އޭއައި އަކީ 1950ގެ އަހަރުތަކުން ފެށިގެން އެކެޑެމިކް ދިރާސާ ކުރެވެމުންދާ ސައިންޓިފިކް ދާއިރާއެކެވެ. މިދާއިރާ ފެށިގެން އައީ ހިސާބު އިލްމުވެރިޔާ އެލަން ޓިއުރިންގގެ މަޝްހޫރު ސުވާލު މެޝިނަކަށް ވިސްނޭނެތަ؟- މި ސުވާލު ކުރެވުނު ހިސާބުންނެވެ. ޕްރެކްޓިކަލްކޮށް އޭރުވެސް މަޑުމަޑުން އޭއައިި އެޕްލިކޭޝަންތައް ބޭނުންކުރެވެމުން ދިޔައެވެ.
މިއީ ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ވަރަށް ބޮޑުތަން ފުޅާވެގެން ގޮސްފައިވާ ދާއިރާއެކެވެ. އޭއައިގެ ދިރާސާތަކާއި، އޭއައި ޓެކްނޮލޮޖީއަށް ކުރެވޭ އިންވެސްޓްމަންޓްތަކާއި، އޭއައި ބޭނުންކޮށްގެން އުފެއްދޭ އެޕްލިކޭޝަންތައް އިތުރުވެގެން ގޮސްފައިވެއެވެ. އެހެން ނަމަވެސް މިދާއިރާއަކީ އަދިވެސް ގިނަ ބަޔަކު ވަރަށް ބީރައްޓެހި ދާއިރާއެކެވެ. 2017 ވަނަ އަހަރު ޑެލޮއިޓް-ޔޫއެސްއިން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ލީޑަރުންގެ މެދުގައި ކުރި ދިރާސާއަކުން ދައްކާގޮތުން އޭއައި ޓެކްނޮލޮޖީގެ ކޮންސެޕްޓްތައް ރަނގަޅަށް ފަހުމްވަނީ %17 މީހުންނަށެވެ. މިއީ އަދި އެފަރާތްތަކުގެ ކުންފުނީގެ އެކި މަސައްކަތްތަކުގައި އޭއައި ބޭނުންކުރާ ކުންފުނިތަކުގެ ލީޑަރުންނެވެ. އެހެން ނަމަވެސް ހަމަ މިދިރާސާއިން ދައްކާގޮތުގައި %92 މީހުން ގަބޫލު ކުރާގޮތުގައި އޭއައި އަކީ އެކުންފުނިތައް ކުރިއަރުވަން ބޭނުންކުރެވޭނެ މުހިއްމު ޓެކްނޮލޮޖީއެކެވެ.
އޭއައިގެ ސަބަބުން ކުންފުނިތަކަށް ހަމައެކަނި އިޤުތިސާދީ ފައިދާ ލިބެނީކީ ނޫނެވެ. އޭގެ އިތުރުން ކުންފުނިތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރުވެސް ރަނގަޅުކޮށްދެއެވެ. އޭއައިގެ ސަަބަބުން މިހާރުވެސް އަދި މުސްތަގުބަލުގައިވެސް ގިނަ ދާއިރާތަކުގައި އިންސާނަކަށް ކުރަން އުނދަގޫ ކަންތައްތައް ފަސޭހަކޮށްދީ، އަވަސްކޮށްދޭނެއެވެ. ޕްރައިޒްވޯޓަރކޫޕަރއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި 2030 އާއި ހަމައަށް އޭއައިގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް 15.7 ޓްރިލިއަން ޑޮލަރުގެ ފައިދާކޮށްދޭނެއެވެ.
މިއާޓިކަލްގައި އޭއައިގެ ބޭނުންކޮށްގެން އެންމެ ކުރިއަރާފައިވާ 3 ދާއިރާއަށް ބަލާލާނަމެވެ.
ސިއްހީ ދާއިރާއަކީ އޭއައި ޓެކްނޮލޮޖީ ބޭނުންކުރާ އެންމެ ގިނަ އެޕްލިކޭޝަންތައް ހިމެނޭ ދާއިރާއެވެ. އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހޮސްޕިޓަލުތަކާއި ޑޮކްޓަރުން އިތުރަށް ބާރުވެރިކުރުވާ، މުޅި ސިއްހީ ދާއިރާއަށް ވަނީ އިންގިލާބީ ކުރިއެރުމެއް ގެނެސްފައެވެ. ބަލިމީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފެންވަރު އެތަށް ގުނައަކަށް އިތުރުކޮށްދިނުމާއެކު ޚިދުމަތުގެ ދުވެލިވެސް ބާރު ކޮށްލައިފިއެވެ. ހޮސްޕިޓަލުގައި ބޭނުންކުރާ އެންމެ އާދައިގެ ޑިޖިޓަލް އެސިސްޓަންޓް ފަދަ އެޕްލިކޭޝަންތަކުން ފެށިގެން ގޮސް ޑޮކްޓަރުންނަށް ދެނެގަންނަން ގިނަ ވަގުތު ނަގާ ބަލިތައް ދެނެގަތުމަށާއި ދަތި އޮޕަރޭޝަންތައް ކުރުމަށް މިހާރު އޭއައި ޓެކްނޮލޮޖީ ދަނީ ބޭނުން ކުރެވެމުންނެވެ.
އަހަރުމެން މިހާރު ދިރިއުޅެމުން މިދަނީ "ބިގް ޑޭޓާ"ގެ ޒަމާނުގައެވެ. މީގެ މާނައަކީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ ދުވަހަކު އެތަށް ޕްރޮސެސްތަކަކާއި ޓްރާންސެކްޝަންތަކާއި ގުޅިގެން އަދަދު ނުކުރެވޭހާ ގިނަ ޑޭޓާ ނުވަތަ މަޢުލޫމާތު އެއްކުރެވެއެވެ. މިހާ ގިނަ ޑޭޓާ ޕްރޮސެސްކޮށް އޭގެން މާނައެއް ދޭހަކުރުމަކީ އާންމުކޮށް އިންސާނުންނަށް ކުރަން އުނދަގޫ ކަންތަކެވެ. ކުރެވުނަސް އެތަށް ޒަމާނެއް މިކަމަށް ހޭދަވާނެއެވެ. އޭއައިގެ ޒަރީއާއިން ފަސޭހަކޮށްދޭ އެއްކަމަކީ މިފަދަ ބޮޑެތި ޑޭޓާ ސެޓްތައް އިންސާނުންނަށް ނުކުރެވޭހާ އަވަހަށް އެނަލައިޒް ކުރުމާއި އޭގެން މާނައެއް ނެރުމެވެ.
ސިއްހީ ދާއިރާއަކީ މިފަދަ ބޮޑުތި ޑޭޓާ ސެޓްތައް އުފައްދާ އަދި ބަލަހައްޓާ އެއް ދާއިރާއެވެ. ބަލި މީހުންނާއި ގުޅޭ އެކިއެކި މަޢުލޫމާތެވެ. ބަލިތަކާއި ބެހޭ އެތަށް މަޢުލޫމާތެކެވެ. ސިއްހީ ދާއިރާގައި އެކި ވައްތަރު ވައްތަރުގެ އިމޭޖް އުފައްދައެވެ. މިސާލަކަށް އެކްސް-ރޭ، އަލްޓްރާސައުންޑް، ސީޓީ ސްކޭން، އެމްއާރްއައި ފަދަ ތަކެތި ހިމެނެއެވެ. އިންސާނުންގެ ހަށިގަނޑުގައި ހުންނަ އެކި ގުނަވަންތަކުގެ އެކި ވައްތަރުގެ އިމޭޖްތަކާގުޅޭ އެތަށް ޑޭޓާތަކެއް ރައްކާކުރެވެއެވެ. މިތަކެތި އެނަލައިޒްކޮށް އޭގައި ހިމެނޭ ޕެޓަރންތައް ދެނެގަނެ، ބަލިތަކާއި އޭގެ އެންމެ އެކަށޭނެ ފަރުވާ ދެނެގަންނަން އޭއައި ޓެކްނޮލޮޖީއިން ވަނީ އެތަށް ގުނައެއް ފަސޭހަކޮށްދީފައެވެ. މިފަދަ އިމޭޖްތަކުން ބަލީގެ އަލާމާތްތައް އެނަލައިޒްކޮށްގެން ބަލިޖެހުމުގެ ކުރިން ރައްކާތެރިވެވޭނެ ގޮތްތައް ހޯދުމަށް ވެސް އޭއާއި ޓެކްނޮލޮޖީއިން ފަހިކޮށްދެއެވެ.
