އެޗްޑީސީގެ ރެކްރޫމަންޓް ޕޯޓަލް އިފްތިތާހުކޮށްފި

ހިންދު ޢަލީ 26 އޮކްޓޯބަރު 2021

އެޗްޑީސީއިން ހުޅުވާލާ ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިލާ ފަރާތްތަކަށް ހާއްސަކޮށް އޮންލައިން ރެކްރޫޓްމަންޓް ޕޯޓަލްއެއް އިފްތިތާހުކޮށްފިއެވެ. މިއީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ މަޢުލޫމާތު ފަސޭހައިން ހިއްސާކުރުމަށާއި، އޮންލައިކޮށް ފޯމް ހުށަހެޅުމަށް ފުރުސަތު ފަހިކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޕޯޓަލްއެކެވެ.

ރެކްރޫޓްމަންޓް ޕޯޓަލްގެ ނަމުގައި ތައްޔާރުކުރެވިފައިވާ މިޕޯޓަލްގެ ބޭނުންކުރުމަށްޓަކައި ފުރަތަމަ ޖެހެނީ ރެޖިސްޓަރވާށެވެ. ރަޖިސްޓަރ ކުރުމަށްޓަކައި ބޭނުންވަނީ ނަމާއި އީމެއިލް އެޑްރެސް އެވެ. ޖީމެއިލް އެޑްރެސްއެއް ބޭނުންކުރަށްވާ ފަރާތްތަކަށް 'ލޮގިން ވިތް ޖީމެއިލް' އޮޕްޝަންވެސް ބޭނުންކުރެވެއެވެ.

ޕޯޓަލް ބޭނުންކުރައްވާ ފުރަތަމަ ފަހަރު އަމިއްލަ ވަނަވަރު ޕޯޓަލްގައި އުފައްދަންޖެހޭނެއެވެ. އެއްފަހަރު ވަނަވަރު ސޭވްކޮށްފައިވާ ފަރާތްތަކުން ދެން މަޢުލޫމާތެއް ބަދަލު ވެއްޖެނަމަ ޖެހޭނީ ވަނަވަރު އަދާހަމަ ކުރައްވާށެވެ.

ވަނަވަރު ފުރިހަމަ ކުރައްވާ އިރު ފުރަންޖެހެނީ އާންމުކޮށް ވަޒީފާއަކަށް އެދި ހުށަހަޅާއިރު ފުރަންޖެހޭ މަޢުލޫމާތުތަކެވެ. މިސާލަކަށް ނަން، އެޑްރެސް، އައިޑީކާޑު ނަންބަރު ފަދަ އާންމު މަޢުލޫމާތެވެ. އޭގެ ފަހުން 2 ވަނަ ސްޓެޕްގައި ފުރިހަމަކުރަން ޖެހެނީ ކުރިން އަދާކޮށްފައިވާ ވަޒީފާގެ މަޢުލޫމާތާއި ލިބިފައިވާ ތަޢުލީމާއި ތަމްރީންތަކުގެ މަޢުލޫމާތެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތުން ޝައުގުވެރިވާ ވަޒީފާގެ ދާއިރާތައް އިޚްތިޔާރު ކުރުމުގެ ފުރުސަތު މިޕޯޓަލްއިން ލިބެއެވެ. އެކި އެކި 14 ދާއިރާއެއް މިވަގުތު ޕޯޓަލްގައި ހިމެނިފައިވެއެވެ. އެޗްޑީސީއިން މަޢުލޫމާތު ދެއްވާ ގޮތުގައި މިދާއިރާތަކަކީ މިހާރު އެކުންފުނީގެ އެކިއެކި މަސައްކަތުގެ ދާއިރާތަކެވެ. މި ދާއިރާތަކުގެ އިތުރުން އިންޓަރންޝިޕް ފުރުސަތުތަކަށް ވެސް ޝައުގުވެރިކަން ފާޅުކުރެވެއެވެ.


