ކުރިއަށް އޮތް ފަސް އަހަރު އާ އޮޕަރޭޓަރެއް ނުގެންނާނެ - ކޭމް

އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރާ މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު ދެފަރާތުގެ ދެމެދު ވެވުނު ނުރަސްމީ އެއްބަސްވުމަކީ ސަރުކާރުން ބޭނުންވާ ގޮތަށް އަގާއި ފެންވަރު ދަމަހައްޓާ ނަމަ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އާ އޮޕަރޭޓަރެއް ނުގެނައުން ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.

ކޭމުން ބުނީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން، އަންނަ މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކޮށް ޚިދުމަތަށް ބަދަލު ގެންނަން ކުންފުނިތަކުން ނިންމީ ކޭމްއާ އެކު އެއްބަސްވުމެއް ހަދައިގެން ނޫން ކަމަށާއި އެކަމަކު ސަރުކާރާއި މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކާއި އޮތް އަންޑަސްޓޭންޑިންއެއް ދަށުން ކަމަށެވެ. މި ސުވާލު ހުށައަޅާފައިވަނީ ސިސްޓަމް އިންޖިނިއަރެއް އަދި ސެކިއުރިޓީ ރިސާޗަރެއް ކަމަށްވާ އަޙްމަދު މުޙައްމަދު ދީދީ (ޕީޕް) އެވެ.


މި ނުރަސްމީ އެއްބަސްވުމަކީ، ޔުނިފައިޑް ޓެލެކޮމިއުނިކޭޝަން ލައިސަންސް، އިންޓަނެޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ނުވަތަ މޮބައިލް ޓެލެފޮނީ ލައިސަންސް، ބޮޑު އެއްވެސް ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް ކުރިއަށް އޮތް ފަސް އަހަރު ނުދޭނެ ކަމުގެ އަންޑަސްޓޭންޑިންއެވެ. އަދި މި އަންޑަސްޓޭންޑިންގެ ދަށުން، އަންނަ މަހުން ފެށިގެން އަގުތަކާއި ޚިދުމަތުގެ ފެންވަރަށް ބަދަލު ގެންނާނެ ކަމަށާއި، ތިން އަހަރު ފަހުން އަގުތަކާއި ފެންވަރު ރިވިއުކުރާނެ ކަމަށެވެ.

ކޭމް އިން އިތުރަށް ބުނި ގޮތުގައި މިގޮތަށް އޮތް ކަމުގައި ވިޔަސް ސެޓެލައިޓް އިންޓަނެޓް ފަދަ އާ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އާ ސާވިސް ޕްރޮވައިޑާ އަކު ޚިދުމަތް ދިނުމަކަށް ހުރަހެއް ނޯންނާނެ އެވެ. މިހާރު ދުނިޔޭގައި މަގުބޫލުކަން ހޯދަމުން އަންނަ ސެޓެލައިޓް އިންޓަނެޓް ޚިދުމަތް ކަމަށްވާ ސްޓާލިންކްގެ ޚިދުމަތަށް ރާއްޖޭގައި ހުއްދަ ދޭނެކަން ވަކިން ފާހަގަކޮށްފައިވެ އެވެ.

ކަންމިހެން އޮތްކަމުގައި ވިޔަސް ޓެކްނިއުސްގެ ފަރާތުން ސަރުކާރުގެ ޓެކްނޮލޮޖީ ސިޔާސަތުގެ ތަސައްވުރާއި ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް މިނިސްޓަރ ޝައުނާ ކުރި އިންޓަރވިއުގެ ތެރެއިން އިތުރު ސަރވިސްޕްރޮވައިޑަރ އަކަށް ލައިސަންސްދިނުމުގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވެފައިވަނީ

"އަޅުގަނޑުމެން ވަރަށް ބޮޑަށް މަރުޙަބާ ކިއަން އައު ޓެކްނޮލޮޖީއަށާއި، ޓެކްނޮލޮޖިކަލް ސޮލިއުޝަންތަކަށް. ސަރުކާރުގެ އެއްވެސް ވިސްނުމެއް ނެތް މިފަދަ ކަންތައްތަކަށް ހުރަސް އެޅުމަކަށް، އަދި މިދެންނެވި ފެންވަރުގައި އަޅުގަނޑުމެންގެ ސިޔާސަތާއި އެއްގޮތައް ޚިދުމަތް ފޯރުކޮށް ނުދެވެނީނަމަ ދެން އޮތް ގޮތްތަކަށްވެސް އަޅުގަނޑުމެން ބަލާނަން." ކަމަށެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.