ޓެކް ލީޑަރުންގެ ހިޔާލު: 5ޖީ، ރޮބޮޓާއި މަސައްކަތުގެ މާހައުލު

ޝުޖާޢަތު ރަޝީދު 12 މާރިޗު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިހާރުގެ ޓެކް ލީޑަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮބައިތޯ ވަރަށް ސުވާލު އުފެދެއެވެ.

ހައިބްރިޑް މަސައްކަތުގެ މާހައުލަކަށް ވަރުގަދަ ސައިބަރ ސެކިއުރިޓީ އެއް ދެމެހެއްޓުމަށާއި، މުވައްޒަފުންގެ އަމިއްލަ ޑިވައިސްތައް ކުންފުނީގެ ސިސްޓަމްތަކާ ގުޅާލެވިފައިވާތީ، ސައިބާހަމަލާތަކުން އެމީހުންގެ ސިސްޓަމްތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުން މިއީ މިހާރުގެ ގިނަ ޓެކް ލީޑަރުން ވިސްނައި ފިކުރުކޮށް ކުރަމުންދާ ކަންތައްތަކެވެ.

އަދި މީގެ އިތުރަށް އެމީހުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޓެކްނޮލޮޖިކަލް ވަޒީފާ އަދާކުރާނެ މޮޅެތި ރަނގަޅު މީހުން ހޯދުމަށެވެ.

ދާދިފަހުން ނެރުނު އައި ޓްރިޕަލްއީ (އައި.އީ.އީ.އީ) ގެ ދިރާސާއެއް ކަމުގައިވާ "2022 ވަނަ އަހަރާއި އޭގެ ކުރިއަށް ޓެކްނޮލޮޖީގެ އަސަރު"، ކުރިން ބަޔާން ކުރެވުނު ފަދަ ހޯދުންތައް ހާމަކޮށްފައިވެއެވެ.

މިއަހަރުގެ އެންމެ މުހިންމު ޓެކްނޮލޮޖީތައް

އޮކްޓޯބަރު 2021 ގައި އައި ޓްރިޕަލްއީ އިން 350 ސީއައިއޯ، ސީޓީއޯއާއި އައިޓީ ޑިރެކްޓަރުން ސާވޭ ކުރިއެވެ. މީގެ ތެރޭގައި ބްރެޒިލް، ޗައިނާ، އިންޑިއާ، ޔުނައިޓެޑް ކިންގްޑަމާއި ޔޫ.އެސްގެ މީހުން ހިމެނެއެވެ.

މި މީހުންނަކީ 1000 އަށް ވުރެން ގިނަ މުވައްޒަފުން އުޅޭ ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންނެވެ.

ކޮވިޑް19ގެ ޕެންޑަމިކްގެ އަސަރު ވިޔަފާރިތަކަށް ކޮށްފައިވާ މިންވަރު ދިރާސާ ކުރިއިރު މި ދިރާސާގެ ބައިވެރިންނާއި އެހެނިހެން ކަންތައްތަކާއި ބެހޭ ގޮތުންވެސް ސުވާލު ކުރެވިފައިވެއެވެ.

އާޓިފިޝަލް އިންޓަލިޖަންސް ކުރިއަށް އޮތް އަހަރުތަކުގައި

މި ދިރާސާގެ ބައިވެރިންނާއި ސުވާލު ކުރެވިފައިވަނީ އޮގްމެންޓެޑް ރިއަލިޓީ (އޭ.އާރު)، ވާޗުއަލް ރިއަލިޓީ (ވީ.އާރު)އާއި، މިކްސްޑް ރިއަލިޓީ (ބްލޮކްޗެއިން، ފައިވްޖީ (5ޖީ) އާއި ރޮބޮޓް) އާއި ބެހޭ ގޮތުންނެވެ.

ޕެންޑެމިކްގެ ސަބަބުން ދިމާވެފައިވާ ކަންތައްތައް

ސާވޭގައި އިސްކޮށް ތިއްބެވި ލީޑަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ލީޑަރުން ބުނެފައިވަނީ އެމީހުންގެ ސިސްޓަމްތަކާ ގުޅިފައިވާ ޑިވައިސްތަކުގެ އަދަދު މިހާ ބޮޑަށް އަދި ހަލުވިމިނެއްގައި އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މި ޑިވައިސްތައް ޓްރެކްކޮށް ބެލެހެއްޓުމަކީ އެންމެ ފަހުން މެނޭޖް ނުކުރެވޭ ވަރުގެ ކަމަކަށް ވެގެންދާނެ ކަމަށެވެ.

2020 ވަނަ އަހަރުން ފެށިގެން މުވައްޒަފުން ބޭނުންކުރާ ސްމާޓްފޯނު، ޓެބްލެޓް، ސެންސަރު، ރޮބޮޓް، އަދި ޑްރޯން ތައް ވަނީ ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައެވެ.

މިފަދަ ޑިވައިސްތައް ޕްރޮފައިލް ނުކުރެވި، ފެތުރިއްޖެނަމަ ދެން ޑޭޓާ ސެންޓަރުތަކާއި ކްލައުޑް ހަމަލާތައް އިތުރަށް ނުރައްކާވެދާނެ ކަމަށް ޓެކް ލީޑަރުން ބުނެއެވެ.

ނަމަވެސް 92 އިންސައްތަ މީހުން ޤަބޫލުކުރާ ގޮތުގައި 2020 ވަނަ އަހަރާ އަޅާބަލާއިރު، ޑޭޓާ ބްރީޗް ކުރުން ނުވަތަ ޤުދުރަތީ ކާރިސާއެއް ފަދަ ކާރިސާއެއް ކުރިމަތިވެދާނެ ފަދަ ކާރިސާއަކުން އަރައިގަތުމަށް އެ ކުންފުނީގެ ކުންފުނި އޮތީ އެންމެ ރަނގަޅަށް ތައްޔާރަށެވެ. އެމީހުން މި ބަލިމަޑުކަމަށް ތައްޔާރުވުމުގެ ކްރެޑިޓް ދެއެވެ.

އަދި މި ޕެންޑެމިކްގެ ސަބަބުން އައިޓީ ޑިޕާޓްމަންޓްތަކުން އޮފީސް ޗެކިން ފަދަ ޕްރޮގްރާމްތަކުގައި އެ ޑިޕާޓްމަންޓްތަކުގެ ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްތަކާ ގުޅިގެން މިހާރަށް ވުރެ ގާތުން މަސައްކަތް ކުރުމަށް މަގުފަހިވެގެން ދިޔަ އެވެ.

ޓެކް ކުންފުނިތަކަށް ލޭބަރުންގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. 70 އިންސައްތަ އަށްވުރެ ގިނަ ލީޑަރުން ވިދާޅުވާ ގޮތުގައި ވަޒީފާގެ ފުރުސަތު ތައް ފުރުމަށް ޓެކްނޮލޮޖިސްޓުން ރެކްރޫޓް ކުރުމަކީ ގޮންޖެހުމެކެވެ.

އޮގްމެންޓެޑް ރިއަލިޓީ، ވާޗުއަލް ރިއަލިޓީއާއި މިކްސްޑް ރިއަލިޓީ

ދިރާސާގައި ބައިވެރިވި ޓެކް ލީޑަރުން ހާމަކޮށްފައިވަނީ އެމީހުން މިހާރު އޮގްމެންޓެޑް ރިއަލިޓީ، ވާޗުއަލް ރިއަލިޓީއާއި މިކްސްޑް ރިއަލިޓީ ބޭނުން ކުރާ ކަމަށެވެ. މި ޓެކްނޮލޮޖީތައް އެމީހުން ބޭނުން ކުރަނީ ޑޭޓާ ވިޝުއަލައިޒް ކުރުމަށާއި، 3ޑީ ތަކެތި ހެދުމަށާއި، ވާޗުއަލް ބައްދަލުވުންތައް ބޭއްވުމަށާއި، މުވައްޒަފުން ތަމްރީނުކޮށް އަދި ސޭލްސް ގޭމިފިކޭޝަންއަށެވެ.

ބްލޮކްޗެއިން

ބްލޮކްޗެއިން ޓެކްނޮލޮޖީއަކީ ސެންޓްރަލް އޮތޯރިޓީއަކަށް ބަރޯސާނުވެ، ފައިސާގެ މުއާމަލާތްތައް ނުވަތަ ޑޭޓާ ބަދަލުކުރުމުގެ ރެކޯޑްތައް ބެލެހެއްޓުމަށް އޮތް މަގެކެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ކްރިޕްޓޯކަރަންސީ ބޭނުންކުރާ ގޮތް ޓްރެކް ކުރަނީ ޑިސްޓްރިބިއުޓެޑް ލެޖަރ އެއް މެދުވެރިކޮށެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން 61 ޕަސެންޓް މީހުން ބުނެފައި ވަނީ މެޝިން-ޓު-މެޝިން އައިއޯޓީ ގެ މުއާމަލާތްތަކަށް މި ޓެކްނޮލޮޖީ ބޭނުން ކުރާނެ ކަމަށެވެ.

ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ކޮންޓެކްޓްލެސް ޑިޖިޓަލް ޓްރާންސެކްޝަންތަކާއި ޓްރޭސިން ޝިޕްމަންޓްތަކަށް ބޭނުންކުރާނެ ކަމަށާއި ދެބައިކުޅަ އެއްބައި މީހުން އެ ބޭނުން ކުރާނީ ކްލައުޑްގައި މެޑިކަލް ރެކޯޑްތައް ބެހެއްޓުމަށް ކަމަށް ބުނެފައިވެއެވެ.

އައި ޓްރިޕަލް އީގެ މެމްބަރު ޔިއާނިސް ޕްސަރާސް އެމީހުންގެ ޓްރާންސްމިޓަރަށް މައުލޫމާތު ދެމުން ބުނީ ބްލޮކްޗެއިން އެޕްލިކޭޝަންތަކަކީ ގުނާ އަދަދު ނުކުރެވޭހާ ގިނަ އެޕްލިކޭޝަންތަކެއް ކަމަށެވެ. އޭނާއަކީ ލަންޑަންގެ ޕްރޮޓޮކޯލް ލެބްސްގެ ރިސާޗް ސައިންޓިސްޓެކެވެ.

ފައިވްޖީ (5ޖީ)

ދިރާސާގެ ބައިވެރިން (24އިންސައްތަ) ބުނި ގޮތުގައި 5ޖީގެ ސަބަބުން ޓެލެމެޑިސިން، ރިމޯޓް ސާޖަރީ، އަދި ސިއްހީ ރެކޯޑް ޓްރާންސްމިޝަންތަކަށް ފައިދާ ކުރާނެ އެވެ. ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތައް (15 އިންސައްތަ)؛ އަދި މުނިފޫހިފިލުވުމާއި، ކުޅިވަރާއި، ލައިވް އިވެންޓް ސްޓްރީމިން (14އިންސައްތަ) އަށް ކުރިއަރައިގެންދާނެ ކަމަށް ބެލެވެއެވެ.

ފައިވްޖީގައި ކުރިއަރައިގެންދާނެ އޭރިއާތައް

ރޮބޮޓްސް

ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 80 ޕަސެންޓަށް ވުރެ ގިނަ މީހުން ބުނެފައިވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރޮބޮޓްތައް ބޭނުން ކޮށްގެން އެމީހުންގެ އޮޕަރޭޝަންތަކުގެ ހަތަރުބައިކުޅަ އެއްބައި ރަނގަޅު ކުރާނެ ކަމަށެވެ.

10 އަހަރު ދުވަހުގެ ތެރޭގައި، އެ ނިސްބަތް ދެބައިކުޅަ އެއްބަޔަށް އިތުރުވެގެންދާނެ ކަމަށް އެމީހުން ލަފާކުރެއެވެ.

އެމީހުން ބުނާ ގޮތުގައި ރޮބޮޓްތަކުގެ ސަބަބުން އެންމެ ބޮޑަށް ފައިދާ ކުރާނީ މެނުފެކްޗަރިން އާއި އެސެމްބްލީ، ހޮސްޕިޓަލް އަދި ޕޭޝަންޓް ކެއާ، ބިން އަދި ސްޕޭސް އެކްސްޕްލޮރޭޝަން ފަދަ ދާއިރާތަކަށެވެ.

މެޖޯރިޓީއިން މިހާރު ވެސް ޑްރޯން ބޭނުން ކުރަނީ ނުވަތަ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަން ކުރަން ރާވާފައި ވަނީ ސަލާމަތީ، ސާވޭލަންސް އަދި ނުރައްކަލުން ސަލާމަތްވުމުގެ ގޮތުންނެވެ.

ދެން ކުރިމަގު އޮތީ ކިހިނެއް؟

ކުރިއަށް އޮތް އަހަރު ޓެކްނޮލޮޖީގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ލަފާކުރެވޭ ދާއިރާތަކަކީ މެނުފެކްޗަރިން، ފައިނޭންޝަލް ސާވިސަސް، ސިއްހީ ފަރުވާ އަދި ހަކަތަ ކަމަށް ލީޑަރުން ވިދާޅުވި އެވެ.

މެޖޯރިޓީން ފާހަގަކުރާ ގޮތުގައި ދެމެހެއްޓެނިވި، ޑީކާބަންޑައިޒޭޝަން، އަދި ހަކަތަ ރައްކާކުރުމަށް ފައިދާހުރި ސްމާޓް ބިލްޑިންގ ޓެކްނޮލޮޖީތައް ތަންފީޒުކުރުމަކީ އެމީހުންގެ ޖަމްޢިއްޔާގައި އިސްކަންދޭ ކަމެކެވެ.

ސިސްޓަމްސް އިންޖިނިއަރިން ކޮންސަލްޓަންޓް އަދި އައިޓްރިޕަލްއީގެ ސީނިއާ މެމްބަރު ޕޯލް ކޮސްޓެކް އައިޓްރިޕަލްއީގެ ޓްރާންސްމިޓަރަށް ވިދާޅުވި ގޮތުގައި "ފައިނޭންޝަލް ޓެކްނޮލޮޖީގެ ސަބަބުން ބޭންކިން ހިދުމަތްތައް ލިބުމާއި އިންވެސްޓް ކުރުމުގެ ގާބިލްކަން އިތުރު ބަޔަކަށް ލިބިގެންދާނެ،" ކަމަށެވެ.

"ހަކަތައިގެ ދާއިރާއިން އަޅުގަނޑުމެންނަށް ގްރީން ޓެކް ގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރަން." ވައި، އިރުގެ އަލި، އަދި މައިކްރޯގްރިޑްތަކުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރު މަދުކުރުމަށް ވަސީލަތްތައް ފޯރުކޮށްދޭއިރު، އިތުބާރު ހުރި ހަކަތަ ފޯރުކޮށްދޭނެ" ކަމަށް ޕޯލް ކޮސްޓެކް ބުންޔެވެ.















ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.