ބީލަން ޕޯޓަލް ލައިވްކުރާނީ ޖެނުއަރީގައި- ފިނޭންސް މިނިސްޓްރީ

ހިންދު ޢަލީ 07 ޑިސެމްބަރު 2021

ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކާއި ގުޅިގެން އެކިއެކި ފަރާތްތަކުން ހުށަހަޅަންޖެހޭ ބިޑު ޕްރޮޕޯޒަލްތައް އޮންލައިން ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށް ބޭނުންކުރާނޭ ބީލަން ޕޯޓަލް ޑިސެމްބަރ ފުރަތަމަ ހަފްތާ ތެރޭގައި ވަނީ ލޯންޗުކޮށްފައެވެ. މިޕޯޓަލް ލޯންޗު ކުރީ 6 ޑިސެމްބަރ 2021 ގައި މިނިސްޓްރީ އޮފް ފިނޭންސްއިން ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތައް އިލެކްޓްރޯނިކް ނިޒާމެއްގެ (އީ-ގަވަރމަންޓް) ތެރެއިން ކުރިއަށް ގެންދިޔުމުގެ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ ޕްރޮކިޔުމެންޓް މަސައްކަތްތައް ހިމެނުމަކީ އެމިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒުކަމުގައެވެ.

މީގެ ކުރިން ނޮވެމްބަރ 2018 ގައި ވެސް ބީލަން ޕޯޓަލް ވަނީ ލޯންޗުކޮށްފައެވެ. ކުރިން ލޯންޗުކުރެވުނީ ފިނޭންސް މިނިސްޓްރީގެ އިތުރު އޮންލައިން ޚިދުމަތްތައް ކަމަށްވާ، ސަރުކާރު އިދާރާތަކުގެ ސެންޓްރަލް އިންވެންޓަރީ ސިސްޓަމް، ނީލަން ޕޯޓަލް އަދި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ބޭނުންކުރާ ސިސްޓަމް، ބަނޑޭރި ޕޯޓަލްގެ އައު ފީޗަރސްތަކަކާއެކީގައެވެ. އެހެން ނަމަވެސް ފަހުން މިލޯންޗުކުރެވުނު ބީލަން ޕޯޓަލްއަކީ 2018 ގައި ލޯންޗްކުރެވުނު ބީލަން ޕޯޓަލްގެ އައު ވަރޝަނެއް ނޫންކަމަށް މިނިސްޓްރީއިން މަޢުލޫމާތު ދެއްވައެވެ.

މި ޕޯޓަލްއަކީ ބީލަންވެރިން އެއް މާލަމަކަށް ހާސިރުވެ ބީލަން ހުށަހެޅުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބިޑު ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. ބީލަންވެރިން ބިޑު ހުށަހެޅުމުގެ އިތުރުން ސަރުކާރުގެ އިދާރާތަކުން ބިޑުތައް ބަލައިގަނެ، ޕްރޮސެސް ކުރުމަށް ވެސް މިސިސްޓަމް ބޭނުންކުރާނެއެވެ. މިގޮތުން ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި، ސަރުކާރު އިދާރާތަކުގެ ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ 1200 އަށްވުރެ ގިނަ މުވައްޒަފުންނަށް މިޕޯޓަލް މެދުވެރިވެ މަސައްކަތް ކުރުމަށް ބޭނުންވާ ތަމްރީނުތައް ފުރިހަމަ ކުރެވިގެން ދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބީލަން ޕޯޓަލް ލައިވްކުރެވޭނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ. އެހިސާބުން ފެށިގެން ޕޯޓަލް މެދުވެރިވެ ބިޑުތައް ހުށަހެޅޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ލައިވް ކުރެވުމުން ޕޯޓަލް ބޭނުންކުރާނޭގޮތުގެ މަޢުލޫމާތު ސެޝަންތަކެއް ބީލަން ވެރިންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖައްސާފައިވެއެވެ. ބީލަން ޕޯޓަލް އަމާޒުކުރެވިފައިވަނީ ދައުލަތުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކަށް ޝައުގުވެރިވެ ބިޑު ހުށަހަޅާ ހުރިހާ ފަރާތްތަކަށެވެ. މިގޮތުން ދިވެހިންނާއި ދިވެހި ކުންފުނިތަކުގެ އިތުރުން ބޭރު ގައުމުގެ ކުންފުންތަކަށް ވެސް ބީލަން ހުށަހެޅުމަށް މިޕޯޓަލް ބޭނުންކުރެވޭނެއެވެ.

