ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތަށް ޚާއްސަ ޕްލެޓްފޯމެއް

ހިންދު ޢަލީ 13 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިއަހަރުގެ ފިތުރު ޢީދާއި ދިމާކޮށް އޮކްސިކާ އިން ހުރިހާ ދިވެހިންނަށް ޢީދު ހަދިޔާއެއްގެ ގޮތުގައި ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތު ހިއްސާކުރާ ޕްލެޓްފޯމެއް ތަޢާރަފްކޮށްފިއެވެ. އޮކްސިކާއާއި އެންކްރިއާ ގުޅިގެން އުފައްދާފައިވާ މި ޕްލެޓްފޯމް، މޯލްޑިވްސް ކޮވިޑް-19 އަކީ ކޮވިޑް ޕެންޑަމިކްއާއި ގުޅޭ ހުރިހާ މަޢުލޫމާތެއް އެއް ތަނަކުން ފެންނާނެ ގޮތަށް ތައްޔާރުކުރެވިފައިވާ ޕްލެޓްފޯމެކެވެ.

މިޕްލެޓްފޯމުގައި އެންމެ ހާއްސަކޮށް ހިމަނާފައިވަނީ ކޮވިޑް-19 ރާއްޖޭގެ ތަފާސްހިސާބުތަކެވެ. މީގެ އިތުރުން ކޮވިޑް ހާލަތުގައި މިނިސްޓްރީ އޮފް ހެލްތާއި އެހެނިހެން ސަރުކާރުގެ އިދާރާތަކުން އެކިއެކި ބޭނުމަށް ތައްޔާރުކޮށްފައިވާ އެޕްތަކުގެ ލިންކުތަކާއި އެޗްޕީއޭ އިން ނެރޭ ކޮވިޑް-19 އާއި ގުޅުންހުރި އެކި ލިޔުންތަކާއި ގައިޑްލައިންތައް ހިމެނާފައިވެއެވެ.

މިޕްލެޓްފޯމްގައި ކޮވިޑްގެ ވެކްސިން ޖެހުމާއި ވެކްސިން ކާޑާއި ގުޅުންހުރި ޚިދުމަތްތައް ހޯދުން، މިހާލަތުގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރުމަށް ހުއްދަ ހޯދުން، ޕީސީއާރު ޓެސްޓްގެ ނަތީޖާ ހޯދުން އަދި މިހާރު ހިންގާ ކާރފިއުގެ ވަގުތުތަކުގައި ބޭރަށް ނިކުތުމަށް ނަގަންޖެހޭ ހުއްދަ ނެގުން ފަދަ އާންމުން ގިނައިން ހޯދާ ޚިދުމަތްތަކަށް ފަސޭހައިން އެކްސެސް ވެވޭ ގޮތަށް ލިންކްތައް ހިމަނާފައިވެއެވެ. މިއީ މިޚިދުމަތްތައް ހޯދަން ބޭނުންވާ ފަރާތްތަކަށް ލިބިގެން ދާނޭ ފަސޭހައެކެވެ. މީގެ އިތުރުން އެކި ނޫސްތަކުގައި ޕަބްލިޝްކޮށްފައިވާ ޕެންޑަމިކްއާއި ގުޅޭ ޚަބަރުތައް ވެސް އެއްތާކުން ބަލާލެވެއެވެ.

އޮކްސިކާއިން ބުނެފައިވާ ގޮތުގައި މި ޕްލެޓްފޯމް ތައްޔާރުކުރީ މިފަދަ ދުވަސްވަރެއްގައި ފަރުދީ ޒިންމާ އަދާކުރުމުގެ މަގުސަދުގައެވެ.

މި ޕްލެޓްފޯމް ތައްޔާރުކޮށްފައި މިވަނީ ކޮވިޑާއި ގުޅޭ މަޢުލޫމާތު އެއް ތަނަކުން ލިބެން ނުހުންނަ ކަމަށާއި، އަދި ކޮވިޑްއާއި ގުޅިގެން ތައްޔާރުކޮށްފައިވާ އެކި އެކި އެޕްލިކޭޝަންތަކާއި ޕްލެޓްފޯމްތައް އެކަތިއަނެއްކަށްޗާއި ގުޅެމެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ކަންބޮޑުވުންތަކާއި އެޕްތަކުން ނަގާ ޑޭޓާގެ ރައްކާތެރިކަމާއި މެދު ޓެކް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި އާންމުންގެ ފާޑުކިޔުންތައް ސޯޝަލް މީޑިއާގައި ވަރަށް ގިނަވެފައިވާ ވަގުތެއްގައެވެ.

މިފަދަ ހާލަތެއް ދިމާވުމުން އާންމުންނަށް ދިމާވާ މައްސަލަ ހައްލުކުރަން އޮކްސިކާއާއި އެންކްރިއާ އިން އިސްނަގާއިގެން ކުރި މަސައްކަތަށް ތަރުހީބާއި ސާބަސް ހައްގެވެ. އޮކްސިކާ އަކީ ރާއްޖޭގައި ހިންގާ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް އަދި ސައިބަރ ސެކިޔުރިޓީގެ ޚިދުމަތްދޭ ކުންފުންޏެކެވެ. އެންކްރިއާ އަކީ ޑިޒައިންއާއި ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ގިނަ މަސައްކަތްތަކެއް ކުރާ ދިވެހި ކުންފުންޏެކެވެ.


އިތުރަށް ކިޔާލުމަށް : ވެކްސިން ކިއުތައް ރަނގަޅަށް މެނޭޖް ނުުކުރެވޭނެބާ؟

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.