އައިބީއެމްގެ ސުޕަރ ކޮމްޕިޔުޓަރ ވޮޓްސަން ގޭމް ޝޯ ޖެޕަޑީގައި އިންސާނުން ބަލިކުރި ވާހަކަ ކުރިން ވާނީ ދެންނެވިފައެވެ. މި އޭއައި ޓެކްނޮލޮޖީ ބޭނުންކުރެވުނީ ހަމައެކަނި ގޭމުކުޅުމަކަށް ނޫނެވެ. 2017 ގައި ވަޓްސަން ވަނީ ލޭގެ ކެންސަރު (ލިއުކީމިޔާ) ދެނެގަތުމަށްވެސް ބޭނުންކުރެވިފައެވެ. ޑޮކްޓަރުންނަށް ކުރުމަށް އެތަށް މަހެއް ހޭދަވާ މިފަދަ މަސައްކަތްތައް އޭއައި ބޭނުންކޮށްގެން އެތަށް ފިޔަވަޅެއް ކުރިއަށް ޖައްސައިދެއެވެ.
ރޮބޮޓިކްސް ނުވަތަ އޮޓޮމޭޓަޑް މެޝިން ބޭނުންކޮށްގެން ކުރާ އޮޕަރޭޝަން ނުވަތަ ސަރޖަރީއަކީވެސް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވޭ ކަންތައްތަކެވެ. ޑޮކްޓަރުންނަށް ކުރަން ދަތިވާ ފަދަ އޮޕަރޭޝަން ކުރުމަށް ނުވަތަ ރިމޯޓްކޮށް އޮޕްރޭޝަން ކުރުމަށް މިފަދަ ޓެކްނޮލޮޖީ ވަރަށް ބޭނުންތެރިއެވެ. ރޮބޮޓާއި އޭއައިގެ ޒަރީއާއިން އޮންޑޮސްކޯޕިކް ޕްރޮސީޖަރތައް (ކުޑަކޮށް ފަޅާލައިގެން ނުވަތަ އެއްގޮތަކަށްވެސް ނުފަޅާ ކުރެވޭ އޮޕަރޭޝަންތައް) އެތަށް ގުނައެއް މިހާރު ވަނީ ފަސޭހަވެފައެވެ. މީގެ ސަބަބުން އޮޕަރޭޝަން ކުރުމުގައި ބަލިމީހާގެ ހަށިގަނޑަށްވާ ގެއްލުން ކުޑަކުރެވެއެވެ.
އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިތުގެ ބަލިމީހުން ބޭނުންކުރާ ޕޭސްމޭކަރ ފަދަ ތަކެތި ވެސް ސްމާޓް ކުރެވެއެވެ. މިފަދަ ބަލި މީހުން ހާލު ގޯސްވާ ވަގުތެއްގައި އޮޓޮމެޓިކުން އެފަދަ ތަކެތި ބޭނުންކޮށްގެން މީހުންގެ ފުރާނަ ސަލާމަތް ކުރެވެއެވެ.
ތަޢުލީމީ ދާއިރާގައި އޭއައި ބޭނުންކުރެވޭ ވާހަކަ ބުނުމުން ގިނަ ފަރާތްތަކަށް އެއީ ޓީޗަރުންގެ ބަދަލުގައި އޮޓޮމޭޓެޑް މެޝިނު ބޭނުންކޮށްގެން ކިޔަވައިދިނުން ކަމުގައި ހީވެދާނެއެވެ. މިހާރުގެ ދިރާސާތަކުން ދައްކާގޮތުގައި ކިޔަވައި ދިނުމުގައި ޓީޗަރުންނާއި ޓެކްނޮލޮޖީގެ ހައިބްރިޑް މެތަޑެއް ބޭނުންކުރުމަކީ އެންމެ އެފެކްޓިވް ގޮތެވެ. ހާއްސަކޮށް ކުދިން ޓެކްނޮލޮޖީއަށް އަހުލުވެރިވުމުގެ ސަބަބުން ނުވަތަ ޓެކްނޮލޮޖީއާއި ނުލާ ކިޔަވާނުދެވޭ މިފަދަ ޒަމާނެއްގައި އޭއައިގެ އެހީގައި ކުދިންގެ ކިޔެވުމާއި ދަސްކުރާ ދަސްކުރުން އިތުރަށް ތަރައްގީކުރެވެއެވެ. ވަކިވަކި މާއްދާތަކަށް ހާއްސަކޮށް ފޯކަސް ކުރެވޭނެ އެޕްލިކޭޝަން އޭއައި ޓެކްނޮލޮޖީގެ އެހީގައި އުފައްދާފައި ހުރެއެވެ.
