ޤަޠަރު 2022 ވޯލްޑްކަޕް: ޓެކްނޮލޮޖީގެ އިންގިލާބެއް

އަޙްމަދު ދާއޫދު 08 ނޮވެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެތައް ގޮތަކުން ބަލާއިރު ގަތަރުގައި ބާއްވާ ކުރިއަށް އޮތް ވޯލްޑް ކަޕަކީ އުފެއްދުންތެރި ތަފާތު އާ ކަންތައްތަކެއް ތަޢާރަފްވެގެންދާނެ އަދި ވަކިންޚާއްޞަކޮށް ޓެކްނޮލޮޖީގެ ބޮޑު އިންޤިލާބެކެވެ.

މާދަމާ (ނޮވެމްބަރު 20) ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ އަރަބި ގައުމަކުން ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ ޔޫރަޕްގެ ފުޓްބޯޅަ ސީޒަންގެ މެދުތެރެއިން ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރަށްވާއިރު، ޤަޠަރުގެ 8 ސްޓޭޑިއަމެއްގައި މުބާރާތުގެ މެޗްތައް ކުޅެން ހަމަޖެހިފައިވާއިރު އެއް ސްޓޭޑިއަމުން އަނެއް ސްޓޭޑިއަމަށް ދަތުރުކުރުމަށް އެންމެ ގަޑިއެއްހާއިރު ހޭދަވުމަކީވެސް މި މުބާރާތުގެ ރެކޯޑޭކެވެ. އެގޮތުން މިއީ އެންމެ ކޮމްޕެކްޓް ވޯލްޑް ކަޕެކެވެ. މާނައަކީ ޤަޠަރު 2022ގެ މި މުބާރާތަށްވުރެ، ކައިރި ހިސާބުތަކުގައި ސްޓޭޑިއަމްތައް ހުރި އެހެން އެއްވެސް ވޯލްޑްކަޕެއް މީގެކުރިން ނުބާއްވައެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގައި ޚާއްސަކޮށް ޓެކްނޮލޮޖީގެ އާ އުފެއްދުންތަކެއް ތަޢާރަފްވެގެން ދާއިރު، މިއަށްވުރެ މާ ގިނަ ރެކޯޑްތަކެއް އެބަހުއްޓެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެނިގެންދާނެ ބަދަލުތަކަށް ބަލާއިރު، ސަޕޯޓަރުންނާއި ގުޅުންހުރި އިންގިލާބީ ބަދަލުތަކެއް ފެންނާނެއެވެ. އެގޮތުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި ފެނިގެންދާނެ މިފަދަ ޓެކްނޮލޮޖީގެ އާ އުފެއްދުންތަކަށް ބަލާލަމާ ހިނގާށެވެ.

އެޑްވާންސް ސްޓޭޑިއަމް ކޫލިން ޓެކް

2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކުޅޭ އަށް ދަނޑުގެ ތެރެއިން ހަތް ދަނޑުގައި އެޑްވާންސްޑް ކޫލިން ޓެކް (އާޓެކްނޮލޮޖީއެއް) ބޭނުންކުރަން ހަމަޖެހިފައިވާއިރު، މިއީ ދަނޑުގެ އެތެރޭގެ މާހައުލު ފިނިކޮށް ބެހެއްޓޭނެ އިންގިލާބީ ޓެކްނޮލޮޖީއެކެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ދަނޑުގެ އެތެރޭގެ މާހައުލު ހުންނާނީ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް އެންމެ ރަނގަޅު ފިނިހޫނުމިނެއްގަ އެވެ. އެޑްވާންސްޑް ކޫލިން ޓެކް ނެތް ހަމައެކަނި ދަނޑަކީ ގުދުރަތީ ގޮތުން ވައި ވަދެވޭގޮތަށް ފަރުމާކޮށްފައިވާ ދަނޑެކެވެ. އައްސޭރިފަށާ ކައިރީގައި އެ ދަނޑު (ސްޓޭޑިއަމް 974)، ހުރުމުގެ ސަބަބުން އެތަނުގެ ފިނިހޫނުމިން ހުންނާނީ ވަރަށް ބޮޑަށް ޤުދުރަތީ ހިތްގައިމު ހެޔޮވަރު މިނެއްގައެވެ.

"އެޑްވާންސްޑް ކޫލިން ޓެކް" ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ ދަނޑުތައް ފަރުމާކޮށްފައިވަނީ ދަނޑު ކައިރީގައި އެނާޖީ ސެންޓަރެއް ޤާއިމްކޮށް އެތަނުން ފިނިކުރި ފެން ، ޚާއްޞަ ހޮޅިލައިނަކުން ދަނޑުތެރެއަށް އައިސް ދަނޑާއި ބެލުންތެރިން އިށީނދެތިބޭ ހިސާބުތައް ފިނިކޮދޭ ގޮތަށެވެ. މިއީ ވޯލްޑް ކަޕެއްގެ ތެރޭގައި ސަޕޯޓަރުންނާއި ކުޅުންތެރިންނަށް މިފަދަ ޓެކްނޮލޮޖީއެއް ތަޖުރިބާ ކުރަން ހަމަޖެހިފައިވާ ފުރަތަމަ ފަހަރެވެ.

ފުރިހަމައަށް ޑިމައުންޓް ކުރެވޭ ދަނޑު!

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ 8 ސްޓޭޑިއަމްގެ ތެރެއިން އެއް ތަންކަމުގައިވާ "ސްޓޭޑިއަމް 974 " އަކީ ހަމައެކަނި ވޯލްޑް ކަޕަށް ޚާއްޞަކޮށްގެން ބިނާކޮށްފައިވާ ސްޓޭޑިއަމެކެވެ. ވޯލްޑް ކަޕަށްފަހު އެ ސްޓޭޑިއަމް ނަގާނެކަމަށް ޤަޠަރުގެ ރަސްމީ އިދާރާތަކުން ވަނީ ބުނެފައެވެ.

"ސްޓޭޑިއަމް 974" އަކީ ވަރަށް ފުރިހަމައަށް ޑިމައުންޓް ކުރެވޭ ތަނެކެވެ. މިދަނޑު ހަދާފައިވަނީ ޝިޕިންގ ކޮންޓެއިނަރާއި މޮޑިއުލާ ސްޓީލް ފްރޭމް ބޭނުންކޮށްގެންނެވެ. ޢާއްމު އާދައިގެ ދަނޑަކާ އަޅާބަލާއިރު މިދަނޑު ބިނާކުރުމަށް މަދު ތަކެތި ބޭނުންކުރި ކަމަށް ބެލެވޭއިރު، ދަނޑުގެ ޑިޒައިންގެ ފުރިހަމަކަމާއި، ރީތިކަމުން ފެންނަ ފެނުމުގައި މިތަން ފެންނަނީ ވަރަށް ޝައުގުވެރިވާފަދަ ގޮތަކަށެވެ. އަދި މިދަނޑު ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، ޚަރަދު ކުޑަކަން ވެސް ކަށަވަރުކޮށްދެ އެވެ. ނަމަވެސް މިއީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ފުލް ޑިމައުންޓެބަލް ދަނޑެއްގައި މުބާރާތް ކުޅޭ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ މެޗްތައް ރޭވިފައިވާގޮތުން، ސްޓޭޑިއަމް 974 ގައި ވޯލްޑް ކަޕްގެ ހަތް މެޗު ކުޅޭއިރު، 16 ވަނަ ބުރުގެ މަރުހަލާއާ ހަމައަށް ޓީމްތައް ވާދަކުރާނެއެވެ.

އިންގިލާބީ ވޯލްޑް ކަޕް ބޯޅަ

2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަސްމީ މެޗު ބޯޅަ 'އަލް ރިހުލާ' އަކީ އާ އުފެއްދުމެކެވެ.

މުބާރާތް ކުޅެން ހަމަޖެހިފައިވާ މި ބޯޅައިގައި ކަނެކްޓެޑް ބޯޅަ ޓެކްނޮލޮޖީއެއް ހިމެނޭއިރު، އެ ޓެކްނޮލޮޖީގެ ސަބަބުން ވީއޭއާރުގެ އޮފިޝަލުންނަށް ރިއަލް ޓައިމް ޑޭޓާ ރިލޭ ކުރެވޭނެ އެވެ. މި ޓެކްނޮލޮޖީއަކީ ފީފާގެ އާ ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީއާ ގުޅިގެން އުފައްދާފައިވާ ޓެކްނޮލޮޖީއެކެވެ. މި ބޯޅައިގެ މެދުގައި މޯޝަން ސެންސަރެއް ހަރުކޮށްފައިވާއިރު، އެޑިޑާސް ސަސްޕެންޝަން ސިސްޓަމެއްވެސް މިބޯޅައިގައި ހުންނާނެ އެވެ. މިއީ ވޯލްޑް ކަޕްގެ މެޗް ބޯޅައެއްގައި މި ޓެކްނޮލޮޖީވެސް ހިމެނޭ ފުރަތަމަ ފަހަރެވެ.

ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ

2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ދަނޑުގައި ވެސް ޓެކްނޮލޮޖީގެ އިންގިލާބުތަކެއް އަންނާނެއެވެ. ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގައި ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީއެއް ބޭނުން ކުރަން ފަށާނެ ކަމަށް ފީފާއިން މީގެ ކުރިން ވަނީ އިއުލާންކޮށްފަ އެވެ.

މިއީ މުބާރާތުގެ ތެރޭގައި ރެފްރީންނަށް ޞައްޙަ، އަވަސް އަދި ރިޕްރޮޑަކްޓިބަލް އޮފްސައިޑް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެ ސަޕޯޓް ޓޫލަކަށް ވާނެއެވެ.

އާ ޓެކްނޮލޮޖީގެ ދަށުން އާ "އަލް ރިހުލާ" ބޯޅައިގެ ތެރޭގައި ސެންސަރެއްގެ އިތުރުން، ދަނޑުގެ ވަށައިގެން 12 ޓްރެކިން ކެމެރާ ހުންނާނެ އެވެ. މި ޓެކްނޮލޮޖީގެ ސަބަބުން އޮފްސައިޑް ޕޮޒިޝަނެއްގައި ހުންނަ ކުޅުންތެރިއަކަށް ބޯޅަ ކުޅޭ ކޮންމެ ފަހަރަކު ވީޑިއޯ އެސިސްޓެންޓް ރެފްރީއަށް އޮޓޮމެޓިކް އޮފްސައިޑް އެލާޓެއް ލިބިގެންދާނެއެވެ. ކުޅުންތެރިއަކު އޮފްސައިޑްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ދިގު މުއްދަތަކަށް ވީއޭއާރު ރީޕްލޭތަކެއް ބަލާކަށް ނުޖެހޭނެ އެވެ.

ބޮނޮކްލް: 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ލޮލުގެ ފެނުން ދަށް މީހުންނަށް ޚާއްޞަ ޓެކްނޮލޮޖީ

ލޮލުގެ ފެނުން ދަށް ފުޓްބޯޅަ ސަޕޯޓަރުންނަށް ވެސް 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ފުރުސަތު ލިބިގެންދާނެ އެވެ. 'ބޮނޮކްލް' ގެ ނަމުގައި އިންގިލާބީ އުފެއްދުމަކުން ވޯލްޑް ކަޕްގެ ވަށައިގެންވާ ޑިޖިޓަލް ކޮންޓެންޓް ބްރޭލް އަށް ބަދަލުކޮށް، ލޮލުގެ ފެނުން ދަށް ސަޕޯޓަރުންނަށް އެ ކޮންޓެންޓް ހޯދައި ވޯލްޑް ކަޕްގެ އުފާ ލިބިގެންދާނެ އެވެ.

ގަތަރުގެ ސުޕްރީމް ކޮމިޓީ ފޯ ޑެލިވަރީ އެންޑް ލެގަސީ (އެސްސީ) އިން އިސްނަގައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށްވާ 'ޗެލެންޖް 22' އިން ދަނީ މެދުއިރުމަތީގައި ޓެކްނޮލޮޖީގެ އިންގިލާބެއް ކުރިއަށް ގެންދަމުންނެވެ. ބޮނޮކްލް އަކީ ޗެލެންޖް 22 ގެ އުފެއްދުމެކެވެ.

ބޮނޮކްލްގެ ސަބަބުން މުޅި ދުނިޔޭގެ ލޯފަން މުޖުތަމައަށް 2022 ވަނަ އަހަރު ވޯލްޑް ކަޕް ތަޖުރިބާ ކުރެވޭނީ މީގެ ކުރިން ދުވަހަކުވެސް އެފަދަ ނަޞީބެއް ނުލިބޭ ފަދަ އާ ގޮތްތަކެއްގައެވެ. އެއީ މަދު ހުރަސްތަކަކާއެކު ދޯހާގައި ދަތުރުކުރުމުގެ ގާބިލްކަން އިތުރުވެ، ދަތުރުކުރުމާއި މުއާމަލާތް ކުރުމުގެ މިނިވަންކަން އިތުރުވެގެންދާނެ ކަމެއްވެސް މެއެވެ.

ގުޅުން ހުރި ލިޔުންތައް:

ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ ފީފާ ވޯލްޑްކަޕަށް

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.