ޖޭމްސް ވެބްގެ ފުރަތަމަ ފޮޓޯ ނާސާއިން ދައްކާލައިފި

އަޙްމަދު ދާއޫދު 12 ޖުލައި 2022

ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ، އެންމެ ފުރިހަމަ އަދި އެންމެ އަގުބޮޑު ޓެލެސްކޯޕް "ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ނަގާފައިވާ ފުރަތަމަ ފޮޓޯތައް ނާސާއިން ދައްކާލައިފިއެވެ. އެ ފޮޓޯތަކުން ފެންނަނީ 13 ބިލިއަން އަލި އަހަރަށް ވުރެ ދުރުގައި ހުރި އެތައް ގެލެކްސީތަކެއްގެ މަންޒަރެކެވެ.

ފޮޓޯ:ނާސާ

"ވެބްސް ފަސްޓް ޑީޕް ފީލްޑްގެ ނަމުން މަޝްހޫރު މި ގެލެކްސީ ކްލަސްޓަރ އެސްއެމްއޭސީއެސް 0723 ގެ މި ތަސްވީރު ތަފްސީލުތަކުން ފުރިފައި އެބަހުރި،" ނާސާއިން ބުންޏެވެ. "އިންފްރާރެޑް އިން މިހާތަނަށް ފެނުނު އެންމެ ފަނޑު ތަކެތި ހިމެނޭ ގޮތަށް އެތައް ހާސް ގެލެކްސީއެއް - ވެބްގެ ނަޒަރުގައި ފުރަތަމަ ފަހަރަށް ފެނިގެން ގޮސްފި." ނާސާއިން ބުނެފައިވެއެވެ.

ނާސާއިން އިތުރަށް ބުނީ މި ތަސްވީރުގައި އަހަރެމެންގެ ރޭގަނޑުގެ އުޑުމަތީގެ ކުޑަ ފަށަލައެއް ނިވާކޮށްފައި ވަނީ "ގާތްގަނޑަކަށް ބިމުގައި މީހަކު އަތް ދަމާލީމާ އަތުތެރޭގައި އޮންނަ ވެލިފުކެއް ހުންނަ ސައިޒުގައި" ކަމަށެވެ.

މިހާތަނަށް އިނގިފައިވާ ގޮތުގައި ކައުނުގެ އުމުރަކީ ގާތްގަނޑަކަށް 13.8 ބިލިއަން އަހަރު ކަމަށް ލަފާކުރެވޭތީ، މި ފޮޓޯއިން ވެސް ފެންނަނީ އަހަރެމެންގެ ކައުނުގެ ކުރީކޮޅު، ބިގް ބޭންގް އަށް ފަހު ހަމަ އެވަގުތު އެވެ. "އަހަރެމެން މިދަނީ ގާތްގަނޑަކަށް ފެށުމަށް،" ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވި އެވެ.

އަދި އާދައިގެ ޓެލެސްކޯޕަކާ ހިލާފަށް ޖޭމްސް ވެބް ފަރުމާކޮށްފައިވަނީ އިންފްރާރެޑް އިން ތަސްވީރު ނެގުމަށް ކަމާއި، އިންސާނާގެ ލޮލަށް ނުފެންނަ ތަކެތި ބަލާލުމުގެ ފުރުސަތު ލިބިގެންދާ ކަމެވެ. މިސާލަކަށް އިންފްރާރެޑް އޮބްޒަވޭޝަންތައް ނަގައިގެން، ކޮސްމިކް ޑަސްޓްގެ ފަހަތުގައި ފޮރުވިފައިވާ ފިނި ތަރިތަކާއި ޕްލެނެޓްތައް ވެސް ބަލާލެވޭނެއެވެ.

(ކްރެޑިޓް: އެލެކްސް ވޮންގް/ގެޓީ އިމޭޖްސް)

މުޅިން އައު ގޮތަކަށް ކައުނު ދެކެން ސައިންސް ވެރިން ތައްޔާރުވާއިރު، އިންސާނުން މިހާތަނަށް ފޮނުވާލި އެންމެ ވަރުގަދަ ޖައްވީ ޓެލެސްކޯޕް ކަމަށްވާ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ނަގާފައިވާ ފުރަތަމަ ތަސްވީރުތައް ނާސާއިން މިވަނީ ހާމަކޮށްފަ އެވެ.

އިއްޔެ ހަވީރު އެ ތަސްވީރުތަކުގެ ފުރަތަމަ ފޮޓޯ ހާމަކުރުމުގެ ޝަރަފު ވައިޓް ހައުސްގައި ބޭއްވި ހަރަކާތެއްގެ ތެރެއިން ރައީސް ބައިޑަންއަށް ސްޕޭސް އެޖެންސީން އަރުވާފައިވާއިރު، ނާސާއިން އެހެން ތަސްވީރުތައް ހާމަކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ (ރާއްޖެ ގަޑިން) 7:30 ގައެވެ.

ބިމުން ނަގާފައިވާ ކެރީނާ ނެބިއުލާ ފޮޓޯއެއް (ކްރެޑިޓް: ވީޑަބްލިއު ޕިކްސް/ޔުނިވާސަލް އިމޭޖްސް ގްރޫޕް ވިއާ ގެޓީ އިމޭޖް)

ރައީސް ބައިޑަން ހާމަކުރައްވާ ފުރަތަމަ ފޮޓޯގެ ލައިވްސްޓްރީމެއް ޔޫޓިއުބުންނާއި، ޖައްވީ އިދާރާގެ އަމިއްލަ ވެބްސައިޓުން ލައިވް ކޮށް ވަނީ ދައްކާފައެވެ. ވައިޓް ހައުސްގެ އަމިއްލަ ޔޫޓިއުބް ޗެނަލުން ވެސް މި އިވެންޓް ސްޓްރީމް ކޮށްފައިވެއެވެ. މި ލައިވް ސްޓްރީމް ގަޑިއެއްހާއިރު ވަންދެން ކުރިއަށް ގެންދިއައެވެ.

މީގެ ތިން ދިހަ އަހަރު ކުރިން ދުނިޔެ ބިރުވެރިކަމާއެކު ބަލަހައްޓައިގެން ތިބީ ހަބަލް ސްޕޭސް ޓެލެސްކޯޕުން އަހަރެމެންގެ ކައުނުން ނަގާފައިވާ ރީތި ތަސްވީރުތަކަށެވެ. ޖޭމްސް ވެބް ޓެލެސްކޯޕުން ވެސް ހަމަ އެގޮތަށް ކަންތައް ކުރުމަށް ވައުދުވި ނަމަވެސް، ސައިންސްވެރިން ބަލަން ކެތްމަދުވެފައި ތިބި ދުރު ގެލެކްސީތަކާއި ނެބިއުލާތަކާއި އެހެނިހެން ކޮސްމިކް ތަކެތީގެ އިތުރު ތަފްސީލީ މަންޒަރުތައް ވަނީ މިފޮޓޯ ތަކުން ފެނިފައެވެ.

10 ބިލިއަން ޑޮލަރުގެ މި ޓެލެސްކޯޕުގައި ހަބްލްއަށް ވުރެ ޓެކްނޮލޮޖީގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ މައިގަނޑު އެއްޗަކީ ޖޭމްސް ވެބްގެ ލޯގަނޑެވެ. އެއީ ހަބަލްގެ އަމިއްލަ ލެންސަށް ވުރެ 6.25 ގުނަ ބޮޑު ލެންސެއްގެ ސަބަބުން އިތުރަށް އަލި އެއްކުރުމުގެ ފުރުސަތު ލިބޭ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ޖޭމްސް ވެބްއަށް އުޑުމަތީގެ ތަކެތި ފެންނަނީ ހަބަލްއަށް ފެންނަ އެއްޗަކަށްވުރެ 100 ގުނަ ފަނޑުކޮށް ކަމަށް ނާސާއަށް ބުނެފައިވެއެވެ.

ފުރަތަމަ ތަސްވީރުތަކުގައި ފަސް އެއްޗަކަށް ފޯކަސް ކޮށްފައިވާއިރު އޭގެ ތެރޭގައި ކެރީނާ ނެބިއުލާ އާއި ސަދަން ރިންގް ނެބިއުލާ ހިމެނެ އެވެ. މި ނެބިއުލާތަކަކީ ބައެއް ފަހަރު ވިލާގެ ބޮޑެތި ގުރޫޕްތަކެއް ކަމުން އާ ތަރިތައް އުފެދިދާނެ ފަދަ އެއްޗެކެވެ.

19 ވަނަ ގަރުނުގެ ތެރޭގައި ފަލަކީ އިލްމުވެރިން އަސްލު ހޯދި ފަސް ގެލެކްސީއެއްގެ ގްރޫޕެއް ކަމަށްވާ ސްޓެފަންސް ކުއިންޓެޓް ހިމެނޭ ގޮތަށް ގެލެކްސީ ކްލަސްޓަރ ޖޯޑެއް ވެސް މި ޓެލެސްކޯޕުން ތަސްވީރު ތަކުން ފެނެ އެވެ. އެސްއެމްއޭސީއެސް 0723 ގެ ނަމުން ނަންދެވިފައިވާ އަނެއް ކްލަސްޓަރަކީ ދުރު އަދި ފަނޑު ގިނަ އަދަދެއްގެ ގެލެކްސީތައް އެއްކޮށް ޖަމާވެފައިވާ ކްލަސްޓަރެކެވެ.

އެންމެ ފަހުން ޖޭމްސް ވެބް އަށް އަޅުގަނޑުމެންގެ އިރުގެ ނިޒާމުން ބޭރުގައި ވޭސްޕް-96 ބީ ގެ ނަމުން ނަންދެވިފައިވާ ޕްލެނެޓެއް ބަލާލެވޭނެއެވެ. އެކަމަކު ނާސާއިން އިޝާރާތް ކުރަމުންދަނީ ޓެލެސްކޯޕުން ފޯކަސް ކުރާނީ މި ޕްލެނެޓްގެ "ސްޕެކްޓްރަމް" ނެގުމަށް ކަމަށާއި، އެއީ ޕްލެނެޓްގެ ސިފަތައް ދެނެގަތުމަށްޓަކައި ދޫކުރާ އަލި ޑިސެކްޓް ކުރުމެވެ. އެހެންވީމާ އަޅުގަނޑުމެންނަށް ފަހަރެއްގައިވެސް މި ޕްލެނެޓްގެ ޚުދު ތަސްވީރެއް ނުފެންނާނެ، އެކަމަކު ތަޙުލީލެއް ފެންނާނެ. ނާސާއިން ހާމަކުރިއެވެ.

ޖޭމްސް ވެބް ޓެލެސްކޯޕް މިހާރު ކޮބާ؟

ހަބަލް އާއި ހިލާފަށް ޖޭމްސް ވެބް ޓެލެސްކޯޕަކީ ދުނިޔޭގެ ވަށައިގެން ދައުރުކުރާ އެއްޗެއް ނޫނެވެ. ޓެލެސްކޯޕް ޖައްވަށް ފޮނުވާލީ މިދިޔަ ޑިސެމްބަރު މަހުއެވެ.

(ކްރެޑިޓް: ޖޭޑަބްލިޔުއެސްޓީ)

އަޅުގަނޑުމެންގެ ޕްލެނެޓާ ގާތްގަނޑަކަށް އެއް މިލިއަން މޭލު ދުރުގައި އިރުގެ ވަށައިގެން އެ ޓެލެސްކޯޕް ގަސްތުކުރި އޯބިޓަށް ވާސިލް ވުމަށްވަނީ އެއް މަސް ދުވަހުގެ ދަތުރެއް ނަގާފައެވެ.

"ވެބްގެ އޯބިޓްގެ ސަބަބުން ކޮންމެ ވަގުތެއްގައި ވެސް ކޮސްމޮސް ފުޅާކޮށް ފެނުމުގެ އިތުރުން އޭގެ ޓެލެސްކޯޕް އޮޕްޓިކްސް އާއި ސައިންޓިފިކް އިންސްޓްރޫމެންޓްތަކަށް ފިނިވެގެން މަސައްކަތްކޮށް އޮޕްޓިމަލް ސައިންސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބޭނެ،" ޖައްވީ އިދާރާއިން ބުންޏެވެ.

ޓެލެސްކޯޕަށް ނަން ދީފައިވަނީ ކާކުގެ ނަމުން ހެއްޔެވެ؟

މި ޓެލެސްކޯޕްގެ ނަން ދީފައިވަނީ 1961 އިން 1968 އަށް ނާސާއަށް ދެވަނަ ފަހަރަށް އައްޔަން ކުރެއްވި އެމެރިކާ ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ ޖޭމްސް އީ ވެބް ގެ ނަމުންނެވެ. ވެބް އަވަހާރަވީ 1992 ވަނަ އަހަރު އެވެ.

ކުރީގެ ރައީސް ހެރީ ޓްރޫމަންގެ ކައިރީގައި ޖޭމްސް އީ ވެބް (ވާތް) (ކްރެޑިޓް: ގެޓީ)

އިތުރަށް ކިޔާލުމަށް:

ވެބް ޓެލެސްކޯޕުން ފެނުނު މަންޒަރުން ސައިންޓިސްޓުން ރޮއްވައިފި

ދުނިޔޭގެ އެންމެ ފުރިހަމަ އިންފްރާރެޑް ސްޕޭސް ޓެލެސްކޯޕް


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.