2022ގައި ޓެކްނޮލޮޖީގެ ދުނިޔޭގައި ފެނިދާނެ އާ ޓްރެންޑްތައް

ދުނިޔޭގެ ޑައިރީގައި 2021ވަނަ ޞަފްހާ ލިޔެ ނިމުމާއެކު މިހާރު މިގަނޑު އެއްލާލެވުނީ 2022ވަނަ ޞަފްހާއަށެވެ. އަދި ފެންނަ ފެނުމަށް އެއީ ހުސްގަނޑެކެވެ. މާބައިވަރު އާ ކަންތަައްތަކެއް ނުވަތަ ވާހަކަތަކެއް އަދި ނުލިޔެވެއެވެ. އެހެންނަމަވެސް ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން 2022ވަނަ އަހަރަކީވެސް ދުނިޔެއަށް އާކަންތައްތަކެއް ފެނިގެންދާނެ އަހަރެއްކަން ކަށަވަރެވެ. ވަކިން ޚާއްޞަކޮށް ޓެކްނޮލޮޖީގެ ދުނިޔޭގައި މުޅިން އާ އީޖާދުތަކަކާއި ކުރިއެރުންތަކެއް މިއަހަރުގެ ތެރޭ ފެނިގެންދާނޭ ކަމަށް އުއްމީދުކުރެވެއެވެ.

ނަންހިނގާ ޓެކް ކޮންސަލްޓަންޓް ކުންފުނި "ދަ ގާޓްނާރ" ވެބްސައިޓުގެ އިމާޖިންގް ޓެކްނޮލޮޖީޒް އެންޑް ޓްރެންޑްޒް ރޭޑާރއިން 2022ވަނަ އަހަރު އެންމެ ފާހަގަވެގެންދާނޭ ކަމަށް ހާމަކުރި 5 ޓްރެންޑަކީ:

1- ސްމާޓް ސްޕޭސް:

2020ވަނަ އަހަރު ފެންމަތިވެގެންއައި ކޮވިޑް-19ގެ އާލަމީ ވަބާއާއިއެކު މުޅިދުނިޔެއަޑްވަނީ "ވާޗުއަލް" އިންޤިލާބެއް އައިސްފައެވެ. އާނޯމަލްގައިވެސް އޮންލައިން ޕްލެޓްފޯމްތަކުގައި ވަޒީފާއަދާ ކުރުމާއި ކިޔަވައިދިނުންފަދަ ކަންކަން ކުރިއަށް އެބަގެންދެއެވެ. އެހެންކަމުން ފިޒިކަލް އަދި ވާޗުއަލް މާހައުލެއްގައި އިންސާނުންނާއި އޭއައިފަދަ ޓެކްނޮލޮޖީ ސިސްޓަމްތަކައް ފަސޭހަކަމާއެކު މުޢާމަލާތުކުރެވޭނެ ވެއްޓެއް ޤާއިމްކުރުމުގެ ބޭނުންވަނީ ބޮޑުވެފައެވެ. 2022ވަނަ އަހަރު އެންމެ ފާހަގަކަން ބޮޑުގޮތެއްގައި ފެނިގެންދާނެ އެއް ޓްރެންޑަކީ، މިޒާތުގެ ސްމާޓް ސްޕޭސްތަކެއް އުފެދިގެން އައުމެވެ. މިއީކީ ހަމައެކަނި ޑިގިޓަލް ވޯކިންގް ސްޕޭސްތަކައް ނޫނެވެ. ސްމާޓް ސްޕޭސްތަކުގެ ޓްރެންޑްގައި ސްމާޓް ސިޓީތައްވެސް ހިމެނެއެވެ. ސްމާޓް ސްޕޭސްތަކުގެ އަލީގައި ވަރަށް ބައިވަރު އާ ކަންތައްތަކެއް ހާސިލްކުރެވިގެންދާނެއެވެ.

2- ޖެނެރޭޓިވް އޭއައި:

2022ވަނަ އަހަރަކީ އާޓިފިޝަލް އިންޓެލިޖަންސް (އޭއައި)އަށް ވަރަށް ކާމިޔާބު އަހަރެއްކަމުގައި ވާނެއެވެ. މިގޮތުން ދާދިފަހުން ފިޔަޖަހަންފައްޓާފައިވާ ޖެނެރޭޓިވް އޭއައި ދުނިޔެއަށް އާއްމުވެގެންދާނީ 2022ވަނަ އަހަރުގައިކަމަށް ލަފާކުރެވެއެވެ. ޖެނެރޭޓިވް އޭއައިއަކީ، އޭއައިއަށް އިންޕުޓް ކުރެވޭ ޑޭޓާއާއި މަޢުލޫމާތުތަކުގެ އަލީގައި އާ އޮރިޖިނަލް މަޢުލޫމާތުތައް އީޖާދުކުރުމެވެ. މިއީ އެއްވެސް އިންސާނެއްގެ ބައިވެރިވުމަކާއި ނުލާ ރޮބޮޓުތަކުން އަމިއްލައަށް އުފައްދާ އޮރިޖިނަލް މަޢުލޫމާތުތަކެެކެވެ. އެހެންކަމުން ޑިޖިޓަލައިޒޭޝަން އަދި އޮޓޮމޭޝަންގެ މަސައްކަތުގައި މިއީ ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.


