ކްރިޕްޓޯކަރަންސީ (ނުވަތަ "ކްރިޕްޓޯ") އަކީ ފައިސާގެ ގޮތުގައި ޑިޖިޓަލް ޓޯކެން ނުވަތަ ފައިލްތަކެއް ބޭނުންކުރާ ފައިސާގެ ބާވަތެކެވެ. ސަރުކާރު ނުވަތަ ބޭންކެއް ފަދަ މަރުކަޒީ މަނިޓަރީ އޮތޯރިޓީއެއްގެ ބޭނުމެއް ނެތި އޮންލައިން ސިސްޓަމެއް މެދުވެރިކޮށް ސީދާ އެކަކު އަނެކަކަށް ފައިސާދެއްކުމުގެ ފުރުސަތު ލިބިދޭ ޑިޖިޓަލް ފައިސާގެ ބާވަތެކެވެ. ކްރިޕްޓޯގްރަފިކް (މަޢުލޫމާތު ފޮރުވުމުގެ ސައިންސް) ޓެކްނިކްތައް ބޭނުންކޮށްގެން ކްރިޕްޓޯކަރަންސީތައް އުފައްދަނީ ރައްކާތެރިކަމާއެކު މީހުން ގަނެ، ވިއްކައި ނުވަތަ ވިޔަފާރިކުރުމަށެވެ.
ދުނިޔޭގައި ތަފާތު ގިނަ ޓްރެޑިޝަނަލް ކަރަންސީތައް (އޮސްޓްރޭލިއާ ޑޮލަރު، ޔޫރޯ، ޖަޕަނީޒް ޔެން) ހުންނަ ފަދައިން، ތަފާތު 1600 އަށްވުރެ ގިނަ ކްރިޕްޓޯ ކަރަންސީތައް ވެސް ހުރެއެވެ. ބިޓްކޮއިން އަކީ ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެވެ. އޭގެ ފަހުން އެތީރިއަމް، ރިޕްލް، ބިޓްކޮއިން ކޭޝް، ކާޑާނޯ އަދި ލައިޓްކޮއިން އެވެ.
އުފެދުން
ބިޓްކޮއިން އުފެއްދި މީހާ ދުވަހަކުވެސް އެއްވެސް މީހަކަށް ފެނިފައެއް ނުވެއެވެ. ބިޓްކޮއިން ގެ އުފެއްދުންތެރިޔާ އަކީ ސަތޯޝީ ނަކަމޯޓޯ ނަމަކަށް ކިޔާ މީހެއް ނުވަތަ ބަޔަކު ކަމެއް ބުނެދޭކަށްނޭނގެއެވެ. މިއަދާއި ހަމަޔަށް ސަތޯޝީ ނަކަމޯޓޯގެ އައިޑެންޓިޓީ އެނގިފައެއްނުވެއެވެ.
2008 ވަނަ އަހަރު ބިޓްކޮއިންގެ ކޮންސެޕްޓާ ގުޅުން ހުރި އެކަޑަމިކް ވައިޓް ޕޭޕަރެއް 'ބިޓްކޮއިން: އަ ޕިއަރ ޓު ޕިއަރ އިލެކްޓްރޯނިކް ކޭޝް ސިސްޓަމް' މި ސުރުޚީގެ ދަށުން ސަތޯޝީ ނަކަމޯޓޯ ޕަބްލިޝްކުރިއެވެ.
2009 ވަނަ އަހަރު ބިޓްކޮއިން އުފައްދާ މި ސޮފްޓްވެއާ ރިލީޒްކޮށް ބިޓްކޮއިން ނެޓްވޯކް ލޯންޗުކުރި އެވެ. މި ސޮފްޓްވެއަރ އަކީ އޯޕަން ސޯސް ސޮފްޓްވެއަރއެއް ކަމުން ކޮންމެ މީހަކަށްވެސް އެ ސޮފްޓްވެއަރ ބަލާލައި ކޮންޓްރިބިއުޓް ކުރެވެއެވެ.
ކޮންމެ ވަގުތަކުވެސް އާ ކްރިޕްޓޯކަރަންސީއެއް ހެދިދާނެއެވެ. ބިޓްކޮއިން ފަދަ ކްރިޕްޓޯކަރަންސީތައް އުފައްދަނީ މައިނިންގ ކިޔާ ޕްރޮސެސްއެއްގެ ތެރެއިންނެވެ. މި ކަމަށް ބާރުގަދަ ކޮމްޕިއުޓަރުތައް ބޭނުންވެއެވެ.
ކްރިޕްޓޯކަރަންސީއަކީ ވަކި ގާނޫނަކުން އަގެއް ކަނޑައަޅާފައިވާ ފައިސާއެއް ނޫނެވެ. މީގެ އަގު ބިނާވެގެންވަނީ މީހުން އެއަށް ފައިސާ ދޭން ތައްޔާރަށް ތިބި މިންވަރުންނެވެ.
އެންމެ މަގުބޫލު ކްރިޕްޓޯކަރަންސީ ކަމަށްވާ ބިޓްކޮއިންގެ އަގު ތާރީހީ ގޮތުން ވަރަށް ބޮޑަށް ހަލަބޮލިވެފައި ވެއެވެ. 2021 ވަނަ އަހަރު ވަނީ އޭގެ އަގު ވެއްޓުމުގެ ކުރިން 65،000 ޑޮލަރަށް ވުރެ މަތީ ގެ އުސްމިނަކަށް އެރިއެވެ.
މި ކަރަންސީތަކާ އެކު އޮތް ޝައުގުވެރިކަން އިތުރުވެގެން ދިޔައީ ފައިސާ ދެއްކުމުގެ އާ އަދި ތަފާތު ނިޒާމެއްގެ ގޮތުގައި ބޭނުން ކުރުމުގެ ބަދަލުގައި ފައިސާ (ފައިދާ އެއް ހޯދުމަށް އެތަކެތި ގަނެގެން) ހޯދުމުގެ ވާހަކަ އެވެ.
ކްރިޕްޓޯކަރަންސީއަކީ އިންވެސްޓްމަންޓް ވެހިކަލްގެ ގޮތުގައި ގިނަ ފަހަރަށް ބޭނުން ކުރެވޭ އެއްޗަކަށް ވީ ނަމަވެސް، މުދަލާއި ހިދުމަތުގެ އަގު ބަދަލު ކުރެވިދާނެ އެވެ.
ކްރިޕްޓޯ ހޯދުމާއި ގެންގުޅުން
ކްރިޕްޓޯ ހޯދުމަށްޓަކައި އެކި ޕްލެޓްފޯރމުތައް އެބަހުރިއެވެ. ޓްރޭޑިންގް ޕްލެޓްފޯރމުތަކުން ކްރިޕްޓޯ ގަންނަން ލިބެއެވެ. ކްރިޕްޓޯކަރަންސީ ބަލައިގަންނަ މީހަކަށް ނުވަތަ ރީޓެއިލަރަކަށް ފައިސާ ދައްކަން މަސައްކަތް ކުރާނަމަ ކްރިޕްޓޯކަރަންސީ ވޮލެޓެއް ބޭނުންވާނެއެވެ. މި ވޮލެޓަކީ ބްލޮކްޗެއިން އާއި މުއާމަލާތް ކުރާ ސޮފްޓްވެއާ ޕްރޮގްރާމެކެވެ. މިއިން ކްރިޕްޓޯކަރަންސީ ފޮނުވައި، ކްރިޕްޓޯކަރަންސީ ލިބުމުގެ ފުރުސަތު ޔޫޒަރުންނަށް ފަހިކޮށްދެއެވެ.
ކްރިޕްޓޯ ގަނެ ވިއްކުމުގެ ކަންކަން މެއިންސްޓްރީމް ވަމުން އަންނައިރު، ވާޗުއަލް ކަރަންސީތައް ހޭދަކުރުމުގެ ފުރުސަތުތައް އޭގެ ހަލަބޮލިކަމާ އަޅާބަލާއިރު ކޮންމެވެސް މިންވަރަކަށް ހަނިވެގެންދެއެވެ.
ކްރިޕްޓޯކަރަންސީއަކީ އިންވެސްޓްމަންޓް ވެހިކަލްގެ ގޮތުގައި ގިނަ ފަހަރަށް ބޭނުން ކުރެވޭ އެއްޗަކަށް ވީ ނަމަވެސް، މުދަލާއި ހިދުމަތުގެ އަގު ބަދަލު ކުރެވިދާނެ އެވެ.
އެކި ގައުމުތަކުގައި ކްރިޕްޓޯ ކަރަންސީގެ މަގުބޫލުކަން އިތުރުވެ ޚިދުމަތްތަކާއި އުފެއްދުންތަކަށް ފައިސާދެއްކޭ ޕޭމެންޓް މެތަޑެއްގެ ގޮތަށް ގަބޫލުކުރާ ކުންފުނިތައް އަންނަނީ އިތުުރުވަމުންނެވެ. ކްރިޕްޓޯކަރަންސީ ގަބޫލު ކުރާ ބައެއް ކުންފުނިތައް
1. ޝޮޕިފައި
މަލްޓިނޭޝަނަލް އީ-ކޮމާސް ކުންފުނި ޝޮފިފީ އިން ބިޓްކޮއިން ބަލައިގަންނަނީ އެކުންފުނީގެ ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ގޮތުގައެވެ. އޮންލައިން ސްޓޯރުގެ ވެބްސައިޓްގައި ހަތަރު ކްރިޕްޓޯކަރަންސީ ޕޭމަންޓް ޕްރޮވައިޑަރުން "އޯލްޓަނޭޓިވް ޕޭމަންޓް މެތަޑްސް" ގެ ގޮތުގައި ލިސްޓްކޮށްފައިވާ އިރު، އެއީ ކޮއިންބޭސް، ބިޓްޕޭ، ގޯކޮއިން، އަދި ކޮއިންޕޭމަންޓްސް އެވެ.
2. މައިކްރޮސޮފްޓް
ވިންޑޯސް ފޯނާއި އެކްސްބޮކްސް ފަދަ ޕްލެޓްފޯމްތަކަށް ފައިސާ ދެއްކުމުގެ ގޮތުގައި ކްރިޕްޓޯކަރަންސީ 2014 ވަނަ އަހަރުން ފެށިގެން ބަލައިގަނެއެވެ.
3. ޕޭޕަލް (އެމެރިކާ)
ޕޭޕަލް އަކީ މިހާރު އެމެރިކާގައި ބޭނުންކުރާ މީހުންނަށް 1 ޑޮލަރާ ގާތްކުރާ އަދަދަކަށް އިންވެސްޓްކޮށްގެން ކްރިޕްޓޯކަރަންސީ ގަނެ، ވިއްކުމާއި، ހިފެހެއްޓުމުގެ ފުރުސަތު ލިބޭ މަދު މޮބައިލް އަދި އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމެވެ. އަދި ފައިސާ ދެއްކުމަށް އެމެރިކާގެ ކަސްޓަމަރުންނަށް ކްރިޕްޓޯކަރަންސީ ވެސް ބޭނުން ކުރެވިދާނެ އެވެ. އެތީރިއަމް، ލައިޓްކޮއިން (އެލްޓީސީ) ނުވަތަ ބިޓްކޮއިން ކޭޝް (ބީ.ސީ.އެޗް) އިން ފައިސާ ދެއްކޭނެއެވެ.
4.ކޮކަ ކޯލާ
2020 ވަނަ އަހަރާ ހަމައަށް އޮސްޓްރޭލިއާ އާއި ނިއުޒިލެންޑްގައި މިހާރު 2،000 އަށް ވުރެ ގިނަ ވެންޑިން މެޝިން ހުރިއިރު، ބުއިންތަކަށް ފައިސާ ދެއްކުމަށް ކްރިޕްޓޯތައް ބަލައިގަނެއެވެ.
