ކާއިނާތުގައި ހައިރާންކުރުވަނިވި އެތައްކަމެއް ވެއެވެ. މީގެތެރެއިން އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ ތަރިއެއް އުފެދި، ނިމިދާގޮތެވެ. އަހަރުމެންގެ ދުނިޔެއާއި އެންމެ ކައިރީގައިވާ ތަރިއަކީ އިރެވެ. ނަމަވެސް، ޖައްވުގައި މިނޫންވެސް އެތައް ބިލިއަން ތަރިތަކެއް ހުރެއެވެ.
ކޮންމެ ތަރިއެއްގެވެސް ހަޔާތް ފެށިފައިވަނީ ސައެންޓިފިކް ނަމުންނަމަ "ސްޓެލާ ނެބިޔުލާ" ކިޔާ ޖައްވުގައިވާ ގޭސްތަކެއްގައެވެ. ތަރިތައް ބެހިފައިވަނީ އޭގެ ބަރުދަނަށާއި ކުޑަބޮޑުމިނައް ބަލާފައި ތިން ބަޔަކަށެވެ. އެއީ "ލޯ މާސް"، "މީޑިއަމް މާސް"، އަދި "ހައި މާސް" ތަރިއެވެ. މިގޮތުން، އަހަރުމެންގެ ސޯލާރ ސިސްޓަމުގައިވާ އިރަކީ "މީޑިއަމް މާސް" ތަރިއެކެވެ. ތަރިއެއްގެ %90 ހޭދަވަނީ އޭގައި ހިމެނޭ މާއްދާއަކަށް ކަމުގައިވާ ހައިޑްރޮޖަން އެޓޮމް ހީލިއަމް އަށް ބަދަލުކުރުމުގައެވެ. މީގެ ނަތީޖާއަކީ އަލިވުމާއިއެކު ހޫނުކަން އުފެދުމެވެ. މި ހީލިއަމް އެޓޮމްތައް ހުސްވުމުން އޭގެ ހަޔާތުގެ އެންމެ ފަހުގެ ފޭސްތައް ފެށެއެވެ.
"ލޯ މާސް" ތަރިއެއްގެ މައިގަނޑު ސްޓޭޖް ނިމުމުން އެ ތަރި ކުޑަވަމުންގޮސް ބަދަލުވެގެންދަނީ "ބްރައުން ޑްވާރފް" އަކަށެވެ. މި ބަދަލުގެ ސަބަބުން އެ ތަރީގެ އަލިމަޑުވެ، ލުއިވާންފަށައެވެ. ކޮންމެ "ލޯ މާސް" ތަރިއެއްގެވެސް އެންމެ ފަހު ސްޓޭޖަކީ "ބްލެކް ޑްވާރފް" އެވެ. "މީޑިއަމް މާސް" ތަރިއެއްގެ ހައިޑްރޮޖަން ހުސްވާން ކައިރިވުމުން އޭތި އެތަށް ގުނައެއް ބޮޑުވެއެވެ. މި ސްޓޭޖައް ކިޔަނީ "ރެޑް ޖައިއެނޓް" ސްޓޭޖެވެ. "ރެޑް ޖައިއެނޓް" ތައް ދެން ބަދަލުވަނީ "ސްޓެލާރ ނެބިޔޫލާރ" ކިޔާ ޖައްވުގައިވާ ވިލާގަނޑުތަކަކަށެވެ. އެންމެ ފަހުން، މި "ޕްލެނެޓެރީ ނެބިޔޫލާރ" ބަދަލުވެގެންދަނީ "ވައިޓް ޑްވާރފް" ކިޔާ ހޫނު، އަވިގަދަ އެއްޗެކަށެވެ.
"ހައި މާސް" ތަރިތަކުގެ ފަހު ސްޓޭޖްތައް ފެށުމުން، ހަމަ "މީޑިއަމް މާސް" ތަރިތައް ބޮޑުވާގޮތައް އެތައް ގުނައެއް ބޮޑުވެއެވެ. އަދި މި ސްޓޭޖައް ކިޔަނީ "ސުޕާރ ޖައިއެނޓް" އެވެ. މި "ސުޕާރ ޖައިއެނޓް" ގެ ހީލިއަމް އެޓޮމްތައް އެއްކޮށް ހުސްވުމުން އެ ތަރި ގޮވައެވެ. މިއައް ފަހު އެ ތަރިތަކަކީ 3 'ސޯލާރ މާސް' ނެތް ތަރިތަކަކައް ވާނަމަ އޭތި ބަދަލުވެގެންދަނީ "ނިއުރޮން ސްޓާރ" އަކަށެވެ. ނަމަވެސް، އެ ތަރީގައި ތިން ސޯލަރ މާސް އައްތުރެ ގިނަވާނަމަ، އޭތި ބަދަލުވެގެންދަނީ "ބްލެކް ހޯލް" އަކަށެވެ.
* މި ލިޔުމަކީ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 7 ގެ ދަރިވަރު އާމިނަތު ނޯޔާ ސަމީހުގެ ލިޔުމެއް.
ޓެކްނިސްގައި ދަރިވަރުން މި ބަޔަކީ ސާނަވީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުން ސައެންސް އާއި ޓެކްނޮލޮޖީ ރޮނގުން ވިސްނުން ބައްޓަން ކުރުމާއި މިދާއިރާ އާއި ގުޅުންހުރި މައުލޫމާތު މުއްސަނދި ކުރުމުގެ މަޤްސަދުގައި އަދި ދަރިވަރުންގެ ލިޔުންތެރިކަން ތަރައްޤީކޮށް ނޫސްވެރިކަމާއި ލިޔުންތެރި ކަމުގެ ފަންނު އާލާ ކުރުމުގެ މަޤްސަދުގައި ހިނގާ ސެގްމަންޓް އެކެވެ.