ވަޒީފާގެ މައިދާނުގައި ކޮމްޕިއުޓަރުގެ މުހިންމުކަން

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޒަމާންތައް ބަދަލުވަމުން އައިސް މިހާރު ޓެކްނޮލޮޖީއާއި ނުލާ ގިނަ ކަންތައްތައް ނުކުރެވެއޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ.

ވަޒީފާގެ މައިދާނުގައި ކޮމްޕިއުޓަރުގެ އެހީއާއި އަދި އެހެނިހެން ޑިޖިޓަލް އެހީ މިއީ ހުރިހާ މަސައްކަތްތަކަށް މި ޒަމާނުގައި ބޭނުންވާ އެއްޗެކެވެ.

ކުޑަމިނުން ސިޓީއެއް ލިޔުން ނުވަތަ މީހަކަށް ލިއުމެއް ފޮނުވާލުން ކަމުގައިވިޔަސް، ޓެކްނޮލޮޖީ ވަރަށް މުހިންމު ރޯލެއް މި ހުރިހާ މަސައްކަތްތަކުގައި އަދާކުރެއެވެ. ކޮމްޕިއުޓަރުގެ އެހީގައި އާންމުކޮށް ނަމަ މައިކްރޮސޮފްޓް ވޯޑް ހުޅުވައި، ދިވެހި ފޮންޓަށް ބަދަލުކޮށްލައި، ދިވެހި ސިޓީއެއް ލިޔަން އެނގުމަކީ މިހާރު ބޮޑުކަމަކަށް ނުވަތަ އެއްވެސް މީހަކަށް ނޭނގޭ ކަމަކަށް ވުމަކީ ހައިރާން އުފެދިދާނެ ކަމެއްކަން ޔަޤީނެވެ.

ކޮންމެ ދުވަހަކު އައު ޓެކްނޮލޮޖީ ތަޢާރަފް ވަމުން ދާއިރު، ކޮންމެ މީހަކުވެސް ވަޒީފާއަކަށް ނިކުތުމުގެ ކުރިންނާއި އަދި ވަޒީފާގައި އުޅޭއިރު، އައު ޓެކްނޮލޮޖީތައް ދަސްކޮށް، މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތައް ބޭނުންކުރުން، ލިއުމެއް ޕްރިންޓް ކުރުން ނުވަތަ މިފަދަ ތަކެތި ބޭނުންކުރާއިރު ދިމާވެދާނެ ކުދި މައްސަލަތައް ދަސްކުރުން މިއީ ވަޒީފާގައި ކުރިއަށް ދިއުމަށް އެހީވާނެ ކަމެއްކަމުގައި ޤަބޫލުކުރެވެއެވެ.


މިފަދަ ކަންތައްތައް ދަސްކުރުމަށް ގޫގަލް ސާޗްކޮށް، ޔޫޓިއުބް ވީޑިއޯއެއް ބަލާލުމުންވެސް ފުދޭނެކަން ޔަޤީނެވެ. އިންޓަނެޓުގެ ޒަރިއްޔާއިން ތިމާގެ ޢިލްމާއި ހުނަރުތައް އިތުރުކުރެވެން ފަސޭހަ ފުރުސަތުތައް އޮންނައިރު އޭގެ ބޭނުން ފައިދާވާނޭ ގޮތުގައި ހިފުމަށް އެންމެންވެސް ވިސްނަން ވާނެއެވެ.

ޓެކްނޮލޮޖީ މިވަރަށް ބޭނުންކުރުމަކީ އެއްވެސް ގޮތަކަށް ޓެކްނިކަލް މުވައްޒަފުން އެކަނި ކުރަންޖެހޭ ކަމެއް ގޮތުގައި ދެކިގެން ނުވާނެއެވެ.

ވަޒީފާގެ މައިދާނުގައި ހުނަރު އިތުރުކޮށް ކޮމްޕިއުޓަރާއި އަދި އެހެނިހެން ޑިޖިޓަލް ޑިވައިސްތަކާއި ތަކެތި ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ.

އެގޮތުން ތިރީގައި މިވަނީ އެންމެ މުހިންމު ކަންތައްތަކުގެ ގޮތުގައި ގިނަ މީހުން ފާހަގަ ކޮށްފައިވާ ކަންތައްތަކެވެ.

1. މައިކްރޮސޮފްޓް އޮފީސް:

މިއާއި ނުލައި ގިނަ މަސައްކަތް މިހާރު އޮފީސް މާހައުލެއްގައި ނުކުރެވޭނެއޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. ސްޕްރެޑްޝީޓެއް ހަދާލުމަށް، ބޮޑު ލިއުމެއް ލިއެ ޕްރިންޓު ކުރުމަށް، މީޓިން އަކަށް ޕްރެޒެންޓޭޝަނެއް ދައްކާލުމަށް އަދި އީމެއިލް ކުރުމަށް މައިކްރޮސޮފްޓް އޮފީސްގެ އެޕްލިކޭޝަންތައް ބޭނުންކުރެވެއެވެ.

2. ވެބް އަދި ސޯޝަލް މީޑިއާގެ ހުނަރު:

ގޫގަލް މެދުވެރިކޮށް މަޢުލޫމާތު ހޯދާ، އަދި އެހެން މުހިންމު ވެބްސައިޓްތަކަށް ވަދެ ބޭނުންވާ ފޯމު ޑައުންލޯޑް ކުރުމަކީވެސް ވަރަށް މުހިންމު ކޮންމެހެން އެނގެންޖެހޭ ހުނަރެއް ކަމަށް ފެނެއެވެ.

4. ކޮމްޕިއުޓަރަށް ދިމާވާ ކުދިކުދި މައްސަލަ ހައްލު ކުރަން އެނގުން:

މަސައްކަތް ކުރަމުން ދާއިރު ކޮމްޕއުޓަރަށް ދިމާވާ ކުދި މައްސަލަތައް އަމިއްލައަށް ހައްލު ކުރަން އެނގުމަކީ ވަޒީފާގެ މާހައުލުގައި ތިމާ ކުރިއަރައިގެންދާން އެހީވާނެ ކަމެކެވެ. މަސައްކަތް ކުރަން ވަގުތު އަވަސްވެ، ދިމާވާ ކުދި މައްސަލަތަކުގައި އެހެން މީހަކަށް ބަރޯސާވާން ނުޖެހުމަކީވެސް މިކަމުގެ ސަބަބުން ވާނެ ފައިދާ އެކެވެ.


4. ވަޒީފާއާއި ގުޅުން ހުރި ޓެކްނޮލޮޖީ ބޭނުން ކުރަން އެނގުން:

އާންމުކޮށް ކޮންމެ މަސައްކަތެއްގައިވެސް ބޭނުންކުރާ ސިސްޓަމްތަކާއި ސޮފްޓްވެއާ ތަކަކީ ތަފާތު ތަކެއްޗެވެ. މިސާލަކަށް ފިނޭންސް މަސައްކަތް ކުރާ މީހަކު ބޭނުންކުރާ އެކައުންޓިން ސޮފްޓްވެއާ އަކީ އޮފީސް މެނޭޖްމަންޓް މަސައްކަތް ކުރާ މީހަކަށް ބޭނުން ކުރަން އިނގޭ އެއްޗަކަށް ނުވެދާނެއެވެ.


ކޮންމެ ދާއިރާއެއްގެ ވަޒީފާއެއް ކަމުގައި ވިޔަސް، އިންޓަނެޓާއި ކޮމްޕިއުޓަރު އަދި އެހެނިހެން ޑިޖިޓަލް ޓޫލްސްތައް ބޭނުން ކުރަން ދަސްކުރުން މިހާރު މިވަނީ މުހިންމު ވެފައެވެ. އެހެން ކަމުން ވަޒީފާއަކަށް ނިކުތުމުގެ ކުރިން ނުވަތަ ވަޒީފާއެއްގައި އުޅުނު ކަމުގައި ވީނަމަވެސް މި ރިޕޯޓުގައި ގެނެސްދެވުނު ކަންތައްތަކަށް ކޮންމެވެސް ވަރެއްގެ ސަމާލުކަމެއް ދިނުން މުހިންމު ކަމަށް ފެނެއެވެ.




ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.