ދިވެހިބަހުގެ ތަރުޖަމާ ހިމެނޭ އައު ޑޭޓާސެޓެއް އުފެއްދުން

ހިންދު ޢަލީ 14 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދާދި ފަހުން މައިކްރޮސޮފްޓުން ވަނީ ބިންގް ޓްރާންސްލޭޓަރއަށް ދިވެހި ބަސް އިތުރުކޮށްފައެވެ. މިޚަބަރު ލިބުމާއެކު ވަރަށް ގިނަ ފަރާތްތަކެއް މިއެޕް ބޭނުންކޮށްގެން ބަސް ތަރުޖަމާ ކުރުމުގެ ޓެސްޓްތައް ކުރިއެވެ. އަދި ބައެއް ފަރާތްތަކުގެ ތަޖުރިބާ ސޯޝަލް މީޑިޔާގައި ހިއްސާ ކުރިއެވެ. ބައެއް ބަސްބަހުގެ މާނައިގައި އެކަށީގެންނުވާ އަދި މުޅިން އެކީ މާނަ ދިމާނުވާ ބަސްތައް ހިމެނިފައިވާކަން ގިނަ ބަޔަކު ފާހަގަ ކުރިއެވެ.

ލަފާ ކުރެވޭ ގޮތުގައި މައިކްރޮސޮފްޓުން މިޓްރާންސްލޭޓަރއަށް ބޭނުން ކުރާ ޑޭޓާ ހޯދާފައިވަނީ ދިވެހިބަހުން އޯޕަންކޮށް ލިބެންހުރި އެކި އެކި ޑޮކިޔުމެންޓްތަކުން ނަގައިގެންނެވެ. ގިނަ ބަޔަކު ލަފާކުރީ މި އެޕްލިކޭޝަންގައި ހިމެނެނީ ޤުރުއާނުގެ ދިވެހި ތަރުޖަމާއާއި، ގާނޫނީ ލިޔެކިޔުންތަކުގެ ތަރުޖަމާ އަދި ދިވެހި މުޖްތަމައުގެ ތެރެއަށް ނަސޯރާ ދީން ފެތުރުމަށް އުފައްދާފައި ހުރި އެކި އެކި ދިވެހި ލިޔުންތައް އެކުލެވޭ ޑޭޓާ ސެޓެއްކަމަށެވެ. އެހެން ކަމުން އެފަދަ ލިޔުންތަކުން ލިބިފައިވާ މިޑޭޓާގައި ބައެއް ބަސްތަކަށް އެންމެ ރަނގަޅު މާނަ ދޭހަވާ ބަސް އަދި ރެކޯޑް ކުރެވިފައި ނުވަނީ އެވެ. ނުވަތަ މުޅިން ނުރަނގަޅު ބަސްތައް ހިމެނިފައިވަނީއެވެ.

ކުރިން ދެންނެވުނު ފަދައިން ބިންގްގައި ބޭނުންކުރަނީ އޮންލައިންކޮށް ހުޅުވާލެވިފައިވާ ލިޔުންތަކަށްވުމުގެ އިތުރުން، މިލިޔުންތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އެއް ބާވަތެއްގެ ލިޔުންކަމަށް ވާތީ، ތަރުޖަމާ ކުރާއިރު ޑޭޓާއަށް ބިނާކޮށް އެޕްލިކޭޝަނުން ވަކި އަތަކަށް ބުރަވެއެވެ. ކޮންމެއަކަސް ގިނަ ބަޔަކު ގަބޫލު ކުރާނެ ގޮތުގައި ބިންގްގައި ހިމެނޭ ޑޭޓާ ސެޓް އަދި އެންމެ ފުރިހަމައެއް ނޫނެވެ.

ޒަމާނާ ފައިހަމަކޮށް ދިވެހި ބަސް ކުރިއެރުވުމަށް، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މަސައްކަތް ކުރާ ދިވެހިން މަދުން ނަމަވެސް އެބަތިއްބެވެ. މިގޮތުން މޮޒިއްލާ ކޮމަންވޮއިސްގެ ޑޭޓާސެޓް އުފެއްދުމުގެ މަސައްކަތުގައި ވެސް ހަރަކާތްތެރިވާ ޓީމުގައި ހިމެނޭ ސޮފްވަތު ވަނީ އައު ޓްރާންސްލޭޝަން ޑޭޓާ ސެޓެއް އުފެއްދުމަށް އޭނާ ކުރާ މަސައްކަތުގައި ބައިވެރިވުމަށް އެދި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ސޮފްވަތު ފާހަގަ ކުރި ގޮތުގައި މިފަދަ ޓްރާންސްލޭޝަން ޑޭޓާ ސެޓްތައް އުފެއްދުމުގައި އެންމެ އެދެވިގެންވާ ގޮތަކީ ބޭނުންވާ ގޮތަށް ލައިސަންސް ކުރެވި، ޕަބްލިކް ޑޮމެއިނެއްގައި އުފެއްދުމެވެ. މިގޮތަށް ލައިސަންސް ކުރެވިފައިވާ ޑޭޓާ ސެޓްތައް މައިކްރޮސޮފްޓް އަދި ގޫގުލް ފަދަ ކުންފުނިތަކުގެ ޓްރާންސްލޭޝަން މޮޑެލްތަކުގައި ބޭނުންކުރުމުގެ ޗާންސް ބޮޑެވެ. އަދި މިފަދަ ޑޭޓާ ސެޓުތަކުން ތަރުޖަމާކުރުމުގެ ނަތީޖާވެސް އެދެވޭ ގޮތަށް ރަނގަޅު ވާނެއެވެ.

މިދެންނެވުނު ފަދަ ޕަބްލިކް ޑޮމެއިނެއްގައި އުފެއްދިފައިވާ ޑޭޓާ ސެޓެއްގެ މިސާލަކީ މޮޒިއްލާ ކޮމަންވޮއިސްގައި ބޭނުންކުރާ ޑޭޓާ ސެޓެވެ. މިއީ ދިވެހި ޓެކްސްޓް-ޓު-ސްޕީޗް އަދި ސްޕީޗް-ޓު-ޓެކްސް އެޕްލިކޭޝަންތަކުގައި ބޭނުންކުރުމަށް އުފައްދާފައިވާ ޑޭޓާސެޓެކެވެ. ދިވެހި ބަސްތަކުގެ އަޑު ހިމެނޭ މިޑޭޓާ ސެޓް އުފެއްދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ސޮފްވަތެވެ. އެހެންނަމަވެސް އޭނާ ބުނާ ގޮތުގައި އޭނާ އެންމެ ކުރިން ކުރި މަސައްކަތަކީ ޑޭޓާ ހުށަހެޅޭނޭ ވަސީލަތްތަކެއް ތަނަވަސް ކުރުމެވެ. މިހާރު މިޑޭޓާ ސެޓަކީ ކޮމިޔުނިޓީގެ ބައެއް ފަރާތްތަކެއް ވެގެން އުފައްދާ ބޮޑުކުރާ ޑޭޓާސެޓެކެވެ. މިޑޭޓާސެޓަކީ އެންމެނަށްވެސް އަޑު ހުށަހެޅޭނެގޮތަށް އަދި އެޕްލިކޭޝަން ޑިވެލޮޕްކުރާ އެހެން ފަރާތްތަކުން ބޭނުންކުރުމަށް ވެސް ހުޅުވާލެވިފައިވާ ޑޭޓާސެޓެކެވެ.

ސޮފްވަތު މިހާރު ޑޭޓާ އެއްކުރުމަށް އެދިފައިވާ ޕްރޮޖެކްޓްގައި ވެސް ރާވާފައިވަނީ ކޮމަން ވޮއިސް ޕްރޮޖެކްޓްގައި ވެސް ބޭނުންކުރާ ފަދަ ސެޓަޕެއް އުފެއްދުމެވެ. ކޮމަންވޮއިސް އެކޭ އެއްގޮތަށް އޭނާ އެދެނީ މިވެސް ކޮމިޔުނިޓީ ބައިވެރިވެގެން އުފައްދާ އެއްޗަކަށް ވުމަށެވެ. ތަފާތަކީ، މިފަހަރު މިއީ ދިވެހި ބަހުގެ ތަރުޖަމާ ހިމެނޭ ޑޭޓާ ސެޓެކެވެ.

މީގެ ކުރިންވެސް މިފަދައިން ބަހުގެ ތަޖުރަމާ ހިމެނޭ ޑޭޓާ ސެޓެއް އުފެއްދުމަށް ކުރި މަސައްކަތުގައި ދަތިވި ކަންތައްތައްވެސް ސޮފްވަތު ފާހަގަ ކުރިއެވެ. ދިވެހި ބަހުގެ އެކަޑަމީ ފަދަ އިދާރާތަކުން މަސައްކަތަށް ދެއްވާ ތަރުހީބު ކުޑަވުމެވެ. އެއްކުރެވިފައިވާ މަދު ނަމަވެސް ޑޭޓާ ބޭނުންވާ ފަރާތްތައް ގިނަ ނަމަވެސް، ޑޭޓާ ސެޓަށް ތަކެތި ހުށަހެޅުމުގައި ބައިވެރިވާ ފަރާތްތައް މަދުކަމެކެވެ.

