އޯލަ: ކުޑަކުދިންގެ ވާހަކަ އެޕް ނެރެފި

ޝުޖާޢަތު ރަޝީދު 19 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިއަހަރު ކުރީކޮޅު ބީޓާ ޓެސްޓިންގައި އޮތް ދިވެހި ވާހަކަ އެޕް "އޯލަ" ޑިސެމްބަރ 17 ގައި ނެރެފިއެވެ. މި އެޕްލިކޭޝަނަކީ ރައްކާތެރި، ފަހި މާހައުލެއްގައި ކުޑަކުދިންނަށް ދިވެހިބަހުން ވާހަކަ ފޯރުކޮށްދޭނެ ކަމުގެ މަގްސަދުގައި ލޫޕްކްރާފްޓްގެ އެހީގައި އޯލައިން ހަދާފައިވާ މޮބައިލް އެޕެކެވެ.

މިއެޕަށް ރަޖިސްޓާ ވުމަށްޓަކައި ކުޑަ އޮންލައިން ފޯމެއް ފުރާލައި، އީމެއިލް ވެރިފައި ކޮށްލަން ޖެހެއެވެ. އެޕަށް ރަޖިސްޓަރީވަނީ ބެލެނިވެރިއެއްގެ އީމެއިލް އެކައުންޓުގައެވެ.

އީމެއިލް ވެރިފައި ކުރުމަށްޓަކައި ރަޖިސްޓާ ވާ ވަގުތު އޯލައިން 6 ނަންބަރުގެ އޯ.ޓީ.ޕީ ކޯޑެއް އީމެއިލަށް ފޮނުވައެވެ. މި އޯޓީޕީ ޖެހުމަށްފަހު އެޕަށް ރަޖިސްޓާވެވިގެން ދެއެވެ.

ފާހަގަ ކޮށްލެވެނީ މިއެޕުގައި ޕޭރަންޓަލް ކޮންޓްރޯލްސް ލުމުގެ މަގްސަދުގައި ކުއްޖާއަށް ވަކި ޕްރޮފައިލެއް ހެދޭ ގޮތް މެދުވެރިކޮށްފައިވާކަމެވެ.

މިހެން ހެދުމުން ބެލެނިވެރިޔާގެ ޕްރޮފައިލަށް ވަންނަ ނަމަ 4 ނަންބަރުގެ ޕިންކޯޑެއް ޖަހަން ޖެހެއެވެ. މިޕިން ކޯޑަކީ އެންމެ ފުރަތަމަ އެޕަށް ރަޖިސްޓާވާ ވަގުތުގައި ބެލެނިވެރިޔާ ޖަހާ ކޯޑެކެވެ.

މިއެޕް މިހާރު އެޕަލް އެޕް ސްޓޯރުންނާއި ގޫގަލް ޕްލޭ ސްޓޯއިން ހިލޭ ޑައުންލޯޑް ކޮށްލެވޭނެއެވެ. މިއެޕުގައި މިވަގުތު ވާހަކަތަށް ޙާއްސަކޮށްފައިވަނީ 2 އަހަރާއި 7 އަހަރުގެ ކުދިންނަށް ފަރުމާކޮށް އެކަށީގެންވާ ގޮތަށެވެ.

އޯލަ އެޕްގެ ޓްވިޓާ ޕޭޖްގައި އެޕާއި ބެހޭގޮތުން ކުރެވިދާނެ ބައެއް ސުވާލުތަކަށް ޖަވާބުދާރީވެ އެންމެނަށް ފެންނަ ގޮތަށް މި ޖަވާބުތައް ހާމަކޮށްފައިވެއެވެ. އަދި ފާހަގަކޮށްލެވޭ ގޮތެއްގައި ގިނަ ދިވެހިންގެ ޕޮޒިޓިވް ކޮމެންޓުތައް މިހާރު މިއެޕަށް ލިބެމުން އެބަދެއެވެ.

މިއީ ދިވެހިބަހަށް ކުޑަކުދިން ހިތްޖައްސައި އަހުލުވެރިކޮށް އަދި އެތަކެއް ގިނަ ފިލާވަޅުތަކެއް ވާހަކައިގެ އެހީގައި ދަސްވާނެ މޮބައިލް އެޕެއްކަން ފާހަގަވެގެން ދެއެވެ.

ހަމައެއާއިއެކު، މިއީ ކުޑަކުދިންނަށް ޙާއްސަ ދިވެހި ވާހަކަ އެޕެއް ގޮތުގައި ނެރެވުނު ފުރަތަމަ އެޕްކަންވެސް ފާހަގަ ކުރެވެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.