ހުރިހާ ކަމެއްވެސް އިންޓަނެޓް، މީސް މީޑިއާ އަދި ތަފާތު ޓެކްނޮލޮޖީގެ އެހީގައި މިހާރު ކުރެވޭ އިރު މަދުން ނަމަވެސް އަހަރެމެންގެ ހިތުގައި އުފެދިދާނެ ސުވާލަކީ މިކަންތައްތަކުން އަހަރެމެންގެ ކަންބޮޑުވުން އިތުރުވެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުމެއްވޭބާއެވެ.
ޓެކްނޮލޮޖީގެ އެހީގައި ތަފާތު މީސް މީޑިއާ ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތަށް ލުއި ގެނެސް އަދި އާއިލާއާއި ރައްޓެހިންނާއި ގުޅުން ބަދަހި ކުރުން މިވަނީ ކުރިއަށް ވުރެން ފަސޭހަވެފައިކަން ޔަޤީނެވެ. ނަމަވެސް އިންޓަނެޓުގެ އެހީގައި ކުރާ ކަންތައްތައް އިތުރުވެ އެކަމަށް އަމިއްލަ މީހާ ހޭދަ ކުރާ ވަގުތު ގިނަވުމަކީވެސް ނޭނގި ކޮންމެ މީހަކަށްވެސް މިހާރު ކުރެވޭ ކަމެކެވެ.
ޕިވް ރިސާޗް ސެންޓާއިން ކޮށްފައިވާ ދިރާސާއަކުން ހާމަވާ ގޮތުގައި ފޭސްބުކް ފަދަ މީސް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުމުން ކަންބޮޑުވުން އިތުރުވެ، އެހެން މީހުންގެ ދިރިއުޅުމުގައި ހިނގާ ކަންތައްތައް ފެނުމުން ހަސަދަ އުފެދުންވެސް އިތުރުވެއެވެ. މީގެ އިތުރުން ސްޓޭޓަސް އަޕްޑޭޓް ކުރުން، ފޮޓޯއެއް އަޕްލޯޑް ކޮށްލުން ނުވަތަ ޓުވީޓެއް ކޮށްލުން ފަދަ ކަންތައް ކުރުމަށް އަމިއްލަ ނަފްސަށް ބައެއް ފަހަރު މަޖުބޫރުވާ ހިސާބަށްވެސް ދެއެވެ. އެއީ މިފަދަ ތަކެތި މީސް މީޑިއާ ޕްލެޓްފޯމަކަށް ލުމުން ލިބޭ ލައިކްތަކާއި ކޮމެންޓުތަކަށް އަމިއްލަ މީހާ ބަރޯސާވެ، ހިޔާލީ ދުނިއެއްގައި ދިރިއުޅެން ވިސްނެން ފަށާތީވެއެވެ.
މިހެން މިކަން ވުމުން، ލައިކެއް ނުލިބި ނުވަތަ ކޮމެންޓެއް ނުލިބުމުން އަމިއްލަ މީހާގެ ހިތް ނުތަނަވަސްވާ ގޮތްވެސް ބައެއް މީހުންނަށް ވެއެވެ. އޮންލައިންކޮށް އެހެން މީހުން ހިތްހަމަޖައްސަން ކަންތައް ކުރުމަށް ވަގުތު ހޭދަ ކުރުމުން އަސްލު ދިރިއުޅުމުގައި ކުރަންޖެހޭ ކަންތައްތައް މަޑުޖެހި، ރައްޓެހިންނާއި އާއިލާއާއި އޮންނަ ގުޅުންވެސް ކުޑަވާން ފަށައެވެ.
މި ދިރާސާގައި އެމެރިކާގެ ޒުވާނުންތަކަކާއި ސުވާލުކޮށް އެމީހުން ދީފައިވާ ގިނަ ޖަވާބުތަކަށް ބެލުމުން އިނގެނީ، މީސް މީޑިއާ ގިނަ ދުވަހަށް އާންމުކޮށް ބޭނުންކޮށްފައި މަދު ދުވަހަކަށް ހުއްޓާލުމުން ވަރަށް ގިނަ މީހުންނަށް އުނދަގޫ ވާކަމެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އަދި އެވްރެޖް ގޮތެއްގައި ފިރިހެނުންގެ ކަންބޮޑުވުން 7 އިންސައްތަ އަންހެނުންނަށް ވުރެން މަދެވެ.
އެންމެ ގިނައިން އެމެރިކާގައި ބޭނުންކުރެވެނީ ޔޫޓިއުބް އަދި ފޭސްބުކް ކަމަށްވެސް މި ދިރާސާއިން ދައްކައެވެ.
ނަމަވެސް 64 އިންސައްތަ އެމެރިކާ މީހުން ބުނާ ގޮތުގައި މީސް މީޑިއާއިން ނޭދެވޭ ވަރަށް ގިނަ އަސަރުތަކެއް އެމެރިކާގައި އެންމެނަށްވެސް ދަނީ ކުރިމަތި ވަމުންނެވެ. އަދި 81 އިންސައްތަ ފުރާވަރު ކުދިންނަށްވެސް މީސް މީޑިއާގެ ސަބަބުން ނޭދެވޭ ނަފްސާނީ ގެއްލުން އެމެރިކާގައި ކުރިމަތިވާ ކަމަށް މި ތަފާސް ހިސާބުތަކުން ދައްކައެވެ.
މީސް މީޑިއާގެ އެހީގައި ރަނގަޅު އަސަރުތަކެއް ކުރާ ކަމުގައި ބުނާ 10 އިންސައްތަ މީހުން ހާމަ ކުރާ ގޮތުގައި، މީސް މީޑިއާގެ ޒަރިއްޔާއިން އެހީވެދެނީ ކަންތައްތަކުގައި އެންމެ ފަހުގެ ޚަބަރު އެނގި އަދި ޤަޢުމުގައި ނުވަތަ މުޅި ދުނިޔޭގައި ހިނގާ ކަންތައްތަކުގައި އަހުލުވެރިވެ ތިބުމަށެވެ.
މި ހުރިހާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މީސް މީޑިއާގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ ވަރަށް ގިނަ އަސަރުތައްކޮށް ގިނަ ބަޔަކަށް މިކަމުގެ ސަބަބުން ކަންބޮޑުވުން އިތުރުވެ ދިރިއުޅުމުގެ ދެން ހުރި ކަންތައްތަކައް ބުރޫ އަރާ ގޮތްވެއެވެ.
މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޑިޕްރެޝަން، އެންޒައިޓީ، އިންސޯމޭނިއާ، ސްޓްރެސްފަދަ ކަންތައްތަކަށް މީސް މީޑިއާ މަގުފަހިކުރެއެވެ.
މީސް މީޑިއާއިން މިކުރާ ނޭދެވޭ ނަފްސާނީ ބަލިތަކުން ދުރުވެ ދުޅަހެޔޮ ވުމަށްޓަކައި، މީސް މީޑިއާ ބޭނުންކުރަން ވަގުތުތަކެއް ހަމަޖެއްސުން މިއީ ކުރެވިދާނެ ކަމެކެވެ. އަދި ދުވަސްކޮޅަކަށް ނަމަވެސް ބައެއް އެކައުންޓްތައް ޑީއެކްޓިވޭޓްކޮށް އެހެން ކަންތައްތަކުގައި އަމިއްލަ މީހާގެ ވަގުތުތައް ހޭދަ ކުރުން މުހިންމެވެ. މިސާލަކަށް އާއިލާއާއި ނުވަތަ ރައްޓެހިންނާއި ދިމާވެލުން، ފޯނު ބޭނުން ނުކޮށް ކުޅެވިދާނެ ކަހަލަ ގޭމްއެއް ކުޅުން، ގިނަ ވަގުތު ރަނގަޅު ގޮތުގައި އިންޓަނެޓް ބޭނުން ކުރުންވެސް މިއީ ކޮށްލެވިދާނެ ކަމެކެވެ.
އިންޓަނެޓުގެ އެހީގައި އިތުރު ހުނަރެއް ދަސްކޮށްލުން، ނުވަތަ ފިލާވަޅެއް ދަސްކޮށްލުން މިއީވެސް ފައިދާ ހުރި ގޮތުގައި އިންޓަނެޓާއި މީސް މީޑިއާ ބޭނުންކުރެވިދާނެ ގޮތެކެވެ.
ވިސްނަންވީ އެހެން މީހުންވެސް މީސް މީޑިއާގައި ޕޯސްޓު ކުރާ ފޮޓޯތަކާއި، ސްޓޭޓަސް ނުވަތަ އެހެނިހެން ތަކެއްޗަކީވެސް މުޅިން ތެދު ހާމަކޮށް ފެންނަން ހުންނަ ތަކެއްޗަށް ނުވެދާނެކަމެވެ.
އެހެންކަމުން ކޮންމެހެން އެހެންމީހުން ކޮށްފައި ހުންނަ ކަންތައް ކުރަން، ނުވަތަ އެހެން މީހަކަށް ލައިކް ލިބި، ފޮލޯވާސް ލިބިފައި ހުރި ވަރު ތިމާގެ އަމިއްލައަށްވެސް ވާންޖެހޭ ކަމެއް ގޮތުގައި ދެކިގެންވެސް ނުވާނެއެވެ.
ޓެކްނޮލޮޖީއާއި، ޑިޖިޓަލް ތަކެތި، މީސް މީޑިއާ ޒިންމާދާރުކޮށް ތިމާގެ އަމިއްލަ ނަފްސާނީ ދުޅަހެޔޮކަމަށް ބަލައި އަދި އެހެން މީހަކަށްވެސް އޭގެއިން ކޮށްފާނެ އަސަރެއް ބަލައި ބޭނުންކުރުމަކީ މުހިންމު ކަމެއް ގޮތުގައި އެންމެންވެސް ބަލައިގަންނަންޖެހެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.