މިސާލަކަށް ހިސާބު މާއްދާ ނުވަތަ ބަސް ކިޔެވުމުގައި ކުދިން އުނގެނޭ ސްޕީޑްގައި އިތުރަށް ފިލާވަޅުތަކުގެ ލެވެލް މަތިކުރާ ކަހަލަ އޭއައި ހިމެނޭ އެޕްލިކޭޝަން ހުރެއެވެ. މީގެ ބޭނުންކޮށްގެން ކޮންސެޕްޓްތައް ނަގައިގަންނަން އުނދަގޫ ކުދިންނަށް އެކުދިންނަށް ފަސޭހަ، ހަލުވި މިނެއްގައި ގެންދެވޭނެއެވެ. އަދި ހަމަ އެގޮތަށް އަވަހަށް ދަސްކުރާ ކުދިންނަށް އެކަށޭނެގޮތަށް ވެސް މިފަދަ އެޕްލިކޭޝަންތައް އަމިއްލައަށް ހޭނި ކުދިންނަށް އުނގަންނައިދެއެވެ. ތިންކްސްޓަރ މެތްސް އަދި ޑުއޯ ލިންގޯ އަކީ މިފަދަ އެޕްލިކޭޝަންގެ މިސާލުތަކެކެވެ.
ކިޔަވާ ދިނުމުގެ އިތުރުން ސްކޫލްގައި ކުރެވޭ އެހެނިހެން ކަންތައްތަކުގައި ވެސް އޭއައި ބޭނުންކުރެވެއެވެ. މިސާލަކަށް ޕޭރެންޓް-ޓީޗަރ މީޓިންގ ޝެޑިއުލް ކުރުމަށް އޭއައި ބޭނުންކުރާ އެޕްލިކޭޝަންތައް މިހާރު އެބަހުއްޓެވެ. އަދި ޓީޗަރުން ކުރަންޖެހޭ، ޕޭޕަރު މާކުކުރުމާއި ޓެސްޓް ސްކޯ ދިނުމުގެ ބައެއް މަސައްކަތްތައްވެސް މިހާރު މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވެއެވެ. މިފަދަ އެޕުން މަލްޓިޕަލް ޗޮއިސް ސުވާލު ހިމެނޭ ޓެސްޓާއި ސީދާ ދެނެގަނެވޭ ފަދަ ވަކި ޖަވާބު ދެވޭ ސުވާލުތައް މާކުކުރުމަށް ބޭނުންކުރެވެއެވެ.
ދަތުރުފަތުރުގެ ދާއިރާއަކީ އޭއައި އާއި މެޝިން ލަރނިންގ ބޭނުންކުރާ ވަރަށް ގިނަ މުހިއްމު އެޕްލިކޭޝަންތައް އުފައްދާ ދާއިރާއެކެވެ. 2018 އާއި 2020 އާއި ދެމެދު އެކަނިވެސް އަމިއްލައަށް ދުއްވާ ވެހިކަލްގެ ޓެކްނޮލޮޖީއަށް 25 ބިލިއަން ޑޮލަރު ވަނީ ޚަރަދު ކޮށްފައެވެ. އެލައިޑް މާކެޓް ރިސަރޗްގެ ފަރާތުން 2020 ގައި ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި މިދާއިރާއަށް ކުރެވޭ އިންވެސްޓްމަންޓް ދާނީ ކޮންމެ އަހަރަކު ގާތްގަނޑަކަށް %40 އަށް އިތުރުވަމުންނެވެ. 2026 ގައި 557 ބިލިއަން ޑޮލަރު މިދާއިރާއަށް އިންވެސްޓް ކުރެވިގެންދާނެކަމަށް އެދިރާސާގައި ލަފާކުރެއެވެ.
އަމިއްލައަށް ދުއްވާ ވެހިކަލްގެ ތެރޭގައި އޭއައިގެ އެޑްވާންސްޑް ޓެކްނޮލޮޖީ ހިމެނިފައިވާ ކާރާއި، ޓްރަކާއި، ބަހާއި، އަދި ޑްރޯން ސިސްޓަމް ހިމެނެއެވެ. މިފަދަ ޓެކްނޮލޮޖީގެ ސަބަބުން ވެހިކަލް ދަތުރު ކުރަންވީ މަގު އަމިއްލައަށް ދެނެގަނެ، ދާންވީ ސްޕީޑް އަމިއްލައަށް ބަދަލުކުރެވި، މަގުމަތީގައި ދުއްވާއިރު އެއް ލޭނުން އަނެއް ލޭނަށް ބަދަލު ވާން ދެނެގަނެ، އަދި ވެހިކަލްގައާއި މަގުމަތީގައި ހަރުކޮށްފައި ހުންނަ ކެމެރާއާއި ސެންސަރުގެ ބޭނުންކޮށްގެން އެކްސިޑެންޓްތަކުން ރައްކާތެރިވުމަށް ވެހިކަލުން އަމިއްލައަށް ފިޔަވަޅުއެޅުން ފަދަ ކަންތައްތައް ހިމެނެއެވެ. މިމަސައްކަތްތައް އެތަކެތި ކުރަނީ، ދުއްވާ ވަގުތު ނަގާ ޑޭޓާ، މެޕުން ލިބޭ ޑޭޓާ، މަގުގައި ދުއްވާ އެހެން ވެހިކަލްތަކާބެހޭ ޑޭޓާ، މޫސުމާބެހޭ ޑޭޓާ އާއި މަގުތަކުގެ ހާލަތާއި ބެހޭ ޑޭޓާ ފަދަ ގިނަގުނަ މަޢުލޫމާތު އަވަހަށް ރިއަލްޓައިމްކޮށް އެނަލައިޒްކޮށް ނިންމުންތައް ނިންމަން ބޭނުންކުރާ އެޑްވާންސްޑް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެނެވެ.
މިހާރުގެ ޓްރެންޑަކީ މިފަދަ އަމިއްލަ އަށް ދުއްވާ ކާރުގެ ޓެކްނޮލޮޖީ ޕަބްލިކް ޓްރާންސްޕޮޓޭޝަންގައި ބޭނުންކުރުމެވެ. މިސާލަކަށް ފިންލޭންޑާއި، ޗައިނާ އަދި ސިންގަޕޫރުގައި ބަހާއި ޓެކްސީ ފަދަ ތަކެތީގައި އޮޓޮނޮމަސް (ޑްރައިވަރަކާއި ނުލާ ދުއްވާ ވެހިކަލް) ޓެކްނޮލޮޖީ މިހާރު ޓެސްޓް ކުރެވެމުން ދެއެވެ. އޫބާ ފަދަ ކުންފުނިތަކުން ވެސް ވަނީ މިފަދަ ވެހިކަލް ބޭނުންކުރުމަށް ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ.
ދެން އެންމެ ގިނައިން އޭއައި ބޭނުންކުރަނީ ޓްރެފިކް މެނޭޖްކުރުމަށް ބެނުންކުރާ އެކި އެކި އެޕްލިކޭޝަންތަކުގައެވެ. ޓްރެފިކް އަކީ އާންމުކޮށް އިންސާނުންގެ ތަބީއަތުގެ މައްޗަށް ބިނާވާ ކަމެއްކަމުން، ކުރިއާލާ ވާނެ ނުވަތަ ވެދާނެ ކަންތައްތައް ދެނެގަންނަން އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް މިހާރު މަގުމަތީގައި ހުންނަ ކެމެރާތަކާއި ސެންސަރތަކުން އެއްކުރެވޭ ޑޭޓާ ބޭނުންކޮށްގެން އޭއައި ޓެކްނޮލޮޖީގެ އެހީގައި ޓްރެފިކް މެނޭޖްކުރުން ވަނީ ފަސޭހަ ކޮށްލާފައެވެ. އެކްސިޑެންޓް ހިނގާފާނެ މިންވަރު ދަށްކުރުމަށާއި ޓްރެފިކް ތޮއްޖެހުން މަދުކުރެވޭނެ އެކިއެކި އެޕްލިކޭޝަންތައް ހިމެނެއެވެ.
މިސާލަކަށް ޑެލިވެރީގެ އެކި މަސައްކަތް ކުރާ ފަރާތްތަކަށް ފަސޭހަ ވާނޭގޮތަށް ޓްރެފިކް އެންމެ މަދު މަގު ދައްކާދިނުމަށް، ނުވަތަ ދަތުރު ކުރާ މީހުން އެއްތަނުން އަނެއްތަނަށް ދިޔުމަށް ބޭނުންކުރެވޭނެ އެންމެ ކުރު މަގު ދައްކާ ދިނުމަށް، ނުވަތަ ޓްރެފިކް ހަރަކާތްތަކަށް ބަލައި ތޮއްޖެހޭނެ ވަގުތުތަކާއި ތޮއްޖެހިދާނެ ސަރަހައްދުތައް ކުރިއާލާ ދެނެގަނެވޭނެ އެޕްލިކޭޝަންތަކަކީ މިހާރު ވަރަށް ގިނައިން ފެންނަ ތަކެއްޗެވެ.
ޓްރާސްޕޯޓް ވަސީލަތްތަކުގެ ފައިދާ ދެމެހެއްޓެނިވި ގޮތުގައި އިތުރުކުރުމަށް ވެސް އޭއައި ޓެކްނޮލޮޖީއިން އެހީތެރިވެދެއެވެ. މުޅި ދުނިޔޭގެ ނަންބަރު ތަކަށް ބަލައިލައިފިނަމަ ޓްރާސްޕޯޓް އިންޑަސްޓްރީއިން ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ %23 އުފައްދައެވެ. އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަތުރު ފަތުރުތައް މަދުކުރުމަށް ބާރުއަޅާދެއެވެ. މިކަން ހާއްސަކޮށް ފެންނަނީ ބޮޑެތި ސިޕިންގ ކުންފުނިތަކުގައި ބޭނުންކުރާތީއެވެ. މިސާލަކަށް މުދާއުފުލުމަށް ބޭނުންކުރާ ކަނޑު އުޅަނދުފަހަރާއި އެއްގަމު އުޅަނދުގެ ދުއްވުންތައް މަދު ކުރެވޭނެ ގޮތަށް ތާވަލް ރޭވުމާއި، އަދި ދުއްވުމުގައި ހޭދަވާ ވަގުތު މަދުކުރެވޭނެ ގޮތަށް ރޭވުމަށް އޭއައިގެ ޒަރީއާއިން އެހީތެރިވެދެއެވެ. އަދި މީގެ ސަބަބުން ފައިދާ ލިބޭނީ ކުންފުނި ތަކަށް އެކަންޏެއްނޫނެވެ. މުޅި ތިމާވެއްޓަށްވެސް އޭގެން ފައިދާ ކުރާނެއެވެ.
މިގޮތަށް ބަލައިފި ނަމަ އޭއައި ޓެކްނޮލޮޖީ ބޭނުން ނުކުރާ ދާއިރާއެއް މިހާރު މަދުވާނެއޭ ދެންނެވިދާނެއެވެ. މި އާޓިކަލްގައި މިހިމަނާލީ އެންމެ ގިނަ އެޕްލިކޭޝަންތައް ހިމެނޭ ދާއިރާތަކެވެ. މީގެ އިތުރުންވެސް މާކެޓިންގ ދާއިރާއާއި، ފައިސާއާއި ބޭންކިންގ ދާއިރާ، އޮންލައިން ވިޔަފާރިއާއި، މުނިފޫހި ފިލުވުމުގެ ދާއިރާ، ބަސް ކުރިއެރުވުމުގެ ދާއިރާއާއި އާންމު ރައްކާތެރިކަމާއި އަދުލު އިންސާފުގެ ދާއިރާއަކީވެސް އޭއައި އެޕްލިކޭޝަންތައް އިތުރުވަމުންދާ ދާއިރާތަކެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް