އިޒްރާއީލުން ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމުގެ މައުލޫމާތު ދުނިޔެއާއި ހަމަޔަށް ފޯރުކޮށްދިނުން ހުއްޓުވުމުގައި ޓެކް ކުންފުނިތަކުގެ އިހުމާލު ވަރަށް ބޮޑެވެ. އެގޮތުން ފޭސްބުކް، ޓްވިޓާ، އިންސްޓަގްރާމް އަދި ޒޫމް ފަދަ ކުންފުނިތަކުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް މަސައްކަތްތަކެއް ކޮށްފައެވެ. މީގެ އިތުރުން އެމޭޒަން އާއި އެއާބީއެންބީ ފަދަ ވިޔަފާރި ކުންފުނިތަކުންވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނާއި އިޒްރާއީލު މީހުންގެ މެދުގައި ތަފާތުކުރުން ގެންގުޅެފައިއެވެ.
ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކުން ފަލަސްތީނުގެ ރައްޔިތުންގެ އަޑު ކަނޑުވާލުމަށްޓަކައި ކުރަމުންދާ މަސައްކަތް އިތުރަށް ހާމަވެގެންދަނީ އިޒްރާއީލުން މިހާރު ފަލަސްތީނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ހަބަރާއި މައުލޫމާތު ހިމަނައިގެން ކޮށްފައިވާ އެކި ސޯޝަލް މީޑިއާ ޕޯސްޓްތައް ވާނުވާއެއް ނޭގި ގެއްލުމުންނެވެ. އެގޮތުން މި ހަމަނުޖެހުން އިތުރުވުމާއިއެކު ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާގައި މިހަމަނުޖެހުމާއި ބެހޭގޮތުން ކޮށްފައިވާ ޕޯސްޓްތައް މިކުންފުނިތަކުން ޑިލީޓްކޮށްފައިވާކަމަށް އެތައްބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ބައެއް މީހުން ހާމަކުރާ ގޮތުގައި އެމީހުންގެ އެކައުންޓްތަށް ވަނީ ސެންސަރުކޮށްފައި ނުވަތަ ލިމިޓުކޮށްފައިއެވެ. އަދި ބައެއް އެކައުންޓުތަށް އެއްކޮށް ޝަޓް ޑައުންވެސް ކޮށްފައިވާކަމަށް ގިނަބަޔަކު އަންނަނީ ތުހުމަތުކުރަމުންނެވެ.
މީގެ އިތުރުން ޒޫމް އާއި ޔޫޓިއުބުން ވަނީ ފަލަސްތީނާއި ގުޅޭ ގޮތުން ބޭއްވުމަށް މަސައްކަތްކުރި އިލްމީ ޕްރޮގްރާމެއްވެސް ބްލޮކްކޮށްފައިއެވެ. ސޯޝަލް މީޑިއާގެ އިތުރުން އެމޭޒަން ފަދަ ކުންފުނިތަކުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެކުންފުނީގެ މަންސައިގައި ވިޔަފާރިކުރުމުގެ މަގު ބަންދުކޮށްފައިއެވެ. އެގޮތުން އެމޭޒަން މެދުވެރިކޮށް އިޒްރާއީލު ރައްޔިތުންނަށް ތަކެތި ވިއްކުމުގެ މުއާމަލާތްތަށް ކުރެވޭއިރު މި ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ދީފައިނުވެއެވެ.
މި ތުހުމަތުތަކަށް ރައްދުދެމުން ގިނަ ކުންފުނިތަކުން ހާމަކޮށްފައިވާ ގޮތުގައި މިފަދަ ގިނަ ޕޯސްޓްތަށް އެކުންފުނިތަކުގެ މަންސަތަކުން ނަގާފައިވަނީ މި ޕޯސްޓްތަކަކީ އެކުންފުނިތަކުގެ އުސޫލުތަކާއި ހިލާފަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭފަދަ ގޮތަށް ކޮށްފައިވާ ޕޯސްޓްތަކަކަށް ވުމުންނެވެ. އަދި ބައެއް ކުންފުނިތަކުން ހާމަކޮށްފައިވާ ގޮތުގައި މިފަދަ ޕޯސްޓްތަށް ގެއްލެން މެދުވެރިވީ އެކުންފުނިތަކުން ބޭނުންކުރާ ސޮފްޓްވެއާ އަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.
