ނައިބު ރައީސް ފައިސަލް ކްލަބްހައުސް އާއި ގުޅިވަޑައިގެންފި

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދިވެހިރާއްޖޭގެ ރައިސޫލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ހޯމަ ދުވަހުގެ ރޭ ކްލަބްހައުސް އާއި ގުޅިވަޑައިގަންނަވައިފި އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މުޅިދުނިޔެއަށް ތަޢާރަފްވި ކުލަބު ހައުސްއަކީ ހަމައެކަނި އަޑު ބޭނުންކޮށްގެން މުޢާމަލާތް (ވޮއިސް ޗެޓް) ކުރާ އެޕްއެއްކެވެ. މީސް މީޑީއާ ވަސީލަތެއްގެ ގޮތުގައި މަދު ދުވަސް ކޮޅެއްގެ ތެރޭގައި މަޤްބޫލުކަން ހޯދާފައިވާ ކްލަބް ހައުސް މިވަނީ ދިވެހި މުޖްތަމައުގެ ތެރޭގައި ވެސް ވަރަށް ހަލުވި ކަމާއި އެކު މަޝްހޫރުވެ ތަފާތު އެކި އެކި އިލްމީ، ސިޔާސީ އަދި އިޖުތިމާއީ މައުލޫއު ތަކަށް ވަރަށް ގިނަ ބަޔަކު ބައިވެރިވެ މަޝްވަރާ ކުރަމުންދާ މަންސަ އަކަށެވެ.

ކްލަބްހައުސްގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކްލަބްތަކަށް ބަލައިލާއިރު، މި ޕްލެޓްފޯމަށް ގައި ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ ތަފާތު އެތަކެއް ކްލަބް ތަކާއި ރޫމް ތައް ހިމެނެއެވެ. މީގެ ތެރޭގައި ވެސް އެންމެ ދޮށީ ކޮށް ފާހަގަ ކުރެވޭ އައްޑޫ ސިޓީގެ ރައްޔިތުންނާއި ފުވައްމުލަކު ރައްޔިތުންނަށް ނިސްބަތްވާ ބައްދަލުވުންތަކެވެ. ނައިބު ރައީސް ފައިޞަލް ނަސީމް އަކީ ފުވައްމުލަކަށް ނިސްބަތްވާ ފަރާތަކަށްވާއިރު މިވަގުތު، ކްލަބްހައުސް ބޭނުންކުރާ ފުވައްމުލަކު ކޮމިއުނިޓީތަކަށް ވެސް އަންނަނީ ވަރަށް ކާމިޔާބު މަޝްވަރާތަކެއް ބާއްވަމުންނެވެ.

ކްލަބް ހައުސް ގައި ތަފާތު އެކިއެކި ފަންތީގެ އަދި ގިންތީގެ މީހުންގެ އަޑުތަކާއި، މަޢުލޫމާތު ޚިއްސާކުރެވެމުން ދާއިރު، ބައެއް މަޖްލިސް މެމްބަރުންނާއި، ކުންފުނިތަކުގެ ވެރިން އަދި ސިޔާސީ މައިދާނުގައި ނަންމަޝްހޫރު އެތަކެއް ފަރާތްތަކާއި ޓެކްނިކަލް ދާއިރާގެ އެތަކެއް ފަންނު ވެރިން އަދި މުނިފޫހިފިލުވުމުގެ ދާއިރާގެ ފަރާތްތައްވެސް ހިމެނިގެން ދާއިރު އަދިވެސް މިތަނުން ޕޮލިސީ ލެވެލްގެ މީހުން ފެނުން މަދު ކަމަށް ބައެއް ރޫމްތަކުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކްލަބްހައިސް އާ ގުޅިވަޑައިގަތުމަކީ ކޮމިއުނިޓީތަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައި ވެގެންދާނެއެވެ. އަދި މަޝްވަރާ ތަކުގެ ތެރޭގައި ސިޔާސީ މީހުނަށާއި، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅާ މީހުނަށްވެސް އެހީތެރިކަން ލިބި ފައިދާކުރުވަނިވި އަދި ބިނާ ކުރެވެނިވި މަޢުލޫމާތުތަކާއި މަޝްވަރާތައް އެކިއެކި ކަލްބް ތަކުގައި ލިބިގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.