5ޖީ އަކީ މިފަހުން މޯބައިލް ޓެކްނޮލޮޖީގައި އިންސާނުންނަށް ހޯދުނު އެންމެ ބޮޑު އެއް ކުރިއެރުމެވެ. 5ޖީއިން ލިބިދޭ ގިނަގުނަ ފަސޭހަތާކައި މަންފާތަކާއެކުވެސް ފާޑުކިޔުމުގެ ނަޒަރަކުން އެއާމެދު ދެކޭ ބަޔަކު އުޅެއެވެ. މިގޮތުން 5ޖީ އިން ލިބިދާނެ ގެއްލުންތަކޭ ކިޔައިގެން އެތައް ޝަކުވާއެއް ވަނީ ހުށައެޅިފައެވެ. ބައެއްފަހަރު ޤަބޫލުކުރަން ދަތި ހޮޅި އިލްޒާމުތައްވެސް 5ޖީއާއި މަތިކުރެއެވެ. ވަކިން ޚާއްޞަކޮށް މިހާރު އަހުރެމެން ތަހައްމަލުކުރަމުން މިދާ ކޮވިޑް-19ގެ އާލަމީވަބާއަކީ 5ޖީގެ ސަބަބުން ފެތުރުނު އެއްޗެކޭވެސް ބަޔަކު މީހުން މޮށުނެވެ. މިހާރު އެންމެ ގަދައަށް 5ޖީއަށް ކުރެވޭ ތުހުމަތަކީ 5ޖީގެ ސަބަބުން ވައިގެ ދަތުރުފަތުރަށް އަސަރުކޮށް ފްލައިޓްތައް ޑިލޭވާން ފަށާ ވާހަކައެވެ.
5ޖީ އަށްވަނީ ވޭތުވެދިޔަ ތާގައި ހެޔޮ ބަދަލުތަކެއް އައިސްފައެވެ. ކުޑަދުވަސްކޮޅެއްގެތެރޭ 5ޖީ ބޭނުންކޮށްގެން މަދު މިނެޓުކޮޅެއްތެރޭ ބޮޑެތި ފިލްމުތައްވެސް ޑައުންލޯޑް ކުރެވިދާނެއެވެ. 5ޖީ. މަސައްކަތްކުރަނީ އެއާ ވޭވްތަކެއް ބޭނުންކޮށްގެންނެވެ. އެންމެފަހުން 5ޖީއަށް ގެނެވުނު ބަދަލީ ސީ-ފްރީކުއަންސީ ތަޢާރަފުކުރުމެވެ. މިއާއެކު 5ޖީގެ ސްޕީޑާއި ކަވަރޭޖް ވަރަށް ބޮޑުތަނުން އިތުރުކުރެވޭނެއެވެ. ބައެއް ފަރާތްތަކުން ހިސާބުކުރާގޮތުގައި މިބަދަލާއެކު 4ޖީގެ ދުވެލީގެ ދިހަގުނަ 5ޖީއަށް ލިބިގެންދާނެއެވެ.
5ޖީގެ މިކުރިއެރުނަށް ގިނަ ބަޔަކު ހޫނު ތަރުހީބެއްދީފައިވާއިރު، އެމެރިކާގެ ވައިގެ ދަތުރުތަކާބެހޭ އިދާރާ 'ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)' އިންވަނީ 5ޖީއާމެދު ތަފާތު އާ ތުހުމަތުތަކެއް ކޮށްފައެވެ. އެއީ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި ބޭނުންކުރަމުން އަންނަ ރޭޑިއޯ އަލްޓިމީޓާ ތަކަށް 5ޖީ ވޭވްތަކުން އިންޓަފިއަރ ވުމެވެ. އަލްޓިމީޓާއަކީ މަތިންދާބޯޓުގެ އެލްޓިޓިއުޑް ހޯދުމަށް ބޭނުންކުރެވޭ ޑިވައިސްއެކެވެ. މިޑިވައިސްއަކީވެސް ވޭވްސް ބޭނުންކޮށްގެން މަސައްކަތްކުރާ ޑިވައިސްއެކެވެ. އެހެންކަމުން ސީ-ފްރީކުއަންސީގައި 5ޖީ ބޭނުންކުރުމުން އަލްޓިމީޓާއިން ފޮނުވާ ސިގްނަލްތަކާއި މުޑިއަރައި އޭގެ މަސައްކަތްކުރުމަށް ހުރަސް އެޅެނީއެވެ. ނަތީޖާއެއްގެ ގޮތުން އެފްއޭއޭއިން ޤަބޫލުކުރާގޮތުގައި 5ޖީ އެންޓެނާތަކުގެ ކައިރީގައި ހުންނަ ވައިގެ ބަނދަރުތަކަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވެ، ފްލައިޓްތަކުގެ ޝެޑިއުލްއަށް ނޭދެވޭ އަސަރުތަކެއް އަތުވުމަކީ އެކަށީގެންވާކަމެކެވެ.
އެފްއޭއޭގެ މި ތުހުމަތުތަކަށް ތަރްހީބު ލިބިގެންދިޔައީ އެމެރިކާގެ އެއާޕޯޓް ރަންވޭތަކުގެ ވަށައިގެން 2މައިލުގެ ރޭޑިއަސްއެއް ހިމެނޭ ސަރަހައްދުތަކަށް ސީ-ފްރީކުއަންސީގައި 5ޖީ ދޫނުކުރަން ވެރިޒޯން އަދި އޭޓީއެންޓީފަަދަ ކުންފުނިތައް ނިންމުމުންނެވެ. އެމެރިކާގައި ސީ-ފްރީކުއަންސީގައި 5ޖީ ދޫކުރަން ނިންމާފައި މިވަނީ އެޤައުމުގެ އިންޓަނެޓުގެ ޚިދުމަތް އިސްލާހުކުރުމަށް ރައީސް ޖޯ ބައިޑަންވެފައިވާ ވަޢުދު ފުއްދުމުގެ ގޮތުންނެވެ. އެފްއޭއޭއިން މި މަޝްރޫޢުގެ ނަތީޖާއާއިމެދު މިޒާތުގެ ތުހުމަތުތަކެއް ކޮށްފައިވާއިރު، ވައިގެދަތުރުތަކާއި ކާގޯ އޮޕަރޭޝަން އަދި އިޤްތިޞާދީ ރިކަވަރީއަށް އެއްވެސް ނޭއްގާނީ އަސަރެއް ނުކޮށް އެމެރިކާގެ 90% އަށް ވަޔަރލަސް ޓަވަރ ޑިޕްލޮއިކޮށްގެން އިންޓަނެޓުގެ ޚިދުަމަތް ކުރިއަރުވާނެކަމަށް ރައީސް ބައިޑަން ވަނީ ވަޢުދުވެފައެވެ.
އެފްއޭއޭއިން ދަނީ ސީ-ބޭންޑް ފްރީކުއަންސީއިން އުޅަނދުތަކުގެ އަލްޓިމީޓާ އަށް ކުރާ އަސަރު އިތުރަށް ދިރާސާކުރަމުންނެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ހާމަވާގޮތުގައި އެެމެރިކާގައި ބޭނުންކުރާ ބޮއިންގް އަދި އެއާބަސް އުޅަނދުތަކުގެ 45% އުޅަނދުގައި ބޭނުންކުރާ އަލްޓިމީޓާތަކަށް 5ޖީގެ ސީ-ފްރީކުއަންސީގެ ސަބަބުން މާބޮޑު އަސަރެއް ނުކުރެެއެވެ. އެހެންނަމަވެސް ބާކީހުރި އުޅަނދުތަކަށް އެފްއޭއޭއިންވަނީ 1500އަށް ވުރެ ގިނަ ރިސްޓްރިކްޝަންތައް އިޝޫކޮށްފައެވެ. މިރިސްޓްރިކްޝަންތަކުގެ ތެރޭގައި ވަކިވަރެއްގެ ދިގުމިން ނުހިމެނޭ ރަންވޭތަކުގައި ނުޖެއްސުމާއި ލޭންޑްކުރަން ބޭނުންކުރާ ހާޑްވެއާރތައް ވަކިފެންވަރެއްގައި ހުންނަން ޖެހުން ހިމެނެއެވެ. މިރިސްޓްރިކްޝަންތައް އިޝޫކޮށްފައިވަނީ ހަމައެކަނި ކޮމާޝަލް އެއާލައިންތަކަކަށް ނޫނެވެ. ޕްރައިވެޓް ޖެޓްތަކަށާއި ހެލިކާފިތަރުތަކަށްވެސް މި ރިސްޓްރިކްޝަންތައް އިޝޫކޮށްފައިވެއެވެ. އެހެންކަމުން އެފްއޭއޭގެ މިއާ ފިޔަވަޅުތަކާއެކު ހުސްވި ހަފްތާތަކުގެ ތެރޭ އެޤައުމުގެ އެއާލައިންތަކުގެ ޝެޑިއުލްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހި އެތައް ފްލައިޓެއް ޑިލޭވެ ކެންސަލްކުރަންޖެހިފައި ވެއެވެ.
