އަނދިރިފެންނަ ކެމެރާއަކާއިއެކު ކެނަން ކުރިހިފައިފި

ޙުސައިން ދީމް މުޙައްމަދު 12 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކެމެރާ އުފެއްދުމުގައި މުޅިދުނިޔެއަށް މަޝްހޫރު ޖަޕާނުގެ ކެނަން ކުންފުނިން އަނދިރީގައިވެސް މޮޅުކޮލިޓީގެ ފޮޓޯ ނެގޭފަދަ ކެމެރާއެއް އުފައްދައިފިއެވެ. 2022ގައި ބާޒާރަށް ނެރެން ތައްޔާރުކޮށްފައިވާ މިކެމެރާއަކީ އާދައިގެ ކެމެރާތަކުގެ ސެންސަރަށްވުރެ ދިހަގުނަ ބާރުގަދަ ސެންސަރަކާއިއެކު އުފައްދާފައިވާ ކެމެރާއެކެވެ.

މިކެމެރާގައި ހިމެނޭ ސިންގަލް ފޮޓޯން އެވަލާންޗް ޑައިއޯޑް (ސްޕެޑް)ގެ އެހީގައި، އާދައިގެ ސެންސަރުތަކުން ދެނެގަނެވޭ އަލީގެ ދިހަބައިކޮށްފަ އެއްބައި، ހަމަ އެތޫނުކަމާއިއެކުގައި ދެނެގަނެވެއެވެ. އައްޔަކީ ފޮޓޯންގެ ޒަރީއާއިން ދައުރުވާ އެއްޗެއްކަމުން، އާދައިގެ ސެންސަރުތަކުން ފޮޓޯނަގަނީ އެވަގުތުކޮޅެއްގެ ތެރޭ ކެމެރާގެ ސެންސަރަށް ހިފޭ ފޮޓޯންތަކުގެ މައްޗަށް ބިނާކޮށެވެ. މިއާ ޚިލާފަށް ސްޕެޑް ސެންސަރާއިއެކު އުފައްދާފައިވާ މިކެމެރާގައި ހަދާގޮތަކީ އެވަގުތެއްގެ ތެރޭ ސެންސަރަށް ހިފޭ އެންމެ ފޮޓޯނަކުންވެސް އެތައް ބައިވަރު އިލެކްޓްރޯންނެރި، ފޮޓޯގެ މަންޒަރު އިތުރަށް ސާފުކޮށްދެނީއެވެ. މީގެ ނަތީޖާއަކީ ސިނާޢީ މަސައްކަތްތަކުގައި އަދި ދަތުރުފަތުރުކުރުމާއި ސެކިއުރިޓީ ސާވެއިލަންސްގައި އަނދިރީގެ މަންޒަރުތައް އާދަޔާ ޚިލާފަށް ސާފުކޮށް ނަގައިލުމުގެ ފުރުސަތު މިކެމެރާއިން ލިބުމެވެ.

މީގެ އިތުރުން ކެނޮންގެ މިއާ ކެމެރާގައި، 3.2 މިލިއަން ޕިކްސަލްގެ ކްލެރިޓީ ލިބިދެއެވެ. މިއީ މިހާތަނަށް ދުނިޔޭގައިވެސް އެންމެ ގިނަ ޕިކްސެލްލިބޭ ކެމެރާއަށް ވެގެންދާނެއެވެ. ޚުދު ކެނޮންގެ އެހެންކެމެރާތަކުގައިވެސް ލިބެނީ މީގެ އެންމެ 1/3 ޕިކްސަލްއެވެ. މިކެމެރާއަކީ އެހެންކެމެރާތަކަށްވުރެ މާ ދުވެލި އަވަސް ކެމެރާއެއްވެސް މެއެވެ. މިގޮތުން ނެނޮސެކަންޑެއް (ސުކުންތެއްގެ ބިލިއަން ބައިކުޅަ އެއްބައި)ގެ ތެރޭގައި މިކެމެރާގެ ސެންސަރުން ފޮޓޯންތައް ދެނެގަނެ ފޮޓޯ ނަގާލާނެއެވެ.

