14 ސެޕްޓެމްބަރ 2021 ވީ އަންގާރަ ދުވަހު ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީއިން، ގަވް.އެމްވީ މެސެޖުގެ ނަމުގައި ސަރުކާރުގެ އިދާރާތަކާއި އާންމުންގެ މެދުގައި ޑިޖިޓަލްކޮށް މުޢާމަލާތް ކުރެވޭނެ ނިޒާމެއް އިފްތިތާހު ކޮށްފިއެވެ. މިސިސްޓަމަކީ އާންމުން ސަރުކާރަށް ހުށަހަޅަން ބޭނުންވާ ސިޓީ އާއި އެހެނިހެން ލިޔެކިޔުންތައް އޮންލައިންކޮށް ހުށަހެޅުމަށް ބޭނުންކުރެވޭނެ ސިސްޓަމެކެވެ. އެންސީއައިޓީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ.
މީގެ 11 އަހަރު ކުރިން 25 އެޕްރީލް 2010 ގައި އިފްތިތާހު ކުރެވުނު ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) އަކީ ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ރަސްމީކޮށް ސިޓީއާއި ލިޔެކިޔުން ބަދަލު ކުރެވޭނެ ގޮތަށް ތައްޔާރުކުރި ޚިދުމަތެކެވެ. ޖެމްސް ތައްޔާރުކުރުމުގެ މަގުސަދެއް ކަމުގައި ވެގެން ދިޔައީ ލުއި ފަސޭހަކަމާއި ރައްކާތެރިކަމާއެކު ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލު ކުރުމެވެ. އަދި އިދާރާތަކުގެ ހިންގުން އަވަސްވުމާއި ސިޓީ ބިޓީ ބަދަލުކުރުމަށް ސަރުކާރުން ކުރާ ޚަރަދު ކުޑަވުމަކީ ޖެމްސް އިން ލިބުނު ވަރަށް ބޮޑު ފައިދާތަކެވެ.
ޖެމްސް ސިސްޓަމް 2010 ގައި ރޯލް އައުޓް ކުރެވުނު އިރު، ޚިދުމަތުގެ ލިމިޓޭޝަނަކީ، ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ ބައިވެރިވުން ހިމެނޭ އިދާރާތަކުގެ މެދުގައި އެކަނި ބޭނުންކުރެވުމެވެ. ޖެމްސް ސިސްޓަމަށް އެކްސެސް ވެވެނީ ގަވަރމަންޓް ނެޓްވޯކް އޮފް މޯލްޑިވްސް (ޖީއެންއެމް) ވިއުގައިގެ ތެރޭގައި ހުރި އިދާރާތަކުގެ މުވައްޒަފުންނަށް އެކަންޏެވެ. އެހެން ނަމަވެސް އެންމެ ފުރަތަމަ ފެށުނު އިރުވެސް މިޚިދުމަތް އާންމު ރައްޔިތުންނަށާއި އަމިއްލަ ކުންފުނިތަކަށް ވެސް ބޭނުންކުރުމަށް އޮންލައިން ޕްލެޓްފޯމެއް ގޮތަށް ފުޅާ ކުރުމުގެ ޕްލޭންތައް އޮތެވެ.
ސަރުކާރުގެ އިދާރާތަކުގެ މެދުގައި ރަސްމީ ލިޔެކިޔުންތައް ބަދަލުކޮށް މެނޭޖްކުރުމަށް ބޭނުންކުރާ ޖެމްސްއަށް، ސީދާ ރައްޔިތުންނަށް ސިޓީ ފޮނުވޭނެ ގޮތް، މިހާރު މިތައާރަފް ކުރެވުނު ގަވް.އެމްވީ މެސެޖުގެ ސަބަބުން ފަހިވީއެވެ. އެހެން ގޮތަކަށް ބުނާނަމަ ގަވް.އެމްވީ މެސެޖު ޚިދުމަތަކީ ޖެމްސްގެ އޮންލައިން ޕޯޓަލެވެ. އޮންލައިންކޮށް ޚިދުމަތް ހުޅުވާލުމާއެކު ޖީއެންއެމްގެ ބޭރުން ވެސް، އިންޓަރނެޓް ލިބޭ ކޮންމެ ތަނަކުން ޚިދުމަތަށް އެކްސެސް ކުރެވޭނެއެވެ. މިސިސްޓަމް މެދުވެރިކޮށް ތަކެތި ހުށަހެޅުމަށް އީފާސް މެދުވެރިކޮށް ސިސްޓަމަށް ލޮގިން ކުރައްވަން ޖެހޭނެއެވެ.