މިޕޯޓަލް ބޭނުންކުރާ ފަރާތްތަކުން ރަޖިސްޓަރވުމަށް ކަނޑައެޅިފައިވަނީ މެނުއަލް ފްރޮސެސްއެއްކަމަށާއި، އެޕްލިކޭޝަން ލައިވްވުމާއެކު ރަޖިސްޓްރޭޝަން ފޯމް ހިއްސާކުރެވޭނެކަމަށް މަޢުލޫމާތު ލިބެއެވެ. ބީލަން ޕޯޓަލް ބޭނުންކުރުމަށް އެފޯމް ފުރުއްވާ މިނިސްޓްރީއަށް ހުށަހަޅުއްވަން ޖެހޭނެއެވެ. 2021 ގެ ފެބްރުއަރީ މަހު، ކުރީގެ މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ނެރިފައިވާ ސަރކިޔުލަރގައި އާންމުންނަށް ފޯރުކޮށްދެވޭ އޮންލައިން ހިދުމަތްތަކަށް އެދުމަށް އީފާސް ބޭނުންކުރުމަށް އަންގާފައި ވީނަމަވެސް ބީލަން ޕޯޓަލްގައި އަދި އީފާސް ބޭނުމެއް ނުކުރެވެއެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އީފާސްއާއި އިންޓަގްރޭޓް ކުރުމުގެ ޕްލޭން އެބައޮތްކަމަށް މިނިސްޓްރީއިން ވިދާޅުވިއެވެ.

ބީލަން ޕޯޓަލް ތައާރަފު ކުރެވިގެންދާނީ އެކި ފިޔަވަހި ތަކަކަށް ބަހާލައިގެން ކަމަށް މިނިސްޓްރީއިން މަޢުލޫމާތު ދެއްވައެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި 5 މިލިއަން ރުފިޔާއަށް ވުރެ މަތީގެ ޕްރޮކިއުމަންޓްތަކަށް ބީލަންތައް ބަލައިގަތުމުގެ އެންމެހާ ކަންތައްތައް ކުރިއަށް ގެންދެވޭނެއެވެ. ދެވަނަ ފިޔަވަހީގެ އަމާޒަކީ ލޯނު އަދި ހިލޭއެހީ ދޭފަރާތްތަކުގެ ޕްރޮކިއުމަންޓްތަކުގައި ބީލަންތައް ޕޯޓަލް މެދުވެރިކޮށް ބަލައިގަތުމެވެ. އަދި އެންމެ ފަހު ފިޔަވަހީގައި 5 މިލިއަނަށް ވުރެ ދަށުގެ ޕްރޮކިއުމަންޓްތަކަށް އޮންލައިންކޮށް ބިޑު ބަލައިގަތުމުގެ މަސައްކަތް ހިމެނެއެވެ.

ބީލަންވެރިން ހުށަހަޅާ ބިޑު ޕްރޮޕޯސަލްގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބައެއް ކަންތައްތައް މިޕޯޓަލްގައި ހިމެނިފައިވާނެކަމަށް މިނިސްޓްރީއިން ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ބިޑު ޕްރޮޕޯސަލްތައް ޕޯޓަލްއަށް އަޕްލޯޑްކުރުމުގެ ކުރިން އަޕްލޯޑު ކުރެވޭ ފައިލް އެންކްރިޕްޓްކޮށް ހޭޝްއެއް ޖެނެރޭޓު ކުރަން ޖެހޭނެކަމަށް ވިދާޅުވިއެވެ. އެންކްރިޕްޓް ކުރުމުގެ ބޭނުމަކީ ބިޑު ހުޅުވުމާއި ހަމައަށް އިދާރާތަކުގެ ޕްރޮކިއުމަންޓް އޮފިސަރުންނަށް ފައިލް ނުބެލޭނެކަން ކަށަވަރުކުރުމެވެ. އަދި ހޭޝްކޮށްފައި ފައިލް ހުށަހެޅުމުގެ ބޭނުމަކީ އެންކްރިޕްޓް ކުރެވިފައިވާ ފައިލްގެ އަސްލަށް އެއްވެސް ބަދަލެއް ނުގެންނަކަން ކަށަވަރުކޮށްދިނުމެވެ.

މިދެންނެވުނު އެންކްރިޕްޓްކުރުމާއި ހޭޝްކުރުމުގެ ކަންތައް ކުރިއަށް ގެންދަންޖެހޭނީ އިތުރު އޯޕަން ސޯސް ސޮފްޓްވެއަރއެއް މެދުވެރިވެ، ބީލަންވެރިން އަމިއްލައަށެވެ. މިއީ އިންސްޓޯލްކުރުމަށް ފަސޭހަ ސޮފްޓްވެއަރއެއް ކަމަށާއި، އެންކްރިޕްޓް އަދި ހޭޝްކުރެވިފައިވާ ފައިލް ޕޯޓަލްއަށް އަޕްލޯޑުކުރުމުން، ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ހޭޝްއަކީ ބީލަންވެރިޔާ ދީފައިވާ ފައިލްގެ ހޭޝްކަން ސިސްޓަމް ތެރެއިން ކަށަވަރު ކުރެވިގެންދާނެކަމަށް މިނިސްޓްރީއިން މަޢުލޫމާތު ދެއްވިއެވެ. ބިޑު ޕްރޮޕޯސަލް ހުށަހެޅުމާއި ހަމައަށް ދެވޭނީ ވެސް ހުށަހަޅާ ފައިލަކީ އެންކްރިޕްޓް ކުރެވިފައިވާ ފައިލެއްކަމާއި އަދި ހުށަހަޅާ ފައިލްގެ ހޭޝް ކަށަވަރުވުމުންނެވެ.

މި ކަންތައްތަކުގެ ސަބަބުން ބިޑު ޕްރޮޕޯސަލް ހުށަހެޅުމުގައި ކޮރަޕްޝަނަށް މަގުފަހިވުން މަދު ކުރެވޭނެ ކަމަށް މިނިސްޓްރީއިން ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އިން ހާމަކުރެއްވި ގޮތުގައި ސިސްޓަމް މެދުވެރިކޮށް މަސައްކަތް އޮންލައިން ކުރުމުގެ ސަބަބުން އެއްތަނަކަށް ހާޒިރުވެ ބިޑު ހުށަހެޅުމަށް ބީލަންވެރިންވެރިންނަށް ދިމާވާ ގިނަ ދަތިތަކެއް ހައްލު ވެގެން ދާނެއެވެ. އޭގެތެރޭގައި ބިޑުތައް ޕްރިންޓްކޮށް ހުށަހެޅުމަށް ހިނގާ ޚަރަދު ކުޑަކުރެވުމާއި، އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިވެ މަސައްކަތް ކުރުމުގެ ތަޖުރިބާ ބީލަންވެރިންނަށް ލިބިގެން ދިޔުން ހިމެނެއެވެ. މި ތަޖުރިބާ މުހިއްމުވާ ސަބަބަކީ މިސިސްޓަމް ފުރިހަމަ ޕްރޮކިއުމަންޓް ނިޒާމަކަށް ބަދަލު ކުރުމުގެ ޕްލޭން ކުރިއަށް ރޭވިފައިވާތީއެވެ.

މީގެ އިތުރުން ބީލަން ވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް އެހީއެއްގެ ގޮތުން، ޕޯޓަލް ބޭނުންކުރާނޭގޮތުގެ މެނުއަލްއާއި ޑެމޯ ވީޑިއޯތައް އާންމުކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީއިން ވިދާޅުވެއެވެ. ޕޯޓަލް އިފްތިތާހު ކުރި ރަސްމިއްޔާތުގައި މިނިސްޓަރ ފާހަގަކުރެއްވީ، ބީލަން ޕޯޓަލް އެންމެ މުހިއްމު ގޮތެއްގައި ބޭނުންކުރެވޭނީ ބީލަންވެރިންނަށް ކަމަށާއި، ޕޯޓަލް ބޭނުންކުރުމުގައި ދިމާވާ ދަތިތަކާއި އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ކަންތައްތައް ދެނެގަތުމަށް އެފަރާތްތަކުގެ ޚިޔާލު ހޯދާނޭކަމަށެވެ. އަދި މިގޮތަށް ބަދަލުވުމުން ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބީލަން ޕޯޓަލް ތަޢާރަފުކުރެވުނު ނަމަވެސް ދައުލަތުގެ ޕްރޮކިޔޮމަންޓް ކުރިއަށްދާ ޕްރޮސީޖަރއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް މިނިސްޓްރީއިން މަޢުލޫމާތު ދެއްވައެވެ. މިޕޯރޓަލް ތައްޔާރުކުރުމަށް ހޭދަވެފައިވަނީ 5 މަސް ދުވަހެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.