ޓެކްނިއުސް އާއިއެެކު މިނިސްޓަރ ޝައުނާ

ޝުޖާޢަތު ރަޝީދު 11 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދިވެހިރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާއާއި ސަރުކާރުގެ ޓެކްނޮލޮޖީ ސިޔާސަތުގެ ތަސައްވުރާއި ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ އާއި ޓެކްނިއުސް އިން ކުރި އިންޓަރވިއުގެ ތެރެއިން ވަރަށްގިނަ ކަންކަން އެގުނެވެ.

މި އިންޓަވިއުގައި މައިގަނޑު ގޮތެއްގައި މިނިސްޓަރ ޝައުނާ ވިދާޅުވެފައިވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހުރި ކަންތައްތަކުގެ ތާވަލަށް ކޮވިޑް-19 އާއި ގުޅިގެން ބަދަލު ގެނެސް އިސްކަންދީ ރޭވިފައިވާ ވަރަށް ގިނަ ކަންތައްތައް ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ކުރެވިގެންދާނެ ކަމަށެވެ.

އައިސީޓީ ލަނޑުދަނޑިތައް - އެސްއޭޕީ

އަދި، މީގެ ތެރޭގައި ދިވެހިރާއްޖެ ޑިޖިޓައިޒް ކުރުމަށް ރޭވިފައި ހުރި ކަންތައްތަކާއި، ސައިބާ ސެކިއުރިޓީ ޤާނޫނު، އީ-ޓްރާންސެކްޝަން ޤާނޫނާއި ޤަވާޢިދު އަދި އެހެނިހެން މިދާއިރާއަށް މުހިންމު ޤާނޫނުތަކާއި ޤަވާޢިދުތައް ކަނޑައަޅައި ތަންފީޒު ކުރުމަށްވެސް ރޭވިފައިވާކަން ފާހަގަ ކުރެއްވިއެވެ.

މިހިނގާ އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑު އިސްކަމެއް ދެވިގެން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ މަސައްކަތްތަކަށް މިޒަމާނާއި ގުޅޭގޮތައް ބަދަލުތައް ގެނެސް، ރެގިއުލޭޓަރީ މުއައްސަސާއެއްގެ ދައުރު އަދާކުރުމަށް އެ އޮތޯރިޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިކަމުގައި ވަރަށް އަވަހަށް އަމަލީ ސިފަ ޖެހިގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

އިތުރު ސަރވިސްޕްރޮވައިޑަރ އަކަށް ލައިސަންސްދިނުމުގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވެފައިވަނީ

"އަޅުގަނޑުމެން ވަރަށް ބޮޑަށް މަރުޙަބާ ކިއަން އައު ޓެކްނޮލޮޖީއަށާއި، ޓެކްނޮލޮޖިކަލް ސޮލިއުޝަންތަކަށް. ސަރުކާރުގެ އެއްވެސް ވިސްނުމެއް ނެތް މިފަދަ ކަންތައްތަކަށް ހުރަސް އެޅުމަކަށް، އަދި މިދެންނެވި ފެންވަރުގައި އަޅުގަނޑުމެންގެ ސިޔާސަތާއި އެއްގޮތައް ޚިދުމަތް ފޯރުކޮށް ނުދެވެނީނަމަ ދެން އޮތް ގޮތްތަކަށްވެސް އަޅުގަނޑުމެން ބަލާނަން." ކަމަށެވެ.

އެންސީއައިޓީއަކީ ގަވްޓެކް އެޖެންސީކަމުގައި ހައްދަވައި އެތަން ޓްރާންސްފޯރމުކޮށް މި މުއައްސަސާގެ ދައުރު ފުޅާކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ބޭނުންހިފުމާއި މިދާއިރާއަށް އިސްކަންދިނުމާއި ގުޅޭގޮތުން މިނިސްޓަރ ދެންނެވީ

"ޑިޖިޓައިޒޭޝަންއާއި ޓެކްނޮލޮޖީ ދާއިރާއާއި ގުޅުންހުރި، ސަރުކާރުގެ އެހެން ސިޔާސަތުތައް ތަންފީޒު ކުރުމަށާއި އަދި ކޮވިޑް 19 އިން މިވެއްޓުނު އަނދަވަޅުން އަރައިގަތުމަށް ވަރަށް މުހިންމު ދާއިރާއެއް މި ދާއިރާއަކީ. އެހެންކަމުން މިއާއި ގުޅިގެން އަންނަ މަސައްކަތްތައް މި އަންނަ ދުވަސްތަކާއި އަހަރުތަކުގެ ތެރޭގައި ފެނިގެންދާނެ." ކަމަށެވެ.

ދިވެހިރާއްޖޭގެ ދައުރު ޓެކްނޮލޮޖީގެ ދާއިރާއިން ޤައުމީ ހަރުފަތްތަކުގައި ދައްކުވައިދޭން މަސައްކަތްކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އާންމުގޮތެއްގައި ދިވެހިރާއްޖެއަކީ ކުޑަގައުމަކަށްވީމައި ޕޭޕަލް، ގޫގަލް އަދި އެނޫންވެސް ދުނިޔޭގެ ބޮޑެތި ޓެކްފާރމްތަކުން ހިދުމަތް ނުލިބޭކަމަށް އަޑުއިވިފައިވާކަމަށް ދެންނެވިއެވެ. ކުޑަ ޤައުމަކަށް ވީތީ ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކުގެ ލިސްޓުގެ ފަހަތުގައި އޮންނާކަށް ނުޖެހޭކަމާއި މިކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ދެންނެވިއެވެ.

މިނިސްޓަރ ޝައުނާ ތަޢުލީމީ ދާއިރާގައި ޓެކް ކޮމިއުނިޓީތަށް ބައިވެރިކުރުވައި އަދި މިހާރަށްވުރެން ރަނގަޅަށް ސްޓެމް މާއްދާތައް އެކުލަވާލުމަށްވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ޚިދުމަތްތަށް ޑިޖިޓައިޒް ކުރުމުގައި ދިވެހީންނަށް އަބަދުވެސް އިސްކަން ދެއްވާނެކަމަށް ވިދާޅުވިއެވެ. މިދާއިރާގައި ފަންނުހުރި ގިނަކުދިން ތިބިކަމަށާއި މިފަދަ ޒުވާނުންގެ ހުނަރު ދިވެހިރާއްޖޭގައި ހިފެހެއްޓުމަށް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަކީ މިނިސްޓަރގެ ބޮޑު އަމާޒުކަމުގައި ދެންނެވިއެވެ.

ސްޓާޓްއަޕް ކުންފުނިތަކާއި އަދި އެހެނިހެން މިދާއިރާގެ ހުނަރުވެރި މަސައްކަތްތެރިންގެ މަސައްކަތްތަށް ބަލައިގަނެ އަދި އެބޭފުޅުންގެ އެއްބާރުލެއްވުމާއި އެކީ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. މިނިސްޓަރ މަޤާމާއި ހަވާލުވެލެއްވުމަށް ފަހު ފުރަތަމަ މަހުގެތެރޭގައި ޓެކްކޮމޮއުނިޓި އަދި ވިމެންއިންޓެކް އާއި އެކު ބައްދަލުކޮށް ހިޔާލު ބަދަލުކުރައްވާފައިވަނީ މި ވިސްނުމުގައި ކަން ވިދާޅުވިއެވެ.

މިއީ ވަރަށް އުންމީދީ ވާހަކަތަކެކެވެ. ޓެކްނޮލޮޖީގެ ބޭނުން އެންމެ ރަނގަޅަށް ހިފައި އޭގެ ބޭނުން ދިވެހިންނަށް ލިބި އެހެން ޤައުމުތަކާއި އެއްހަމައެއްގައި ވާދަކުރުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ނޫނީ ކުރިޔަކަށް ދެވޭކަށް ނެތެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.