އެންސީއައިޓީގެ މިސްރާބު ގަވްޓެކް އެޖެންސީއާއި ދިމާލަށް

ހިންދު ޢަލީ 15 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދާދި ފަހުން ޓެކްނިއުސްއިން މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އާއި ކުރެވުނު އިންޓަރވިއުގައި، ޓެކް ދާއިރާ ކުރިއެރުވުމަށް ކުރިއަށް ރޭވިފައިވާ ވަރަށް ގިނަ ކަންތައްތަކެއްގެ މަޢުލޫމާތު މިނިސްޓަރ ހިއްސާ ކުރެއްވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެއްތަނަކުން ލިބޭނެ ގޮތަށް އޮންލައިން ޚިދުމަތްތައް ފުޅާކުރާނެ ކަމަށާއި އަދި ގަވްޓެކް އޭޖެންސީ އެކުލަވާލުމުގެ މަސައްކަތްކުރުން ވަނީ، ކުރިއަށް އޮތް ދެތިން އަހަރުގެ މުހިއްމު ބައެއް މަސައްކަތުގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ސްޓެރެޓެޖިކް ޕްލޭންގައި ހުރި ކަންތައްތަކުގެ ތާވަލަށް ކޮވިޑް-19 އާއި ގުޅިގެން ވަރަށް ގިނަ ބަދަލުތަކެއް ގެނެސް އިސްކަންދޭނެ ކަންތައް ބަދަލުވެފައިކަމަށް ވެސް ވިދާޅުވިއެވެ. ކެބިނެޓުގެ ރުހުމާއެކު، އިސްކަންދޭ ކަންތައްތައް ތަންފީޒު ކުރުމަށް ނެޝަނަލް ރެސިލިއަންސް އެންޑް ރިކަވަރީ ޕްލޭނެއް ރޭވިފައިވާ ކަމަށާއި އެކަންތައްތަކަށް އިސްކަންދީގެން ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

އެހެން ކަމުން މި ފާހަގަ ކޮށްލި ދެ ކަންތައް ކުރިން ރޭވިފައިވާ ގޮތާއި މިހާރު ބަދަލު ވެފައިވާ ގޮތަށް ބަލާލާނަމެވެ.

ސަރުކާރުން 2019 ގައި ނެރުނު ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި މި ދެ ކަންތައް ހިމެނިފައިވެއެވެ. ސެޕްގެ 4 ވަނަ ބާބު (ޖަޒީރާ ދިރިއުޅުން) ގެ 4.8 ގައި ހިމެނެނީ އައިސީޓީ ދާއިރާ ކުރިއެރުވުމަށްޓަކައި ރޭވިފައިވާ އެކި އެކި ކަންތައްތަކެވެ. މިބައިގެ ފުރަތަމަ ޕޮލިސީގެ ފުރަތަމަ ސްޓްރެޓެޖީގައި ހިމެނެނީ އެންޑީސީ ކިޔާ އެޖެންސީއެއް އުފެއްދާ އެތަނުގެ ހިންގުން ހަރުދަނާކުރުމަށް ރޭވިފައިވާ ބައެއް ކަންތައްތަކެވެ. ސެޕްގައި އޮތްގޮތުން އެންޑީސީ އަކީ މިހާރު ވެސް ހިނގަމުންދާ އެންސީއައިޓީއަށް ނިސްބަތްކޮށް ކިޔަން ޕްލޭންކުރެވުނު ނަމެއްކަމަށް ލަފާކުރެވެއެވެ. އެހެނީ އެންޑީސީ އޭ ބުނާ ނޭޝަނަލް ޑޭޓާ ސެންޓަރަކީ އެންސީއައިޓީގެ ބައެކެވެ.


މީގައި ހިމެނިފައިވަނީ އެންޑީސީ ކޯޕަރޭޓް އެޖެންސީއަކަށް ބަދަލުކޮށް، މެންޑޭޓް ކަނޑައަޅާ، އިދާރާ ހިންގުމަށް ބޯޑެއް އެކުލަވާލުމަށެވެ. އަދި ސަރުކާރުގެ ސީޓީއޯގެ އިސްނަންގަވައިގެން، އެންޑީސީ އާއި އެމްސީއެސްޓީގެ އެހީތެރިކަމާއެކު ސަރުކާރުގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލްކޮށް، ބަދަލު ކުރުމުގެ ހަރަކާތްތަކެއް މީގައި ހިމެނިފައިއޮތެވެ. މިމަސައްކަތްތަކަށް ބޭނުންވާނެ ފަންޑު އެންޑީސީއަށް ހޯދާނެ ގޮތްތަކާއި، އެންޑީސީގެ މުވައްޒަފުންނަށް މިކަމާގުޅޭ ޓްރެއިނިންގ ދިނުމާ ބެހޭ މަސައްކަތްތަކެއްވެސް ރޭވިފައި ހުއްޓެވެ. ސެޕްގައި ކަނޑައެޅިފައިވާ ޓައިމްލައިނަށް ބަލައިފިނަމަ މިކަންތައް ކޮށްނިންމުމަށް ރޭވިފައި އޮތީ 2020 ގައެވެ.

އެހެން ނަމަވެސް 2020 ގައި ދިމާވި ކޮވިޑް ހާލަތާއި ގުޅިގެން، ސެޕް އެކުލަވާލެވުނު އިރު ޕްލޭން ކުރި ގޮތަށް ގިނަ ކަންތައްތަކެއް ނުދިޔައެވެ. ހުރިހާ ކަމަކަށް ހުއްޓުން އެރިގޮތަށް މިކަމަށް ވެސް ލަސްތަކެއް ދިމާވެދާނެކަން ގަބޫލު ކުރެވެއެވެ.

ކުރިން ސެޕްގައި ހިމެނުނު ކަންތައްތައް ކޮވިޑްގެ ހާލަތާއި ގުޅިގެން ބަދަލުކޮށް، އެންމެ އިސްކަންދީގެން ކުރަން ރޭވުނު ކަންތައްތައް ހިމަނައިގެން އޮކްޓޯބަރ 2020 ގައި ވަނީ ނެޝަނަލް ރެސިލިއެންސް އެންޑް ރިކަވަރީ ޕްލޭން (އެން.އާރް.އާރް.ޕީ) ގެ ނަމުގައި އިތުރު ޕްލޭނެއް އެކުލަވާލާފައެވެ. މިނިސްޓަރ ޝައުނާ ފާހަގަ ކުރެއްވި ގޮތަށް މިޕްލޭންގައިވެސް މި ދެންނެވުނު ދެކަން ހިމެނިފައި އެބައޮތެވެ. މިހާރު އޮތީ އެހެން ގޮތަކަށެވެ.

ގަވްޓެކް އެޖެންސީއެއް އުފެއްދުމާއި ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓައިޒް ކުރުމުގެ ވާހަކައެވެ. ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއް ރޭވުމާއި އެންސީއައިޓީގެ ހުރި ޑޭޓާ ސެންޓަރ އަދި އެހެނިހެން ޑޭޓާ ސެންޓަރުތައް ގަވަަރމަންޓް ޑިޖިޓަލް ސަރވިސަސްގެ އިންފްރާސްޓްރަކްޗަރުގެ ބައެއްގޮތަށް ހެދުމުގެ ޕްލޭންތަކެވެ.

މިދެ ޕްލޭންގައި އެކުލެވޭ މަޢުލޫމާތުން ފާހަގަ ކުރެވޭ އިތުރު އެއްގޮތް ކަމަކީ، އެންސީއަައިޓީ މިކަންކަމުގައި ހިމެނިފައިވާކަމެވެ. އެހެން ކަމުން ޕްލޭން ކުރެވިފައިވާ އެއް ކަމަކީ އެންސީއައިޓީގެ ރޯލް ފުޅާކޮށް ސަރުކާރުގެ ޓެކް އެޖެންސީއެއްގެ ގޮތުގައި އެ އިދާރާ ތަރައްގީ ކުރުމެވެ. އިންޓަވިއުގައި މިނިސްޓަރ ވެސް ފާހަގަ ކުރައްވީ އެންސީއައިޓީ ޓްރާންސްފޯމް ކުރުމަށް ވިސްނާފައިވަނީ ޓެކް އޭޖެންސީއެއް ގޮތުގައިކަމަށެވެ. އަދި އެއިދާރާގެ މެންޑޭޓްގައިވާ މަސައްކަތް ކުރުމަށް ފަންނީ މީހުން ހޯދުމާއި، މުވައްޒަފުން ދެމެހެއްޓުމަށް އެކަށޭނެ މުސާރައެއް ދިނުމަށް ބަދަލުތަކެއް ގެނައުމުގެ ޕްލޭންތައްވެސް ހިމެނޭކަމަށެވެ.

މި މުހިއްމު ދެ ޕްލޭންގައިވެސް ސަރުކާރުގެ ހިދުމަތް ޑިޖިޓައިޒް ކުރުމުގެ ޕްލޭންތައް ލިޔެވިފައި ހުރުމުން ދޭހަވަނީ ސަރުކާރުން މިކަންކަން ކުރުމަށް މަސައްކަތް ކުރަން ބޭނުންކަމެށެވެ. އަދި ޚިދުމަތްތައް ޒަމާނީ ކުރުމުގެ ވިސްނުން ގެންގުޅޭކަމަށެވެ. ކަރުދާހުގައި އެކަނި ނަމަވެސް އެކަން ލިޔެވިފައި އެބައޮތެވެ. ކަންކަން ރާވާގޮތަށް ވުމާއި ނުވުން މިވަނީ، މަސައްކަތް ކުރުވަން އަދި ކުރަން ހަވާލުވެ ތިބި ފަރާތްތަކުގެ ކުޅަދާނަކަމުގެ މައްޗަށެވެ. މިނިސްޓަރ ޝައުނާ މިމަސައްކަތާއި ޙަވާލުވެ، މިހާތަނަށް ދައްކަވާފައިވާ ވާހަކަތަކުން މިކަންތައްތައް އަދި ފެންނަނީ ވަރަށް އުންމީދީގޮތަކަށެވެ. އުންމީދުކުރަނީ މިފަހަރު ރަނގަޅު ވާނެކަމަށެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.