މެޝިން ލަރނިންގ ފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ މޮޑެލްތަކަށް އެންމެ މުހިއްމު ވަނީ ޑޭޓާއެވެ. ޓްރާންސްލޭޝަން ޑޭޓާ ސެޓެއްގައި ޑޭޓާގެ މާނައަކީ ތަރުޖަމާ ކޮށްފައިވާ ލިޔުންތަކެވެ. މިދެންނެވީ ދިވެހި ބަހުން އިނގިރޭސި ބަހަށް އަދި އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ލިޔުމުގެ ވާހަކައެވެ. މިޑޭޓާ ސެޓް ފުރިހަމަ ކުރުމަށް ތަރުޖަމާ ކޮށްފައިވާ ވީހާވެސް ގިނަ ލިޔުންތައް ބޭނުންވެއެވެ.

ޓްރާންސްލޭޝަން މޮޑެލްއަކަށް ބޭނުންވާ ޑޭޓާ އެންމެ ގިނައިން ހުންނާނީ މީޑިޔާތަކުގައި ކަމަށް ލަފާކުރެވެއެވެ. އެއީ އިގިރޭސި ބަހުން ހުންނަ ޚަބަރުތަކާއި ލިޔުންތައް ތަރުޖަމާކޮށް ގިނައިން ނެރެނީ މީޑިޔާތަކުންކަމަށް ވާތީއެވެ. މިއީ ގިނަ ޑޭޓާތަކެއް ލިބިދާނެ ދާއިރާއެކެވެ. މިދާއިރާގައި ލިޔުންތަކުގެ ގިނަ ބާވަތްތައްވެސް އެކުލެވޭނެއެވެ.

މީގެ އިތުރުންވެސް ގާނޫނީ ލިޔުންތަކާއި ވާހަކަ ފަދަ ތަކެތި ހިމެނުން ވެސް މުހިއްމެވެ. އެއީ ކުރިން ދެންނެވުނު ވަކި އަތަކަށް ބުރަވެފައިވާ މައްސަލަ ހައްލުކުރުމަށް ޑޭޓާ ސެޓަށް ބެލެންސެއް ގެނައުމުގެ ބޭނުމުގައެވެ. މި އައު ޑޭޓާސެޓް އުފެއްދުމުގައި މުހިއްމު ވަނީ ވީހާވެސް ގިނަ ބާވަތްތަކުގެ ލިޔުންތައް ހިމެނުމެވެ.

މައިކްރޮސޮފްޓާއި ގޫގުލް ފަދަ ތަންތަނުން އުފައްދަނީ ޑޭޓާސެޓްގެ މައްޗަށް މަސައްކަތްކުރާ ޓޫލްސްއާއި އެޕްލިކޭޝަންތަކެވެ. ދިވެހި ބަހުގެ ޑޭޓާ އުފެއްދުމުގެ މަސައްކަތް ކުރަންވީ ބަޔަކީ މިބަހުން ވާހަކަ ދައްކާ އަހަރުމެން ފަދަ މީހުންނެވެ. ދިވެހި ބަހަކީ އަހަރުމެން ހުރިހާ ދިވެހިންގެ ޝަހުސިއްޔަތުގައި ހިމެނޭ އެއްބައެވެ. އެހެންކަމުން ޒަމާނާ އެކަށޭނެ ގޮތަށް ބަސް ކުރިއެރުވުމުގެ ކުރެވޭ މިފަދަ މަސައްކަތުގައި ހުރިހާ ދިވެހިންވެސް ބައިވެރިވުމަކީ މުހިއްމު ކަމެކެވެ. މިމަސައްކަތުގައި ބައިވެރިވުމަށްޓަކައި، ދިވެހި ބަހުން އިނގިރޭސި ބަހަށް ނުވަތަ އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައިވާ ވީހާވެސް ގިނަ ލިޔުންތައް ސޮފްވަތު އަދި ޓީމާއި ހިއްސާ ކުރައްވާށެވެ.

އިތުރަށް ކިޔާލުމަށް

ދިވެހި.އޭއައި އިން ދިވެހިބަހާއި ޓެކްނޮލޮޖީ ގުޅުވާލައިފި

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.