މާވެހި ޕޯރޓަލްއިން ސިޓީ ކައުންސިލްގެ ޚިދުމަތް އޮންލައިންކޮށް

އަޙްމަދު ދާއޫދު 01 އޯގަސްޓު 2022

މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭގޮތަށް މާލެ ސިޓީގެ ޑިޖިޓަލް ޕޯޓަލް "މާވެހި" އިފްތިތާހުކޮށްފިއެވެ.

މި ޕޯޓަލް އަކީ މާލެ ސިޓީ ކައުންސިލުންދޭ ގިނަ ޚިދުމަތްތައް އޮންލައިންކޮށް ލިބޭގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.މާލޭ ސިޓީ ކައުންސިލުން ވިދާޅުވާގޮތުގައި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެވެސް މި ޕޯޓަލް މެދުވެރިކޮށް ކައުންސިލުންދޭ ޚިދުމަތް ތައް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިބިގަނެވޭނެ އެވެ.

ޕޯޓަލް މެދުވެރިކޮށް ހޯދަން އެދޭ ޚިދުމަތްތަކުގެ އެންމެ ފަހުގެ އަޕްޑޭޓްސް ވެސް ޕޯޓަލް މެދުވެރިކޮށް ބަލާލެވޭގޮތަށް މިޚިދުމަތް ވަނީ ފަރުމާކޮށްފައެވެ.ސިޓީ ކައުންސިލުންދޭ ތަފާތު 80 ޚިދުމަތުގެ 90 އިންސައްތަ ޚިދުމަތް ޑިޖިޓަލްކޮށް "މާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ލިބިގެންދާނެކަމަށް މާލެސިޓީ ކައުންސިލުން ބުނެއެވެ.

މާވެހި" ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ހޯއްދަވާނެ ގޮތް"

މާވެހި ޑިޖިޓަލް ޕޯޓަލްއިން ޚިދުމަތް ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތަކުން ޕޯޓަލްގައި ރަޖިސްޓްރީ ވާންޖެހޭނެއެވެ.މާވެހި ޕޯޓަލްގައި ޕްރައިވެޓް ކޮށް ރެޖިސްޓަރ ވުމުގެ އިތުރުން ކޮމްޕެނީ ތަކަށްވެސް ރެޖިސްޓްރީވެވޭގޮތަށް ފަަރުމާކޮށްފައިވާއިރު ރަޖިސްޓްރީވުމަށް މައިގަނޑު 5 ސްޓެޕެއް ފުރިހަމަ ކުރަށް ޖެހެއެވެ. ރަޖިސްޓްރީ ކުރެއްވުމަށް އައިޑީކާޑް ނަމްބަރާއި، ފުރިހަމަނަން، ޖިންސް ، އުފަންތާރީޚް، މިހާރު ދިރިއުޅޭ އެޑްރެސް، އަދި ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެސް ޖެއްސުވުމަށްފަހު ފޯނު ނަމްބަރު ޖައްސަވާށެވެ. މި މައުލޫމާތު ހުށައެޅުމަށްފަހު ވެރިފިކޭޝަން ނުވަތަ މައުލޫމާތު ސިޓީ ކައުންސިލުން ކަށަވަރު ކުރާނެ ގޮތް އިޚްތިޔާރުކުރާށެވެ.

ރަޖިސްޓްރީވުމުން، ސިޓީ ކައުންސިލުން ވީޑިއޯ ކޯލް މެދުވެރިކޮށް ތިބާގެ އެކައުންޓް ވެރިފައި ކުރައްވާނެއެވެ. މި މަރުހަލާ ގިނަވެގެން 24 ގަޑިއިރުތެރޭގައި ނިމޭނެއެވެ.ވެރިފިކޭޝަން މުހިންމުވާ ސަބަބަކީ މި ޕޯޓަލް ގައި ކޮންމެ މީހެއްގެވެސް ޒާތީ މުހިންމު އެތަކެއް މައުލޫމާތު ހުރުމުގެ ސަބަބުން، އެމައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރުމާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. ވެރިފައި ކުރަން ޖެހޭނީ ހަމައެކަނި އެއްފަހަރުއެވެ. ވެރިފިކޭޝަންގެ މަރުހަލާ ނިމުމުން ޕޯޓަލްއަށް ލޮގިން ވެލައިގެން ސިޓީކައުންސިލްގެ ހުރިހާ ޚިދުމަތަކަށްވެސް އެދިލެއްވޭނެއެވެ.

މާވެހި ޕޯޓަލް އަކީ މާލެސިޓީ ކައުންސިލް ޑިޖިޓަލައިޒް ކުރުމަށް މޭޔަރ މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އެކުލަވާލެވުނު ސްޓރްޓެޖިކް އެކްޝަން ޕްލޭގައި ހިމެނިފައިވާ "ޑިޖިޓަލްމާލެ" މަޝްރޫޢުގެ ތެރެއިން ތައާރަފްކުރެވުނު ޚިދުމަތެކެވެ.

"މާވެހި" އާއި ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި އިފްތިތާހު ކުރެވުނު ޕޯޓަލް ގެ ސަބަބުން މީގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ހޯދުމަށް ރައްޔިތުން އެކި އޮފީސްތަކަށް ދުވަންޖެހުނު ޖެހުން ނިމުމަކަށް ގެނެވޭނެ ކަމަށެވެ.

"މާވެހި ޕޯޓަލްގެ ޒަރީއާއިން ތިބޭފުޅުން ތިއްބެވި ކޮންމެ ތަނަކުން އެ ހޯއްދަވަން ބޭނުންވާ ޚިދުމަތެއް، އިރާދަކުރެއްވިއްޔާ ހޯއްދެވޭނެ. އަޅުގަނޑުމެންގެ އަމާޒަކަށް ކަނޑައަޅާފައި އޮތީ މާލެ ސިޓީ ޑިޖިޓަލް ކުރުން. ޑިޖިޓަލް މާލެ އަކަށް ބަދަލުކުރުން. އޭގެ ތެރެއިން އެއްކަމަކީ އަޅުގަނޑުމެންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު އެ ޚިދުމަތް ލިބޭނެގޮތް ޤާއިމުކުރުން"

ސިޓީ ކައުންސިލްގެ "މާވެހި" ޕޯޓަލް ފަރުމާ ކޮށްދެއްވާފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މިފަދަ މަސައްކަތްކުރާ އެކްސްކޯޕް ޕްރައިވެޓް ލިމިޓެޑް އިން ކަމުގައި ސިޓީ ކައުންސިލުން ބުނެއެވެ. ޕޯރޓަލްގެ ހޯމް ޕޭޖުގައި ލިބެން ހުންނަ ފަސޭހައިން ފެންނާނެ ގޮތަށް ތަރުތީބުކުރެވިފައިވެއެވެ. އަދި ކުރިޔަށް އަންނަން ހުރި ބޭނުންތެރި ޚިދުމަތްތަކުގެ މައުލޫމާތު ހިމެނެއެވެ. އޮންލައިންކޮށް އެޕްލައިކުރެވެން ހުރި ބައެއް ޚިދުމަތްތަކުގެ ތެރޭގައި އުފަންދުވަހުގެ ރަޖިސްޓްރީ ހެއްދުމާއި ނަން ފާސްކުރުމާއި އިމަާރާތްކުރުމާއި ގުޅޭ ޚިދުމަތްތަކާއި ބިން ކުއްޔަށް ދޫކުރުމާއި މަގު ބަންދުކުރުމުގެ ހުއްދައާއި މައްސަލަ ހުށައެޅުމާއި ކައުންސިލަރުން އަދި މޭޔަރ އަށް އެޕޮއިންޓްމެންޓެއް ހޯދުން ހިމެނެއެވެ.



މާލޭ ސިޓީކައުންސިލްގެ ޑިޖިޓަލް ޕޯޓަލް ޚިދުމަތް ދޭން ތައްޔާރުވެފައިވާއިރު މިޚިދުމަތުގައި ރަނގަޅުކޮށްލަން ޖެހޭކަމަށް ބެލެވޭ ބައެއްކަންކަން އަޅުގަނޑު ފާހަގަކޮށްލާނަމެވެ.

އެގޮތުން ރަޖިސްޓަރީ ކުރާއިރު ކޮންމެހެން ހިމަނަން ޖެހޭ މައުލޫމާތު އެނގެން ނެތުމުން ފޯރމު ފުރިހަމަ ކުރުމަށް އުނދަގޫވިއެވެ.

ރަޖިސްޓްރޭޝަން ފޯރމު ފުރިހަމަ ކުރުމުން މީހާގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ވީޑިއޯކޯލްއެއް ނުވަތަ މާލޭ ސިޓީކައުންސިލްއަށް ހާޒިރުވެގެން ކުރާގޮތަށް އޮންނަ އޮތުމަކީ މިޒަމާނުގައި ޚިދުމަތެއް ޑިޖިޓަލް ކުރުމުގައި މިއަށްވުރެ ފުރިހަމައަށް ހުންނަންޖެހޭނެ ކަންކަންކަމުގައި އަޅުގަނޑު ދެކެމެވެ.އެހެނީ މިޒަމާނުގައި މިފަދަ ގިނަ އޮންލައިން ޕޯޓަލްތަކުގައި ފޭސްރިކޮގްނިޝަން ޓޫލްސް ބޭނުންކުރެއެވެ. އަދި ވެރިފައި ކުރާނެ ގޮތް އެއްފަހަރު ޚިޔާރުކޮށްފި ނަމަ ބަދަލު ކުރެވޭގޮތަށް އިންނަމަ ފަސޭހަވާނެއެވެ.

ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ތެރެއިން އޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތްތަކުގައި ބޭނުންކުރާނެ ޑިޖިޓަލް އައިޑެންޓިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ "އީފާސް" އިންޓަރގްރޭޓް ކުރެވިފައިވީނަމަ ވެރިފިކޭޝަން ސްޓެޕް ހަލުވިކުރެވި ގިނަ ބަޔަކަށް އަވަހަށް މި ޕޯރޓަލްގެ ޚިދުމަތް ބޭނުން ކުރަން ފެށޭނެއެވެ.

ޚިދުމަތްތަކަށް އެޕްލައިކުރާ ފޯރމުގައި މެންޑެޓަރީ ފީލްޑް އިނގޭނެހެން ބަޔާން ކޮށް ކޮންމެހެން ހުށައަޅަން ޖެހޭ ޑޮކިއުމެންޓުތަކަކީ ކޮބައިކަން ކުރިން ފެންނަން ހުރުމުން ޚިދުމަތަށް އެދޭ މީހުންނަށް ފަސޭހަވާނެއެވެ.

ހަމަ މިއާއެކު އޯޕެން ޑޭޓާގެ ގޮތުގައި ޚިދުމަތްތަކުގެ ޑޭޓާ ލިބެން ހުރުމުން އެކި ކަންކަމަށް ޑޭޓާ ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަވާނެ ކަމަށް ފެނެއެވެ.

ކޮންމެއަކަސް މިޚިދުމަތަކީ ރައްޔިތުންނަށް މިހާރަށްވުރެ އެތައްގޮތަކުން ފަސޭހަތަކެއް ލިބިގެންދާނެ ޚިދުމަތެއްކަމުގައި ގިނަބަޔަކު ޤަބޫލުކުރާނެއެވެ.

މާވެހި ޕޯރޓަލްގެ ލިންކު: maavehi.gov.mv

ގުޅުން ހުރި ލިޔުންތައް

އޮންލައިން ޚިދުމަތްތަކުގައި އީފާސް ބޭނުންކުރަން އަންގައިފި

އިންޓަރނެޓް އޮފް ތިންގްސްގެ އެހީގައި ސްމާޓް ސިޓީ އުފެއްދުން

މާލެ ވައިފައި ކުރުމުގެ މަޝްރޫއެއް ފަށަނީ



އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.