އިންސްޓަގްރާމުން އަންގަނީ ބްރޭކެއް ނަގަން!

ހިންދު ޢަލީ 07 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މެޓާ ޕްލެޓްފޯމްސްގެ ފޮޓޯ ޝެއަރ ކުރާ އެޕްލިކޭޝަން އިންސްޓަގްރާމް އިން އެޕް ބޭނުންކުރާ ފަރާތްތަކުން ބްރޭކެއް ނެގުމަށް ހިތްވަރު ދޭ ފީޗަރއެއް ތަޢާރަފްކުރާކަމަށް އާންމުކޮށްފިއެވެ. އެކުންފުނިން މިހެން ބުނެފައިވަނީ، ފުރާވަރުގެ އުމުރުގެ ކުދިން މާގިނަ ވަގުތު މީސް މީޑިއާގައި ހޭދަކުރުމުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންވާކަމަށާއި، އިންސްޓަގްރާމަކީ މިގޮތަށް އެންމެ ބޮޑަށް ގެއްލުން ލިބޭ އެއް އެޕްކަމަށް ކުރެވޭ ތުހުމަތުތަކާއި އެކުންފުނި ކުރިމަތިލަމުން އަންނަ ދަނޑިވަޅެއްގައެވެ.

މިމެސެޖާއެކު އިންސްޓަގްރާމުން ވަނީ އެ އެޕަށް ގެނެވޭނޭ ހައެއްކަ ބަދަލެއް ހިއްސާކޮށްފައެވެ.

މައިގަނޑު އެއް ބަދަލަކީ "ޓޭކް-އަ-ބްރޭކް" ފީޗަރއެވެ. އެއީ މާ ގިނަ އިރު އެޕް ބޭނުންކުރާނަމަ އެފަރާތްތަކަށް ބްރޭކެއް ނެގުމަށް ހަނދާން ކޮށްދޭ ފީޗަރއެކެވެ. މިގޮތުން 10 މިނެޓް، 20 މިނެޓް އަދި 30 މިނެޓުން ނޮޓިފިކޭޝަން ފޮނުވާގޮތަށް މި ފީޗަރގައި ސެޓުކުރެވެއެވެ. ބްރޭކެއް ނަގާ، ސޯޝަލް މީޑިއާއިން ދުރަށް ޖެހިލާ، އޭގެ ބަދަލުގައި ކުރެވިދާނެ އެހެން ކަންތައްތަކެއް ވެސް މީގެން ބުނެދޭނެއެވެ. މިސާލަކަށް ހިނގާލަން ބޭރަށް ނުކުތުން، ލަވައެއް އަޑުއަހާލުން ނުވަތަ ފުންކޮށް ނޭވާލުން ފަދަ ކަންތައްތަކެވެ.

މީގެ އިތުރުން އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކުން އެއް މައުލޫއެއްގެ ޕޯސްޓްތަކެއް ބެލުމަށް މާގިނަ ވަގުތު ހޭދަކުރާނަމަ، އެޕުން ޕޮޕް-އަޕް މެސެޖެއް ފެންނާނެއެވެ. މި މެސެޖުން ބޭނުންކުރާ މީހާއަށް އެހެން މައުލޫއެއްގެ ޕޯސްޓް ބެލުމަށް ލަފާދޭނެއެވެ.

އިންސްޓަގްރާމްގެ ވެލްބީންގ އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ލީޑަރ، ވައިޝްނަވީ ބުނާގޮތުން، އެޕް ބޭނުންކުރާ ގިނަ މީހުންނަށް އެޕްގައި އެހާ ގިނަ ވަގުތު ހޭދަކުރެވޭ ކަމެއް އަމިއްލައަށް އިހްސާސެއްވެސް ނުވެއެވެ. މި 2 ފީޗަރގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބޭނެކަމަށް އޭނާ ގަބޫލުކުރެއެވެ.

ފާއިތުވި ނޮވެމްބަރު މަހު އިންސްޓަރގްރާމުން ވަނީ މިދެންނެވުނު ޓޭކް-އަ-ބްރޭކް ފީޗަރ ޓެސްޓް ކުރަން ފަށާފައިވާކަން ހާމަކޮށްފައެވެ. އެހެން ނަމަވެސް މިފީޗަރގެ ޓެސްޓްގެ އެއްވެސް ނަތީޖާއެއް އަދި ޢާންމުކޮށްފައެއް ނެތެވެ. އެހެންކަމުން މިނޮޓިފިކޭޝަން ލިބުމުން އެޕުން ބްރޭކް ނަގާ މީހުންގެ އަދަދެއް އަދި ނޭގެއެވެ. ނަމަވެސް އެކުންފުނިން ހާމަކުރި ގޮތުގައި މިނޯޓިފިކޭޝަން ލިބޭގޮތަށް ސެޓިންގ ބަދަލު ކުރި މީހުންގެ ތެރެއިން %90 މީހުން ނޮޓިފިކޭޝަން އޮން ކޮށްފައި ބަހައްޓައެވެ.

ޓޭކް-އަ-ބްރޭކް ފީޗަރގެ އިތުރުން އިންސްޓަގްރާމް އިން އަލަށް ޕޭރެންޓަލް ކޮންޓްރޯލް ސެޓު ކުރެވޭނެ ގޮތަށް ޓޫލްސްތަކެއް ތަޢާރަފް ކުރަމުންދާކަމަށް ވެސް އެކުންފުނިން ހާމަކުރެއެވެ. މިބަދަލު ލޯންޗުކުރުމަށް ރާވާފައިވަނީ 2022ގެ މާރޗް މަހުން ފެށިގެންނެވެ. މިޓޫލްސްތައް ބޭނުންކޮށްގެން އިންސްޓަގްރާމްގައި ފުރާވަރުގެ ކުދިންގެ ހަރަކާތްތައް ބެލެނިވެރިންނަށް ފަސޭހައިން މޮނިޓަރ ކުރެވޭނެއެވެ. ކުދިން އެޕްގައި ހޭދަކުރަނީ ކިހާ ވަގުތެއްތޯ ބަލާލެވުމާއި، ބޭނުންކުރެވޭނެ ވަގުތުގެ ލިމިޓްވެސް ސެޓުކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ހަމަ މިއާއެކު އެޕް ބޭނުންކުރުމާއިބެހޭ އުސޫލާއި ހިލާފުވެގެން އެކުދިން މީހަކު ރިޕޯޓް ކޮށްފިނަމަ އެކަމުގެ މަޢުލޫމާތު ބެލެނިވެރިންނާއި ހިއްސާކުރުމުގެ ފުރުސަތު ކުދިންނަށް ލިބޭނެ އެވެ.

އިންސްޓަގްރާމްގެ ހެޑް އެޑަމް މޮސެރީ ހާމަކުރިގޮތުގައި މިއީ ޕޭރެންޓަލް ކޮންޓްރޯލް އަލަށް ތައާރަފް ކުރެވޭއިރު ހިމެނޭ ފީޗަރސްތައްކަމަށާއި، ކުރިއަށް އަދި އިތުރު ފީޗަރސްތައް މިބައިގައި ހިމެނުމަށް ދިރާސާތައް ކުރެވެމުން ދާކަމަށެވެ.

ހަތަރު ވަނަ ފީޗަރއެއް ޓެސްޓުކުރަމުން އަންނަކަމަށްވެސް އިންސްޓަގްރާމުން މަޢުލޫމަތު ދެއެވެ. އެއީ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާކުރާއިރު އެމީހަކު ފޮލޯ ނުކުރާ ފުރާވަރު އުމުރުގެ ކުދިން ޓެގް ކުރުން ހުއްޓުވާނެ ފީޗަރއެކެވެ.

އަދި ހަމަ އެއާއެކު ފުރާވަރުގެ ކުދިންނަށް އިންސްޓަގްރާމްގައި ހިމެނޭ ނުރައްކާތެރި އަދި އުމުރާ ނުގުޅޭ ކޮންޓެންޓް ފެނުން މަދުކުރުމަށް ނުވަތަ ނުފެންނަ ގޮތަށް ހެދުމަށް އެޕްގެ ކޮންޓެންޓް ކޮންޓްރޯލްތަކަށް ބަދަލު ގެންނަކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެ އިތުރުން ޖެނުއަރީ މަހު ރިލީޒް ކުރެވޭ އަޕްޑޭޓްގައި، އެޕްގައި ހިއްސާކޮށްފައިވާ ޕޯސްޓްތަކާއި، އެއާއެކު ހިމެނޭ ލައިކްސްއާއި ކޮމެންޓްތައް އެއްފަހަރާ ބަލްކުކޮށް ފޮހެލެވޭ ފީޗަރއެއް، އެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ލިބޭނެކަމަށްވެސް ކުންފުނިން ހާމަކުރެއެވެ.

އިންސްޓަގްރާމްގެ ހެޑް އެޑަމް މޮސެރީ

އެމެރިކާގެ ސެނެޓުގައި، މީސް މީޑިއާގައި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ބެލުމަށް އެކުލަވާލާފައިވާ ސަބްކޮމިޓީއަށް، މިހަފްތާގެ ބުދަ ދުވަހު ހާޒިރުވެ ޖަވާބުދާރީވުމަށް އިންސްޓަގްރާމްގެ ހެޑް އެޑަމް މޮސެރީއަށް ވަނީ އަންގާފައެވެ. މިއީ ފޭސްބުކްގެ ވިސްލްބްލޯވަރ ފްރާންސެސް ހައުގެން އާންމުކޮށްފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް، ވޯލްސްޓްރީޓް ޖަރނަލްގައި ލިޔެފައިވާ ރިޕޯޓުގައި، އިންސްޓަރގްރާމްގެ ސަބަބުން ފުރާވަރުގެ ކުދިންނަށް ލިބޭ ގެއްލުމާބެހޭގޮތުން ހާމަކޮށްފައިވާ މަޢުލޫމާތާއި ގުޅިގެން އަންގާފައިވާ އެންގުމެކެވެ. މިރިޕޯޓްގައި ހާމަކޮށްފައިވާ ގޮތުން އިންސްޓަގްރާމް ބޭނުންކުރާ ފުރާވަރުގެ އަންހެން ކުދިންނަށް ހާއްސަކޮށް އެކުދިންގެ ނަފްސަށްކުރާ އިތުބާރު ގެއްލުމުގެ މައްސަލަ އަދި އަމިއްލަ ހަށިގަނޑާއި ގުޅިގެން ގިނަ މައްސަލަތަކާ ކުރިމަތިވެއެވެ.

ސެނެޓުން ބަލަމުންދާ މިމައްސަލައިގައި، ޓެނެސީގެ ރިޕަބްލިކަން ޕާޓީގެ ސެނެޓަރ މާޝާ ބްލެކްބަރން ވިދާޅުވީ، މެޓާއިން މަސައްކަތްކުރަނީ އެކުންފުނިން މީގެ ކުރިން އޮޅުވާލާފައިވާ އެތަށް ކަމަކުން މީހުންގެ ސަމާލުކަން ދުއްވާލަންކަމަށެވެ. ސެނެޓަށް ހާޒިރުވާންޖެހޭ މުއްދަތާއި ގާތްކޮށް ޕޭރެންޓަލް ކޮންޓްރޯލް އާއި އެޕް ބޭނުންކުރާ ވަގުތު ކޮންޓްރޯލް ކުރުމާއި، ކޮންޓެންޓް ކޮންޓްރޯލް ކުރުމުގެ ވާހަކަތައް ދެއްކުމަކުން ހޫނުފެނުން ސަލާމަތެއް ނުވެވޭނެކަމަށެވެ. މިގޮތަށް މިކަން ދާތީ ބްލެކްބަރން ސިފަކުރަނީ އިންސްޓަގްރާމްއިން ރޭނގަޑުގެ އަދިރީގައި ނިކުމެ ހުސް ވާހަކަތަކެއް ދެއްކުމަށް މަސައްކަތް ކުރަނީކަމަށެވެ. އެހެން ނަމަވެސް އެއްވެސް ބަޔަކު އެއަޑެއް ނާހާނެކަމަށާއި މިބަދަލުތައް ގެނައުން މާބޮޑަށްވެސް އެކުންފުނިން ލަސްކޮށްފިކަމަށެވެ.


މީގެކުރިން ކުޑަކުދިންނަށް އަމާޒުކޮށް އިންސްޓަގްރާމް އުފެއްދުމަށް އެކުންފުނިން މަސައްކަތްކުރި.

ހިންދު ޢަލީ

ހިންދު ޢަލީ

އައިސީޓީ ދާއިރާގައި އެކި ރޯލްތަކުގައި 15 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ، ސޮފްޓްވެއަރ އެނަލިސްޓެއް. މައިގަނޑުކޮށް ކުރާ މަސައްކަތަކީ އީގަވަރމަންޓް ޚިދުމަތްތަކުގެ ޕްރޮޑަކްޓް މެނޭޖްމަންޓް މަސައްކަތް. މިދާއިރާއަށް އަންހެނުން އިތުރުކުރުމަށްޓަކައި އަމަލީ ގޮތުން މަސައްކަތް ކުރަން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.