"ޒަކަބަރގް ޒިންމާދާރު ކުރުވާނޭ މީހަކު ނެތް!"- ވިސްލްބްލޯވަރ

ހިންދު ޢަލީ 07 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސެޕްޓެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ވޯލް ސްޓްރީޓް ޖަރނަލްގައި ފޭސްބުކްގެ އިންޓަރނަލް ރިސަރޗްތަކެއްގެ ވާހަކަ ފަޅާއަރުވާލިއެވެ. ފޭސްބުކް ބޭނުންކޮށްގެން ހޭޓް ސްޕީޗް އަދި ދޮގު މަޢުލޫމާތާއި ގެއްލުންދެނިވި ކޮންޓެންޓް ފަތުރާކަމަށް ދައްކާ ރިސަރޗެވެ. އަދި ފޭސްބުކްގެ ދަށުން ހިންގަމުން އަންނަ އިންސްޓަގްރާމަކީ ފުރާވަރުގެ އަންހެން ކުދިންނަށް ހުރި ނުރައްކަލެއް ކަމުގައި ދައްކާ ރިސަރޗް ތަކެކެވެ. މިރިސަރޗްތަކުން ދައްކާ ގޮތުގައި އިންސްޓަގްރާމްގައި ބޭނުންކުރާ ފުރާވަރުގެ އަންހެން ކުދިންގެ ތެރެއިން %32 ކުދިން އެކުދިންގެ ހަށިގަނޑާ މެދު ހިތްހަމަނުޖެހެނީ އިންސްޓަގްރާމުން ފެންނަ އެހެން މީހުންގެ 'ޕަރފެކްޓް' ފޮޓޯތައް ފެނިފައެވެ. މިފަދަ އެތައް ގިނަ ނެގަޓިވް ހޯދުންތަކެއް މިރިސަރޗްތަކުން ދައްކައެވެ. މިއީ ފޭސްބުކްއާއި އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ މެދުގައި މިދިޔަ 3 އަހަރުގެ ތެރޭގައި ކޮށްފައިވާ ދިރާސާތަކެއްގެ ނަތީޖާއެވެ.

ވޯލް ސްޓްރީޓް ޖަރނަލްގައި ލިޔެފައިވާ ގޮތުން އެކުންފުނީގެ އެތެރޭގެ ޑޮކިޔުމަންޓްތަކުން މިކަން އިނގޭއިރުވެސް އެކުންފުނިން، ފޭސްބުކް އާއި އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް މިކަންތައް ފޮރުވައިގެން ތިބީއެވެ. އަދި ނުވިތާކަށް އެ ހޯދުންތަކާއި ދިމާ އިދިކޮޅަށް ދޭހަވާފަދަ ވާހަކަތައް ފޭސްބުކްގެ ސީއީއޯ މާކް ޒަކަބަރގް ވަނީ މާރޗް 2021 ގައި ކޮންގްރެސްއަށް ވެސް ހިއްސާކޮށްފައެވެ.

ފޭސްބުކްގެ އެތެރޭގެ ޑޮކިޔުމަންޓްތަކެއް ވޯލް ސްޓްރީޓް ޖަރނަލްއަށް ލިބުނު ގޮތަކާއި މެދު ހޯދުމަށް އެކުންފުނިން އޭރުއްސުރެ ދިޔައީ ބަލަމުންނެވެ. އެކުންފުނީގައި ކުރިން މަސައްކަތް ކުރި މުވައްޒަފެއް ކަމަށްވާ ފްރާންސެސް ހައުގެން، އޮކްޓޯބަރ މަހު 4 ވަނަ ދުވަހު ވަނީ އެއީ އޭނާ މެދުވެރިވެ ވޯލް ސްޓްރީޓް ޖަރނަލްއަށް ލިބުނު މަޢުލޫމާތު ކަމަށް އާންމުކޮށް ބުނެފައެވެ. ސީބީއެސް ނިއުސްގެ 60 މިނެޓްސް ޕްރޮގްރާމަށް ހައުގެން ދީފައިވާ އިންޓަވިއުއެއްގައި އޭނާ ވަނީ އެތައް ވާހަކަތަކެއް އިތުރަށް ކިޔާދީފައެވެ. އަދި މިފަދައިން ފޭސްބުކް އާއި ދެކޮޅަށް ވިސްލްބްލޯވަރއަކަށް ވީ ސަބަބުވެސް ހާމަކޮށްފައެވެ.

ފްރާންސެސް ހައުގެން، 37 އަކީ ކޮމްޕިޔުޓަރ ސައިންސްއިން ޑިގްރީ ހަދާ، އަދި ހަރވާޑް ޔުނިވަރސިޓީއިން މާސްޓަރސް އިން ބިސްނަސް ހަދާފައިވާ ޑޭޓާ ސައިންޓިސްޓެކެވެ. ފޭސްބުކްގައި މަސައްކަތް ކުރުމުގެ ކުރިން ގޫގުލް އަދި ޕިންޓްރެސްޓް ފަދަ ކުންފުނިތަކުގައި މަސައްކަތްކޮށް 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި މީހެކެވެ. އޭނާ ފޭސްބުކްގައި މަސައްކަތް ކުރަން ފެށީ ޖޫން 2019 ގައި ޕްރޮޑަކްޓް މެނޭޖަރެއްގެ މަގާމުގައެވެ. އޭރު އޭނާއަކީ 200 އަށް ވުރެ ގިނަ މީހުން އެކުލެވޭ ފޭސްބުކް ސިވިކް އިންޓެގްރިޓީ ޓީމްގެ ލީޑް ރޯލެއްގައި ހުރި މެންބަރެކެވެ. އެޓީމްގެ އެންމެ މުހިއްމު މަސައްކަތަކަށް އޭރު ވީ އެމެރިކާގެ ރިޔާސީ އިންތިހާބާ ގުޅިގެން ފެތުރިދާނެ ފޭކް ޚަބަރުތަކާއި ދޮގު މަޢުލޫމާތު ދިރާސާކޮށް އެކަން މެނޭޖްކޮށް ހުއްޓުވުމެވެ. ހައުގެން ފޭސްބުކްއިން ވަކިވީ މިއަހަރުގެ މެއި މަހުގައެވެ.

ހައުގެން ބުނާގޮތުގައި އެކުންފުނިން ހޭޓް ސްޕީޗާއި، އަނިޔާވެރިކަމާއި ދޮގު މަޢުލޫމާތު ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތް ތަކެއް ކުރާކަމަށާއި، އެކަމުގައި ކުރިއެރުންތައް ލިބިފައިވާކަމަށް ބުނެ، އެޕް ބޭނުންކުރާ މީހުންނަށް އޮޅުވާލަނީއެވެ. އެކަން ފޭސްބުކްއިން އަމިއްލައަށް ހަދާފައިވާ ރިސަރޗްތަކުން ދައްކައެވެ. 2019 ގައި އިލެކްޝަންސް އާއި ދިމާކޮށް ހެދި ސިވިކް އިންޓެގްރިޓީ ޓީމް ވަނީ އިލެކްޝަން ނިމުމާއެކު އުވާލާފައެވެ. އަދި އިލެކްޝަނަށް ފަހު، 6 ޖެނުއަރީގައި ރިޕަބްލިކަން ސަޕޯޓަރުން ކެޕިޓޮލް ބިލްޑިންގއަށް ވަދެގަތުމުގައި ވެސް ފޭސްބުކް މެދުވެރިކޮށް ވަނީ މަޢުލޫމާތު ފަތުރާފައެވެ. އޭރު އެޓީމެއް ނެތެވެ.

އެ ރިސަރޗްތަކުން ހޯދާފައިވާ ހޯދުންތަކުގައި ފޭސްބުކްގައި (އަދި ފޭސްބުކް އާއިލާގެ އެހެން އެޕްތަކުގައި) މީހުން ހިއްސާކުރާ ހޭޓް ސްޕީޗާއި، ބައިބައިކުރަނިވި ޕޮލިޓިކަލް ވާހަކަތަކާއި، ދޮގު މަޢުލޫމަތުގެ ސަބަބުން މުޅި ދުނިޔޭގެ ހުރިހާ ހިސާބަކަށް އަސަރުކޮށްފައިވާކަމުގެ ހެކި އެބަހުއްޓެވެ.