ޕޯޓަލް ޑިޒައިން ކުރެވިފައިވާ ގޮތުން ވަޒީފާގެ މަޢުލޫމާތާއި ކޮލިފިކޭޝަންގެ މަޢުލޫމާތު އިތުރުކޮށްލުމަށް ވަރަށް ފަސޭހައެވެ. ސެޓްފިކެޓްގެ ލެވެލް ޖެހުމަށް ފަހު ލިޔުމުގެ ޕީޑީއެފް ފައިލެއް ނުވަތަ ފޮޓޯއެއް ޖެހެނީ އަޕްލޯޑް ކުރާށެވެ. ހަމަ އެފަދައިން ވަޒީފާގެ ބައެއް މަޢުލޫމާތު އެޅުމަށްފަހު ރެފެރެންސް ސިޓީތައް އަޕްލޯޑުކޮށްލަންޖެހެއެވެ. މީގެ އިތުރުން ސީވީ، ޕޯޓްފޯލިއޯ އާއި ޕޮލިސް ރިޕޯޓް ފަދަ އެހެނިހެން ލިޔުންތައްވެސް ޕޯޓަލްއަށް އަޅާލެވެއެވެ.

ޕޯޓަލްގައި ޝާއިޢު ކުރާ ވަޒީފާތަކުގެ ނޮޓިފިކޭޝަންތައް ލިބޭނޭ ގޮތަށްވެސް ޕޯޓަލްގައި ސެޓްކުރެވެއެވެ. މިވަގުތު އަދި ޕޯޓަލް މެދުވެރިކޮށް އެއްވެސް ވަޒީފާގެ ފުރުސަތެއް ހުޅުވާލާފައެއް ނުވެއެވެ. އެހެން ނަވަމެސް ފުރުސަތު ހުޅުވާލުމުން ބޭނުންވާ ވަޒީފާއެއް އިޚްތިޔާރުކޮށްލާ އެންމެ 2 ކްލިކްއިން ޖޮބަށް އެޕްލައި ކޮށްލެވޭނެކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ސްޓޭޓަސް ބަލާލުން ފަދަ ޚިދުމަތްތައް މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެއެވެ.

މިފަދައިން އޮންލައިން ޕޯޓަލްއެއް ތައްޔާރު ކުރެވުމުން ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ ކޮންމެ ވަޒީފާއަކަށް އެދުމަށްޓަކައި ފަށްފަށްކޮށް އެއް މަޢުލޫމާތުތަކެއް އެތަށް ފޯމަކުން އެއް އިދާރައަކަށް ހުށަހަޅަން ނުޖެހުމެވެ. އަދި އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ހުށަހަޅާ ލެވޭ ގޮތަށް ފަހިވެގެން ދިއުމަކީ ކަރުދާސް މަދުކުރުމާއި ޚަރަދުކުޑަކުުރުމަށް ވެސް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު ވިދާޅުވިގޮތުގައި ކުންފުނިން އިޢުލާނުކުރެވޭ ހުރިހާ ވަޒީފާތަކެއް އެއްތަނަކުން ބަލާލެލުވުމާއި، ބޭނުންވާ ވަޒީފާއަކަށް ކުރިމަތިލުމަށް ޕޯޓަލްގެ ޒަރިއްޔާއިން ފަހިވެގެންދާނެއެވެ. އެކުންފުންޏަކީ އަބަދުވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތްތައް ދިނުމަށް އިސްކަންދޭ ކުންފުންޏެއްކަމަށް ވެސް ސުހައިލް ވިދާޅުވިއެވެ. އަދި މިޕޯޓަލްއަކީ ވަޒީފާ ބޭނުންވާ ފަރާތްތަކާއި ކުންފުންޏާއި ގުޅުވާލަދެވޭ ފާލަމަކަށް ވެގެން ދާނެކަމަން ފާހަގަކުރެއްވިއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.