މިހާތަނަށް އަނދިރި މަންޒަރުތައް ނަގަން ބޭނުންކުރަމުންއައީ އިންފްރާރެޑް ބޭނުންކުރާ ނައިޓް ވިޜަން ކެމެރާތަކެވެ. މިކެމެރާތަކުން އެހެންނަމަވެސް ނެގެނީ ކަޅާއިހުދުގެ ފޮޓޯ އެކަންޏެވެ. އާދައިގެ ހައި ސެންސިޓިވިޓީ ކެމެރާތަކުގައިވެސް ރޭގަނޑުގެ ފޮޓޯ ކުލަކޮށް ނެގެއެވެ. އެކަމަކު އަނދިރިވާވަރަކަށް ފޮޓޯގެ ކޮލިޓީ ވަރަށް ބޮޑަށް ދަށްވެއެވެ.

ކެނޮންގެ ރޭވުމަކީ 2022ގެ ދެވަނަބައިގައި ޖަޕާނުގެ ކަވަސާކީ ފެކްޓަރީގައި މިކެމެރާތަކުގެ މާސް ޕްރޮޑަކްޝަން ފެއްޓުމެވެ. މީގެ އިތުރުން، 2022ގެ ފަހުކޮޅު ކެނޮންގެ ސެކިއުރިޓީ ކެމެރާތަކުގައިވެސް މިއާ ސެންސަރު އަޅުވަން ފަށާނެއެވެ. ކެނޮންއިން މިސެންސަރ އިތުރު ކުންފުނިތަކަށްވެސް މާކެޓްކުރަން ގަސްތުކުރެއެވެ.

ކެނޮންގެ އަމާޒަކީ، 2023ވަނަ އަހަރު ޖަޕާނުގެ ކަނަގަވާގެ ހިރަޓްސުކާ ސިޓީގައި 21 ބިލިއަން ޔެން (185 މިލިއަން ޑޮލަރު)ގެ ސެންސަރ ޕްލާންޓެއް ޤާއިމްކުރުމެވެ. މިކާރުހާނާ ވެގެންދާނީ މިއާސެންސަރު އުފެއްދުމަށް ޚާއްޞަކުރެވޭ ކާރުހާނާއަކަށެވެ. މިސެންސަރވެސް ހަދަން ބޭނުންކުރަނީ އިހުގެ ސެންސަރުތަކެކޭ ދާދި އެއް ވަސީލަތްތަކެއްކަމުން، އެއާ ގާތް އަގެއްގައި މިސެންސަރުތައްވެސް ވިއްކޭނޭ ކަމަށް ކެނޮންއިން ލަފާކުރެއެވެ.

ކެނޮންގެ މިއާ ސެންސަރަކީ އޭއާރު އަދި އޮޓޯމޭޓަޑް ޑްރައިވިންގްފަދަ މުސްތަޤްބަލުގެ މުހިއްމު އުފެއްދުންތަކެއްގައި ބޭނުންކުރެވޭނެ ޕްރޮޑަކްޓެކެވެ. ކެނޮންގެ މި އިޖާދާއި ވިދިގެން، ޕެނަސޮނިކްއިންވެސް ދަނީ އެމީހުންގެ ޕިކްސަލްތައް އިތުރުކުރެވޭތޯ މަސައްކަތްކުރަމުންނެވެ. ޕެނަސޮނިކްއަށްވުރެ މިދަތުރުގައި ސޮނީ އުޅެނީ ކުރީގައެވެ. އެއީ ސޮނީ ގްރޫޕްގެ ސޮނީ ސެމިކޮންޑަކްޓަރ ސޮލިއުޝަންސްއިން މިހާރު އެމީހުންގެ އަމިއްލަ ސްޕެޑް ސެންސަރއެއްވަނީ އުފައްދާ، އަންނައަހަރުގެ މާރިޗުމަހު ބާޒާރަށް ނެރެން ދިމާކޮށްފައެވެ.

ސްޕެޑްކަހަލަ މޮޅު އިމޭޖް ސެންސަރތަކުގެ ބޭނުން ރޮބޮޓިކްސްއާއި އޭއާރުގެ ކުރިއެރުންތަކާއިއެކު ވަނީ އަދުގެ ދުނިޔޭފައި ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން 2025ވާންވާއިރަށް މިސެންސަރުތަކުގެ މާކެޓު 15 ބިލިއަންއަށް އަރާނެކަމަށް ލަފާކުރެވެއެވެ.


އިތުރަށް ކިޔާލުމަށް :

ސްމާޓްފޯނުން ރޭގަނޑު އުޑުގެ ފޮޓޯ ނަގާނެ ގޮތް!

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.