3- ހޮމޮމޯފިކް އެންކްރިޕްޝަން

ހޮމޮމޯފިކް އެންކްރިޕްޝަންއަކީ، އެންކްރިޕްޓްކޮށްފައިވާ މަޢުލޫމާތުތައް، އޭގެ ޑޭޓާ ނުވަތަ ނަތީޖާތަކާއި ބެހޭ އެއްވެސް މަޢުލޫމާތެއް ނޭނގި ތާޑް ޕާޓީތަކައް އެކްސެސްކުރެވުމެވެ. މިއާއެކު އެންކްރިޕްޓަޑް ރިޒަލްޓްތައް ޑޭޓާގެ ވެރިފަރާތައް ރައްކާތެރިކަމާއެކު ފޮނުވެއެވެ. މިއީ ތާޑްޕާޓީ އެނަލިޓިކްސްއަށް އާ ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ. އަދި ވިޔަފާރީގެ މުޢާމަލާތުތަކުގައި، ބިޒްނަސް ޕާޓްނަރުންގެ މެދުގައި ރައްކާތެރިކަމާއެކު މަޢުލޫމާތުތައް އެކްސްޗޭންޖްކުރެވުމަށް މަގުކޮށައިދޭނެ ޓެކްނޮލޮޖީއެކެވެ.


4- ގްރާފް ޓެކްނޮލޮޖީ

ގްރާފް ޓެކްނޮލޮޖީއަކީ ބައިވަރު މަޢުލޫމާތުތަކެއް އެއްފަހަރައި ސްޓޯކޮށް އެނަލައިޒްކުރުމަށް ބޭނުންކުރެވޭނެ އުކުޅެކެވެ. މިއީ ގްރާފްތަކުގެ އަލީގައި ތަފާތު އެކި ޑޭޓާބޭސްތަކުގެ ގުޅުން ދެނެގަނެ، އިވެލުއޭޓްކުރުމަށް ބޭނުންކުރެވޭނެ ޓެކްއެކެވެ. މިއީ ވަރަށް ބައިވަރު ސިނާޢަތްތަކަކާއި ވިޔަފާރިތަކެއްގައި ބޭނުންކުރެވިގެންދާނެ އާ ޓެކްނޮލޮޖީއެކެވެ. މިސާލަކަށް މީސްމީޑިއާގައި އެންމެ ނުފޫޒުގަދަ ޔޫސަރުންނާއި ކޮމިއުނިޓީތަކަކީ ކޮބާކަން ހޯދައި، އޭގެން އުފެދޭ ޕާތުތައް ހޯދައި ދިރާސާކުރަންވެސް ގްރާފް ޓެކްނޮލޮޖީ ބޭނުންކުރެވިގެންދާނެއެވެ.

5- މެޓަވާސް

ޓެކްނޮލޮޖީގެ ނޫސްތައް ބަލައި ފަރާތްތަކައް "މެޓަވާސް" އަކީ އާ ނަމަކަށް ނުވާނެއެވެ. ފޭސްބުކް ކުންފުނީގެ ނަން "މެޓަ" އަށް ބަދަލުކުރީވެސް މިއާ ގުޅުވާފައެވެ. މެޓަވާސްއަކީ އިންޓަނެޓުގެ މުސްތަޤްބަލެވެ. ކުރުގޮތަކަށް ކިޔައިދޭނަމަ މިއީ މާއްދީ ދުނިޔޭގެ ރިއަލްޓައިމްއާއި ދިމާވާގޮތަށް ވާޗުއަލް ދުނިޔެއެއްގައި އިންޓަރެކްޓްކޮށް މުޢާމަލާތުކުރުމަށް ބޭނުންކުރެވޭ ޑިޖިޓަލް ވެއްޓެކެވެ. ފޭސްބުކްއިން މެޓަވާސް ބަލައިގަނެފައިވާ މިންވަރުންވެސް ކުރިއަށް އޮތްތާ އޭގެ މުހިއްމުކަން ހާމަވެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.