އެހެންނަމަވެސް މިއީ ޓެކް ކުންފުނިތަކުން އިޒްރާއީލާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ހިންގަމުންދާ ހަރަކާތެއްކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެގޮތުން މިފަދަ ކުންފުނިތަކުގެ އެކި މަގާމުތަކުގައި އިޒްރާއީލުގެ ސަރުކާރުގެ އެކި ފަންތީގެ ވަޒީފާތަށް އަދާކޮށްފައިވާ މީހުން ހަރަކާތްތެރިވެއެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ ފޭސްބުކްގެ އެކި އުސޫލުތަށް ނެގެހެއްޓުމަށް އެކުލާވާލާފައިވާ ކޮމެޓީގައި އިޒްރާއީލުގެ ޖަސްޓިސް މިނިސްޓްރީގެ ކުރީގެ ޑިރެކްޓާ ޖެނެރަލަކު ހަރަކާތްތެރިވާކަމެވެ. އޭނާ އަކީ މީގެ ކުރިން ކާމިޔާބުކަމާއިއެކު ފަލަސްތީނާއި ގުޅޭ ކޮންޓެންޓް ފޭސްބުކް އިން ނެގުމަށް މަސައްކަތްކޮށްފައިވާ ފަރާތެކެވެ.
ފަލަސްތީނުގެ ޑީޖިޓަލް ހައްގުތަށް ހޯދުމަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި އިޒްރާއީލުގެ އިންޓެލިޖެންސް އިދާރާތަކުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އޮންލައިން ހަރަކާތްތަށް ބަލައި މޮނީޓާކޮށް އެމީހުންނަށް އެކި އިންޒާރުތަށް ދީފައިއެވެ. ހަމައެއާއިއެކު ޓެކްނޮލޮޖީ ކުންފުނިތަކުން ވެސް ގެންދަނީ އެގައުމުގެ ރައްޔިތުންގެ ޑިޖިޓަލް ހައްގުތަށް ނިގުޅައިގަނެ އަ ހައްގުތަށް ހަނިކުރުމުގައި ބައިވެރިވަމުންނެވެ. އެގޮތުން ފޭސްބުކް، ޓްވިޓާ އަދި ވަޓްސްއެޕް ފަދަ ކުންފުނިތަކުން ވަނީ އިޒްރާއީލުގެ ސަލާމަތީ ބާރުތަކާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނާއި އެގައުމާއި ގުޅޭ ކޮންޓެންޓް ސެންސަރުކޮށްފައިއެވެ.
އެ ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި 2020 ވަނަ އަހަރު ފަލަސްތީނާއި ގުޅޭ ކޮންޓެންޓް މި ކުންފުނިތަކުގެ މަންސަތަކުން ކޮންމެވެސް ވަރަކަށް ސެންސަރުކޮށްފައިވާ ކަމަށް 41 އިންސައްތަ މީހުން ބުނެފައިވެއެވެ. އަދި މި ކޮންޓެންޓް ވަރަށް ބޮޑަށް ސެންސަރު ކޯށްފައިވާ ކަމަށް 35 އިންސައްތަ މީހުން ބުނެފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފައިވެއެވެ. މިފަދަ މައްސަލަތަށް އެންމެ ގިނައިން ދިމާވެފައިވަނީ ފޭސްބުކް އިން ކަމަށް 42 އިންސައްތަ މީހުން ހާމަކޮށްފައިވެއެވެ. އަދި 25 އިންސައްތަ މީހުން ހާމަކޯށްފައިވާ ގޮތުގައި ދެން މިމައްސަލަ އެންމެ ބޮޑީ ޒޫމްގައިއެވެ. އަދި 17 އިންސައްތަ މީހުން ހާމަކޮށްފައިވާ ގޮތުގައު ވަޓްސްއެޕް އިންވެސް އެމީހުންގެ ކޮންޓެންޓު ވަނީ ސެންސަރުކޮށްފައިއެވެ.
2020 ވަނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ޖޫން އަށް އިޒްރާއީލުގެ ސަރުކާރުން ވަނީ ފަލަސްތީނާއި ގުޅޭ އެކި ޕޭޖްތަކާއި ޕޯސްޓްތަށް ނެގުމަށް 913 ފަހަރު އެދިފައިއެވެ. ފޭސްބުކް އިން ވަނީ މީގެ ތެރެއިން 81 އިންސައްތަ ރިކުއެސްޓް އެޕްރޫވްކޮށް އިޒްރާއީލުން ބޭނުންވާ ގޮތަށް އަމަލުކޮށްފައިއެވެ. މީގެ އިތުރުން ޓްވިޓާއިން ވަނީ އިޒްރާއީލުގެ މިނިސްޓްރީ އޮފް ސްޓްރެޓީޖިކް އެފެއާޒް އިން ދީފައިވާ މައުލޫމާތަށް ބިނާކޮށް ފަލަސްތީނަށް ނިސްބަތްވާ އެތަކެއް ފަރާތެއް އެ މަންސައިން ސަސްޕެންޑްކޮށްފައިއެވެ. މީގެ އިތުރުން ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދޭކަމަށް ބުނެ ފަލަސްތީނާއި ގުޅޭ ކޮންޓެންޓު ސަސްޕެންޑުކޮށްފައިވާ އިރު ޔޫޓިއުބް އަދި ޓިކްޓޮކް އިންވަނީ އިޒްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތަކަށް އުފާފާޅުކުރާ ވީޑިއޯތަށް އެކުންފުނިތަކުގެ މަންސަތަކުގައި އެއްވެސް ހުރަހެއްނެތި ހިއްސާކުރެވޭގޮތް ހަދާފައިއެވެ.
ޓެކް ކުންފުނިތަކުން ފަލަސްތީނާއި ފަލަސްތީނުގެ ރައްޔިތުންގެ ކޮންޓެންޓް އަދި އެމީހުންނަށް ތާއީދުކޮށް ކުރާ ކޮންޓެންޓު އެކުންފުނިތަކުގެ މަންސަތަކުން ނެގުމުގެ އިތުރަށް އެކުންފުނިތަކުން ވަނީ ފަލަސްތީނުގެ ހަބަރުފަތުރާ ވަސީލަތްތަކަށްވެސް ފިޔަވަޅުއަޅައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެފައިއެވެ. އެގޮތުން ފަލަސްތީނުގެ ހަބަރުފަތުރާ ވަސީލަތްތަކުން އިޒްރާއީލުގެ އުދުވާނުގެ ހަބަރުތަށް ގެނެސްދިނިމުން އެއީ ގްރެފިކް ކޮންޓެންޓްގެ ގޮތުގައި ފްލެގްކޮށް އެކުންފުނިތަކުންވަނީ މި ހަބަރުތަށް ގެނެސްދިނުމަށް ދެކޮޅުހަދާފައިއެވެ.
މިކުންފުނިތަކުން ގިނަފަހަރަށް ފަލަސްތީނުގެ ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގެންފައިވަނީ އެކުންފުނިތަކުން އާންމު އިޖްތިމާއީ މިންގަނޑުތަށް ރައްކާތެރިކުރުމަށް ގެންގުޅޭ އުސޫލުތަކަށް އެމީހުންގެ ކޮންޓެންޓް ނުފެތޭކަމަށް ބުނެއެވެ. ނަމަވެސް ގިނަފަހަރު އެކުންފުނިތަކުން ވަނީ މި އުސޫލުތަކާއި ހިލާފުނުވިޔަސް މި ކޮންޓެންޓް އެކުންފުނިތަކުގެ މަންސަތަކުން ނަގާފައިއެވެ. އެހެން ކަމުން ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކަކީ އިޒްރާއީލާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުންގެ އަޑުކަނޑުވާލުމުގައި ބައިވެރިވެ އިހުމާލުވެފައިވާ ކުންފުނިތަކުގެ ގޮތުގައި ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި ފަލަސްތީނުގެ އަޑު ކަނޑުވާލުމަށް ބޭނުންކުރާ އިޖުރާތްތަކަށްފެތޭ އިސްރާއިލް ގެ ރަސްމީ އެކައުންޓް ތަކުން ކުރާ ސޯޝަލް މީޑީއާ ޕޯސްޓް ތަކަށް އެއްވެސް ފިޔަވަޅެއް އަޅާތަން ވެސް ނުފެނެއެވެ.
އިތުރަށް ކިޔާލުމަށް :
ފަލަސްތީނަށް ތާއީދުކުރުމަށް ގޫގަލްގް މުވައްޒަފުން ގޮވާލައިފި
ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި