އިންޑިއާ ސަރުކާރާ ދެކޮޅަށް ޓްވިޓަރ ފޭސްބުކް އަދި ވަޓްސްއެޕް

ހަސަންވީ 27 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންޑިއާގެ އައި.ޓީ މިނިސްޓްރީން މިއަހަރުގެ ފެބްރުއަރީ މަހު 25 ވަނަ ދުވަހު ވަނީ ޓްވިޓަރ، ފޭސްބުކް ހިމެނޭގޮތަށް އެގައުމުގައި ހިދުމަތްދޭ މީސްމީޑިއާ ކުންފުނިތަކާއި ސްޓްރީމިން ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް އަމާޒުކޮށް އައު ޤަވާއިދުތަކެއް ހަދައި އެއަށް އަމަލުކުރުމަށް 3 މަސްދުވަހުގެ މުހުލަތެއް ދީފައެވެ. މިމުއްދަތު ފާއިތުވެފައިވީނަމަވެސް ގިނަ ކުންފުނިތަކުން އެކަންތައްތައް ތަންފީޒުކޮށްފައެއް ނުވެއެވެ.

މިހާތަނަށް އެގްރީމެންޓް ހުށަހެޅި ހަމައެކަނި ކުންފުންޏަކީ ނެޓްފްލިކްސްއެވެ. ގިނަކުންފުނިތަކުން އިންޑިއާ ސަރުކާރުން ހުށައަޅާފައިވާ ކަންތައްތަކަށް އެއްބަސްވާން ދެކޮޅު ހަދާ ސަބަބަކަށްވަނީ އިންޑިއާ ސަރުކާރަށް އެކުންފުނިތަކުގެ މައުލޫމާތާއި އެކުންފުނިތަކުން ގެނެސްދޭ ކޮންޓެންޓް ކޮންޓްރޯލް ކުރުމުގެ ބާރު ލިބޭނެތީއެވެ.

އިންޑިއާއިން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ކޮންމެ ކުންފުންޏެެއްގައިވެސް ޗީފް ކޮންޕަލަޔަންސް އޮފިސަރެއް، ނޯޑަލް އޮފިސަރެއް، ގްރީވެންސް ރިޑްރެސަލް އޮފިސަރެއް ހުރުން ލާޒިމްކުރުން އަދި ވަޓްސްއެޕަށް ހާއްސަކޮށް އެ އެޕް އިން ފޮނުވާ މެސެޖްތައް ފޮނުވާ ފަރާތް (ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި) ޓްރޭސް ކުރޭވޭނެ ގޮތް ހެދުން ހިމެނެއެވެ. އަދި މީގެ އިތުރުން ބައެއް ގަވާއިދުތަކަކީ އެއަށް އަމަލުކުރަން ފަށައިފިނަމަ އެކުންފުނިތައް އޮޕަރޭޓްކުރަމުން އަންނަގޮތަށް ބޮޑެތި ބަދަލު ގެންނަން ޖެހޭފަދަ ކަންކަމެވެ.

ފޭސްބުކް އިންވަނީ މިޤަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަން މަސައްކަތްކުރާނެވާހަކަ ބުނެފައެވެ. އެއާ ޚިލާފަށް ހަމަ އެކުންފުނީގެ ދަށުން ހިންގާ ވަޓްސް އެޕް އިންވަނީ ދިއްލީ ހައިކޯޓަށް މައްސަލައެއް ހުށައަޅާފައެވެ. މައުލޫމާތު ލިބޭގޮތުގައި ވަޓްސްއެޕް އިން އެގަވާއިދުތަކަށް އަމަލުކޮށްފިނަމަ އެކުންފުނީގެ ޕޮލިސީތަކާއި ޙިލާފުވެވޭނެ ކަމަށްބެލެވެއެވެ. އެގޮތުން ވަޓްސްއެޕް އަކީ އެންޑް-ޓު-އެންޑް އެންކްރިޕްޝަން ބޭނުންކުރާ އެޕަކަށްވުމުން މެސެޖް ފުރަތަމަ ފޮނުވިމީހާ ޓްރޭސްކޮށްފި ނަމަ އެ އެޕްގެ މައި އަސާސް އަކާއި ހިލާފުވެވޭނެއެވެ. ވަޓްސްއެޕް އިން ބުނާގޮތުގައި މެސެޖްތައް ޓްރޭސްކުރަން ބުނުމަކީ އެމީހުންގެ ކައިރީގައި މީހުން ފޮނުވާ ވަކިވަކި މެސެޖްތަކުގައި ފިންގަޕްރިންޓް ޖެހުންފަދަ ކަމެކެވެ. އަދި އެކަންކުރުމުން މީހުންގެ ޕްރައިވެސީއަށް އަރައިގަނެވޭނޭކަމަށްވެސް ބުނެއެވެ. އެހެންކަމުން ވަޓްސްއެޕް ކުންފުނިން ކޯޓުގައި އެދިފައިވަނީ މިގަވާއިދުތައް މަޑުޖައްސައިދިނުމަށެވެ.

އިންޑިއާ ސަރުކާރުންވަނީ މިކަމާއި ގުޅިގެން ރައްދެއްދީފައެވެ. ޔޫނިއަން މިނިސްޓަރު ރަވީ ޝަންކަރު ވިދާޅުވާ ގޮތުގައި އައު ގަވާއިދުތަކަކީ މީސްމީޑިއާ ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށާއި ގަނާކުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކެއްކަމަށެވެ. އަދި މިގަވާއިދުތަކުން ފައިދާވާނީ މީސްމީޑިއާގައި ގަނާ ކުރެވޭ ފަރާތްތައް ކަމަށެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.