ރާއްޖޭގެ ފުރަތަމަ ޓެޑްއެކްސް އިވެންޓް - ޓެޑްއެކްސް ބ. އެޓޯލް

ހިންދު ޢަލީ 14 މާރިޗު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ރާއްޖޭގައި ބޭއްވޭ ފުރަތަމަ ޓެޑް އެކްސް އިވެންޓް "ޓެޑް އެކްސް ބ. އެޓޯލް"، މާރޗް 19 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއިވެންޓް ބާއްވަނީ ސޮނެވާފުށި ރިސޯޓް، ބ. ކުންފުނަދޫގައެވެ.

ޓެޑް (ޓެކްނޮލޮޖީ، އެންޓަޓެއިންމެންޓް، ޑިޒައިން) އަކީ އެކި ދާއިރާގެ އެކި ސަގާފަތުގެ ފަރާތްތަކާއި ބެހޭ ވާހަކަތަކާއި ހިޔާލު ހިއްސާކުރެވޭ އިވެންޓްތައް ރާވާ ހިންގާ ބައިނަލްއަގްވާމީ ކޮމިޔުނިޓީއެކެވެ. ޓެޑް އެކްސް އަކީ ޓެޑް ޓޯކްސްގެ ލައިސަންސްގެ ދަށުން ރޭވިގެން ކުރިއަށް ގެންދާ އިވެންޓްތަކެކެވެ. ޓެޑް ޓޯކްސް އަދި ޓެޑް އެކްސް އިވެންޓްތަކަކީ އެކި މަޢުލޫތަކަށް ހާއްސަކޮށްގެން މަޢުލޫމާތާއި އެކި ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ބޭއްވޭ އިވެންޓްތަކެކެވެ.

މިއިވެންޓާއެކު ދިވެހިރާއްޖޭގެ އެކި އިންސްޕަޔަރިންގ ފަރާތްތަކުން ހުށަހަޅާ ހިޔާލުތަކާއި ރާއްޖޭގައި ދިމާވާ މައްސަލަތަކަށް ދިވެހިން ހޯދާ ހައްލުތައް ދުނިޔޭގެ ލެވެލްގައި ހިއްސާކުރެވި، ބައިނަލްއަގްވާމީ މުޖުތަމައަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.

'ސްލޯ ލައިފް' މިޝިއާރުގެ ދަށުން ބޭއްވޭ އިވެންޓްގައި ދިވެހިންގެ އިތުރުން ބޭރުގެ ބައެއް ފަރާތްތައްވެސް ވާހަކަ ދައްކާނެއެވެ. މިޝިޔާރުގެ ދަށުން ދައްކާ ވާހަކަތައް ހާއްސަކޮށްލެވޭނީ، ކުރާ މަސައްކަތުގައި އެންމެ ފުރިހަމަ މަގުސަދު ހާސިލް ކުރުމުގެ މުހިއްމުކަމަށާއި، ގުދުރަތީ މާހައުލާއި އެންމެ ރައްޓެހިގޮތަށް ދިރިއުޅުން ބައްޓަންކުރުމުގެ މުހިއްމުކަމަށާއި އަހަރުމެން ދިރިއުޅޭ ދުނިޔެއަކީ މުޖުތަމަޢުގެ އެންމެން އެކީގައި މަސައްކަތްކޮށްގެން ރައްކާތެރިކުރެވޭ ތަނެއްގޮތުގައި ދެމެހެއްޓުމުގެ މުހިއްމުކަމުގެ މައްޗަށެވެ. އަދި އަހަރުމެންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އެންމެ ފުރިހަމައަށް ދެމެހެއްޓޭނެގޮތަށް ދިރިއުޅުން ތަރުބިއްޔަތު ކުރުމުގެ މުހިއްމު ކަމުގެ މައްޗަށެވެ.