މިޚިދުމަތުން ރައްޔިތުންނަށް ލިބޭނެ ލުއިފަސޭހަތަކުގެ ތެރޭގައި އެންސީއައިޓީއިން ފާހަގަ ކުރެއްވި ބައެއް ކަންތައްތަކަކީ، ޚިދުމަތް ހޯދުމަށް ސަރުކާރުގެ އިދާރާތަކުގެ ކައުންޓަރުތަކުގައި ރައްޔިތުން ކިޔުގައިޖެހެން ނުޖެހުމާއި ސަރުކާރުގެ ކޮންމެ އިދާރާއަކަށް ޑިޖިޓަލްކޮށް ސިޓީބިޓީ ފޮނުވާ މުޢާމަލާތް ކުރުމަށް ފަހިވެގެން ދިޔުން ހިމެނެއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ސަރުކާރު އޮފީހަކަށް ކަމަކަށް ހުށަހެޅުމަށް އޮފީސް ހުޅުވެންދެން ރައްޔިތުން އިންތިޒާރުކުރަން ޖެހުމާއި، އޮފީސް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ޚިދުމަތަށް އެދި ހުށަނޭޅި ހުންނަންޖެހުން ފަދަ ދަތިތަކަށް، މިޚިދުމަތާއެކު ލުއި ލިބިގެންދާނެއެވެ. އަދި ކަމެއް ހުށަހެޅުމުން އެކަމެއް ކުރިއަށް ދާގޮތާއި ފިޔަވަޅު އެޅޭ ގޮތް ބަލާލެވެން ހުރުމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަވެގެން ދާނެކަމަށް ވެސް ވިދާޅުވިއެވެ.
އާންމު ރައްޔިތެއް ސަރުކާރަށް ފޮނުވަންޖެހޭ ސިޓީއެއް ނުވަތަ ކަމަކަށް އެދި ހުށަހަޅާ ހުށަހެޅުމެއް، ގަވް.އެމްވީ މެސެޖް ސިސްޓަމް މެދުވެރިކޮށް ފޮނުވުމުން، އެތަކެތި ވަދެގެން އެދަނީ ހަމަ ޖެމްސް ސިސްޓަމްގެ ތެރެއަށެވެ. އެޑޮކިޔުމަންޓެއް ފޮނުވާލެވުނު އިދާރާއެއްގައި ޖެމްސްގެ ތެރެއިން އިދާރާގެ މުވައްޒަފުންނަށް އެތަކެތި ލިބޭނެއެވެ. އާންމުމީހާ އެދުނު ކަންތަކަށް ނުވަަތަ ސިޓީއަށް އިދާރާއިން ޖަވާބެއް ދިނުމުން ސިސްޓަމް ބޭނުންކޮށްގެން އެޖަވާބު ބަލާލެވޭނެއެވެ. އަދި ޖަވާބު ދިނުމުން އެސްއެމްއެސް މެދުވެރިކޮށްވެސް އަޕްޑޭޓް ލިބޭނެއެވެ.
ގަވް.އެމްވީ މެސެޖު ޚިދުމަތުގެ ސަބަބުން އާންމު ރައްޔިތުންނާއި ސަރުކާރާއި ދެމެދު ދުވަހުން ދުވަހަށް ކުރެވޭ މުއާމަލާތްތަކުގެ މަޢުލޫމާތު އިދާރާތަކަށް ފަސޭހައިން ބަލާލެވޭނޭ ގޮތަށް ހުރުމާއި އަދި ރައްޔިތުން ހުށަހަޅާ ސިޓީއާއި ޝަކުވާތައް ޑޭޝްބޯޑެއް ސިފައިގައި ފެންނަން ހުރުމަކީ އިދާރާތަކަށް ލިބޭނެ ފަސޭހައެއް ކަމުގައި އެންސީއައިޓީއިން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ހުރިހާ އިދާރާއަކަށް ލިބޭ ރިކުއެސްޓްތަކުގެ މަޢުލޫމާތު ހިމެނޭ ޑޭޝްބޯޑެއް ރައީސް އޮފީހަށް ވަކިންވެސް ފެންނަން ހުންނާނެ ވާހަކަ އެއިދާރާއިން ހާމަކުރެއްވިއެވެ.
2010 ގައި ފެށުނު ސަރުކާރުގެ މުޢާމަލާތްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތަށް ކުރިއެރުމެއް މިއައީ ވަރަށް ގިނަ ދުވަސް ތަކަކަށް ފަހުއެވެ. މިބަދަލަކީ ރައްޔިތުންނަށް ފަސޭހަ ވާނެ ބަދަލެއްކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރާނެއެވެ. އަދިވެސް ކުރީގެ ޕްލޭންތަކުގައި ހިމެނުނު ފަދައިން އަމިއްލަ ކުންފުނިތަކާއި އިދާރާތަކުން ސަރުކާރާއި ކުރާ މުޢާމަލާތްތައްވެސް މިސިސްޓަމް ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރެވިއްޖެ ނަމަ އިތުރަށް ސިސްޓަމް ފުރިހަމަ ވާނެއެވެ.
ޖެމްސްއަކީ ސަރުކާރުގެ އެތެރޭގެ މުޢާމަލާތްތައް ފަސޭހަކޮށް ޒަމާނީ ކުރުމުގެ މަގުސަދުގައި އުފެއްދުނު ސިސްޓަމެކެވެ. އެހެން ނަމަވެސް ބައެއް އިދާރާތަކުން މިޚިދުމަތް ބޭނުން ކުރަމުން ދަނީ އެންމެ ފުރަތަމަ ޕްލޭން ކުރެވުނު ގޮތަށް ނޫންކަމަށް ސަރުކާރުގެ ބައެއް މުވައްޒަފުން ޝަކުވާކުރާ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އެއީ ކަރުދާސް މަދުކުރުމާއި ޚަރަދު ކުޑަކުރުމަށް އުފެއްދުނު ސިސްޓަމް، ސަރުކާރުގެ ބައެއް އިދާރާތަކުން ބޭނުންކުރާ ގޮތުން އަދިވެސް ސިޓީތަކާއި ލިޔެކިޔުންތައް ޕްރިންޓްކުރުން މަދުނުވާކަމާއި އަދި ވެރިންގެ ލެވެލްގައި ސިސްޓަމް ބޭނުންނުކުރުން ފަދަ މައްސަލަތަކެވެ. އޮންލައިން ޚިދުމަތަށް ހުޅުވާލުމަށް ގެނެވުނު މިބަދަލާއެކު އިދާރާގެ މުވައްޒަފުންނަށް ޖެމްސްގައި ދިމާވާ އުނދަގޫތަކަށް ހައްލެއް ލިބިގެން ދިޔުމަށް ސިސްޓަމް ބޭނުންކުރާ ފަރާތްތަކުން އުންމީދު ކުރާނެއެވެ.
ޖެމްސް ސިސްޓަމްގެ ސަބަބުން ދެން ލިބިގެން ދިޔަ އަނެއް ފަސޭހައަކީ، ރަސްމީ ލިޔެކިޔުންތައް ޑިޖިޓަލް ފޯމެޓްގައި ރައްކާކުރެވުމެވެ. ފަހުން ހޯދަން ޖެހޭ ހާލަތުގައި ހޯދަން ފަސޭހަވުމެވެ. އަދި ފައިލްތަކުގައި ހުރި ފިޒިކަލް ޑޮކިޔުމަންޓްތައް ކަތުރުފަނި ކައިގެންނާއި، ކޮފީ އެޅިގެން ހަލާކުވުމާއި، ނުވަތަ އޮފީހުގެ މުވައްޒަފެއް ހަމަ ގަސްތުގައި ނައްތާލުމުގެ މައްސަލަތަކަށްވެސް ޖެމްސްގެ ސަބަބުން ހައްލު ލިބުނެވެ.
އަދި ފާހަގަ ކޮށްލަންޖެހޭ އެއްކަމަކީ، ސަރުކާރުގެ މުޢާމަލާތްތަކުގެ ތެރެއިން ވަރަށް ބޮޑު ބައެއް އީމެއިލް މެދުވެރިކޮށްވެސް ކުރެވިގެން ދާކަމެވެ. ހާއްސަކޮށް އިދާރާއެއްގެ އެތެރޭގެ މުޢާމަލާތްތަކަށް ގިނައިން އީމެއިލް ބޭނުންކުރެއެވެ. ދެއިދާރާއެއްގެ ދެމެދުގައި ވެސް ކުރެވޭ ހުރިހާ މުޢާމަލާތްތަކެއް ކުރިއަށް ދަނީ ހަމައެކަނި ޖެމްސް މެދުވެރިވެގެންނެއް ނޫނެވެ. އީމެއިލް މެދުވެރިކޮށް ކުރާ މުޢާމަލާތްތަކަކީ ރަސްމީކޮށް ބަލައިގަންނަ ތަކެއްޗެވެ. އެހެން ނަމަވެސް ސަރުކާރުގެ ރަސްމީ މުޢާމަލާތްތައް ރައްކާތެރިކޮށް ބެލެހައްޓާ މެނޭޖް ކުރެވޭ ސިސްޓަމަށް މިދެންނެވުނު އީމެއިލްއިން ކުރެވޭ މުޢާމަލާތްތައް ނުވައްނަނަމަ، ރަސްމީ މުޢާމަލާތްތަކުގެ ބޮޑުބައެއް ގެއްލިދާނެކަމުގެ ބިރުވެރިކަން އޮންނާނެއެވެ. އެހެން ކަމުން މިފަދަ ތަކެތި ވެސް ގަވް.އެމްވީ މެސެޖު ސިސްޓަމްގެ ތެރެއަށް ވަނުން ވަރަށް މުހިއްމެވެ.
ޖެމްސް ސިސްޓަމަށް އިތުރު ބަދަލުތައް އަވަސް މުސްތަގުބަލެއްގައި ފެނިގެން ދިޔުމަކީ މިފަދަ ސިސްޓަމްތަކާމެދު ރައްޔިތުންގެ އިތުބާރު އިތުރުކޮށްދޭނެ ކަމެކެވެ. އަދި ބަދަލުތައް ގެނައުމުގައި ރައްޔިތުންނަށާއި ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ގޮތަކަށް ޕްލޭންކުރުންވެސް މުހިއްމެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް