ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން 2 ޚިދުމަތަކަށް އެމް.އެމް.އޭއިން ލައިސަންސް ދީފިއެވެ. މިބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ތަޞްދީޤުކޮށްފައިވަނީ 2021 ވަނަ އަހަރު 18 މޭ ގައެވެ.
ޤައުމީ ޕޭމަންޓް ސިސްޓަމް (ޤާނޫނު ނަންބަރު 8/2021) ޤާނޫނަކީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުމާއި ކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރުމުގެ ޤާނޫނެވެ.
ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިންގ ސިސްޓަމްތައް އަދި ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ އިންޓަރއޮޕެރަބިލިޓީ ޤާއިމުކުރުމާއެކު ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ޤާއިމުކުރުމަކީވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނިގެންވާ ކަންތައް ކަމުގައި ރައީސް އޮފީހުގައި ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
17 މާރިޗު 2022 ވަނަ ދުވަހު އެމް.އެމް.އޭ.އިން މިޤާނޫނުގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށް ލައިސަންސް ދީފައިވަނީ ހަތަރު ފަރާތަކަށެވެ.
- ވީ.ޓީ.ޓީ ފައިނޭންސް ޕްރައިވެޓް ލިމިޓެޑަށް ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތް ދިނުމަށް
- ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތް ދިނުމަށް
- ޕޭޔަރ ޕްރައިވެޓް ލިމިޓެޑަށް އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިނުމަށް
- ފަހިޕޭ ޕްރައިވެޓް ލިމިޓެޑަށް އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިނުމަށް
އެމް.އެމްއޭއިން 17 މާރިޗު 2022 ވަނަ ދުވަހު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ މި ލައިސަންސުގެ ދަށުން ވީ.ޓީ.ޓީ ފައިނޭންސް ޕްރައިވެޓް ލިމިޓެޑްއިންނާއި ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ޕޭމަންޓުގެ މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތަކީ މީގެ ކުރިންވެސް އެމް.އެމްއޭއިން ދީފައިވާ ހުއްދައިގެ ދަށުން ދިވެހިންނަށް ދެމުން އަންނަ ޚިދުމަތްތަކެކެވެ.
ޕޭޔާރއަކީ 2016 ވަނަ އަހަރު ދިވެހި އުފެއްދުންތެރިންތަކެއް ނެރެފައިވާ އޮންލައިންކޮށް ޕޭމަންޓް ނުވަތަ ފައިނޭންސް މެނޭޖް ކުރެވޭ ޕްލެޓްފޯމެކެވެ.
ޕޭޔާރގެ މަޤްސަދަކީ ފަސޭހަކޮށް ދިވެހިރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ފައިސާދެއްކޭނެ ގޮތެއް ހޯދަ ދިނުމެވެ.
އޮކްޓޯބަރު 2018 ގައި ޕޭޔާރ ލޯންޗުކޮށް މިހާރު މިޕްލެޓްފޯމް ބޭނުންކުރާ 20،000 ދިވެހިން އުޅެއެވެ. 2019ގައި ޕޭޔާރއަށް މޯލްޑިވްސް ބިޒްނަސް އެވޯޑުން ވަނީ ސްޓާޓްއަޕް އޮފް ދަ އިޔާގެ އެވޯޑްވެސް ދީފައެވެ.
ފޯނު ބިލާއި، ރާސްޓަސް/ރީލޯޑް، އިންޓަނެޓް ބިލް، ކޭބަލްޓީވީ (މީޑިއާނެޓް) ބިލަކީ މިހާރު ޕޭޔާރއިން ފަސޭހަކަމާއެކު ޕޭމަންޓް ދައްކާލެވޭ ޚިދުމަތްތަކެވެ.
މިއެޕް ބޭނުންކުރުމަށް އެކައުންޓެއް ހަދައި ޕޭޔާރ ވޮލެޓަށް ފައިސާ އެޅުމަށްފަހު އެންމެ ބަޓަންއަކުން ބޭނުންވާ ބިލަށް ފައިސާ ދެއްކެއެވެ.
ޕޭޔާރއިން ކޮންމެ މަހަކުވެސް ދައްކަން ހުންނަ ބިލްތަކުގެ އެމައުންޓް ފޮނުވައި ބިލް ހަމަވުމުގެ ކުރިން ބިލް ދައްކަން ހަދުމަވެސް ކޮށްދެއެވެ. މިއީ އެއް ޕްލެޓްފޯމަކުން ހުރިހާ ބިލެއް ބެލެހެއްޓޭ ފަސޭހަ އެޕެއް ކަމުގައި ބޭނުންކުރާ ގިނަ މީހުން ހާމަކުރެއެވެ.
ފާހަގަ ކޮށްލެވޭ ކަމަކީ ޕޭޔާރގައި ހިސްޓްރީ ބަލާލުމުން ފަސޭހަކަމާއެކު ބިލްތަކަށް ހަރަދުވެފައިވާވަރު ހާމަވާން ހުންނަ ކަމެވެ.
މިޤާނޫނުގެ ދަށުން ދެން އެމް.އެމް.އޭއިން ލައިސަންސް ދީފައިވަނީ ފަހިޕޭއަށެވެ. މިއީވެސް ރީލޯޑް/ރާސްޓަސްކޮށް ފަސޭހަކަމާއެކު ޕޭމަންޓް ހަދާލެވޭ އެޕެކެވެ.
ފަހިޕޭ އެޕުންވެސް ބޭނުންވާ އޫރިދޫ، ދިރާގު، ސުޕަނެޓް، މީޑިއާނެޓާއި އިތުރު ޔުޓިލިޓީ ބިލްތަކަށް ޕޭމަންޓް ހަދާލެވެއެވެ.
ޕޭޔާރއާއި ފަހިޕޭ އެޕަކީ އެންޑްރޮއިޑް، އައި.އޯ.އެސް ގެންގުޅޭ ކޮންމެ މީހަކަށްވެސް ފަސޭހަކަމާއެކު ސައިންއަޕް ކޮށް ބޭނުންކުރެވޭ ދެއެޕެވެ.
ދެއެޕުގައި ހުރީ އެއްގޮތް ފީޗާތަކެއް ކަމުގައިވިޔަސް، ޕޭޔާއިން އަދިވެސް ޔުޓިލިޓީ (ކަރަންޓު، ފެން، ގޭސް) ބިލްތައް ނުދެއްކެއެވެ.
މި 2 ޕްލެޓްފޯމަށް ދީފައިވާ ލައިސަންސަކީ ވީ.ޓީ.ޓީއާއި ގްލޯބަލް ޕޭމަންޓައް ދީފައިވާ ހުއްދައަށް ވުރެން ތަފާތު ހުއްދައެއްކަން ފާހަގަ ކުރެވެއެވެ.
ޕޭޔާރއާއި ފަހިޕޭއަށް ދީފައިވަނީ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތުގެ ލައިސަންސެވެ.
މި ލައިސަންސްގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ ކުދި ގޮންޖެހުންތަކުން އަރައި ވާދަވެރި މާހައުލެއްގައި މިފަދަ ޚިދުމަތް ފުޅާކުރުމުގެ މަސައްކުރުމަށް ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ.
މިހާރު ގިނަ މީހުން ބިލްތައް ދައްކަނީ އޮންލައިންކޮށް ކަމުގައިވިޔަސް، ހުރިހާ ބިލެއްވެސް ދައްކަނީ މާޗަންޓުގެ ވެބްސައިޓުން، ނުވަތަ އެޕުންނެވެ.
އެހެންކަމުން، އެއް ޕްލެޓްފޯމުގެ އެހީގައި ހުރިހާ ބިލްތަކެއް ދައްކައި ބަލަހައްޓައި ހެދުމަކީ އެންމެނަށްވެސް ވަރަށް ފަސޭހަވެގެންދާނެ ކަމެއްކަން ޔަޤީނެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް