ބްލެކް ހޯލަކުން ބިރުވެރި އަޑުތަކެއް ނާސާއިން ރެކޯޑްކޮށްފި

އަޙްމަދު ދާއޫދު 23 އޯގަސްޓު 2022

ގެލެކްސީތަކުގެ ކްލަސްޓާއެއްގެ ތެރެއިން ފެނުނު ބްލެކް ހޯލަކުން އިވުނު ބިރުވެރި އަޑުތަކެއް ނާސާއިން ރެކޯޑްކޮށްފިއެވެ.

ޖައްވުގެ ތެރެއިން މާ ގިނަ އަޑުތަކެއް ޢާއްމު ގޮތެއްގައި ނީވޭ އިރު، ނާސާއިން ދާދި ފަހުން ހާމަކުރި މި އޯޑިއޯ ކްލިޕަކީ ޖައްވުގައި ހުރި ބްލެކް ހޯލްތަކުން ބޭރުވި އަޑުތަކެއްކަމަށް ސައިންސްވެރިން ހާމަކޮށްފައިވެއެވެ. މިއީ ވަރަށް ބިރުވެރި ޒާތަކަށް، އޭލިއަން އާއި މޮއާން ފަދަ ތަކެތީގެ އަޑުތަކާ ވައްތަރު ގޮތެއް ހުންނަ އަޑުތަކެއް ކަމަށްވެސް ނާސާއިން ބުނެފައިވެއެވެ.

ގެލެކްސީތަކުގެ ކްލަސްޓާއެއްގެ ތެރެއިން ބްލެކް ހޯލަކުން ޕްރެޝަރު ރިޕްލިންގްގެ ރާޅުތަކުގެ ތެރެއިން އިވުނު ބިރުވެރި އަޑުތަކުގެ އެ އޯޑިއޯ ކްލިޕް ނާސާގެ އެކްސްޕްލެނެޓް ޕްރޮގްރާމްތަކުގެ ޓްވިޓާ އެކައުންޓުން ހޯމަ ދުވަހު ކުރި ޕޯސްޓެއްގައި ވަނީ ހިއްސާކޮށްފަ އެވެ.

ޕަރސިއުސް ގެލެކްސީ ކްލަސްޓަރ ގެ ތެރެއިން ދަތުރުކުރާ ބްލެކް ހޯލް ޕްރެޝަރ އިން ނާސާ ރެކޯޑްކުރި ބިރުވެރި އަޑުތަކުގެ ކްލިޕް އަޑުއަހާލާށެވެ.

"ސްޕޭސްގައި އެއްވެސް އަޑެއް ނެތް ކަމަށް ކުރިން ހީކުރެވިފައިވަނީ، ސްޕޭސްއަކީ ވެކިއުމްއެއް ކަމަށް ވާތީ، ސައުންޑް ވޭވްސް ދަތުރުކުރެވޭނެ އެއްވެސް ގޮތެއް ޖައްވުގައި ނެތުމުން. ގެލެކްސީ ކްލަސްޓާއެއްގައި ވަރަށް ގިނަ ގޭސް ހުރޭ، އަސްލު ސައުންޑް އަޅުގަނޑުމެން ނަށް ނެގިއްޖެ،" ނާސާގެ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ނަމަވެސް އަސްލު އަޑުތައް އިންސާނުންގެ އަޑުއެހުމުގެ ރޭންޖުން ބޭރުވަނީ މިޑްލް ސީ އަށް ވުރެ ތިރިން 57 އޮކްޓޭވްގައެވެ. ނާސާގެ ޗަންދްރަ އެކްސްރޭ އޮބްޒަވޭޓަރީއިން ވަނީ ޕެރްސިއުސް ކްލަސްޓާގައި ހިމެނޭ ރިޕްލްތަކުން ޑޭޓާ ނަގާފައެވެ. އެއީ އަޑުނީވޭ އަޑުތަކާ އެއްގޮތް އަޑުތަކެއް ކަމަށް އެކްސްރޭއިން ފެންނަން ހުރެއެވެ. ދެން ނާސާއިން އަޑުތައް ސްކޭލްކޮށް، އޭގެ އަސްލު ފްރިކުއެންސީތައް 144 ކުއަޑްރިލިއަން އަދި 288 ކުއަޑްރިލިއަން ޓައިމްސް އުފުލައި، އޭގެ އަސްލު ޕިޗުން ފެށިގެން އަޑުތަކާ ހަމައަށް އުފުލި އެވެ.

ނާސާއިން މި އޯޑިއޯ ކްލިޕް އެންމެ ފުރަތަމަ ޝާއިއުކުރީ މިދިޔަ މެއި މަހު ނަމަވެސް، ހޯމަ ދުވަހު ކުރި ޕޯސްޓުގެ ސަބަބުން އޮންލައިންކޮށް ގިނަބަޔަކު އެޕޯސްޓަށް ރައްދުދޭން ފެށިއެވެ.

ސީއެންއެންގެ އެންކަރެއް ކަމަށްވާ ޖިމް ސްކިއުޓޯ ޓްވިޓާގައި ލިޔެފައިވާ ގޮތުގައި މިއީ މާ ޚާއްޞަ ކަމެއް ނޫންނެވެ. އޭނާ ސިފަކޮށްފައިވަނީ އެފަދަ ކަންކަމަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ.

އެކަމަކު "ބްލައިންޑްބޯއީ ޕޮޑްކާސްޓް" ގެ ޓްވިޓާ އެކައުންޓަކުން ބުނި ގޮތުގައި ބްލެކް ހޯލް ގެ އަޑު އިވިގެން ދިޔައީ "ބިލިއަނެއްހާ ފުރާނައަށް އަނިޔާ ކުރާ" ކަހަލަ ގޮތަކަށެވެ. އޭގެ މާނައަކީ އެއީ ވަރަށް އާދަޔާ ޚިލާފު ބިރުވެރި ކަމެކެވެ.

އެސްޓްރޮނޮމީ ބްލޮގަރެއް ކަމަށްވާ ފިލް ޕްލެއިޓް ބުނި ގޮތުގައި ކޮންމެ މީހަކު ވެސް މިވާހަކަ ދައްކަނީ މިއީ ވަރަށް ބިރުވެރި ކަމެއްގެ ގޮތުގައެވެ. މިއީ ބިރުވެރި ކަމެއް ހެއްޔެވެ؟ އަހަރެން މިއީ އެހާ ބިރުގަންނަން ޖެހޭ ކަމެއްނޫން. ފިލް ޕްލެއިޓް ބުންޏެވެ.

މި ކްލިޕް އެންމެ ފުރަތަމަ ޝާއިއުކުރިއިރު ނާސާއިން ވަނީ 2019 ވަނަ އަހަރު އިވެންޓް ހޮރައިޒަން ޓެލެސްކޯޕް ޕްރޮޖެކްޓުން އާންމުކުރި ފުރަތަމަ ބްލެކް ހޯލް ފޮޓޯގައި ދައްކުވައިދިން އެމް87 ގެ އަޑުގެ ޑޭޓާގެ އިތުރު ހިތްފަސޭހަ ސޮނިފިކޭޝަންއެއް ވެސް ހިއްސާކޮށްފަ އެވެ.

އެ މިއުޒިކަކީ ވެސް ޗަންދުރަ ޓެލެސްކޯޕުގެ އެކްސްރޭ ޑޭޓާއިން އަންނަ މިއުޒިކެއް ނަމަވެސް ޗިލީގެ އަޓަކާމާ ލާޖް މިލިމީޓަރ އެރާއިން ހާބަލް ސްޕޭސް ޓެލެސްކޯޕާއި ރޭޑިއޯ ވޭވްސް އިން އޮޕްޓިކަލް ޑޭޓާގެ އޯޑިއޯ މާނަތައް ހިމަނާފައިވެ އެވެ. އެ ޑޭޓާ ކޮމްބިނޭޝަންގެ ސަބަބުން ހަމައެކަނި އަޑެއްގެ ޕިޗް ސްކޭލް ކުރުމަށް ވުރެ، އުފެއްދުންތެރިކަން އިތުރުވާން ޖެހޭތީ، ނާސާއިން ވަނީ ރީތި މިއުޒިކަށް ހަދާފަ އެވެ.

ނާސާއިން ކުރިން ޢާއްމުކުރި އެމް87 މިއުޒިކްގެ އެންމެ އަޑުގަދަ ތަންކޮޅަކީ ފޮޓޯގެ އެންމެ އަލިގަދަ ބައެވެ. އެހެންކަމުން ނާސާގެ މި އޯޑިއޯ ކްލިޕްގެ އެހީގައި ކަނޑައެޅިގެން ބްލެކް ހޯލް ހުންނަނީ ކޮންތާކުކަން ސައިންސް ވެރިންނަށް އަންދާޒާ ކޮށްލަން އެނގިދާނެއެވެ.

ގުޅުން ހުރި ލިޔުން

ބްލެކް ހޯލް؛ މިއީ ކޯއްޗެއް ހެއްޔެވެ؟

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.