ހައުގެން ބުނި ގޮތުގައި ސިވިކް އިންޓެގްރިޓީ ޓީމް އުވާލި ހިސާބުން ފެށިގެން، ފޭސްބުކް ނުރައްކާތެރި ހަތިޔާރަކަށް ވެދާނެކަމުގެ ބިރުވެރިކަން ހުއްޓުވުމަށް އެކުންފުނިން އެއްވެސް މަސައްކަތެއް ކުރާނެ ކަމާމެދު އުއްމީދު ގެއްލުނެވެ.

ފޭސްބުކް އިން ބުނިގޮތުގައި އެޓީމުން ކުރި މަސައްކަތްތައް ހުއްޓަލެވުނީކީ ނޫނެވެ. އެ މަސައްކަތްތައް އެކި ޓީމުތަކަށް ބަހާލެވުނީއެވެ.

ހައުގެން ބުނި ގޮތުގައި މިކަންތައްތަކުގެ އަސްލު ސަބަބަކީ 2018 ވަނަ އަހަރު ފޭސްބުކްއިން އެޕްގެ އަލްގޮރިދަމްއަށް ގެނައި ބަދަލެކެވެ. ފޭސްބުކް ބޭނުންކުރާ މީހުންގެ ނިއުސްފީޑްގައި ފެންނާނެ އެއްޗެހި ނިންމަން ބޭނުންކުރާ އެލްގޮރިދަމްއެވެ. މީގެން އެޕް ބޭނުންކުރާ މީހާއަށް ދައްކާނީ މީހަކު އެންމެ ގިނައިން އެންގޭޖް ކުރާ (ހޯދާ، ބަލައި، ކިޔާ، އަޑުއަހާ) ބާވަތްތަކުގެ ޚަބަރުތައް ނުވަތަ ޕޯސްޓްތަކެވެ.

މީހުން އެންމެ ގިނައިން އެންގޭޖް ކުރަނީ އެމީހެއް ރުޅި އަންނަ ކަހަލަ ނުވަތަ އެމީހެއްގެ އިހުސާސްތަކަށް އެންމެ ބޮޑަށް އަސަރު ފޯރުވާ ކަހަލަ "ހޭޓްފުލް" ކޮންޓެންޓާއެވެ. މިއީ އިންސާނުންގެ ތަބީއީ ކަމެކެވެ. އެހެން ކަމުން ގިނަ މީހުންނަށް އިތުރަށް ވެސް ފެންނަނީ އެފަދަ ނަފްރަތު ފަތުރާ މެސެޖުތަކެވެ. ފޭސްބުކްގެ އެލްގޮރިދަމް މިހެން ބަހައްޓަނީ، މިފަދަ ކަންތައްތަކުގެ ފައިދާ ނަގައިގެން އެޕް ބޭނުންކުރާ މީހުން ގިނަ ވަގުތު އެޕްލެޓްފޯމްގައި ވަގުތު ހޭދަ ކުރާނޭ ގޮތް ހެދުމަށްޓަކައި ކަމަށް ހައުގެން ބުނެއެވެ.

މި އެލްގޮރިދަމް ބަދަލުކޮށްފިނަމަ މީހުން އެޕްގައި ހޭދަކުރާ ވަގުތު މަދުވާނެކަމަށާއި، އެކަމާއި ގުޅިގެން ކުންފުންޏަށް ފައިދާ ލިބޭނޭ އިޝްތިހާރުތައް ވެސް ފެނުން މަދުވާނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ފޭސްބުކްއަށް ލިބޭ ފައިދާ މަދުވާނެއެވެ. މިއީ އެލްގޮރިދަމް ބަދަލުނުކުރާނެ ސަބަބެވެ.

ކުންފުނީގެ އެތެރޭގެ މެސެޖްބޯޑުތަކުގައި މުވައްޒަފުން ހިއްސާކޮށްފައިވާ ޚިޔާލުތައް ހިމެނޭ ލިޔުންތަކެއްވެސް ލީކްކޮށްލާފައިވާ ތަކެތީގެ ތެރޭގައި ހިމެނެއެވެ. އޭގައި އެއް މުވައްޒަފަކު ބުނެފައިވާ ގޮތުގައި ބައެއް މުވައްޒަފުން ކުންފުނިން ވަކިވެފައިވަނީ، އެކުންފުނީގެ ޕްލެޓްފޯމްތަކުން ދިމާވާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތް ނުކުރާ ކުންފުންޏަކަށް މަސައްކަތް ކުރުމަށް ޒަމީރު ނޭދޭތީއެވެ. މިމެސެޖުތަކުގައި ކުންފުނީގެ ލީޑަރޝިޕުން ނިންމާ ތާކުންތާކު ނުޖެހޭ ނިންމުންތަކަށް ވެސް މުވައްޒަފުން ފާޑު ކިޔާފައިވެއެވެ.

ފޭސްބުކްގެ މަގުސަދަކަށް ވަނީ ސޯޝަލް މީޑިޔާގައި ލީޑްކުރާ ކުންފުންޏަކަށް އެކުންފުނިވުމެވެ. އަދި އެކުންފުނީގެ ދަށުން ހިނގާ އެހެން ކުންފުނިތަކަށްވެސް މި ބަލި ވަނީ ފެތުރިފައެވެ. މިގޮތުން އެންމެ ބޮޑަށް އަސަރުކުރާ އެޕަކީ އިންސްޓަގްރާމްއެވެ.

ފޭސްބުކްއިން އަމިއްލައަށް ކޮށްފައިވާ ދިރާސާއިން އިންސްޓަރގްރާމަކީ ފުރާވަރުގެ ކުދިންނަށް ގެއްލުން ހުރި އެޕެއްކަން ހާމަވެއެވެ. އަދި އޭގެ އިތުރުން އެއެޕަކީ އެހެން ސޯޝަލް މީޑިއާ އެޕްތަކާއި އަޅާބަލާފައި ފުރާވަރުގެ ކުދިންނަށް އެތަށް ގުނައެއް ގެއްލުންހުރި އެޕެކެވެ.

ފޭސްބުކްއިން މިކަމަށް ޖަވާބު ދެމުން ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ އެމީހުން ދަނީ ދޮގު މަޢުލޫމާތާއި ގެއްލުންދެނިވި ކޮންޓެންޓް ހުއްޓުވުމަށް އަބަދުވެސް ފިޔަވަޅުތައް އަޅަމުންކަމަށެވެ. އެފަދަ ކޮންޓެން ހުންނަ ކަން އެނގި ތިބެ އެއްވެސް ކަމެއް ނުކުރާކަމަށް ދެކެވޭ ވާހަކަ ދޮގުކުރެއެވެ.

މިހާރު ވިސްލްބްލޯވަރ ހައުގެން މެދުވެރިވެ ހިލިގެން މިއުޅޭ މައްސަލައާއި ގުޅިގެން ފޭސްބުކްއިން ވަނީ މިދިޔަ ހަފްތާގައި އެކުންފުނިން ކުޑަކުދިންނަށް އަމާޒުކޮށް ތައްޔާރުކުރަން ގަސްދުކުރި އިންސްޓަގްރާމްގެ ވަރޝަން ޑިވެލޮޕްކުރުން މަޑުޖައްސާލާފައެވެ.

ހައުގެން ބުނި ގޮތުގައި ޒަކަބަރގް ފޭސްބުކް އުފެއްދި އިރު މިއެޕްގެ އަސްލު މަގްސަދަކީ މީނޫންކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެހެން ނަމަވެސް މިހާރު އެޕް މެދުވެރިކޮށް ކުރެވޭ މިފަދަ އަމަލުތައް ވިޔަނުދިނުމަށާއި ހުއްޓުވުމަށް މަސައްކަތެއް ނުކޮށް ހުރުމަކީ ޒަކަބާގް ނަގަން ޖެހޭ ޒިންމާއެވެ. ހައުގެން ބުނަނީ ލިބޭ ފައިދާއަށްޓަކައި އާންމުންގެ ރައްކާތެރިކަމަށް އަސަރު ކުރާ ކަންތައްތައް ވިޔަދީގެން ނުވާނެއެވެ.

ފޭސްބުކްއިން ދަނީ އެމެރިކާގެ ގާނޫނުތަކާއި ޚިލާފު ވަމުންނެވެ. ހައުގެން އެދެނީ އެކުންފުނިން މިކަންތައްތަކަށް ޒިންމާނެގުމެވެ. މިގޮތަށް ޕަބްލިކްކޮށް ބޮޑު ކުންފުންޏަކާއި ކުރިމަތިލީ މިހެންވެއެވެ. އެއްވެސް ގޮތަކަށް ޖަވާބުދާރީ ނުވެ އެއްވެސް ބަޔަކަށް ތިބެވިގެން ނުވާނެއެވެ. މިގޮތަށް މަގުފައިވާ ކަންތައް ގާނޫނީ ލެވެލްގައިވެސް ބަދަލު ކުރެވެންޖެހެއެވެ. ހައުގެން ވަނީ މިހަފްތާގެ އަންގާރަ ދުވަހު ކޮންގްރެސްއާއި ވެސް ވާހަކަ ދައްކާފައެވެ. އެޕް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، މައިގަނޑު ގޮތެއްގައި 4 ކަމަކަށް ފިޔަވަޅު އަޅައިދިނުމަށް އޭނާ އެދިފައިވެއެވެ.

1. އެޕް ބޭނުންކުރާ މީހުން އެންގޭޖް ކުރާ މިންވަރަށް ބިނާކޮށް ޑިވެލޮޕްކޮށްފައިވާ އެލްގޮރިދަމް އެކަށީގެންވާ ލެވެލްއަކަށް ކުޑަކުރުން ނުވަތަ އެއްކޮށް ބަދަލުކުރުވުން.

2. ފޭސްބުކް އަދި އޭގެ ދަށުން ހިނގާ އެޕްތަކުގެ ކޮންޓެންޓް މޮޑަރޭޝަންގެ މަސައްކަތަށް އިސްކަން ދިނުމަށް އެކުންފުންޏަށް އަމުރުކުރުން.

3. ފޭސްބުކްގެ އެލްގޮރިދަމްތަކާއި ފީޗަރތައް އޯޑިޓްކުރުމަށް ފެޑެރަލް އެޖެންސީއަކާއި ހަވާލުކުރުން.

4. ރިސަރޗްކުރާ އެހެން ފަރާތްތަކަށް ގަވާއިދުން ޑޭޓާއާއި މަޢުލޫމާތު ހިއްސާކުރުމަށް ފޭސްބުކްގެ މައްޗަށް ލާޒިމްކުރުވުން.

ހައުގެންގެ އިންޓަވިއުގެ ކުރިންވެސް، ފޭސްބުކްގެ ކަންކަން އިސްލާހުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގޮވާލާ ގޮވާލުންތަކުގެ އަޑުތައް ވަނީ އިތުރުވެފައެވެ. ސޯޝަލް މީޑިއާގައި ފޭސްބުކްގެ ބާރު ގަދަވެފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރި އެކަކީ ވައިޓް ހައުސްގެ ތަރުޖަމާން ޖީން ސެކީ އެވެ. ޖީން ސެކީ ބުނި ގޮތުގައި ފްރާންސިސް ހައުގެން ފޭސްބުކްއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކަކީ އެއާމެދު ވިސްނަންޖެހޭ އަމަލީ ފިޔަވަޅުތަކެއް އަޅަންޖެހޭ ވާހަކަތަކެއްކަމަށް އެމެރިކާގެ ސަރުކާރު ގަބޫލުކުރާކަމުގައެވެ.

ފޭސްބުކްގެ ބޭނުންކޮށްގެން އަނިޔާވެރިކަމަށާއި ނުރައްކާތެރި ކަންތައްތައްތަކަށް ގޮވާލާފައިވާ ބައެއް ހާދިސާތައް. (އިތުރު މަޢުލޫމާތު)

* 2018 ވަނަ އަހަރު މިޔަންމާގައި ހިނގި ރޯހިންޔާ މުސްލިމުންގެ ގަތުލްޢާންމު

* ޖަރމަނީގައި ރެފިއުޖީންނާއި އިމިގްރަންޓުންނާއި ދެކޮޅަށް ހިންގާފައިވާ ހަމަލާތައް

* 2019 ވަނަ އަހަރު ލީބްޔާގައި ހިނގި ހަމަނުޖެހުންތައް

އިތުރަށް ކިޔާލުމަށް :

އިންސްޓަގްރާމް 13 އަހަރުން ދަށުގެ ކުދިންނަށް ތައާރަފް ކުރަނީ

އިންސާނީ ވަގުފާރީގެ ތުހުމަތުގައި އެޕްސްޓޯރުން ފޭސްބުކް ބޭރުކުރަންއުުޅުނު

އިންސްޓަގްރާމް... ކުޑަކުދިންނަށް؟ ކަންބޮޑުވާންޖެހޭ ކަމެއް!


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.