ބިޓްކޮއިން ބޭނުންކުރަން ލަންކާއިން އެއްބަހެއް ނުވި

އަޙްމަދު ދާއޫދު 06 ފެބްރުއަރީ 2023

އެމެރިކާގެ ބިލިއަނަރު އަދި އިންވެސްޓަރު ޓިމް ޑްރެޕާ ދާދި ފަހުން ސްރީލަންކާއަށް ވަޑައިގެން ބިޓްކޮއިން އެޑޮޕްޓް ކުރުމުގެ މަސައްކަތް ސަރުކާރާއި މަރުކަޒީ ބޭންކަށް ވަނީ ހުށަހަޅުއްވާފައެވެ. އޭނާގެ ޓީވީ ޝޯ "މީޓް ދަ ޑްރެޕާސް" ގެ އެޕިސޯޑެއް ޝޫޓް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުގައި ޑްރެޕާ ވަނީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަންދަލާލް ވީރަސިންހައާ ބައްދަލުކުރައްވާފަ އެވެ.

އިންފްލޭޝަނަށް ހައްލެއްގެ ގޮތުގައި ބިޓްކޮއިން އަށް ތާއީދުކުރާ ޓިމް ޑްރޭޕާ ވަނީ ސްރީލަންކާގެ އޮފިޝަލުންނާއެކު ކުރެވުނު މަޝްވަރާތަކުގައި ލާމަރުކަޒީ ފައިސާ ބޭނުންކުރުން ކުރިއެރުވުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އޭނާގެ މަސައްކަތްތަކަށް ހުރަސްއެޅީ ބިޓްކޮއިން ފުރިހަމައަށް އެޑޮޕްޓް ކުރުން ސްރީލަންކާގައި ނުހިނގާނެ ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އިއުލާން ކުރުމުންނެވެ.

ފަހަކަށް އައިސް ސްރީލަންކާގެ އިގްތިސާދަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އިރު، އޭގެ ތެރޭގައި ތެލާއި ކާބޯތަކެތީގެ ދަތިކަމާއި ޖެނުއަރީ މަހު ކީ އިންފްލޭޝަން ރޭޓް 54.2 ޕަސެންޓްގައި ހުރުމާއި މިދިޔަ އަހަރު އިގްތިސާދު 8 ޕަސެންޓް ދަށަށް ދިއުން ހިމެނެ އެވެ. މި މައްސަލަތަކާ އެކުވެސް ޑްރެޕާ ވަނީ ގައުމު "ކޮރަޕްޝަން ކެޕިޓަލް" ގެ ގޮތުގައި މަޝްހޫރުވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައި ބިޓްކޮއިން އެޑޮޕްޓް ކުރުމުން ފުރިހަމަ ރެކޯޑްތަކެއް ބެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

މިސާލެއްގެ ގޮތުގައި ޑްރެޕާ ވަނީ އެލް ސަލްވަޑޯ ގެ ނަން ނަންގަވައި، 2021 ވަނަ އަހަރު އެމެރިކާ ޑޮލަރާ އެކު ލީގަލް ޓެންޑަރެއްގެ ގޮތުގައި ބިޓްކޮއިން ބޭނުންކުރި ފުރަތަމަ ގައުމުކަން ފާހަގަކުރައްވާފަ އެވެ. ނަމަވެސް އެކަމަށް ރައްދު ދެއްވަމުން ވިކްރަމަ ސިންހަ ވިދާޅުވީ ބިޓްކޮއިން ތައާރަފުކުރުމުން މިހާރު ކުރިމަތިވެފައިވާ މައްސަލަ އިތުރަށް ގޯސްވެދާނެ ކަމަށެވެ.

ސްރީލަންކާގެ މަރުކަޒީ ބޭންކުން މީގެ ކުރިން ވަނީ ކްރިޕްޓޯކަރަންސީތަކަށް އިންވެސްޓް ކުރުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު އާންމުންނަށް ދީފައި ކަމަށާއި ބިޓްކޮއިން ފަދަ ވާޗުއަލް ކަރަންސީހިމެނޭ ސްކީމްތައް ހިންގުމުގެ އެއްވެސް ފަރާތަކަށް ނުވަތަ ކުންފުންޏަކަށް ހުއްދަ ދީފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑިޖިޓަލް ރެސިޑެންސީ ޕްރޮގްރާމްގެ ފައުންޑިން ރެސިޑެންޓަކަށް އޭނާ ހަމަޖެއްސި ޕަލާއު ފަދަ އެހެން ގައުމުތަކުން ވެސް ޑްރެޕާއަށް ރަނގަޅު ތަރުހީބެއް ލިބުނު އިރު، ބިޓްކޮއިން އެޑޮޕްޓް ކުރުމަށް ލަންކާ ސަރުކާރާއި މަރުކަޒީ ބޭންކަށް ވިސްނައިދިނުމަށް އޭނާ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. މި ހީނަރުކަމާ އެކުވެސް ޑްރެޕާ ހުރީ ބިޓްކޮއިންއާ މެދު އުއްމީދުގައި ކަމަށްވާއިރު، 2023 ވަނަ އަހަރުގެ މެދުތެރޭގައި ކްރިޕްޓޯކަރަންސީ 250،000 ޑޮލަރަށް އަރާނެ ކަމަށް އޭނާ ވަނީ ލަފާކޮށްފަ އެވެ.

އިންވެސްޓްމަންޓާއި ފައިސާ ދެއްކުމުގެ އުސޫލެއްގެ ގޮތުގައި ބިޓްކޮއިން އަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، މާލީ ނިޒާމުތަކަށް އިންގިލާބެއް ގެނެސް، މާލީ ޕްރައިވެސީ އާއި މިނިވަންކަން އިތުރުވެދާނެ ކަމަށް ވަކާލާތުކުރާ ފަރާތްތަކުން ބުނެ އެވެ. ކްރިޕްޓޯކަރަންސީގެ މަގުބޫލުކަމާއި ބޭނުންކުރުން އިތުރުވަމުން ދިޔަ ނަމަވެސް، އަދިވެސް ވަރަށް ބޮޑަށް ލަފާނުކުރެވޭ އަދި ގިނަ ފަހަރަށް ސަރުކާރުތަކުން ރެގިއުލޭޓް ނުކުރާ އެއްޗެކެވެ.

އިތުރަށް ކިޔާލުމަށް:ކްރިޕްޓޯ ކަރަންސީ އެނގެނީ ކިހާ މިންވަރަކަށް؟

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.