އެންމެ ހައިރާންކަން ލިބޭ ކަމަކީ އެފްއޭއޭއިން މިފިޔަވަޅުތައް މިހާރު އަޅާފައިވީނަމަވެސް، 5ޖީ ޑިވައިސްތައް މީގެ ކުރިންވެސް އަލްޓިމީޓަރުތަކަށް ގެއްލުމެއްނުވެ ބޭނުންކޮށްފައިވާކަމެވެ. 5ޖީ ފޯންތައް ވުޖޫދަށް އައީ 2019ވަނަ އަހަރުގައެވެ. އެމެރިކާއަކީ މިޑިވައިސްތަކުގެ އެންމެ ބޮޑު މާކެޓްއޮންނަ އެއްޤައުމެވެ. ވިއިރު މިވީހާ ދުވަހަކު އެއިގެން ފްލައިޓް ޑިލޭވާ ވާހަކައެެއް އެކަކުވެސް ނުދައްކައެވެ. އަދި ކިއެއްތަ، ސީ-ފްރީކުއަންސީގައި 5ޖީ ޓެކްނޮލޮޖީ ބޭނުންކުރަން ފައްޓައިގެން މިއުޅެނީ އެމެރިކާގައި އެކަންޏެއް ނޫނެވެ. ޔޫރަޕުގައި މިޓެކްނޮލޮޖީ ބޭނުންކުރަމުން އަންނަތާ އަދި މާގިނަ ދުވަސްވެއްޖެއެވެ. އެހެންނަމަވެސް އަދި މިހާތަނަކަށް އޭގެ ސަބަބުން ފްލައިޓްތައް ޑިލޭވެ ކެންސަލްވި ޚަބަރެއް އަހުރެމެންނަކަށް އިވިފަކައެއްނެތެވެ.
އެއްބައި ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި މިއީ އެފްއޭއޭއިން ގަސްތުގައި ފަތުރާ ތާކުން ތާކުން ނުޖެހޭ ވާހަކައެކެވެ. ބޭނުމަކީ 5ޖީ ސާވިސް ޕްރޮވައިޑަރުންނާއި އެއާލައިން ކުންފުނިތަކަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް އަމިއްލައަށް އެފަރާތްތަކުން އަލްޓިމީޓާއާއި 5-ޖީގެ ގުޅުން ތަހްލީލްކުރުވުމެވެ. އެފްއެފްއޭއިން މިގޮތަށް އަމަލުކުރާ މިއީ ފުރަތަމަ ފަހަރެއްނޫނެވެ. 2013ވަނަ އަހަރު މަތިންދާ ބޯޓުގައި މޯބައިލްފޯނާއި ލެޕްޓޮޕް ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުމަށް ބަދަލުގެނައީވެސް އެފްއޭއޭއިން އެކަން މަނާ ކުރާތީ އެއާލައިން ކުންފުނިތަކާއި މޯބައިލް ފޯންއަދި ލެޕްޓޮޕްފަދަ ޑިވައިސްތައް އުފައްދާ ކުންފުނިތަކުން އެކަމުގެ އުނދަގޫ ބޮޑުވެގެން އަމިއްލައަށް ކުރި ދިރާސާއަކުން އޭގެ އެއްވެސް ގެއްލުމެއް ނެތްކަން ސާބިތުކުރުމުންނެވެ.
ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.