ލިބުމާއެކު ވަރަށް ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން ވަނީ ޒަކަރބަރގަށް އަމާޒުވެފައެވެ. ކުޑަކުދިންގެ ސިއްހީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާ އެންޖީއޯއެއް ކަމަށްވާ "ކެމްޕޭން ފޯރ އަ ކޮމަރޝަލް ފްރީ ޗައިލްޑްހުޑް" އިން މިކަމާ ނުރުހުން ފާޅުކޮށް ޒަކަރބާރގަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. އަދި މިއެންޖީއޯއާއި ބައިވެރިވެ، ކުޑަކުދިންގެ ހައްގުތަކާއި ކޮންސިއުމަރުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ 100 އަށްވުރެ ގިނަ އެކްސްޕާރޓުންނާއި ވާކާލާތުކުރާ ފަރާތްތަކާއި އިދާރާތަކުން ގުޅިގެން ދަނީ އިންސްޓަގްރާމް ކިޑްސް ހުއްޓުވުމަށް ބާރުއަޅަމުންނެވެ. މިއެޕްގެ ސަބަބުން ކުޑަކުދިން ކޮންމެހެން ތަހައްމަލު ކުރަން ނުޖެހޭ އެތަށް ކަންތައްތަކަކާއި ކުރިމަތި ލާންޖެހޭނެކަމަށް އެފަރާތްތަކުން ބުނެއެވެ. މިހާރު އިންސްޓަގްރާމްގެ ޓަރމްސް އޮފް ޔޫސް ހުރިގޮތަށް ހުރެގެން މި އެޕް ތައްޔާރުކުރާނަމަ ކޮޕާ އެކްޓާއި އަދި ވަރަށް ގިނަ ގައުމުތަކުގެ ޕްރައިވަސީ ގާނޫނުތަކާއި ޚިލާފުވާނެއެވެ. އަދި އެޕް ބޭނުންކުރާ ކުޑަކުދިންގެ ރައްކާތެރިކަމެއް ކަށަވަރެއް ނުކުރެވޭނެއެވެ. ކުޑަކުދިންނަށް އަމާޒުކުރާ މިފަދަ އެޕަކުން ޕްރައިވަސީއާއި ގަނާކުރުމުގެ މައްސަލަތައް އިތުރުވުމުގެ ބިރު އެބައޮތެވެ.

2017 ވަނަ އަހަރު ފޭސްބުކް އިން ލޯންޗުކުރި މެސެންޖަރ ކިޑްސް؛ 6 އަހަރާއި 12 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ފެށި ޗެޓް އެޕްލިކޭޝަނަށް ވެސް ހަމަ މިފަދައިން ވަރަށް ގިނަ ފާޑު ކިޔުންތައް އަމާޒުވިއެވެ. އެއީ އޭގައި ހުރި ޑިޒައިން މައްސަލަތަކެއްގެ ސަބަބުން އެޕް ބޭނުންކުރާ ކުޑަކުދިންނަށް، ނުދަންނަ މީހުންނާއި ވާހަކަ ދެއްކުމަށް ފުރުސަތު ލިބޭތީއެވެ. ކުޑަކުދިންނަށް އަމާޒުކޮށް އަނެއްކާވެސް ހުޅުވާލަން ގަސްތު ކުރާ އިންސްޓަގްރާމް ކިޑްސްގައި ވެސް ފެންނަ ފެނުމަށް މިފަދަ މައްސަލަތަކަށް މަގުފަހި ވާނެ ކަންތައްތައް އެބަހުއްޓެވެ. އަނެއްކާވެސް އެފަދަ މައްސަލަ ދިމާވެދާނެ ކަން އެނގި ތިބެ މިކަން ކުރުން މީ އެންމެ ރަނގަޅު ގޮތްތޯއެވެ؟ ދެން ކުރެވޭ ސުވާލަކީ، ގިނަ ބައެއްގެ ނުރުހުމާއި ކަންބޮޑުވުންތަކާއި ގުޅިގެން މި އެޕް ހެދުން ފޭސްބުކް އިން ހުއްޓާލާނެތޯއެވެ؟ ފައިދާ ހޯދުމަށް ހަމަ ކޮންމެ ކަމެއްވެސް ކޮށްފާނެ މާރކް ޒަކަރބަރގް، މިކަން ހުއްޓާ ނުލާނެ ކަމަށް ގިނަ މީހުން ދެކެއެވެ.


އިތުރަށް ކިޔާލުމަށް : އިންސްޓަގްރާމް 13 އަހަރުން ދަށުގެ ކުދިންނަށް ތައާރަފް ކުރަނީ


ޒާތީ މައުލޫމާތުން އެންމެ ގަދަޔަށް ވިޔަފާރި ކުރަނީ އިންސްޓަގްރާމް



ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.