ނަގުދު ފައިސާއަށް ބަދަލުކުރުން
އެއްވެސް ކްރިޕްޓޯކަރަންސީއެއް ނަގުދު ފައިސާއަށް ބަދަލުކުރުމުގެ ފުރަތަމަ ގޮތަކީ އެކްސްޗޭންޖް ނުވަތަ ބްރޯކަރެއް މެދުވެރިކޮށް، ބޭރު ޤައުމެއްގެ އެއަރޕޯޓްތަކުގައި ކަރަންސީ އެކްސްޗޭންޖް ސިސްޓަމާ ވަރަށް އެއްގޮތް ކަމެކެވެ. އެކްސްޗޭންޖް ކުރުމަށާއި ފައިސާ ނެގުމަށް އެދި ޑިޖިޓަލް ކަރަންސީ ޑިޕޮސިޓް ކުރުމުން، ބްރޯކަރ އިން ފައިސާ ޓްރާންސްފަރ ބޭންކް އެކައުންޓަށް ޖަމާކޮށްދެއެވެ. މިއިން ޖަމާވާ ފައިސާ އެކައުންޓުން ފެންނަން ވަގުތުތަކެއް ނަގައެވެ. މި މުއާމަލާތު ހިންގުމަށް ބްރޯކަރ އިން އިތުރަށް ބްރޯކަރ ފީއެއް ނަގައެވެ. ދެވަނަ ގޮތަކީ ޕީއަރ ޓު ޕިއަރ ޕްލެޓްފޯރމެއްގައި މި ފައިސާ ވިއްކާލުމެވެ. މިގޮތަށް ވިއްކާއިރު ގަންނަ މީހަކީ ރަނގަޅު މީހެއްތޯ ބެލުން ވަރަށް މުހިންމެވެ. މިތަންތަނުގައި މަކަރު ހަދާ މީހުންވެސް އުޅެއެވެ. ފައިސާއިން ބޭންކް އެކައުންޓަށް ކްރެޑިޓް ލިބެންދެން ޑިޖިޓަލް ޓޯކަންތައް ލޮކްކޮށްފައި ބެހެއްޓޭ ޕިއަރ ޓު ޕިއަރ ޕްލެޓްފޯމެއްވެސް ބޭނުންކުރެވިދާނެއެވެ.
މިހާރު ފައިނޭންޝަލް ޓެކްނޮލޮޖީ ފާމްތަކުން ޑެބިޓް ކާޑު ދޫކުރުމަށް ޗާޓަޑް ބޭންކްތަކާއި/ނުވަތަ ޑެބިޓް ކާޑު ދޫކުރާ ފަރާތްތަކާ ގުޅިގެން ދަނީ ޕާޓްނާޝިޕް ހަދަމުންނެވެ.
ދިވެހިރާއްޖޭގައި ކްރިޕްޓޯ ކަރަންސީ
2018 ވަނަ އަހަރުގެ މެދު ތެރޭގައި އަމިއްލަ ފަރާތަކުން ރާއްޖޭގައި ކްރިޕްޓޯ ކަރަންސީ ބޭނުން ކުރުމުގެ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވުނެވެ. މި އަޑު ތަކާއިއެކު ކްރިޕްޓޯ ކަރަންސީއަކީ ރާއްޖޭގައި ހިންގާ އެއްވެސް މުއާމަލާތެއްގައި ބޭނުން ނުކުރެވޭނެ އަދި ހުއްދަނޫން އެއްޗެއްގެ ގޮތުގައި އެމްއެމްއޭއިން އިއުލާނުކުރިއެވެ.
އެސް އެންޑް ހޮޓެލްސް އިން ރާއްޖޭގައި ހިންގާ ސައިލެގޫން އަދި ހާރޑްރޮކް ހޮޓެލް ކްރިޕްޓޯކަރަންސީ ބަލައިގަންނަ ކަމަށް 2021 ވަނަ އަހަރު އޮކްޓޫބަރ މަހު ތެރޭގައި އިއުލާނު ކުރިއެވެ. ހަމަ މިއާއެކު 2021 ވަނަ އަހަރުގައި ދިވެހި ރާއްޖޭގައި ކްރިޕްޓޯކަރަންސީ ބޭނުން ނުކުރެވޭނެކަމަށް އެމްއެމްއޭއިން އިއުލާނުކުރިއެވެ. ދިވެހިރާއްޖޭގައި ޚިދުމަތްތަކަށް ކްރިޕްޓޯކަރަންސީ ބޭނުން ނުކުރެވުނު ނަމަވެސް ކްރިޕްޓޯ ޓްރޭޑިން ޕްލެޓްފޯރމުގެ ގޮތުގައި ދިވެހިން ބޭނުންކުރާ އެކި ސޯޝަލް މީޑިއާ ގްރޫޕުތައް އެބަހުރިއެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުން ވިޔަފާރިކުރުމުގައި ކްރިޕްޓޯ ބޭނުންކުރާ ދިވެހިންވެސް ދަނީ އިތުރުވަމުންނެވެ. ނަމަވެސް ބޭންކިންގ ނިޒާމުގައި ޑޮލަރު ތާށިކަމާއި، ފޮރިން މުއާމަލާތްތައް މަދު ކުރުމަށް އަޅާފައިވާ އެކި ފިޔަވަޅުތަކާއި އެކު ގިނަ ކްރިޕްޓޯ އެކްސްޗޭންޖް ތަކަށާއި ވޮލެޓްތަކަށް ޑޮލަރު ޖަމާ ކުރުމަށް ހުރަސްތަކެއް އަޅާފައި ވެއެވެ.
އެކި ގައުމުތަކުން ކްރިޕްޓޯއާއި މެދު އަމަލު ކުރާގޮތް ތަފާތެވެ. ޗައިނާއާއި އިންޑިއާ އަދި ސައުތު ކޮރެއާ ފަދަ ގައުމުތަކުން ކްރިޕްޓޯކަރަންސީ ބަލައިނުގަތުމަށް ނިންމާފައި ވީނަމަވެސް އެމެރިކާ އަދި ޔޫރަޕްގެ ގިނަ ގައުމުތަކުގައި މި ބަލައިގަނެ އެކި އުސޫލުތަކާއި ގޮތްތަށް ވަނީ ހަދާފައެވެ. އަދި ބައެއް އާންމުންނަށް ޚިދުމަތް ދިނުމަށް ޓިޖިޓަލް ޓޯކަންގެ ބޭނުން ކުރަން ފަށާފައެވެ.
ކްރިޕްޓޯ ބޭނުން ކުރެވޭނެ ގޮތްތަކަށް ބައެއް ގައުމުތަކުން ވަނީ ލިމިޓޭޝަންތަކެއް ބަހައްޓާފަ އެވެ. ބޭންކުތަކުން ކަސްޓަމަރުންނަށް ކްރިޕްޓޯކަރަންސީގެ މުއާމަލާތްތައް ކުރުން މަނާކޮށްފައެވެ. އެހެން ގައުމުތަކުން ވަނީ ކްރިޕްޓޯގެ މުއާމަލާތްތައް ކުރާ މީހުންނަށް ބޮޑެތި އަދަބުތަކެއް ދީގެން ބިޓްކޮއިން އާއި ކްރިޕްޓޯ ކަރަންސީ ބޭނުންކުރުން ސީދާ މަނާކޮށްފައެވެ.
ކްރިޕްޓޯ މަނާކުރި ބައެއް ސަރުކާރުތަކުން ބުނެފައި ވަނީ ކްރިޕްޓޯ ކަރަންސީތައް ބޭނުން ކުރަނީ ގާނޫނާ ހިލާފަށް އެކި ވަސީލަތްތަކަށް ފައިސާ އެއްކުރުމަށް ކަމަށެވެ. އެމީހުން ވަކާލާތު ކުރާ ގޮތުގައި ކްރިޕްޓޯ އުފެދުމުގެ ސަބަބުން އެމީހުންގެ މާލީ ނިޒާމުތައް ހަލަބޮލިވެދާނެ އެވެ. ޗައިނާގެ ސަރުކާރުން ބުނެފައިވަނީ ކްރިޕްޓޯ މައިނިންގގެ ސަބަބުން ތިމާވެއްޓަށާއި، މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގއަށް ޑިޖިޓަލް ކަރަންސީ ބޭނުންކުރާ ފަރާތްތަކަށް ކުރާ އަސަރާމެދު ޚާއްޞަ ގޮތެއްގައި ކަންބޮޑުވާކަމަށެވެ. ކްރިޕްޓޯ ބޭނުންކޮށްގެން ކުރާ ވިޔަފާރި އިތުރުވެ އުފައްދާ ބޭނުންކުރުމުގައި ހަރުދަނާވުމުން މިގައުމުތަކުގެ ނިންމުން ބަދަލުކުރަން މަޖުބޫރުކުރާނެކަމަށް ބެލެވެއެވެ.
ދުނިޔޭގެ ކްރިޕްޓޯކަރަންސީ މާކެޓް 2030 ވަނަ އަހަރު އަންނަންވާއިރަށް ތިން ގުނައަށް ވުރެ އިތުރުވާނެ ކަމަށް އެނަލިސިސްޓުން ލަފާކުރެއެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ބްލޮކްޗެއިން އާއި އެއާ ގުޅުން ހުރި ޓެކްނޮލޮޖީގެ ސަބަބުން ފައިނޭންސް އާއި ގާނޫނު ހިމެނޭ ގޮތަށް ގިނަ އިންޑަސްޓްރީތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ.
ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.