ޓެޑް އެކްސް ބ. އެޓޯލް އިވެންޓްގައި މުޖުތަމައަށް އީޖާދީ ކުރިއެރުން ގެނެސްދޭ ފަރާތްތަކާއި، އެކި އެކި ދާއިރާގައި ފުންނާބު އުސް ގިނަ ފަރާތްތަކެއް ފާހަގަކުރުމަށް ވަނީ ޕްލޭންކުރެވިފައެވެ. ކޮންމެ ފަރާތަކުންވެސް އެފަރާތެއްގެ ތަޖުރިބާތަކާއި، އެފަރާތްތަކުގެ އަމިއްލަވަންތަ ވާހަކަތަކާއި ޚިޔާލުތައް ހުށަހަޅާނެއެވެ. މިގޮތުން އިވެންޓްގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ ބައެއް މަޢުލޫމާތު ހިއްސާކޮށްލާނަމަވެ.


ސޯނޫ ޝިވްދަސާނީ

ޝިވްދަސާނީއަކީ ސޮނެވާ ޗެއިންގެ ފައުންޑަރ އަދި ސީއީއޯއެވެ. ރާއްޖޭގެ ރިސޯޓްތައް ކަމަށްވާ ސޮނެވާފުށި، ސޮނެވާ ޖާނީ އަދި ސޮނެވާ އަކުއާ އަދި ތައިލެންޑްގެ ސޮނެވާ ކިރި ރިސޯޓްތަކަކީ މިޗެއިންގެ ރިސޯޓްތަކެވެ. އޭނާއަކީ ދެމެހެއްޓެނިވި ޓުއަރިޒަމް ނުވަތަ ހޮސްޕިޓާލިޓީ ތައާރަފްކުރި އެއްފަރާތެވެ. ވިޔަފާރި ކުރާ ފަރާތްތަކުން، ލިބޭ ފައިދާއަށްވުރެ ބޭރުން ވިސްނުމުގެ މުހިއްމު ކަމާއި، ވިޔަފާރި ކުރުމުގައި ޤުދުރަތީ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާކުރެވޭނެ ގޮތްތަކަކަށް ޝިވްދަސާނީގެ ވާހަކައިގައި އަލިއަޅުވާލާނެއެވެ. އޭނާ ދޭން ބޭނުންވާ މެސެޖަކީ ވިޔަފާރިން ލިބޭ ފައިދާއާއި މާހައުލުގެ ރައްކާތެރިކަން މިއީ އެކުއެކީގައި ބެހެއްޓިދާނެ ދެކަންތައްކަމެވެ.


ޝާޒިޔާ ސަޢީދު (ސާޒު)

ސާޒުއަކީ ރާއްޖޭގައި ނަން މަޝްހޫރު ޕްރޮފެޝަނަލް ޑައިވަރ އަދި ސާރފަރއެކެވެ. އޭނާއަކީ ކަނޑުއަޑީގެ ދިރުމާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ކެނޑިނޭޅި ވަކާލާތު ކުރައްވާ ފަރާތެކެވެ. ދެމެހެއްޓެނިވި، ރައްކާތެރި އަދި އުފާވެރި ދިރިއުޅުމަކަށް ކަނޑާއި އޭގައިވާ ދިރުންތަކުގެ މުހިއްމުކަމުގެ މައްޗަށް ސާޒުގެ ވާހަކައިގައި ބަލާލާނެއެވެ.


އާކިބް ޖާހިރް

އާކިބް ޖާހިރްއަކީ ސޮނެވާ ރިސޯޓްގައި މަސައްކަތްކުރާ އެންޓެމޮލޮޖިސްޓެކެވެ. އޭނާއަކީ އަހަރުމެންނަށް ނުރައްކާތެރި ސޫފިތައް ރައްކާތެރިގޮތުގައި ކޮންޓްރޯލް ކުރެވޭނޭ ގޮތް ދިރާސާކޮށް، އަދި އަމަލީގޮތުން އެމަަސައްކަތްކުރާ ތަޖުރިބާކާރު ފަރާތެކެވެ. ޖާހިރްގެ ވާހަކައިގައި ބަލާލާނީ، ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ސޫފި ކަމަށްވާ މަދިރި، ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ. އަހަރުމެންގެ މާހައުލު ހަލާކުކޮށްލާނޭ ފަދަ ނުރައްކާތެރި ކެމިކަލް ބޭނުންނުކޮށް، ބަޔޯޑައިވަރސިޓީ ހިމާޔަތްކުރެވޭނޭ ފަދައިން މަދިރި ކޮންޓްރޯލްކުރެވޭނެ ގޮތްތަކަށް އޭނާ އަލިއަޅުވާލާނެއެވެ.


ޔާލާ ޝަމީމް

13 އަހަރުގެ ޔާލާ އަކީ، މިހާރުވެސް ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް މުޖުތަމައުގެ ލެވެލްގައި ކުރަމުންދާ ފަރާތެކެވެ. ޔާލާގެ ވާހަކައިގައި ބަލަލާނީ، ރާއްޖޭގެ ސްކޫލްތަކުން ތައުލީމް ހާސިލްކޮށްގެން ނުކުންނަ ދަރިވަރުން، ތިމާވެއްޓަށް ކުރިމަތިވަމުން އަންނަ މައްސަލަތަކަށް ހައްލުހޯދައިދޭނެ ވިސްނުންގެންގުޅޭނެ، މުސްތަގްބަލުގެ ލީޑަރުންނަށް ހެދުމަށްޓަކައި، ސްކޫލަތަކުގައި ކިޔަވާދޭގޮތް ބަދަލުކޮށްލުމުގެ މުހިއްމުކަމާއި އެކަމުން ލިބޭނޭ ފައިދާ ތަކުގެ މައްޗަށެވެ.


ބްރޫސް ބްރޮމްލީ

ބްރޮމްލީއަކީ އެތަށް ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ޗީފް ފައިނޭންޝިއަލް އޮފިސަރއެކެވެ. އަދި މޫސުމީ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމުގެ މަގްސަދުގައި މަސައްކަތްކުރާ އެންޖީއޯއެއްގެ ޓްރަސްޓީ އެއްވެސް މެއެވެ. އޭނާގެ ވާހަކައިގައި، ކޮންމެ ސީއެފްއޯއެއް ވެސް ކުންފުންޏެއްގެ ޗީފް ސަސްޓެއިނަބިލިޓީ އޮފިސަރަކަށް ވާންވީ ކީއްވެތޯ ކުރެވޭ ސުވާލުގެ ޖަވާބު ހާމަކޮށްދޭނެއެވެ.

ޙުސައިން ރަޝީދު (ސެންޑީ)

ސެންޑީ އަކީ މިސަރަހައްދުގެ ޑައިވިން އިންޑަސްޓްރީ ތައާރަފްކުރުމުގައި ހިއްސާވާ މުހިއްމު ފަރާތެކެވެ. އަދި ރާއްޖޭގެ ފުރަތަމަ ޕަޑީ ސެޓިފައިޑް ކޯސް ޑައިރެކްޓަރެވެ. އޭނާއަކީ ދެމެހެއްޓެނިވި ގޮތެއްގައި އަމިއްލަ ވިޔަފާރި ކުރައްވާ އަދި އެފަދަ އެހެން ފަރާތްތަކަށް މެންޓަރވެސް ކުރައްވާ ފަރާތެކެވެ. ސެންޑީގެ ވާހަކައިގައި ބަލާލާނީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި މޫދުވިނައިގެ (ސީވީޑް) މުހިއްމު ރޯލުގެ މައްޗަށެވެ.


ކެރީސާ ނިމާ

ސޮވެނާގެ ގާޑިއަން އޮފް ދަ ބްރޭންޑް (ޗީފް ކޮމާޝަލް އޮފިސަރު) ކެރީސާ ނިމާ އަކީ ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ބައެއް ބްރޭންޑްތަކާއެކު މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. އޭނާގެ ބުނާގޮތުން އަހަރުމެން އަދާކުރާ ވަޒީފާއެއްގެ ނަމަކީ އަހަރުމެން ހީކުރާ ވަރަށް ވުރެ މުހިއްމު އެއްޗެއް ކަމަށެވެ. ވަޒީފާއަކަށް ދެވޭ ހާއްސަ ނަމަކީ އަހަރުމެން ކުރާ މަސައްކަތުގައި ލިބޭ އިތުރު ހިއްވަރަކަށް ވާނޭކަމަށާއި އަދި އަމިއްލަ އުފެއްދުންތެރިކަން ވެސް އިތުރުކޮށްދޭ ކަމެއްކަމުގައި އޭނާގެ ގަބޫލުކުރެއެވެ. ވަޒީފާގެ ޓައިޓަލްއަކީ، އަހަރުމެންގެ އެންމެ ރަނގަޅު ވާޝަންއަށްވުމަށް މަސައްކަތްކުރުމުގެ ސިއްރުކަމުގައި ވާނޭކަމަށް އޭނާ ބުނެއެވެ.


އައިޝަތު އަދުނާނު (އައިޝާ)

އައިޝާ އަކީ ޓެކްނޮލޮޖީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ޓެކްނޮލޮޖީ މެނޭޖަރެކެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ސައިންސާއި ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރާ އަންހެނުން ކުރިއަރުވުމަށާއި، އަންހެން ކުދިން މިދާއިރާއަށް އިތުރުކުރަން މަސައްކަތްކުރާ އެންޖީއޯ ވިމެން އިން ޓެކް މޯލްޑިވްސްގެ ކޯފައުންޑަރއެވެ. އޭނާގެ ވާހަކައިގައި ބަލާލާނީ، މިދާއިރާއަށް ވަންނަން މެދުވެރިވި ސަބަބާއި، ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ރޯލުގެ މުހިއްމުކަމާއި މިދާއިރާގައި އަންހެނުންގެ އަޑު އުފުލުމުގެ މުހިއްމުކަމުގެ މައްޗަށެވެ. އެއާއިއެކު އަންހެން ކުދިން މިދާއިރާއަށް އިތުރުކުރުމަށް އަދި ކުރިއަށް ދިޔުމަށް ބާރުއެޅުމަޓަކައި ކުރެވިދާނެ ކަންތައްތައްވެސް އޭނާގެ ވާހަކައިގައި ފާހަގަ ކޮށްލާނެއެވެ.


މަލްސާ މާޒް

މަލްސާ އަކީ ދިވެހި ސަގާފަތަށް ޝައުގު ހުންނަ ކަލްޗަރަލް އެންތްރޮޕޮލޮޖިސްޓެކެވެ. އާކިއޮލޮޖީ އަދި އެންތްރޮޕޮލޮޖީ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކޮށްފައިވާ މަލްސާ ވަނީ ރާއްޖޭގައި ފެންނަ ކާއްޓާއި ގުޅިފައިވާ ސަގާފަތްތަކުގެ މައްޗަށް ދިރާސާކޮށްފައެވެ. އިންސާނުން ސަގާފީ މަޢުލޫމާތު ރައްކާކުރާ އަދި ހިއްސާކުރާ ގޮތާއިމެދު މިހާރުވެސް އޭނާ ދަނީ ދިރާސާ ކުރަމުންނެވެ. ސަގާފަތަކީ ބިއްލޫރި ކަބަޑަކަށްލާފައި ފޮރުވަންވީ އެއްޗެއް ނޫންކަމަށާއި، އެއީ ހަމަ އެކަނީ ކުރީގައި މީހުން އުޅުނު ގޮތް ނޫންކަމަށް އޭނާގެ ގަބޫލުކުރެއެވެ. ސަގާފަތް ދިރުވާ އާލާކުރާނޭ ގޮތްތަކުގެ މައްޗަށް އޭނާގެ ވާހަކައިގައި އަލިއަޅުވާލާނެއެވެ.


19 މާޗް 2022 ގެ ރޭގަނޑު 7.30 އިން 10:00އަށް މި އިވެންޓް ސޮނެވާގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ލައިވް ސްޓްރީމް ކުރާނެއެވެ. ޓެޑް އެކްސް ބ. އެޓޯލް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.